ފެށުން

މިއީ ދާދިފަހުން ހިނގާފައިވާ ޙަޤީޤީ ޙާދިސާއެކެވެ. ހާދިސާ ހިނގި ތަނާއި ނަންތަކާއި ސަބަބު މިވަނީ ބަދަލުކޮށްފައެވެ.

މިއަދު

އަހަރުމެންނަށް ގޮސް އެގެއަށް ވަދެވުނު ވަގުތަކީ ‘އޭނާ’ގެ އެންމެ ފަހު ވަގުތެވެ. މަރުގެ މަލާއިކަތާއަށް މާތްﷲގެ ބަސް ވަޙީކުރެއްވި ހިނދު ‘އޭނާ’ގެ ފުރާނަ ގެންދިއުމަށް އެގެއަށް ވަން ވަގުތަށް ވާނީ އަހަރުމެން އެގެއަށް ވަން ވަގުތުގެ ސިކުންތުކޮޅެއް ކުރިއަށްކަން ޔަޤީނެވެ. އަހަރުމެން އެގެއަށް ވަންއިރު އޭނާ އޮތީ ސޯފާއަށް ދެމިފައެވެ. ‘އޭނާ’ގެ ގަޔަށް ބާރެއް އަރާފައިވާކަން އެ ހަށިގަނޑު އޮތްގޮތުން ބުނަން އެނގެއެވެ. އޭނާގެ ހަށިގަނޑު ސޯފާއިން ނަގައި އަހަރެންގެ އަތްދަނޑިމައްޗަށް ލައިގެން ހިނގައިގަތީމެވެ. އެވަގުތު އަހަރެންގެ ނަފުސަށް ވެގެން ދިޔަގޮތެއް ޚުދު އަހަންނަށްވެސް ބުނާކަށް ނޭނގުނެވެ. އަހަންނަށް ރޮވެން ފެށުނެވެ. ގިސްލެވެން ފެށުނެއެވެ. ‘އޭނާ’އަކީ އަހަރެންގެ ތިމާގެ މީހެއް ނޫނެވެ. އެހާ ގާތް ރައްޓެއްސެއްވެސް ނޫނެވެ. ނަމަވެސް އަހަންނަށް ކުރި އަސަރަކީ ނުހަނު ފުން އަސަރެކެވެ. ހިތުގައި ޖެހިގެން ރޮވުނީ ބޭއިޚްތިޔާރުގައެވެ.

އަހަންނަށް ރޮވުނުތަން ފެށިފައި އަހަންނާއެކު އެތަނަށް ތިޔަ ރަހުމަތްތެރިޔާ ސުވާލުކުރިއެވެ. ނަމަވެސް އަހަންނަށް ޖަވާބެއް ނުދެވުނެވެ. އެވަގުތު އަހަރެންގެ ލޯމައްޗަށް ސިފަވެގެންދިޔައީ ކަޅާއި ހުދުގެ މަންޒަރުތަކެކެވެ. ފިލްމެއްގެ ފީތާތައް ނިއުޅިގެންދާ ބީދައިން އަހަރެންގެ ލޯމައްޗަށް ސިފަވެގެން ދިޔައީ މީގެ ދެތިން ދުވަސްކުރީގެ މަންޒަރުތަކެކެވެ.

ތިން ދުވަސް ކުރިން

އަބާބީލް އަކީ އަހަރެން މަސައްކަތްކުރާ އޮފީހުގައި ވަރަށް ހީވާގިކަމާއެކު މަސައްކަތްކުރަމުން އައި މީހެކެވެ. މަސައްކަތަށް މުރާލި ނަމަވެސް އޭނާއަކީ ކެއުމަށް ނިކަން ފޯރިވެސް ހުރި މީހެކެވެ. އަބާބީލަށް ކުރިމަތިވި ބަލިމަޑުކަމަކާއި ގުޅިގެން ކާބޯތަކެތީގެ ބައެއް ބާވަތްތައް ބޭނުން ނުކުރުމަށް ޑޮކްޓަރު އިންޒާރުދީ ނަސީހަތްދީފައިވެއެވެ. ނަމަވެސް ޑޮކްޓަރުގެ އިންޒާރަށް ބެލުމެއް ނެތި ކާނެ އެއްޗެއް ކާނެ ވަރަކަށް ކައިގެން އަބާބީލް އުޅެމުން ދިޔައެވެ.

އެއްދުވަހަކު ކާމޭޒުދޮށުގައި އަހަރުމެން އެންމެން ކާންތިބި ވަގުތެކެވެ. ސުފުރާމަތީގައި ހުރި ހުރިހައި އެއްޗެއް އަބާބީލްގެ ތަށްޓަށް އަޅަން އުޅުނު ކަހަލައެވެ. އޭނާ ކެއުމަށް މަނާކޮށްފައިވާ ތަކެއްޗަށް ދާންދެން ތަށްޓަށް އަޅައި ފުރައިލިއެވެ. އެތަން ފެނިފައި އަހަރެންގެ ރަހުމަތްތެރި ޔުނޭޝްއަށް އަހަރެން އިޝާރާތްކޮށްލީމެވެ. އަހަރެންގެ އިޝާރާތަށް ޔުނޭޝްވެސް ކޮށްލީ އިޝާރާތެކެވެ. އަޅައިނުލުމަށް ބުނާ މޭރުމަކުން އިޝާރާތްކޮށްލިއެވެ. ނަމަވެސް އަހަންނަށް އެ ދުވަހު މަޑަކުން ނުހުރެވުނެވެ.

އަހަރެން: އަބާބީލް….. ޑޮކްޓަރު ބުނެފައެއްނު އޮތީ ތެޔޮއެއްޗެއްސާ، ކުކުޅުބިހާ މަސް ނުކެއުމަށް. ހެޔޮނުވާނެ ތި އެއްޗެހި ކާކަށް. އަބާބީލްގެ ހާލަތަށް އެބަ ޖެހެއެއްނު ވިސްނައިލަން.

އަހަންނަށް މިހެން ބުނެވުނު މޮޔަ ހިތަށްއަރާ ވަރު ވިއެވެ. އަބާބީލް ފުންމައިގެން ތެދުވެ، އެނބުރެން އޮތްހައި އެއްޗެއް އަނބުރަމުން އަހަންނަށް ދިނީ ދޭތިން އެކައްޗަށް ވާވަރަށެވެ.

އަބާބީލް: މީނދަ ނަގޫ…. ތި …. އަށް ކޮން ބަލާއެއް. ތި… އަމާ ދޭ އެއްޗެއްތަ މަ މިކަނީ. އެހެން ނޫނަސް، އަހަރެން ކޮންމެ ހާލެއްގަ އޮތަސް ތި…އަށް ނުޖެހޭނެ އަހަރެން އުފުލާކަށެއް. އެހެންވީމަ ނަގޫ… މަޑުން އިނދޭ.

ނިންމުން

އަބާބީލްގެ ޖަވާބު އަޑުއިވުމުން އިތުރު އެއްޗެއް ބުނާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ނަމަވެސް އަހަރެންގެ ހިތަށްއެރިއެވެ. ސަހަރޯއެވެ. ބޮޑު ބަލިމަޑުކަމެއް ތަހައްމަލުކުރަން ޖެހިފައިވާ މި އިންސާނާ އަދިވެސް ހަމަބިމަށް ފައިބަން ހިތަށްވެސް ނާރަނީހެއްޔެވެ؟ ގަދަ ބަސްބުނާއިރު މާދަމާ ކަން ވެދާނެ ގޮތަކާމެދުވެސް ވިސްނައިނުލަނީ ހެއްޔެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.