ފަރުސާންގެ ވާހަކަތައް އަޑުއަހަން ހުރި ސިޔާގެ ދެ ލޮލުން ފާއްދާލީ ކަރުނައެވެ. ފަރުސާންގެ ވާހަކަތައް ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. ސުވާލުތަކުން ސިކުނޑިއަށް ބާރު ބޮޑުވިއެވެ. ވާނުވާ ނޭނގޭ ހާސްކަމެއް ތެރެއަށް މީހާ ވެއްޓުނެވެ. ބިރުގަނެ ޖެހިލުން ވިއެވެ.

ފަރުސާނާއި ވާހަކަ ދައްކަން ސިޔާ ބޭނުންވި ނަމަވެސް އެފުރުސަތެއް ނުލިބުނެވެ. ފޯނު ކަނޑާލި ގޮތަށް ފޯނު އޮފްކޮށްލިއެވެ. ދެތިން ފަހަރަށް ގުޅައިގެން ވެސް އެނޫން ޖަވާބެއް ނުލިބުނެވެ.

ބޮލުގައި ރިއްސަން ފެށީ ކުއްލިއަކަށެވެ. ޕެނަޑޯލް ގުޅައެއް ކާލަނިކޮށް އެކަން ހަމަޖެހޭނެކަމަށް ހީކުރި ނަމަވެސް ކަންތައް ވީ އެހެނެއް ނޫނެވެ. ބޮލުގެ ރިހުން މަޑުމަޑުން ގަދަވާން ފެށިއެވެ.

ޓީވީ ބަލަން ފެންޑާތެރޭގައި ތިބި އައިސަ އާއި ފަރުހާދު ސިއްސައިގެން ދިޔައީ ފަރުސާންގެ ބާރު އަޑަށެވެ. އެހީއަކަށް އެދެމުން ފަރުސާން ރޮއިގަތް ބާރެވެ. އައިސާ އާއި ފަރުހާދަށް އެދިމާއަށް ދުއްވައިގަނެވުނެވެ.

ފަރުސާން އޮތީ އެނދު ހުރަހަށް ކަހަލަ ގޮތަކަށް އެނދުމަތީގައެވެ. ސަލާމަތަށް އެދި ތެޅިފޮޅެމުން ރޮމުން ދިޔައިރު ކަރުން ކޮންމެވެސް އެއްޗެއް ނައްޓަން މަސައްކަތް ކުރަމުން ދިޔައެވެ. ކޮންމެވެސް މީހަކު އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކުރަން މަސައްކަތް ކުރާތީ އެކަމުން ސަލާމަތްވާން މަސައްކަތް ކުރަނީއޭ ވެސް ހީވެއެވެ.

ފެނުނު މަންޒަރާއިއެކު އައިސާ ރޮއިގަތެވެ.

ބޭރުން އައިސް ގެއަށް ވަތް އަމީލާ އާއި ނާހިލްއަށް އެމަންޒަރު ފެނުނެވެ. ލިބުނު ހައިރާންކަމާއިއެކު ކަންބޮޑުވިއެވެ. ކޮޓަރިއާ ދިމާއަށް އެމީހުން އައީ ދުވެފައެވެ.

ފެނުނު މަންޒަރާއިއެކު ނާހިލް ކުރިޔަށް ޖެހެލިއެވެ. އެކަމާއި އޭނާ ޖެހިލުންނުވާކަން ހާމަކުރަމުންނެވެ. މަޑުމަޑުން އެނދާއި ކައިރިއަށް ޖެހެލި ނާހިލް ނެގީ މޭޒުމަތީހުރި ފެންފުޅިއެވެ. ސިއްރުސިއްރުން ކޮންމެވެސް ކިޔެވުމެއް ކިޔަވާލަމުން ފެންފުޅީގެ އެތެރެއަށް ފުމެލިއެވެ.

އަތަށް ފެންފޮދެއް އޮއްސާލަމުން އެނދާއި ދިމާއަށް ބުރުއްސާލިއެވެ. އެނދުގައި އަލިފާން ރޯވިކަހަލައެވެ. ބުރައިގެން ދިޔަ ދިލަކަންޏާއިއެކު ފަރުސާން އެނދުމައްޗަށް ދެމިއްޖެއެވެ. މަގަށްވާގޮތަށް ހުރި ކުޑަދޮރުގެ ބިއްލޫރިތައް ފުނޑުފުނޑުވެގެން ފޭބީ އެވަގުތު އެވެ.

ކަރުގައި ފިރުމަމުން ފިރުމަމުން ތެދުވަން މަސައްކަތްކުރި ނަމަވެސް ފަރުސާނަކަށް ނުތެދުވެވުނެވެ. ގައިގައި ރިއްސާވަރުން ތެދުވެވޭ ގޮތެއް ނުވިއެވެ. ފަރުހާދާއި ނާހިލަށް ބަލާލި ފަރުސާންގެ ކިބައިން ފެނުނު ހައިރާންކަމެވެ. ސުވާލުތަކެވެ. ކަލޭމެން މިތަނުގައި ކީއްކުރަނީހޭ އަހާލި ކަހަލައެވެ.

އައިސާ ގޮވައިގެން އަމީލާ ދިޔައީ ކޮޓަރި އަށެވެ. ފަރުހާދާއި ނާހިލް ތިބީ ފަރުސާން ކައިރީ އެ ކޮޓަރީގައެވެ. ކަމެއް ދިމާވިކަމެއް ފަރުސާނަކަށް ނޭނގެއެވެ. ނުވަތަ ހަނދާނެއް ނެތެވެ.

ފަރުސާންގެ ހާލަތު ރަނގަޅު ނޫންކަން އެނގުމާއިއެކު އޭނާ ގޮވައިގެން ފަރުހާދާއި ނާހިލް ހޮސްޕިޓަލަށް ދިޔައެވެ.

ނިދޭތޯ މަސައްކަތް ކުރަމުންދިޔަ ސިޔާއަކަށް އެކަން ކާމިޔާބެއް ނުވިއެވެ. ފަރުސާން ދެއްކި ވާހަކަތަކުން ކުރިމަތިވި ހިތާމަ އާއި ހިތްދަތިކަމަށްވުރެ ބޮޑު ބިރުވެރިކަމެއް އެބައޮތެވެ. ވިސްނަން ބޭނުން ނުވިޔަސް ނުވިސްނައި ހުރެވޭކަށް ނެތެވެ. ސަމާލުކަން ދޭންވީ ކަންކަމަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ގޯހެއް ހެދިއްޖެއެވެ. އެކަމުގެ ނުރައްކަލާއި ބިރުވެރިކަން އަސްލަށް ވުމުގެ ކުރިން އެކަމަށް ނިމުމެއް ގެންނަން ޖެހެއެވެ. ދަނީން އުޅުނު ހާލުގައި އުޅޭކަށް އޭނާ ބޭނުމެއް ނޫނެވެ.

ސިޔާ ސިއްސައިގެން ދިޔައީ ފޯނު ރިންގްވާން ފެށި އަޑަށެވެ. އަވަސް އަވަހަށް ފޯނު ނަގަމުން ބަލާލިއިރު ރައްކާކޮށްފައިވާ ނަންބަރެއް ނޫނެވެ. ފޯނަށް ޖަވާބު ދިނުމުގެ ކުރިން ސިޔާ ވިސްނާލިއެވެ. ގޮތެއް ނުނިމިގެން އުޅެނިކޮށް ކެނޑިއްޖެއެވެ. އަނެއްކާ ވެސް ގުޅިއެވެ. މުހިންމުކަމެއް ނެތްނަމަ ދެވަނަ ފަހަރަކަށް ނުގުޅާނެއެވެ. އެހިސާބުން ސިޔާއަށް އެފޯނު މުހިންމުވިއެވެ.

ފޯނުކުރީ ފަރުސާންގެ ދޮންތަ އަމީލާ އެވެ. އޭނާ ދެއްކި ވާހަކަތައް އަޑުއިވިފައި ސިޔާ ދިޔައީ ސިއްސައިގެންނެވެ. އެވާހަކަތައް ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. ކަންބޮޑުވުމާއި ހާސްކަން މީހާ ބައްދާލިއެވެ. ނޭވާ ހާސްކޮށްލިއެވެ. ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ. ކަމަކަށް ފަހު ކަމެއް ފެންމަތިވަމުން އައިސް ހުރިހާ މަގެއް ބެދުމާއި ގާތްވެއްޖެއެވެ.

ސިޔާ ހޮސްޕިޓަލަށް ދިޔައީ އޭނާގެ މަންމައާ އެކުގައެވެ. އެހެން އެއްވެސް ގޮތެއް އޭނާއަކަށް ކަމަކު ނުދިޔައެވެ.

ފަރުސާނަށް ފަރުވާދެމުން ދިޔައީ އިމަޖެންސީ ބައިގައެވެ. ނޭވާ ހާސްވުމުގެ ސަބަބުން ކުރިމަތިވި ވަގުތީ ގެއްލުމެއް ފިޔަވައި އެހެން އެއްވެސް ގެއްލުމެއް ނެތެވެ. އެކަން ވެސް މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. ފަހަރެއްގަ މާދަމާ ހެނދުނު ވެސް ދޫކޮށްލަފާނެއެވެ. ފަރުސާން ކައިރީ ހުރީ ނާހިލެވެ.

ފަރުސާނާއި ވާހަކަ ދައްކާލަން ސިޔާ ބޭނުން ވުމުން ނާހިލް އެފުރުސަތު ދިނެވެ.

ސިޔާ ފެނުމުން ފަރުސާން އެނބުރުނީ އަނެއް ފަރާތަށެވެ. ސިޔާގެ މޫނު ދެކެން ވެސް އޭނާ ބޭނުންނުވާ ކަހަލައެވެ. ފަރުސާން ކައިރިއަށް ހުއްޓެމުން ސިޔާ މަޢާފަށް އެދުނެވެ. ކަންތައްވީގޮތް ކިޔައިދިނެވެ. އޭނާއަށް އެހީތެރިވުމަށް އެދުނެވެ. ފަރުސާނަށް ކުރިމަތިވި ނުރައްކަލާއި މިކަމާއި ގުޅުމެއް އޮވެދާނެކަން ވިސްނައިދިނެވެ. ފަރުސާންގެ އެހީތެރިކަން ލިބިއްޖެނަމަ މިނުރައްކަލުން އޭނާއަށް ސަލާމަތް ވެވިދާނެއެވެ. އެޔަގީންކަން އޭނާއަށް އެބައޮތެވެ.

ކަންތައް ވީގޮތް ތެދުބަހުން ކިޔައިދިނީތީ ފަރުސާން ހިތްހަމަ ޖެހުނެވެ. ސިޔާއަށް މަޢާފް ކުރިއެވެ. ސިޔާ ބޭނުން ކޮންމެ ކަމެއްގައި އޭނާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެއެވެ. އެ ޔަގީންކަން ދިނެވެ. އޭނާއަށް ވެސް އަމާންކަމާއި ރައްކާތެރިކަން އޮތީ ސިޔާ ރައްކާތެރި ކޮށްގެންނެވެ. ދެމީހުން ގުޅިގެން ނޫނީ އެކަން ވާކަށް ނެތެވެ.

ކަންތައް ކުރަންވީ ގޮތާއި ބެހޭގޮތުން ވާހަކަދައްކައި މަޝްވަރާކުރީ ނާހިލާއި ތިން މީހުން އެކުގައެވެ. ސިޔާގެ ވާހަކަތައް އަޑު އަހަން ހުރި ނާހިލް ދިނީ ޔަގީންކަމެވެ. ސިޔާ އެބުނާހެން ކަންތައް ވެފައިވާނަމަ އެ ނާމާންކަމާއި ނުރައްކަލުން ސަލާމަތް ވެވޭނެއެވެ. ފަންޑިތައެއް ސިހުރެއް ހާހޫރައެއް ބޭނުމެއް ނޫނެވެ. އިސްތަރިވަރިތޮޅިއެއް މުހިންމެއް ނޫނެވެ. އެކަމުގެ ހައްލު އެބައޮތެވެ. ޢަމަލުކުރާނެ ބަޔަކު ނެތީއެވެ.

ކޮޓަރިތެރޭން ފެންނަމުންދިޔަ ކަންކަމާއިމެދު ސިޔާއަށް ވިސްނާލެވުނެވެ. ޙަޤީޤީ ހާދިސާއެއް އަސްލަކަށް ބަލައިގެން ލިޔަން މަސައްކަތްކުރި ” އޭނާ ” ވާހަކައިގެ ކުރިން ވެސް ސިޔާ އެތައް ވާހަކައެއް ލިޔެފިއެވެ. ކޮންމެ ވާހަކައެއްގެ ބޮޑުބައި ލިޔެފައިވާނީ އެކޮޓަރީގައެވެ. ” އޭނާ ” ވާހަކަ ލިޔުމުގެ ބޭނުމަށް ސިޔާ އެއްކުރި ވީޑިއޯތަކާއި އޯޑިއޯތައް އަދި ފަންޑިތަވެރިކަމާއި ގުޅުންހުރި ލިޔުންތަކާއި ނޯޓްތައް ހުރީ އެ ކޮޓަރީގައެވެ. ސިޔާ ފިޔަވައި އެހެން މީހަކަށް އެކަމެއް ނޭނގޭނެއެވެ.

ޖެހިގެންއައި ދުވަހުގެ ހެނދުނުކޮޅު ފަރުސާން ހޮސްޕިޓަލުން ދޫކޮށްލިއެވެ. ދަތުރަށް ތައްޔާރުވަމުން ރޭވުންތައް ރާވަމުން ދިޔައިރު އެ މީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. ތިން މީހުން ވެސް ބޭނުންވީ ސިއްރުސިއްރުން އެކަން ކޮށްލާށެވެ.

ފަތިސްނަމާދު ކޮށްލައިގެން ކޮޓަރިން ނުކުތް ސިޔާގެ ކޮނޑުގައި ދަބަހެއް އަތުގައި ކޮތަޅެއް އޮތެވެ. މަންމައާ ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ސިޔާ ބޭރަށް ނުކުތެވެ. ދޮރޯއްޓާއި ދިމާއަށް ކަހަލަ ގޮތަކަށް މަގުގެ އެއްފަރާތުގަ ސައިކަލް މަޑުކޮށްލައިގެން ފަރުސާން އިނެވެ. ސައިކަލާއި ދިމާއަށް ހިނގައިގަތުމުގެ ކުރިން ސިޔާ މަޑުކޮށްލިއެވެ. ކަމެއް ޔަގީންކޮށްލަން ބޭނުންވި ކަހަލައެވެ.

ސައިކަލަށް އަރައި ހަމަޖެހިލުމާއިއެކު ފަރުސާން ސައިކަލް ދުއްވާލިއެވެ. ސައިކަލް ދުއްވަމުން ދިޔައިރު ދެމީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނެވެ. މައިގަނޑު މަޢުލޫއަކަށް އޮތީ ކުރަންއުޅޭ ދަތުރާއިގުޅޭ ވާހަކައެވެ.

މޫސުމް ބަދަލުވުމުގެ ކުލަވަރު ދައްކާލިއެވެ. ބާރުވަމުންދިޔަ ވަޔާއިއެކު ރާޅުތައް ބޮޑެތިވަމުން އުސްވަމުން ދާން ފެށިއެވެ. ބުރިޖްގެ މެދަކާއި ހަމައިން ސައިކަލް ހުއްޓިއްޖެއެވެ. ސްޓާޓް ކުރަން މަސައްކަތް ކޮށްކޮށް އެކަން ކާމިޔާބެއް ނުވިއެވެ. ބުރިޖްގެ އެއްފަރާތުން ކަނޑާއި ކައިރިއަށް ޖެހިލަމުން ސިޔާ އޭނާގެ އަތުގައި އޮތް ކޮތަޅު ކަނޑާއި ދިމާއަށް ހޫރާލިއެވެ. ކޮތަޅު ގޮސް މޫދުގައި ޖެހެންދެން ބަލަހައްޓައިގެން ސިޔާ ހުއްޓެވެ. މާޔޫސްކަމާއި ހިތްދަތިކަން ފިޔަވައި އެހެން އެއްވެސް ކަމެއް އޭނާގެ ކިބައިން ނުފެނެއެވެ.

ވަގުތުތައް ފާއިތުވަމުން ފުލައިޓް ފުރާގަޑި ގާތްވަމުން ދިޔައެވެ. ސައިކަލް ސްޓާޓްކުރަން ކުރިމަސައްކަތަށް ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ. މާޔޫސްކަން ވެރިވާން ފެށިއިރު ސިޔާގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

ފަރުސާންމެން ކޮބައިތޯ ބަލަން ނާހިލް ގުޅިއިރު، އޭނާ ދަތުރުކުރަމުންދިޔަ ޓެކްސީ ބުރިޖަށް އަރަނީއެވެ. ފަރުސާންގެ ކިބައިން ހިތްހަމަ ޖެހުން ފާޅުވިއެވެ.

ހުޅުމާލެއަށް ސައިކަލް ގެންދެވޭނެގޮތް ހަމަޖައްސައި ނާހިލާއިއެކު ފަރުސާނާއި ސިޔާ އެއަރޕޯޓަށް ދިޔައެވެ.

ގަދަވަޔާއިއެކު ވިދާ ގުގުރައި ވާރޭ ވެހިގަތެވެ. ކޮޅިގަނޑެއް ލައްވައިލި ފަދައެވެ. މޫސުމާއިބެހޭ އިދާރާއިން އާންމުކުރި އެންގުމާއި އެއްގޮތަށް ދަތުރުތަކަށް ބަދަލު ގެނައެވެ. ފުލައިޓް ދަތުރުތައް މަޑުޖައްސާލިއެވެ. ފުރަން އައިސްތިބި ފަރާތްތަކުން އެއަރޕޯޓްގައި މަޑުކުރުމަށް ދެމުންދިޔަ ލަފަޔާއި އެއްގޮތަށް ސިޔާމެން ވެސް އެތަނުގައި މަޑުކުރިއެވެ.

ސިޔާގެ ކިބައިން ފެންނަމުންދިޔައީ މާޔޫސްކަމާއި ހިތްދަތިކަމެވެ. ނާއުންމީދުގެ ކުލަވަރެވެ. ބިރުގަތުމާއި ޖެހިލުންވުމެވެ.

” ސިޔާ! …. ތިވަރަށް ނުވިސްނަބަލަ. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. މި ނާމާންކަމާއި ނުރައްކަލުން އަހަރުމެން ސަލާމަތްވާނެ. އިންޝާﷲ . ” ސިޔާގެ ބޮލުގައި ފިރުމާލަމުން ފަރުސާން ހިތްވަރު ދިނެވެ.

ނުނިމޭ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.