ޒިފްލީނާ ޙަސަން ނުވަތަ އާއްމު ނަމުން ނަމަ ޒިފްލީން އަކީ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ މަޝްހޫރު ބޭފުޅެކެވެ. ވޭތުވެދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އަނބިކަނބަލެއްވެސް މެއެވެ. ސިޔާސީ ބޭފުޅެއް ނަމަވެސް ޒިފްލީންއަކީ ހުނަރުވެރި ލަވަކިޔުންތެރިއެއްކަން ގިނަ ބަޔަކަށް ނުއެނގި އޮވެދާނެ އެވެ. ނަމަވެސް ރާއްޖޭގެ ހިތްގައިމު ކްލެސިކް ލަވަތަކުގެ ތެރޭގައި ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ “ހީވޭ ވޭ ބީ” ލަވައިން ޒިފްލީން މިވަނީ ލަވައެހުންތެރިންގެ ހިތްތައް އަތުލާފައެވެ.

މީގެ ހަތަރު އަހަރު ކުރިން ރާއްޖެ ޓީވީން ގެނެސްދީފައިވާ ޝޯއެއްގައި ޒިފްލީން ކިޔާފައިވާ މި ލަވައަށް އެ ދުވަސްވަރުވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ފޭސްބްކްގައި އާއްމުކޮށްފައިވާ މި ލަވައަށް އެތަކެއް ބައެއްގެ ތައުރީފުގެ ކޮމެންޓްތައް ބަންޑުންކޮށްލާފައިވެއެވެ.

އަނެއްކާވެސް މި ލަވަ މިވަނީ ދިވެހި ލަވައަށް ލޯބިކުރާ ފަރާތްތަކުގެ ދުލުކުރީގައި ހަރުލާފައެވެ. މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް މީގެ ދެތިން ދުވަސް ކުރިން މި ލަވަ އާއްމުކޮށްލުމާއެކު އަނެއްކާވެސް ތަޢުރީފާ ތަރުހީބު އޮހެން ފެށިއެވެ. މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް 18 ހާހަށް ވުރެން ގިނަ މީހުން މި ވީޑިއޯ ބަލާފައިވެއެވެ. ލިރިކްސްއާ އެކު ހިމަނާފައިވާ މި ލަވައިން މި ރާގުގެ ހިންދީ ލަވައިގެ ވީޑިއޯވެސް ފެނިގެންދާނެއެވެ.

“ހީވޭ ވޭ ބީ”ގެ އޮރިޖިނަލް ވާރޝަން ކިޔާފައިވަނީ ރާއްޖޭގެ ލިޖެންޑަރީ ލަވަކިޔުންތެރިޔާ މަޙްމޫދާ ޝަކީބު އެވެ. މަހްމޫދާގެ ލަވައަށްވެސް ބޮޑު ތަރުހީބެއް މިއަދުވެސް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

@muniavas Title: Heevey vey bee ހީވޭ ވޭ ބީ Singer: Zifleen ޒިފްލީން Video: Sheeshe Se Pee Ya Paimane Se Pee Movie: Phool Aur Patthar (1966) Starring: Dharmendra, Shashikala Aditional Video: Zifleen’s from RajjeTV Subtitled: Rikaaz Studio @Zifleen 2024 #zifleen @mdpfahulavaan #heeveyveybee #dharmendra #shashikala #muniavasnews #foryoupage #fvpviral #fvp #contentcreators #fvpシ💕foryou #maldivestiktok #hindisong #muniavas #fyp #dhivehisong #dhivehioldsongs #oldisgold #raajjetv ♬ original sound – MUNIAVAS

ހީވޭ ވޭ ބީ – ލިރިކްސް

ހީވޭ ވޭބީ ވޭ ހީވާނޭ ވޭބީ ދެވޭނީ ލޯބީގާ މީޖާނޭވޭ ބީ

ދުރަށޭ ނުދާނީ ދިޔައިއްޔާ ބީވެދާނޭ

 

ހަނދުމަ ނުވޭހޭ ފޮނި ލޯބީގާ އޭރުގާ ވީހާ އުފާ މާޒީގާ

ފާޅުކުރާ ސީދާ ބަހަކީ މިއޭ މީގާ ދޭނީ ހިތާ ރޫހޭ ހިތާމައިގާ

ހީވޭ ވޭބީ ވޭ ހީވާނޭ ވޭބީ ދެވޭނީ ލޯބީގާ މީޖާނޭވޭ ބީ

 

ވައުދާ ހުވާގާ ރީތި ހުވަފެނުގާ އިތުބާރާ އެކުގާ އެކަނި ދުނިޔޭގާ

ވޭތުވަނީ ފިކުރާ އުއްމީދު އާލާވާ އެދުމޭ ތިއުފާ ގައިމު ވާނޭތޯ

ހީވޭ ވޭބީ ވޭ ހީވާނޭ ވޭބީ ދެވޭނީ ލޯބީގާ މީޖާނޭވޭ ބީ

 

ސޭކުވެ އުޅޭ ކަރުނަ ފައިބާތީ  އިންސާފާ ވަފާ ހަނދުމަ އާވާތީ

ހާލު މިއަދު ވޭނީ ޖައްސާ އުމުރުގާތީ އެންގީމޭ މިހިތާ ސާފުވާނޭތީ

ހީވޭ ވޭބީ ވޭ ހީވާނޭ ވޭބީ ދެވޭނީ ލޯބީގާ މީޖާނޭވޭ ބީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.