ޒަމާނީ ފެންވަރަށް ހަދާފައިވާ އަހަރެންގެ ކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި އެއްވެސް ދިރުމެއް ނުވެއެވެ. އާއިލާއިން ބާކީވެ، ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާއިރު، އަހަރެންގެ މާޒީއާއި ދޭތެރޭ ވިސްނާލުމުން އަހަރެންގެ ހިތުގައި ހާދަ ރިހެއެވެ. އަހަރެންނަށް މިހެން ދިމާވާން މި ޖެހުނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އަރައެވެ.

އަހަރެންގެ ނަމަކީ އިމްނާއެވެ. އުމުރުން 30 އަހަރުގެ އަންހެނަކީމެވެ. ދެކުދިންގެ މަޔަކީމެވެ. ފިރިޔަކު ނެތެވެ. ބައްޕަ ވަނީ އެނބުރި އައުމެއް ނެތް ދުނިޔޭގައެވެ. ހުރީ ހަމައެކަނި މަންމައެވެ. ދުވަސްތަކެއް ވަންދެން އެ ލޯބިން މަޙުރޫމުކޮށްލާފައިވީ ނަމަވެސް މިހާރު އަހަރެންގެ މަންމަ އަހަރެންނަށް ވަރަށް ހެވެވެ.

އަހަރެންނާ ޒައިންގެ ލޯބި ފެށުނީ އަހަރެމެން ގްރޭޑް 10 ގައި ކިޔަވަމުންދިޔަ ދުވަސްވަރުއެވެ. ޒައިންއަކީ މުއްސަންޖަކަށް ނުވިނަމަވެސް އޭނައަކީ މަސައްކަތްކުރަން ކެރޭ ޒުވާނެކެވެ. ބަލައިލަންވެސް ރީތި ޒުވާނެކެވެ. އޭނަގެ ވަރުގަދަ ހަށިގަނޑަކީ އޭނަގެ މުރާލިކަމާއި މަސައްކަތްތެރިކަމުގެ ހެއްކެކެވެ. އަހަރެންނަށް އޭނަ ކަމުދިޔަ ސަބަބަކަށް އެކަން ވިއެވެ. ނަމަވެސް އެންމެ ކަމުދިޔައީ މީހުންނަށް ހެޔޮވެފައި އޯގާތެރިކަމުންނެވެ. އެކަންކަން ފުރިހަމަވުމުންވެސް ކަންނޭނގެއެވެ. އަހަރެންނަކަށް އޭނަގެ ފެންވަރެއް މުހިންމެއް ނުވިއެވެ. ނަމަވެސް ފުރަތަމަ ޒައިން ލޯބި ހުށަހެޅުމުން އަހަރެން އޭނައަށް ވަކި ޖަވާބެއް ނުދެމެވެ. ވަގުތުން އާނއެކޭ ބުނަން ބޭނުންވާހާ އޭނަ ކަމުދިޔަ ނަމަވެސް އަހަރެން ބޭނުންވީ އޭނަގެ ހުރި ވަރެއްވެސް ބަލާލާށެވެ.

އަހަރެން ޒައިންގެ ހުށަހެޅުން ޤަބޫލުކުރީ އޭނަ ދެތިން މަހެއް ވަންދެން އާދޭސް ކުރި ފަހުންނެވެ. ކޮންމެއަކަސް އަހަރެމެން ލޯބީގެ ގުޅުން ކުރިއަށް ގެންދިޔައީ ވަރަށް ސިއްރުންނެވެ. ބަޔަކަށް ޝައްކެއްވެސް ނުވާނެހާ ސިއްރުންނެވެ. ފިލްމީ ގޮތަކަށް ބުނާނަމަ ވައިރޯޅިއަށްވެސް ސިއްރުންނެވެ. ސަބަބަކީ އަހަރެންގެ ކިޔެވުން ނިމުމުން ނޫނީ އެފަދަ ގުޅުމަކަށް ގޮސްގެން ނުވާނެކަމަށް އަހަރެންގެ މަންމަ ސާފު ބަހުން އަހަރެންނަށް އަންގާފައި އޮތުމެވެ. އެހެންކަމުން ބައްދަލުވެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަހަރެމެން ޚިޔާރުކުރީ ލިޔުމެވެ. ކުދި ނޯޓްކޮޅުގައި ބޭނުންވާ ވާހަކަތައް ކުރުކޮށް ލިޔެލާފައި ސިއްރުން އެކަކު އަނެކަކުގެ ފޮތުތެރެއަށް ލައިގެން އަހަރެމެންގެ ލޯބީގެ ގުލްޝަން ފަރިކުރަމުން ދިޔައީމެވެ. އެއީ މަޖާ ނަމަވެސް ދިގު އިންތިޒާރެއްވެސް ކުރަން ޖެހުނު ފޮނި ހަނދާންތަކެކެވެ.

އޯލެވެލް ނިމުމުން އަހަރެމެން މަދުމަދުން ބައްދަލުކުރަން ފެށީމެވެ. ކޮންމެ ހުކުރުވިލޭރެއެއްގައި ތުނޑިމަތިންނެވެ. މަންމައަށް ދޮގު ހަދާފައި އެކަން ކުރަން ޖެހޭތީ އުނދަގޫވެސް ވިއެވެ. ނަމަވެސް ޒައިންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަހަރެން އެކަންވެސް ކުރީމެވެ. މަޑުމަޑުން ބައްދަލުވުން އިތުރުވަމުން ގޮސް ކޮންމެ ރެޔަކު ބައްދަލުކުރަން ފެށީމެވެ. ލޯބީގެ އަހުދުތަކާ ވަޢުދުތައް ވަމުން ދިޔައީމެވެ. އެގޮތަށް އެއްރެޔަކު ތުނޑިއަށް ދިޔަ މަގުމަތީ ދެމީހަކަށް އަހަރެން ފެނުނެވެ. ދެމީހުން ދަނީ ވަކިން ކަމުން އެމީހުންނަކަށް އަހަރެން ދިޔައީ ކާކާ ބައްދަލުކުރަން ކަމެއް ނޭނގުނެވެ. ނަމަވެސް މަންމައާ ހަމައަށް އެ ޚަބަރު ފޯރިއެވެ. އޭގެ ފަހުން އަހަރެންނަށް ގެއިން ނުކުތުން ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. އަމުދުން ރޭގަނޑުއެވެ. ނަމަވެސް ދަނޑިވަޅު ބަލާފައި ބައެއް ރޭރޭ އަހަރެން ޒައިންއާ ބައްދަލުކުރަން ދަމެވެ. ފަހުން އަހަރެމެން ބައްދަލުކުރީ އެހެން ދިމާލަކުން ހަމަ އަތިރިމަތީގައެވެ. ފިލައިގެން ދާން ޖެހޭތީ އަބަދުވެސް ލަސްވަނީ އަހަރެންނެވެ. އަނެއްކޮޅުން މާގިނައިރު ތިބޭކަށްވެސް ނުކެރެއެވެ. މަންމަ އަހަރެން ހޯދަން އައިސްދާނެކަމުގެ ބިރު އޮންނާތީއެވެ.

ދެމީހުން ލޯބީގެ އެތައް ވާހަކައެއް ދައްކަން ތިބެފައި އަހަރެން ޒައިންގެ އަތުގައި އޮތް ގަޑި ބަލައިލީމެވެ. ގަޑިން 10 ޖަހަން ފަސް މިނެޓަށް ވެފައި ވަނިކޮށް ފެނުމުން އަހަރެން އަވަސްއަވަހަށް ތެދުވެ ހެދުމުން ވެލި ފޮޅާލީމެވެ.

އެހިސާބުން އެރެޔަށް ދެމީހުން ވަކިވީ އަނެއް ރޭވެސް ހަމަ އެގަޑީގައި އެތަނުން ބައްދަލުކުރަން ގަޑި ކިޔާފައެވެ.

ޒައިން ރިސޯޓަށް ދަންދެން އަހަރެމެން ބައްދަލުކުރީމެވެ. އަހަރެންގެ އަތުގައި ފޯނެއް ނޯވެއެވެ. ޒައިން ރިސޯޓަށް ދިޔުމުން ގުޅޭނެ ގޮތެއް ނޯންނާނެތީ ޒައިން އަހަރެންނަށް ފޯނެއް ގަނެދޭން އުޅުމުން އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. މަންމަ ގާތު ބުނެގެން ފޯނެއް ނުލިބިއްޖެނަމަ ޒައިން ގަނެދޭނީ ކަމަށް އަހަރެން ބުނީމެވެ. އެހާތަނާ ޖެހެންދެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ރީނާގެ އެހީ ހޯދަން ނިންމީމެވެ. އޭނަގެ ފޯނުން ދެމީހުންނަށް ވާހަކަދެއްކޭނެ ގޮތް ހަމަޖެއްސީމެވެ.

ޒައިން ރިސޯޓަށް ދިޔައީ އޭނަގެ ފޯނު ނަންބަރު އަހަރެންނަށް ދީފައެވެ. އަހަރެންނަށް ފޯނެއް ލިބުނީ މަންމަ ގާތުގައި ދެމަހެއް ވަންދެން އާދޭސްކުރި ފަހުންނެވެ. ކުޑަކުއްޖެއްހެން ބޮޑާ ހާކައި، ނުކައި ނުބޮއި އުޅެން ފެށީމައެވެ. އަހަރެންނަކީ މަންމަގެ ބަލިފައިކަން އެނގޭތީ އެއީ އަހަރެން ކުޅެލި ކުޑަކުޑަ ޑްރާމާއެކެވެ.

އަހަރެމެން ދެން ގުޅުން ކުރިއަށް ގެންދިޔައީ ފޯނުންނެވެ. ޒައިން ރަށަށް އައީ ހަތަރުމަސް ފަހުންނެވެ. ޒައިން ރަށަށް އައި ދުވަހުގެ ރޭ އަހަރެމެން ބައްދަލުކުރީމެވެ. ހަމަ ކުރިންވެސް އަހަރެމެން ބައްދަލުކުރާ ތަނުންނެވެ. އޭނަގެ ރީތިކަން ކުރިއަށްވުރެވެސް އިތުރުވެފައިވާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ހަމުގެ ކުލަ އަލިވެލާފައި ހަށިގަނޑު ކުރިއަށްވުރެ ވަރުގަދައެވެ. އަބަދުވެސް ކުރުކޮށް ކޮށާލާފައި ހުންނަ އިސްތަށިގަނޑާއި ތުނިކޮށް ބަހައްޓާލާފައި ހުންނަ ތުނބުޅިން އޭނަގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.

އަހަރެމެން ދެމީހުންގެ ލޯބީގެ ގުލްޝަނުގައި މާތައް ފޮޅުވަމުން ގޮސް އަހަރެންގެ ކިޔެވުންވެސް ނިމިއްޖެއެވެ. ކިޔެވުން ނިމުމާއެކު އަހަރެމެންގެ ގުޅުން އާއިލާއަށް އަންގަން ނިންމީމެވެ. އޭރު ޒައިން ހުރީ އަހަރެންނާ އާއިލާއެއް ބެލެހެއްޓޭވަރަށް ފައިސާ އެއްކޮށްފައެވެ. ރަނގަޅު ވަޒީފާއެއްގައި ހަރުދަނާކަމާއެކު އޭނާ ފައިތިލަ ސާބިތުކޮށްލުމުން އަހަރެންނަށް ލިބުނު އުފާ ބަޔާންކުރާނެ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ.

އަހަރެމެން އާއިލާއަށް އަހަރެމެންގެ ގުޅުމާއި ދެމީހުން ކައިވެނިކުރަން އެދޭކަން ހާމަކުރުމުން ޒައިންގެ މައިންބަފައިން ހިތުން ރުހުމުން ކައިވެންޏަށް އެއްބަސްވިއެވެ. ނަމަވެސް އަހަރެންގެ މަންމަ ފާޅުގައި ދެކޮޅު ހެދިއެވެ. މަންމައަށް ޤަބޫލުކުރެވޭ ފެންވަރުގެ މީހަކަށް ޒައިންއަކަށް ނުވެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން ހުރީ ޒައިންއާ ކައިވެނިކޮށްގެން އެކުގައި އުޅޭށެވެ. އެހެންކަމުން އަހަރެން ނިންމީ މަންމަ ނުރުހުނަސް ޒައިންއާ ކައިވެނި ކުރާށެވެ.

“މީ މަގޭ ގެ. މިގޭގަ އުޅެވޭނީ މަ ރުހޭ މީހަކަށް. އެ ޒައިންއަކާ އިނދެގެން މިގެޔަކު ނޫޅެވޭނެ. އަދި އޭނައާ އިނުމަށްފަހު މަށަށް މަންމަ ކިޔައިގެންވެސް ނުވާނެ.” މަންމަގެ ފަހުބަސް އިއްވިއެވެ.

ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެންނަކަށް ޒައިންއާ ވަކިންނެއް ދިރިއެއް ނޫޅެވޭނެއެވެ. އެއަށްވުރެ ބޮޑަށް އަހަރެން އޭނަދެކެ ލޯބިވެއެވެ. ވުމާއެކު މަންމަގެ ނުޤަބޫލުގައި އަހަރެން ޒައިންއާ ކައިވެނި ކުރީމެވެ. މިހާރު މަންމަ ނުރުހުނަސް ފަހުން މަންމަވެސް މި ކައިވެންޏަށް ޤަބޫލުވާނެކަމަށް އަހަރެން އުންމީދު ކުރީމެވެ.

އަހަރެންނަށް ހީކުރެވުނު ވަރަށްވުރެވެސް ޒައިންއާ އޭނަގެ މައިންބަފައިން އަހަރެންނަށް ހެވެވެ. އެމީހުން އަހަރެން ބަލައިގަތީ ޅީދަރިއެއްގެ ގޮތުގައެއް ނޫނެވެ. އެމީހުންގެ އުފަން ދަރިއެއްގެ ގޮތުގައެވެ.

ކައިވެންޏަށް ހަތްމަސް ވީއިރު އަހަރެން އިނީ އަހަރެމެންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. އަހަރެން ބަލިވެ އިންކަން އެނގުނީއްސުރެ ޒައިން ހުރީ ދަރިފުޅު ދުށުމަށް ކެތްމަދުވެފައެވެ. ޒައިންގެ އާއިލާވެސް ހީވަނީ އުފަލުން އެހެންފަދަ ކަމެއްހެނެވެ. އަހަރެންގެ މަންމައަށް އެ އުފާވެރި ޚަބަރު ދިނުމަށް ގުޅާލުމުން އިމްނާ ކިޔާ ދަރިޔަކު ނުހުންނާނެކަމަށް ބުނެ ފޯނު ކަނޑާލި ދުވަސް އަދިވެސް އަހަރެންގެ ހަނދާނުގައި އެބަހުއްޓެވެ. ނަމަވެސް ޒައިންގެ އާއިލާ މީހުން ދޭ ލޯބިން އަހަރެންގެ ހިތުގައި އެޅި ވޭނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.

އަހަރެންގެ ބަނޑަށް ދުވަސް ފުރެން ވީއިރު ޒައިން ރަށަށް އައީ ޗުއްޓީ ނަގައިގެންނެވެ. އަހަރެން ވިހެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައެވެ. އަހަރެމެންނަށް ލިބުނީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އަހަރެންނަށް ދަރިފުޅު ފުރަތަމަ ފެނުނު ވަގުތު އެ ކުރެވުނު އިހުސާސް ބަޔާންކޮށްދޭނެ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އެވަރުގެ ވަރުގަދަ ފުން އިހުސާސެއް އަހަރެންނަކަށް ނުކުރެވެއެވެ. ހިތުގެ ހުރިހާ ވޭނެއް އެއްފަހަރާ ފިލައިގެން ދިޔަފަދައެވެ. ޒައިންގެ އަތަށް ދަރިފުޅު ލިބުނު ވަގުތު އޭނާގެ ލޮލުން ފޭދުނު އުފާވެރިކަމުގެ ކަރުނަތައް އަހަރެންނަށް ފެނުނެވެ. އަހަރެމެން އެ ދަރިފުޅަށް ކީ ޒައިކްއެވެ.

އަހަރެން ވިހޭތަނަށް މަންމަ ނައިތާނގައި އަހަރެންގެ ޙާލުވެސް ބަލައިނުލިއެވެ. އޭރުވެސް މަންމަގެ ރުޅި މަޑުނުވަނީއެވެ. މަޔަކަށް ދަރިޔަކުދެކެ ރުޅިއައިސްގެން އެހާ ދުވަހު އަނގައިން ނުބުނެ ހުރެވެނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. މަންމަގެ ހިތް އެހާ ހިލަވީ ކޮންއިރަކުބާއޭވެސް އަހަރެންގެ ހިތަށް އެރިއެވެ. މަންމަގެ އެ ދުރުކަމުގެ ސަބަބުން ލިބޭ ހިތްދަތިކަމަށް ލުއި ހޯދައިދެނީ އަހަރެންގެ މައުސޫމު ދަރިފުޅު ޒައިކްއެވެ. ޒައިންއާއި އޭނާގެ އާއިލާއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް އަމާންކަމާ އޮމާންކަމާ އެކުގައެވެ. ޒައިކް ލިބުނު ފަހުން ޒައިންގެ ލޯބި އަހަރެންނަށް ކުރިއަށްވުރެ އިތުރަށް ލިބޭކަން އަހަރެންނަށް ފާހަގަކުރެވުނެވެ. ޒައިކް ދެކެވެސް ޒައިން ވަނީ ވަރުގަދަ ލޯތްބެކެވެ. ޒައިކްއާނުލާ އޭނަގެ ދުވަސް ފުރިހަމައެއް ނުވެއެވެ. އެ ލޯބި އަބަދަށް އެގޮތުގައި ދެމިއޮތުމަށް އަހަރެންނަށް އަބަދުވެސް ދުޢާކުރެވެއެވެ.

ކައިވެންޏަށް ހަތަރު އަހަރު ވީއިރު އަހަރެމެންނަށް ދެވަނަ ދަރިޔަކު ލިބުނެވެ. އެއީ އައިނީއެވެ. ދެ ދަރިން ގޮވައިގެން ޒައިންގެ އާއިލާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ދިޔައިރު، އަހަރެންގެ ހިތުގެ ކަނެއްގައި މަންމަގެ ހަނދާންތައް ވެއެވެ. އެ މަންމަގެ ރުޅިވެރިކަން ދޫކޮށް މަންމަ އަހަރެންގެ މި ދިރިއުޅުން ޤަބޫލުކުރާނެކަމުގެ އުންމީދުވެސް އަހަރެންގެ ހިތުގައި ވިއެވެ. ޒައިންގެ މައިންބަފައިންގެ ލޯބި އިންތިހާއަށް ލިބުނަސް ބަނޑުއަޅާ ވިހެއި މައިމީހާގެ ލޯބިން މަޙުރޫމުވުމަކީ ކިހާ ވޭނެއް ލިބޭ ކަމެއްކަން އިހުސާސް ކުރެވޭނީ އެފަދަ ކަމެއް ދިމާވެފައިވާ މީހަކަށެވެ.

މަންމަގެ ހަނދާންތައް އަހަރެންނަށް އުނދަގޫކުރަން ފެށުމުން އަހަރެން ހިތްވަރުކޮށްލާފައި މަންމަގެ ގެ ކައިރިއަށް ގޮސްލީމެވެ. މަންމަ ފެނިލިޔަސް ހިތަށް ހަމަޖެހުމެއް ލިބިދާނެކަމުގެ އުންމީދުގައެވެ. މަންމަ ގެއިން ނުކުންނަށް އައީ އަހަރެން މަގުގެ އަނެއް ފަރާތުގައި ހުއްޓައެވެ. އަހަރެންނާ ދެދަރިން ފެނުމާއެކު މަންމައަށް ހުއްޓުން އެރިއެވެ. ނަމަވެސް އިރުކޮޅަކު އަހަރެންނަށް ބަލަން ހުރުމަށްފަހު ބާރުބާރަށް މަންމަ އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.

ދެވަނަ ދަރިފުޅަށް ފަސް އަހަރު ވީފަހުން، އަހަރެން އާދަޔާ ޚިލާފަށް ވަރުބަލިވާން ފެށިއެވެ. އަޅައެއް ނުލަމެވެ. ދަރިންނާ އާއިލާގެ ކަންތައްތައް ބަލަހައްޓަން އަވަދިނެތި އުޅޭތީ ވާގޮތެއް ކަމަށް އަހަރެން ހީކުރީމެވެ. ދުވަހަކަށްވުރެ ދުވަހެއް އެކަން ދިޔައީ ބޮޑުވަމުންނެވެ. އަހަރެންގެ ހަށިގަނޑަށްވެސް ބަދަލުތަކެއް އަންނަކަން އަހަރެންނަށް ފާހަގަކުރެވެން ފެށިއެވެ. ބަރުދަން ލުއިވާން ފެށިއެވެ. ހަނދާންވެސް ބަލިވާން ފެށިއެވެ.

އަހަރެންގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުތައް ޒައިންގެ މައިންބަފައިންވެސް ފާހަގަކުރިއެވެ. ބަލީތޯ ސުވާލުކުރިއެވެ. އަހަރެން ބުނީ މާ ބުރަވީމަ ވާގޮތެއް ކަމަށެވެ. ރަނގަޅަށް ކެއުމަށްވެސް އެމީހުން ނަސޭޙަތްތެރިވިއެވެ. ކިތަންމެ ބުރަކޮށް އުޅުނަސް އަމިއްލަ ހަށިގަނޑަށް ފަރުވާތެރިވާން ވާނެކަމަށް ބުނެ އެމީހުން ވިސްނައިދިނެވެ. ނަމަވެސް އަހަރެން އެއީ މާބޮޑު ކަމަކަށް ނުހަދަމެވެ. އަހަރެންނަށް ހީކުރެވުނީ މާބޮޑަށް “ސްޓްރެސް” ވާތީ ވާގޮތެއް ކަމަށެވެ. އެ “އާންމު” ކުދިކުދި އަލާމާތްތައް އަހަރެންގެ މަރުބައްޔަށް ވެދާނެ ކަމަކަށް އަހަރެންގެ ހިތަކަށް ނާރައެވެ.

ރިސޯޓުގައި ހުރެފައި ޒައިން ރަށަށް އައީ ތިންމަސް ފަހުންނެވެ. އޭނަ ފެނުމުން އަހަރެންނަށް ފާހަގަކުރެވުނީ އޭނާގެ ހަށިގަނޑަށްވެސް އައިސްފައި ހުރި ބަދަލުތަކެވެ. އާދަޔާ ޚިލާފަށް ހިކިފައި ހުރުމާއި، ގައިގައި ވަރެއް ނެތިފައި ހުންނަ ހުރުން އަހަރެންގެ ބޮލުގައި ރިހުމެއް އުފެއްދިއެވެ. މާ ބުރައީތޯ ސުވާލުކުރުމުން އޭނަ އާނއެކޭ ބުނެފައި އިތުރަކަށް އެވާހަކައެއް ނުދެއްކިއެވެ. އަހަރެންވެސް އިތުރަށް އެވާހަކަ ނުދެއްކީ އޭނާގެ ބޯ ހާސްނުކުރާން ވެގެންނެވެ.

ނަމަވެސް އަހަރެންނަށް އެކަމާ ނުވިސްނައެއް ނުހުރެވުނެވެ. ޒައިންއަކީ ކުރިންވެސް ވަރަށް ބުރަކޮށް ރިސޯޓުގައި އުޅުނު މީހެއްކަން އަހަރެންނަށް އެނގެއެވެ. އޭރު ހަށިގަނޑަށް ނައި ބަދަލެއް މިހާރު އަންނަންވީ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އޭނަ ބަލީކަމަށް އަހަރެންނަށް ޝައްކު ކުރެވުނެވެ. އަހަރެން ކަންބޮޑުވެދާނެތީ އޭނާ އެކަން ސިއްރު ކުރީއެވެ.

އަހަރެންނަށް އިތުރު އުނދަގޫތަކެއްވެސް ވާން ފެށިއެވެ. އާދަޔާ ޚިލާފަށް ދާހިއްލުމާއި ނުފިލާ ހުމެއް ހުންނަން ފެށިއެވެ. ވުމާއެކު އަހަރެން ބޭނުންވީ ޑޮކްޓަރަށް ދައްކާށެވެ. އާދައިގެ ކަންކަން ކަމަށް ހީކުރެވުނު ކަންކަމާއި ދޭތެރޭ އަހަރެން ކަންބޮޑުވާން ފެށިއެވެ. ޒައިންއާއި ވާހަކަ ދައްކައިގެން ދެމީހުން މާލެ ދިޔައީ ޑޮކްޓަރަށް ދައްކާލާށެވެ. ޑޮކްޓަރަށް ދައްކާފައި ހެދި ޓެސްޓްތަކުގެ ރިޕޯޓު ދައްކަން ޑޮކްޓަރު ގާތަށް ދިޔައީމެވެ. ވަރަށް ފަރުވާތެރިކަމާއެކު ރިޕޯޓް ބެލުމަށްފަހު ޑޮކްޓަރު އަހަރެމެން ދެމީހުންނަށް ބަލައިލިއެވެ. ޑޮކްޓަރުގެ މޫނުމަތީގައިވާ ކުލަވަރުން ކަމެއް ވަރަށް ގޯސްވެއްޖެކަން އަހަރެންނަށް އެނގުނެވެ. އަހަރެން ޑޮކްޓަރަށް ގޮވާލީމެވެ.

“އެޗް.އައި.ވީ. ޕޮޒިޓިވް.” ޑޮކްޓަރުގެ ޖަވާބުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެން ހީވިއެވެ. އެހެން ވާން ޖެހޭނެ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. އަހަރެންނަށް ޒައިންއަށް ބަލާލެވުނެވެ. ޒައިން އިނީ އަހަރެންނަށް ބަލާލަންވެސް ނުކެރިފައެވެ. އަހަރެން އެމީހެއްދެކެ އިންތިހާއަށް ލޯބިވި ފިރިމީހާ އަހަރެންނަށް ބޭވަފާތެރިވީއެވެ. އަހަރެން ޒައިންއަށް ކުރި އިތުބާރާއި ޤަދަރު ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވިއެވެ.

ހޮސްޕިޓަލުން އައިސް އަހަރެމެން ކުއްޔަށް ހިފައިގެން ތިބި ކޮޓަރިއަށް ވަދެވުމާއެކު އަހަރެންނަށް ބާރަށް ރޮވެން ފެށުނެވެ. ޒައިން އަހަރެންނަށް ބަލަހައްޓައިގެން ހުރިއިރު އޭނައަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރިފަދައެވެ. އަހަރެން ޒައިންއަށް ބަލާލާކަށްވެސް ބޭނުމެއް ނުވިއެވެ. އޭނަގެ އެ ބޭވަފާތެރިކަން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލީއެވެ.

“އިމްނާ. އަހަރެންނަށް މާފްކުރޭ. އަހަރެން ހިޔެއް ނުކުރަން މިހެން ވެދާނެ ކަމަކަށް.” އަހަރެން އެތައް އިރަކު ރުއި ފަހުން ޒައިން އައިސް އަހަރެންގެ ގާތުގައި އެނދުގައި އިށީނދެ އަހަރެންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އަހަރެންނަށް ރުޅިވެރިކަމާއެކު އޭނަގެ އަތް ފޮޅުވާލެވުނީ ސޫތްޕެއް ކަށި ޖެހުމުން ފޮޅާލާ އުސޫލުންނެވެ.

ޒައިން އެކަން ހިނގި ގޮތް އަހަރެންނަށް ކިޔައިދިނެވެ. އޭގެ ހައެއްކަ މަސް ކުރިން އޭނަ ރާއްޖެއިން ބޭރަށް ދިޔަ ވާހަކައެވެ. އެއީ އަހަރެންނަށްވެސް އެނގިފައިވާ ކަމެކެވެ. ނޭނގުނީ ދިޔައީ ކީއްކުރަންކަމެވެ. އަހަރެން އޭނައަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އެކަން އޮޅުންފިލުވުން މުހިންމުވެސް ނުވީއެވެ. ޒައިން ބުނި ގޮތުގައި އޭނަ އެފަހަރު ރާއްޖެއިން ބޭރަށް ދިޔައީ ނަތާލިއާ ކިޔާ އަންހެނަކާ ކައިވެނި ކުރާށެވެ. އޭރު ނަތާލިއާ އަކީ އެއިޑްސް ޖެހިފައިވާ މީހެއްކަމެއް އޭނައަކަށްވެސް ނޭނގެއެވެ. ކައިވެންޏަށް ހަތަރު މަސް ވީފަހުން ކުއްލިއަކަށް ނަތާލިއާ ފިލީއެވެ. ދިޔުމުގެ ކުރިން ޒައިންއަށް ލިޔެފައިވާ ސިޓީއެއް އޮތެވެ. ޒައިންއާ ކައިވެނި ކުރުމުގެ ކުރިންވެސް އޭނައަކީ އެއިޑްސްގެ ޝިކާރައަކަށް ވެފައިވާ މީހެއްކަމަށް ބުނެ މާފަށް އެދިފައެވެ. ދުރުގައި ހުންނަން މަސައްކަތްކުރި ކަމަށާއި ނަމަވެސް ޒައިންދެކެ ލޯބި ވެވުނީކަމަށް ބުނެފައެވެ. ޒައިން މާލެ ގޮސް ޓެސްޓް ހެދިއިރު އޭނަ އެއިޑްސްއަށް ޕޮޒިޓިވް ވެފައިވާކަމަށް ބުންޏެވެ. ނަމަވެސް އެކަން އެނގުމުގެ ކުރިން އަހަރެންނާއި ޒައިންއާ ދެމެދު ގުޅުން ހިނގާފައިވާތީ އެވާހަކަ ބުނުމުގެ ބޭނުމެއް ނުފެނުނީކަމަށް ޒައިން ބުންޏެވެ. އަދި އޭނަ ރަށަށް އައީ ރިސޯޓުން ކެނޑިގެން ކަމަށްވެސް ބުނީ އެފަހަރުއެވެ.

އަހަރެމެން އިތުރަށް މާލޭގައި މަޑުނުކޮށް އެންމެ އަވަހަށް ފުރި ބޯޓުން ރަށަށް ދިޔައީމެވެ. ރަށަށް ދިޔުމަށްފަހު އަހަރެން ޒައިން ގާތުން ވަރިއަށް އެދުނީމެވެ. އަހަރެންނަށް ދެން ޒައިންއަށް އިތުބާރު ނުކުރެވޭނެތީއެވެ. އިތުބާރާއި ލޯބި ނެތް ގުޅުމެއް ރީތިކޮށް ކުރިއަށް ނުގެންދެވޭނެތީއެވެ. ދަރިންނާއި އާއިލާގެ ކުރިމަތީގައި ޒުވާބުކޮށް ހަދަން ބޭނުން ނުވާތީއެވެ. ޒައިން ފުރަތަމަ އެކަމާ ދެކޮޅު ހެދިއެވެ.

“ކޮންމެ ގޮތެއްވިޔަސް އަހަރެންނަކަށް ޒައިންއާ އެކުގައެއް ދެން ނޫޅެވޭނެ. ޒައިން އަހަރެން ވަރިނުކޮށްފިއްޔާ ޒައިންގެ މަންމައަށް މިކަން އަންގާނަން. އޭރުން ޒައިން އަހަރެން ވަރިނުކުރަން ހުއްޓަސް ޒައިންއަށް ޖެހޭނީ އަހަރެން ވަރިކުރަން. ޒައިންގެ މަންމައަށްވެސް ގޯސްވާނީ އަހަރެން. އެއްވެސް މަޔަކު ބޭނުމެއް ނުވާނެ އެމީހެއްގެ ދަރިޔަކު އެހާ ގޮތްކުޑަ މީހަކާ އިނދެގެން އުޅޭކަށް. އެހެންވީމަ ރީތިކޮށް މިކަން ނިންމާލަން ބޭނުމިއްޔާ ޒައިން އިތުރު މައްސަލަތަކެއް ނުއުފައްދާ އަހަރެން ވަރިކޮށްދީ.” އަހަރެން ވަރަށް ރުޅިއައިސްފައި ބުނީމެވެ. ޒައިންއަށް ޖެހުނީ އެއްބަސްވާށެވެ. އޭނަ އަހަރެން ބޭޒާރުކޮށްލަން ބޭނުން ނޫންކަމަށް ބުންޏެވެ. ފާފައެއް ނުކުރި ނަމަވެސް ކަން ހިނގީ ޒައިންގެ ފަރާތުން ވީމައެވެ.

ޒައިން އަހަރެން ވަރިކުރިއެވެ. ޒައިންގެ މައިންބަފައިންނަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އެމީހުންނަށް ފެނުނީ އަހަރެންގެ ރަނގަޅުކަމެވެ. ޒައިންއާ ދެމީހުން ލޯބިން އުޅުނު ދިރިއުޅުމެވެ. އެމީހުން ޒައިން ގާތު އެތައް ސުވާލެއް ކުރިއެވެ. އަހަރެންނާވެސް ސުވާލު ކުރިއެވެ. އަހަރެމެން ދިން ޖަވާބަކީ އެކުގައި އުޅެވެން ނެތުމުން ރީތި ގޮތުގައި ނިންމާލީއެވެ. އެމީހުންނަށް ހަޤީޤަތް ނޭނގި ތިބެ އަހަރެންގެ ރަނގަޅު ވާހަކަ ދެއްކި ނަމަވެސް ޙަޤީޤަތް އެނގުމުން އެމީހުންނަށްވެސް ގޯސްވާނީ އަހަރެންނެވެ. އަހަރެންގެ ކުށެއް ނެތްއިރުވެސްމެއެވެ.

އަހަރެން އެނބުރި ގެޔަށް ދިޔައީ ދެދަރިން ގޮވައިގެންނެވެ. މަންމައަށް އަހަރެން ފެނުމުން ހުއްޓުން އެރިއެވެ. އަހަރެން ހުރިގޮތް ފެނުމުން އެ މަންމަގެ ހިލަ ހިތަށް އަސަރު ކުރީކަން ޔަޤީނެވެ. އަހަރެން ވަންނަން ތަން ދައްކާފައި މަންމަ އަހަރެންގެ ކުރިމަތިން ދިޔައީ މަންމައަށް ރޮވިދާނެތީކަން އަހަރެންނަށް އެނގުނެވެ. އޭގެ ފަހުން އަހަރެން އުޅުނީ މަންމަގެ ގޭގައެވެ.

ޒައިން ކޮންމެ ދުވަހަކުވެސް ކުދިންނާ ބައްދަލުކުރަން އަހަރެމެން ގެޔަށް އާދެއެވެ. ބައެއް ފަހަރު ކުދިން އެގެޔަށްވެސް ގެންދެއެވެ. ކަންތައްތައް ވަރަށް އަމާންކޮށް ދަނިކޮށް ދެން ކަންތައް ދިމާވީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ޒައިންގެ މަންމައަށް އަހަރެންގެ ރިޕޯޓް ފެނުނީއެވެ. އަހަރެން ގެޔަށް އައި އިރު ރިޕޯޓް ނުގެނެވި އޮތީއެވެ. ޒައިންގެ މަންމަ އައިސް އަހަރެންނަށް ވަރަށް އެތިވަރު ގޮވިއެވެ. ޒައިންގެ ވާހަކަ ބުނަން ހިތަށް އަރާފައިވެސް އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. ޒައިންވެސް އަހަރެން ބޭޒާރުކުރަން ވާހަކަ ނުދެއްކީމައެވެ. އަހަރެންގެ ބަލީގެ ހަޤީޤަތް އެނގުމުން އެންމެންވެސް އިނގިލި ދިއްކުރާނީ އަހަރެންނަށްކަން ކުރިންވެސް އަހަރެންނަށް ޤަބޫލުކުރެވިފައި އޮތީމައެވެ. ޒައިންގެ މަންމަ ދިޔައީ އަހަރެންގެ ދެދަރިންވެސް ގޮވައިގެންނެވެ. ނަމަވެސް ޒައިން އަހަރެންނަށް އައިނީ ގެނެސްދިނެވެ. އަދި ޒައިކް ބަހައްޓާނީ އޭނަގެ ގާތުގައި ކަމަށާއި ނޫނީ މަންމަގެ އުނދަގޫ ވަރަށް ބޮޑުވާނެކަމަށް ބުންޏެވެ. އަދި އަހަރެން ބޭނުން ކޮންމެ ވަގުތަކު ޒައިކްއާ ބައްދަލުކޮށްދޭނެކަމުގެ ޔަޤީންކަން ޒައިން އަހަރެންނަށް ދިނެވެ.

“އަހަރެން އަދިވެސް އިމްނާ ގާތުން މާފަށް އެދެން. އިމްނާއަށް މިއަދު ތިހެން ތި ދިމާވީ އަހަރެންގެ ސަބަބުން. ދުނިޔެ ކޮންމެ ގޮތަކަށް ދުށްޓަސް އަހަރެން އެކަން ޤަބޫލުކުރަން.” ޒައިންގެ ދެލޮލުން އަހަރެންނަށް ހިތާމައިގެ އަސަރު ފެނުނެވެ.

ރަށުތެރޭގައި އަހަރެންގެ ޚަބަރު ފެތުރުނެވެ. މީހުންގެ ބަދު ބަސްތަކަށް ކެތްކުރަން ދަތިވިއެވެ. ޒައިންއަށް އެ ބަލި ޖެހުނީ އަހަރެންގެ ވިޔާނުދާކަމުންކަމަށް ބުނެ ތުހުމަތުތައް ކުރަން ފެށިއެވެ. އަހަރެންނަށް ދިފާޢުގައި ބަހެއްވެސް ނުބުނެވުނީ އެވާހަކަ އަހާނެ މީހަކުވެސް ނެތުމުންނެވެ. އަހަރެންގެ ވާހަކަ ޤަބޫލުކުރީ އަހަރެންގެ މަންމައާއި އެންމެ ގާތް އެކުވެރިޔާ ރީނާއެވެ. އެ ދެމީހުން އަހަރެންނަށް އެހާ އިތުބާރު ކުރިއެވެ. ދެން ހަޤީޤަތް އެނގޭ ހަމައެކަނި އިންސާނާ ޒައިންއެވެ.

މަންމަގެ ނުރުހުންވެފައިވާ މޫނުން އަހަރެންނަށް ލޯތްބާއި ހަމްދަރުދީ ފެނުނެވެ. އަހަރެންދެކެ ރުޅިއައިސްފައި ހުރިކަމަށް ހީކުރެވުނު މަންމަގެ ހިތުގައި އަބަދުވެސް އެ ލޯބި އޮތްކަން މަންމަގެ ޢަމަލުތަކުން އަހަރެންނަށް ޔަޤީން ކޮށްދިނެވެ. މަންމަ ޒައިންދެކެ އިހުނަށްވުރެ ބޮޑަށް ރުޅިއައެވެ. ނަމަވެސް އަހަރެންގެ އެދުމުގެ މަތިން މަންމަ ޒައިންއާ ދިމާއަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒައިންއާ އަހަރެންގެ ކައިވެނީގެ ގުޅުން ކެނޑިފައި ވިޔަސް، އޭނަވެސް އަހަރެންނަށް ވަރަށް ހިތްވަރު ދިނެވެ. އޭނަގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމުގެ އަގު އަދާކުރަން އުޅޭފަދައެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.