ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯގެ ދިވެހި ފިލްމު “ކަމަނާ”ގެ ނަން ލޯންޗްކޮށްފިއެވެ. ފިލްމު”ކަމަނާގެ” ނަން ލޯންޗުކޮށްފައިވަނީ 27 މެއި 2024ވީ ހޯމަދުވަހު އޮލިމްޕަސް ސިނަމާގައެވެ.

އޮލިމްޕަސް ސިނަމާގައި ފިލްމު “ކަމަނާ” އެޅުވުމަށް ހަމަޖެހިފައިވަނީ 27 އޯގަސްޓް 2024 ގައެވެ.

ކަމަނާ”

“ކަމަނާ” މި ފިލްމް ފެށެނީ ހއ. މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން، ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުންނެވެ. ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ. ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގެންދެއެވެ.

މި ފިލްމުގައި އަނތްބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެއެވެ. މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެެެއެވެ.

“މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލު. އަދި މިއީ އައްޒަގެ ފިލްމީ ކެރިއަރުގައި އޭނާ ފެނިފައި ނުވާފަދަ ރޯލެއް.” މި ފިލްމުގައި އައްޒަ ފެނިގެންދާނެ ތަފާތު ގޮތުގެ މައުލޫމާތު ހިއްސާކުރަމުން ޕްރޮޑަކްޝަން ޓީމުން ހާމަކުރިއެވެ.

މި ފިލްގައި ހައިދަރުގެ ބައި އަދާކުރަނީ ޔޫސުފް ޝަފީއު(ޔޫއްޕެ) އެވެ. 

“މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރު.”

މި ފިލްމުގައި އާޝާ ފެނިގެންދާނީ ފިލްމުގެ މުޅި ނެރެޓިވް އޭނާ ބޭނުން ގޮތަކަށް އަނބުރާލާ މުހިއްމު ރޯލަކުންނެވެ.

އެ ތިން ބައިވެރިންގެ އިތުރުން، ދަރާ ރަޝީދު، މުހައްމަދު މަނިކު އަދި ނަތާގެ ކެރެކްޓަރތައްވެސް ފިލްމު ކުރިޔަށް ގެންދިއުމުގައި މުހިއްމު ރޯލެއް އަދާކުރާނެއެވެ.

މި ފިލްމު ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ ގުޅިގެންނެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު “ލޯބިވެވިއްޖެ”ގެ ޕްރޮޑިއުސަރު ޝާނީޒް އަލީ އަދި ހުސެން މުނައްވަރު (ކިޑޫ)އެވެ.

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

މުނައްވަރު ވަނީ މީގެކުރިން “ސަޒާ” އަދި “ދިލަކަނި“ ޑައިރެކްޓްކޮށްފައެވެ. މި ދެ ފިލްމަކީވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ދެ ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.