ކުރީކޮޅު ޑެގަށް ނުކުތް ޒުވާން ފިރިހެނާ ސިޔާއަށް ފެނުނީ ކުއްލިއަކަށެވެ. އޭނާ ހުރީ ސިޔާއަށް ބަލަހައްޓައިގެންނެވެ. ސިޔާ ބަލާލުމާއިއެކު އަތުން ހަނާއަޅާލިއެވެ. އަތްތިލައަށް ދޮނެއް ދިނުމަށްފަހު އަތުގެ އިޝާރާތުން ސިޔާއަށް ފޮނުވާލިއެވެ. އިށީންދެއިން ތަނުގެ ސަބަބުން އެއިން އެއްވެސް މަންޒަރެއް ފަރުސާނަކަށް ނުފެނެއެވެ.
ސިޔާއަށް ލިބުނީ ހައިރާންކަމެވެ. އެކަމަށް ސަމާލުކަން ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލީ އެހެންވެއެވެ. ދެން ބަލައިލިއިރު އޭނާއެއް ފެންނާކަށް ނެތެވެ.
ވަގުތުގެ ދައުރުވުން މެންދަމާއި ދިމާއަށް މިސްރާބު ޖެހުމާއިއެކު މީހުންތައް ނިދަން ވަންނަން ފެށިއެވެ. ކޮފީގެ ހިދުމަތް މެދުކަނޑާލައި ވޭޓަރުމީހާ ވެސް އެތެރެއަށް ވަދެއްޖެއެވެ. ވެރިވަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަމުގައި އެތަނުގައި ތިބޭކަށް ސިޔާ ބޭނުމެއް ނުވިއެވެ.
” ހިނގާ ދާން ނިދާލަން. އޭރުން ދެން އެންމެ އަވަހަށް ދަތުރު ކުރުވާނީ. ” ވާހަކަ ދައްކަމުން ދައްކަމުން ސިޔާ ތެދުވިއެވެ. އޭނާއާ އެކުގައި ކަހަލަ ގޮތަކަށް ފަރުސާން ވެސް ތެދުވިއެވެ.
ސިޔާމެން ތިބީ ޢާއިލީ ކޮޓަރިއެއްގަ އެވެ. އެތަނުގައި ސިޔާމެންގެ އިތުރުން އަޒްފާގެ ޢާއިލާ ބަޔަކު ތިއްބެވެ. މެދުއުމުރުގެ ދެމަފިރިންނާއި ކުޑަ ފިރިހެން ކުއްޖެކެވެ. ސިޔާމެން ނިދަން ވަތްއިރު އެމީހުން ތިބީ ނިދައިފައެވެ.
މާލޭގެ ފަޅަށް ބޯޓު ބަނދަރު ކުރުމާއިއެކު ބޯޓުތެރެއަށް ހަލަބޮލިކަން ވެރިވިއެވެ. ބޯޓުން ފޭބުމާއިގެން މީހުންތައް ހަރަކާތްތެރިވާން ފެށިއެވެ. ރަށުން ގެނައި ތަކެތި ހަމަކުރުމާއިގެން ވެސް ބަޔަކު އުޅުނެވެ. އެއްފަހަރާ އެތައް ބަޔަކު ވާހަކަ ދައްކަމުންދާތީ ކިޔާއެއްޗެއް ސާފުވާގޮތެއް ނުވެއެވެ.
ފަރުސާނާއި ސިޔާ ބޯޓުން ފޭބީ އެކުގައެވެ. އޭނާ ގެއަށް ދިއުމުގެ ކުރިން ސިޔާ ގެންގޮސް ގެއަށް ލުމަށް ފަރުސާން ނިންމިއެވެ. ވާހަކަ ދައްކަމުން ދައްކަމުން މަގާއި ދިމާއަށް މިސްރާބުޖެހީ ކުލީކާރެއް ހޯދާށެވެ.
ސިޔާ ގެއަށް ލުމަށްފަހު ފަރުސާން ދިޔައީ އޭނާގެ ގެއަށެވެ.
ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސުމާއި ގާތްވެއްޖެއެވެ.
ރައުންޑްވަން ބުކްޝޮޕުން ނުކުމެގެން ގަލޮޅުސަހަރާ ކައިރިން އިރަށްދިޔަ، ސިޔާ ހުއްޓުނީ ކޮންމެވެސް މީހަކު އޭނާއަށް ގޮވާލި އަޑު އިވިގެންނެވެ. ހިނގުން މަޑުކޮށްލަމުން ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދުއްވާފައިދިޔަ ވެހިކަލެއް ވެސް އެވަގުތު އެހިސާބަކަށް ނާދެއެވެ.
ސަހަރާތެރެއިން ދުވެފައިދިޔަ މީހާ ސިޔާއަށް ފެނުނީ ހުޅުވިފައި ހުރި ދޮރުފަތާއި ދޮރުކަނީގެ ދޭތެރެއިންނެވެ. ހީވާގޮތުން އެއީ ރަތްކުލައިގެ އެއްޗެއް ލައިގެން ހުރި ފިރިހެނެކެވެ. އިތުރު އެއްވެސް ކަމެއް ސާފެއް ނުވިއެވެ. އެއީ ހީވިގޮތަކަށް ވެސް ވެދާނެއެވެ.
ގެއާއި ހަމައަށް ދެވުނުއިރު މަޣުރިބު ނަމާދަށް ގޮވައިފިއެވެ. ފަރުސާން ހުރީ ސިޔާމެން ގެ ކައިރީއެވެ. އަތުން ހަނާއަޅާލަމުން ފަރުސާން ދައްކާލީ ފޯނެވެ. ފޯނު ކޮބައިތޯ އަހާލި ކަހަލައެވެ. ބޭރަށް ދެވުނީ ފޯނު ނުލައިކަން ސިޔާއަށް އެނގުނީ އެހިސާބުންނެވެ.
ކޮފީއަކަށް ދާން ފަރުސާން ދިން ފުރުސަތު ސިޔާއަށް ވަރަށް ކަމުދިޔައެވެ. އޭނާ ހުރީ އެފަދަ ފުރުސަތަކަށް އެދިއެދި އެވެ. ފަރުސާނާއި ސިޔާ މިސްރާބުޖެހީ ހެދިގޮނޑުދޮށް ސަރަހައްދާއި ދިމާއަށެވެ. ހިނގަމުން ދިޔައީ އެކުގައި ނަމަވެސް މާގިނަ ވާހަކައެއް ނުދެކެވެއެވެ. މަގުތަކުގައި މީހުންނާއި ދުއްވާ އެއްޗެތި މަދެވެ.
ހެދިގޮނޑުދަށް ސަރަހައްދަށް ވަދެވުނުއިރު އެތަނުގައި ވެސް މީހުން މަދެވެ. ކަސްރަތުކުރަން އައިސްއުޅޭ ދެތިން މީހަކާއި މޫދަށް އެރެން އައިސްތިބި ބައެއް މީހުނެވެ. ކޮފީއެއް ބޯލަން ނުވަތަ ކެއުމަކަށް ކެފޭތަކާއި ދިމާއަށް މިސްރާބު ޖަހާފައިވާ ދެގުރޫޕެއް ވެސް ފެނުނެވެ.
ވަށައިގެން ހޯދާލަމުން ފަރުސާން ބަލައިލީ ސިޔާ އަށެވެ. ދާންވީ ތަނެއް ކަނޑައަޅާނީ ސިޔާއޭ ބުނި ކަހަލައެވެ.
” ކަމަކާއި ހިތްހަމަ ނުޖެހިފަތަ؟ ” ފަރުސާންއާ ގާތްވެލަމުން ސިޔާ އަހާލިއެވެ. މަޑުމަޑުން ބައްދާލިއެވެ.
ފަރުސާން ހުރީ އެފުރުސަތަށް އެދިއެދިއެވެ. ސިޔާއެކޭ އެއްފަދައިން ފަރުސާން ވެސް ސިޔާގެ ގައިގާ ބައްދާލިއެވެ. ސިޔާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ފަރުސާނާއިމެދު ދެކެވުނީ ރަނގަޅަށް ނޫންކަން ވިސްނުނެވެ.
ކޮފީއަށް އިންސާފު ކުރަމުން ދިޔައިރު ދެމީހުންގެ މެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. ކުރިމަގަށްޓަކައި އެތައް ރޭވުމެއް ރޭވިއެވެ. ފަރުސާންގެ ކިބައިން ކޮންމެވެސް ވަރަކަށް މަޑުޖެހުން ފެނުނު ނަމަވެސް ސިޔާގެ ގިނަ ހުށަހެޅުންތަކަށް ތާއިދުކުރިއެވެ. ބައެއް ކަންކަން ހަނދާން ނެތް ނަމަވެސް ސިޔާ ކިޔައިދިނުމުން ހަނދާންވެއެވެ.
” ދެ ރެއެއް ވެއްޖެ ރަނގަޅަށް ނިދާނުލެވޭތާ؟ …. އެހެންވެ ކަންނޭނގެ ހަނދާނުގެ މައްސަލަ އެއަންނަނީ. ” ސިޔާގެ ކިބައިން ފެނުނު ހިތްހަމަ ނުޖެހުމަށް ފަރުސާން ޖަވާބު ދިނެވެ. ސަބަބު ބަޔާންކުރަމުން ފަރުސާން ދެއްކި ވާހަކަތައް ސިޔާ ގަބޫލު ވެސް ކުރިއެވެ.
ސިޔާ ގެއަށް އައީ އަށެއް ވެސް ޖެހިފަހުންނެވެ. ގެއަށް ވަތްއިރު އޭނާގެ މަންމަ ވަލީދާ އިނީ ހަބަރު ބަލާށެވެ.
” ކޮންތާކުން ތިއައީ؟ ފޯނު ވެސް ނުލައެއްނު ދިޔައީ. ދަރިފުޅު ފޯނު ނުނަގައިގެން ފަރުސާން ގުޅި މަންމައަށް ވެސް. ހުންނާނެ ކާން ހަދާފަ. ކައިގެން ނޫނީ އެއްވެސް ތާކަށް ނުދާތި. ” ސިޔާއާ ވާހަކަ ދެއްކި ނަމަވެސް ޓީވީއަށް ދީފައިވާ ސަމާލުކަން ވަލީދާ ދޫކޮށްނުލައެވެ.
ކުޅުދުއްފުށްޓަށް ނިސްބަތް އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނުނު ވާހަކަ ހަބަރުން ފެނުމާއިއެކު ސިޔާގެ ސަމާލުކަން ވެސް އެދިމާއަށް ހުއްޓުނެވެ. އެހަބަރަށް އިތުރު ސަމާލުކަމެއް ދިނެވެ. ހަބަރުގައި ކީ ގޮތުން ވިއްޔާއި އެމީހަކީ ފަންޑިތަ ހަދަން މާމޮޅުކަމަށް އެބުނާ ތަކުރެވެ. ދަނީންގެ ޢާއިލާއަށް ކުރިމަތިވި ނުރައްކަލުން އެޢާއިލާ ސަލާމަތްކުރަން ފުރަތަމަ މަސައްކަތްކުރި މީހަކީ އޭނާއެވެ. އެމަޢުލޫމާތުތައް ސިޔާ ވަނީ ހޯދާފައެވެ.
ކޮޓަރިއަށް ވަދެ ފޯނު ބަލައިލިއިރު އެތައް ފަހަރަކު ފަރުސާން ގުޅާފައި ހުއްޓެވެ. އަޒްފާ ވެސް ދެފަހަރަކު ގުޅާފައި އޮތެވެ.
ފަރުސާނަށް ގުޅުމުގެ ބޭނުމެއް ނެތެވެ. އޭނާ އެއައީ ފަރުސާނާއިއެކު އެވެ. އަޒްފާއަށް ގުޅިއިރު ފޯނުއޮތީ ނިވާލާފަ އެވެ. ދެތިން ފަހަރަށް ގުޅައިގެން ވެސް އެނޫން ޖަވާބެއް ނުލިބުނެވެ. ފަވާޒުގެ ނަންބަރެއް ނޭނގެއެވެ.
ދިހައެއް ޖަހާކަން ހާއިރެވެ. މަންމައާ ވާހަކަ ދައްކަން ސިޓިންރޫމްގައި މަޑުކޮށްލުމަށްފަހު ސިޔާ ކޮޓަރިއަށް ވަނީ ނިދާށެވެ. ދަތުރުވަރުބަލި ފިލުވާލައި މާދަމާއަށް ތައްޔާރު ވާށެވެ. އޮފީހަށް ނުކުންނައިރު މީހާ ބަރާބަރަށް ހުންނަން އޭނާ ބޭނުމެވެ. އޭނާގެ ވާހަކަތައް ވަލީދާއަށް ކަމުދިޔައެވެ.
ކޮޓަރި ތަޅުލުމަށްފަހު ސިޔާ ގޮސް ދަބަސް ހުޅުވާލިއެވެ. ހެދުމުގައި ހަރުކޮށްގެން ގެންގުޅުނު ސިއްރު ކެމެރާ އާއި ލެޕްޓޮޕް ހިފައިގެން އައިސް މޭޒުކައިރީ އިށީނެވެ. އޭނާގެ ފަހަތުން ހުރަސްކުރި ފިރިހެން ހިޔަނި ފެނުނީ ލެޕްޓޮޕް ހުޅުވާލި ވަގުތު ސްކްރީނަށް ހިޔަނި އެޅުނު ގޮތަށެވެ.
ލިބުނު ސިހުމާއިއެކު ސިޔާ އަވަސް އަވަހަށް ފަހަތް ބަލައިލިއެވެ. މީހަކު ފެންނަން ނެތުމުން މުޅިކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެކޮޓަރީގައި އޭނާ ފިޔަވާ އެހެން އެއްވެސް މީހަކު ނެތެވެ. އެއީ އޭނާއަށް ހީވިގޮތެއް ކަމަށް ނިންމީ އަމިއްލައަށެވެ. މަސައްކަތާއިގެން ކުރިޔަށް ދެވޭތޯ ސިޔާ މަސައްކަތް ފެށިއެވެ. ލެޕްޓޮޕެއް ނުހުޅުވުނެވެ. ޗާޖަށް ޖެހިއިރު ފުލްކޮށް ޗާޖުހުރި ކަމަށް ދެއްކިއެވެ.
އެތައް އިރަކު އެތައް ގޮތަކަށް މަސައްކަތް ކޮށްވެސް ކާމިޔާބެއް ނުލިބުމުން ސިޔާ އެކަން ހުއްޓާލިއެވެ. ލެޕްޓޮޕަށް ކޮންމެވެސް ގޮތެއް ވެއްޖެއެވެ. އެރަށުގައި ހުރިއިރު ވެސް އޭނާ އެލެޕްޓޮޕް ބޭނުންކުރިއެވެ. އެއްވެސް މައްސަލައެއް ނުޖެހެއެވެ. އެފަދަ އަލާމާތެއް ވެސް ނުފެނެ އެވެ. މާދަމާ ގޮސް ލެޕްޓޮޕް ރަނގަޅު ކޮށްލެވިދާނެއެވެ.
” ނިދާލަން މިއުޅެނީ. އޮފީހަށް ގެންދަން ދާނަން. ” ފަރުސާންގެ ފޯނުން އައި މެސެޖް ސިޔާ ކިޔައިލިއެވެ.
ސިޔާ ވެސް ބޭނުންވީ ނިދާލާށެވެ.
ހެދުން ބަދަލުކޮށްގެން އައިސް އެނދުގައި އޮށޯވެ، މާގިނައިރެއް ނުވަނީސް ސިޔާއަށް ނިދިއްޖެއެވެ.
މެންދަންވުމާއި ގާތްވަމުން ދިޔައިރު ވެސް މާލެތެރެއިން މާބޮޑު ހަމަހިމޭންކަމެއް ނުފެނެއެވެ. މަގުތަކުން ފެންނަމުންދިޔަ މީހުނާއި ދުއްވާތަކެތި މަދުވި ނަމަވެސް ހުސްވުމެއް ނައެވެ. އަޑުތަކަށް މެދުކެނޑުމެއް ނައެވެ.
ޙަޤީޤީހާދިސާއެއްގެ މައްޗަށް ބިނާކޮށް ސިޔާ ލިޔުމަށް ތައްޔާރުވަމުންދިޔަ ” އޭނާ ” ވާހަކައިގެ ބަސްދީގަތުމަށް ގިނަބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެވާހަކައަކީ ތަފާތު ވާހަކައަކަށް ވާނެއެވެ. ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ އެތައް ހާދިސާއެއްގެ ޙަޤީޤަތް ފަޅާއަރާނެއެވެ. ލޯތްބާއި ކުލުނަކީ ކޮބައިކަން އެނގޭނެއެވެ. ބޮޑެތި ޖަރީމާތައް ހިންގައި އެކަންކަން ސިއްރު ކުރުމުގެ ނުބައިކަން ހާމަވާނެ އެވެ. ބޮޑެތި ފާފަތަކަށް އަރައިގަނެ އެކަންކަން ސިއްރުކޮށްގެން ނުތިބެވޭނެކަން އެނގޭނެއެވެ.
ސިޔާގެ ” އޭނާ ” ވާހަކަ ކިޔާލުމަށް ކެތްތެރިކަން ކުޑަވެފައިތިބި އެތައް ބަޔަކު ތިއްބެވެ. އެފަދަ ވާހަކައަކަށް އިންތިޒާރު ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެކަމަށް ގިނަބަޔަކު ބުންޏެވެ.
ވާހަކައިގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ސިޔާ ކުރަމުންދިޔަ މަސައްކަތް ކާމިޔާބެއް ނުވިއެވެ. ތިން ރޭ މަސައްކަތްކޮށްގެން ވެސް އެނޫން ވަރެއް ނުވިއެވެ. ލެޕްޓޮޕެއް ނުހުޅުވެއެވެ. މަރާމާތަށް ގެންދިޔަ ދެ ތަނުން ވެސް ބުނީ މައްސަލައެއް ނެތް ކަމަށެވެ. އެކަން އެމީހުން ސާބިތުކޮށް ވެސް ދިނެވެ.
އޮއްސުނުއިރާއިއެކު އަލިކަމުގެ މައްޗަށް އަނދިރިކަން ވެރިވެގަތެވެ. މަގުތަކުން ފެންނަމުންދިޔަ ހަލަބޮލިކަމަށް މާބޮޑު ބަދަލެއް ނައި ނަމަވެސް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައެވެ. މަގުތަކުން މީހުނާއި ދުއްވާތަކެތި މަދުވިއެވެ.
އޮފީސްކަމެއްގައި ކުއްލިއަކަށް ރަށުން ބޭރަށް ދާން ޖެހިގެން ފަރުސާން ފުރައިފިއެވެ. އޭނާ އަންނާނީ ދެދުވަހެއް ފަހުންނެވެ. ސިޔާ ކުރާނެ އިތުރުކަމެއް ނެތެވެ.
ދިހައެއް ޖަހާކަން ހާއިރެވެ. ކޮޓަރިއަށް ތަޅުލަމުން އަލަމާރިއާ ދިމާއަށް ބަލައިލިއިރު ސިޔާގެ ކިބައިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
” އޭނާ ” ވާހަކަ ލިޔުމަށްޓަކައި ތައްޔާރުކުރި ތަކެތި އަޅާފައިވާ ދަބަސް ހިފައިގެން ސިޔާ އައިސް އެރީ އެނދަށެވެ. މަރިޔަންދީއަށް ސިއްރުން ތައްޔާރުކުރި ވީޑިއޯ އާއި އޯޑިއޯ އަދި ކަރުދާސްނޯޓްތައް އެނދުމަތީގައި އަތުރާލިއެވެ. އެތައް މަސައްކަތަކުން އެތައް ހަރަދެއް ކޮށްގެން ބޮޑުއަގުގައި ހޯދި ފަންޑިތަވެރިކަމާއި ގުޅޭ ލިޔުންތައް ވެސް ނެގިއެވެ. އޭގައި ހުރި ބައެއް ކަންކަން ޔަގީންކުރަން ސިޔާ ބޭނުންވިއެވެ. އެކަނިމާއެކަނި ކޮޓަރީގައި އުޅެމުންދިޔަ ސިޔާ ކުރަމުންދިޔަ ކަމެއް އޭނާގެ ޢާއިލާއަކަށް ނޭނގެއެވެ.
                                                         ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.