ދިލާ ފެނުމާއެކު ފުރަތަމަވެސް ޒާޔާގެ ކަންފަތުގައި ތަކުރާރުވަމުން ދިޔައީ ދިލާގެ މަލާމާތުގެ ބަސްތަކެވެ.
“ކަލޭ ހިތްފުރޭނީ ކިތައް ފިރިހެނުން ލިބުނީމަތަ؟” ދިލާ މޫނުމަތިން އަލިފާން ކަނި ބުރަމުންދާކަހަލައެވެ.
“މަ ކަހަލަ ތުންފުއްސެއްގެ ހިތެއް ނުފުރޭނެއެއްނު. އެވަރުވެސް ނޭނގޭތަ؟” ޒާޔާ ދިލާގެ ކުރިމައްޗަށް ހުއްޓިލިއެވެ.
“އޮޅިގެންވެސް ތިބުނީ ރަނގަޅަށް. އެކަމަކު މަގޭ ފިރިމީހާ ނުދާނެ ތި ޒާޔާ އެއް ކައިރިއަކަށް. އެހެންވީމަ އޭނައޭ ކިޔައިގެން ދޮގުވާހަކަ ދެއްކުން ހުއްޓާލާ.” ދިލާ ޝަހާދަތް އިނގިލި ޒާޔާއަށް ދިއްކޮށް ލަމުން އަމުރުކޮށްލިއެވެ.
“ކަލޭގެ ފިރިމީހާ އައިސްފާނެތަ މަގޭ ކައިރިއަށް.” ޒާޔާ ހިނިއައިސްފައި ހުރެ އަހާލިއެވެ.
“އައްޗީ. މި ރަށު ހުރިހާ ފިރިހެނުން ކަލޭ ކައިރީގައި އަޅާފައި އޮތަސް މަގޭ ފިރިމީހާއެއް ނުދާނެ.” އަޑަށް ބާރުލަމުން ދިލާ ބުނެލީ ޒާޔާގެ ވާހަކަ ރަނގަޅަށް ނުނިމެނީހެވެ.
“އެހެންވެއްޖެއްޔާ ކީއްވެ ތި އަންހެނާ މިރޭ މިވަގުތު މިތާގަ ތިހުރީ. އަދި މަށާ ތި މަޢުޟޫއަށް ވާހަކަދައްކަން ޖެހުނީ.؟” ޒާޔާ ބޭނުންވީ ދިލާގެ އަނގަ ބައްދާލާށެވެ. އެކަމަކު ދިލާއަކީ ނިކަން ގޮތެއްގައި ހުންނަ މީހެއްކަން ޒާޔާއަށް އެނގެއެވެ. ޒާޔާ ބުނާ ކޮންމެ އެއްޗަކަށް ރައްދު ދޭނެކަންވެސް ޒާޔާއަށް ހަމަރަނގަޅަށް އެނގެއެވެ.
“ތިކަހަލަ ގޮތެއްނެތް އަންހެނަކު ކުރިމައްޗަށް މިއައީ އަންނަން ޖެހިގެން. މަގޭ ފިރިމީހާއާ ބެހޭގޮތުން އެއްވެސް ޚަޤީޤަތެއް ނެތް ވާހަކަތަކެއް ފަތުރާތީ. މީގެ ފަހުން އަހަރެމެންނާއި ނުބެހޭތި.
މަގޭ ފިރިމީހާ ބުނި މިރަށަކު ނުހުންނާނޭ ތިހާ ހުތުރު ކުނި އަންހެނެއް.” ފާނޑަކަށް ހީނގަންނަމުން ދިލާ ހިނގައިގަތެވެ.
އައި ރުޅިން ދިލާގެ ގައިގައި ޖަހާފާނަމޭ ޒާޔާގެ ހިތަށް އެރިއެވެ.
ނަމަވެސް ހަމަ އެހިނދުކޮޅުގައި ޒާޔާގެ ދިގު އެސްފިޔަތައް ތެމިއްޖެއެވެ.
ޝާރިފް ހަމަ އެހެން ބުނެފާނެ ހެއްޔެވެ؟
ނޫނީ ދިލާ ޒާޔާ ދެރަކޮށްލަން އެހެން ބުނީ ބާއެވެ؟

ދެފަޔަށް ލެވުނުހާ ބާރެއްލާފައި ޒާޔާ ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ހަމަ މިވަގުތުވެސް ޒާޔާ ޝާރިފްއާއި ވާހަކަ ދައްކަން ބޭނުމެވެ. އެނދުމަތީގައި އޮތް ފޯނު ނަގަމުން ޒާޔާ ވިސްނަންފެށިއެވެ. ޝާރިފްއަށް ގުޅަންވީބާއެވެ. ދިލާ އައި ވާހަކަ ބުނަންވީ ބާއެވެ. ޒާޔާއަށް އެއްޗެހިކީ ވާހަކަވެސް ބުނަންވީ ބާއެވެ. ޒާޔާ ދައްކާ ވާހަކަ ޝާރިފް ޤަބޫލުކޮށްފާނެ ހެއްޔެވެ؟ މުޅިންވެސް ޖަވާބުނެތް ސުވާލުތަކެކެވެ.

އެތައް އިރަކު ވިސްނަން އިނދެފައި އަތުގައި އޮތް ފޯނު އެނދު މައްޗަށް އެއްލާލަމުން ޒާޔާ އެނދުގައި އޮށޯވެލިއެވެ.
އެވަގުތު ޝާރިފްގެ އިންޓަރނެޓް މެދުވެރިކޮށް ފޮނުވި މެސެޖެއް ޒާޔާއަށް ލިބުނެވެ. ފޯނުން ނަމްބަރު ބްލޮކް ކޮށްލާފައި އިނުމުން ޝާރިފް އަަށް މެސެޖްކޮށް ގުޅާވެސް ނުހެދޭތީ އެންމެ ފަހުން އިންޓަރނެޓް މެދުވެރިކޮށް ކުރީއެވެ.
ޝާރިފް ބަލަން ބޭނުންވީ ޒާޔާ އެހާ ދުރުވެގެން އުޅޭ ސަބަބެވެ. ޒާޔާ ޖަވާބުގައި ފޮނުވާލީ ދައްކާނެ އިތުރު ވާހަކައެއް ނެތީ ކަމަށެވެ. ނަމަވެސް ޝާރިފް އެދުނީ ބައްދަލުކޮށްފައި ވެގެން އުޅޭ ގޮތް ކިޔައިދިނުމަށެވެ.

ޝާރިފްގެ އެތައް އާދޭހަކާއެކު އެންމެ ފަހުން ޒާޔާ އެއްބަސްވިއެވެ. ހަމައެކަނި ޝާރިފްގެ އާދޭހަކަށް ނޫނެވެ. ޒާޔާވެސް ޖަވާބު ހޯދަން ޖެހޭ ބައިވަރު ސުވާލުތަކެއް ހުރީމައެވެ. އަދި މި ގުޅުން ވަކި ގޮތަކަަށް ނިންމަންވެސް ޒާޔާ ބޭނުންވާތީއެވެ.

ފިނި ފިނި ހިމޭން ދަންވަރުގެ އެވަގުތު ވަރަށް އަމާނެވެ. އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ޝާރިފް އާއި ޒާޔާ ވާހަކަދައްކަން ތިބީ ޒާޔާގެ އަމިއްލަ ކޮޓަރީގައެވެ.
“ޒާޔާ. ވެގެން އުޅޭގޮތެއް ބުނެދީފާާނަންތަ؟” ޝާރިފްގެ މޮޅިވެރި އަޑު އެންމެ ފަހުން ނިކުތެވެ.
“ޝާރިފް. މިކަން މިހާ ހިސާބުން ނިމުނީ. ޝާރިފް ނުލާހިކު ހެޕީ ދިލާއާއި އެކު. އެކަން މަށަށް ވަރަށް ރަނގަޅަށް އެނގިއްޖެ.”
ޒާޔާ އިސްއުފުލާ ޝާރިފްގެ ފުން ދެލޮލަށް ނަޒަރު ހުއްޓާލިއެވެ.
“މިތާގަ މިދައްކަނީ އަހަރުމެން ދެމީހުންގެ ވާހަކައޭ. އިތުރު މީހުން-”
“އޯ. ހާދަވަރެއްވީ. އާން އެހެއްނު ވާނީ. މަށަށް އެ ހޫރުޕަރީގެ ނަންގަނެވިއްޖެ ވިއްޔަ.” ޝާރިފްގެ ވާހަކަ ޒާޔާ މެދުކަނޑާލީ ރުޅި އައިސްގެން ފާޑަކަށް ހަޅޭއްލަވައިގަންނަމުން ނެވެ.
“ކޮން ފާޑެއްތަ ތީ.” ޝާރިފްގެ އަޑުގައިވަނީ ނުރުހުމެވެ. ޝާރިފް ޒާޔާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ޝާރިފް އުޅުނީ ޒާޔާ ގެނެސް މޭގައި ލައްކޮށްލާށެވެ. އެކަމަކު ޝާރިފްއަށް ރުޅި މޫނު ދައްކާލަމުން ޒާާޔާ ޖެހުނީ ދުރަށެވެ. ޒާޔާގެ އެ އަމަލުން ޝާރިފް އިށީނދެގެން އިން އެނދުން ތެދުވިއެވެ. އަދި މަޑުމަޑުން ކޮޓަރިތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަންފެށިއެވެ. ޒާޔާ އިނީ ފަރުވާތެރިކަމާއެކު ޝާރިފްގެ ހަރަކާތްތަކަށް ބަލާށެވެ.
“ޒާޔާ ދެކެ އަހަރެން ވާ ލޯބި ބަޔާންކޮށްދޭނީ ކިހިނެއް.؟” އެތައް އިރެއްގެ ހަމަ ހިމޭންކަމަށްފަހު ޝާރިފްގެ ބުނެލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ޒާޔާގެ ފަރާތުން ނުލިބުނެވެ.
ޒާޔާގެ ހަމަހިމޭންކަމުން ޝާރިފްގެ ހިތަށް ހަމަޖެހުމެއް ނުލިބުނު ކަހަލައެވެ. ޝާރިފް އަނެއްކާވެސް ޒާޔާއާއި ޖެހިގެން އިށީނެވެ.  އިސްޖެހިފައިވާ ޒާޔާގެ މޫނުގައި ދެއަތުން މަޑުމަޑުން ހިފަހައްޓާލިއެވެ.
ޝާރިފްގެ ހޫނު ނޭވާތައް ޒާޔާއަށް އިޙްސާސް ކުރެވޭހާ ވަރަށް ޝާރިފް ޒާޔާގެ މޫނު ކައިރިކޮށްލިއެވެ. ބޭއިޚްތިޔާރުގައި ޒާޔާއަށް ޝާރިފްގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. ޝާރިފްގެ ހަށިގަނޑުން ދުވަމުން ދިޔަ މީރު ވަހާއި ޝާރިފްގެ ބީހިލުން ޒާޔާގެ ހިއްސުތައް ހޭލައްވާލި ކަހަލައެވެ.
ޝާރިފްގެ ކޮންމެ ހަރަކާތަކަށް ޒާޔާ ލަދުން ބޮޑިވެގަނެވެ. ޝާރިފްގެ މޭގެ ހޫނުކަން އިޙްސާސްކުރަމުންނެވެ. މާގިނައިރުތަކެއް ނުވެ ދެހަށިގަނޑު އެއްހަށިގަނޑަކަށްވެ ނިމިއްޖެއެވެ. މުޅި ދުނިޔެއަށްވެސް ސިއްރުންނެވެ.

“ދަނީ އިނގޭ؟” ބޮލުން ޓީޝާޓް ވައްޓާލަމުން ޝާރިފް ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނެގިއެވެ.
“އަހަރެން ނުދާށޭ ބުނެފިއްޔާ ހުންނާނަންތަ؟” ޒާޔާ އޭނާގެ ފޭރާމެއް ނެތް ހަށިގަނޑުގެ ބައެއްގައި ރަޖާ އަޅާލާ ނިވާ ކޮށްލިއެވެ.
“ދާން ޖެހޭނެކަން އެނގޭނު.” އަނެއްކާވެސް ޝާރިފްގެ އަނގައިން ނިކުތީ ޒާޔާ މާ ހިތްހަމަ ޖެހޭކަލަ ޖަވާބެއް ނޫނެވެ.
ހިތަށް ތަދުވި ނަމަވެސް ޒާޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. ޒުވާބުކުރަން ބޭނުން ނުވާތީއެވެ.
“މިގުޅަނީ އިނގޭ ނިކުމެފަ.” ޝާރިފް ޒާޔާގެ ގައިގައި ބައްދާލިއެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނެލަމުން ޒާޔާ ގޮސް ދޮރުހުޅުވިއެވެ.

 

ޝާރިފް ދިޔުމުން ޒާޔާ އެނދުމަތީގައި އޮށޯވެލިއެވެ. ނިތްކުރިމަތީގައި އަތް ބާއްވާލަމުން ޒާޔާ ވިސްނަންފެށިއެވެ. އުޅެ އުޅެވެސް ޝާރިފްއެއް ޒާޔާއަކަށް ދަހެއް ނުވިއެވެ. ކީއްވެ ހެއްޔެވެ؟ ޝާރިފްއާއި ދުރުގައި ހުންނަން ކިހާ މަސައްކަތެއް ޒާޔާ ކޮށްފި ހެއްޔެވެ؟ އެކަމަކު ކޮންމެ ފަހަރަކުވެސް ވަކިނުވެވެނީއެވެ. ލޯބީގެ ހަޤީޤީ މާނަ ޒާޔާއަށް ޝާރިފް ރަނގަޅަށް ދަސްކޮށްދީފި ކަހަލައެވެ. ޒާޔާގެ ދެލޯ ބަރުވެގެން އެސްފިޔަތައް ލެއްޕުނުއިރުވެސް ޒާޔާ ވިސްނަމުން ދިޔަ ވިސްނުމަކަަށް ބަދަލެއް ނާދެއެވެ.

އާދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔާލީ ގަދަ ވަޔާއި ވިއްސާރަޔާ އވެސް އެކުގައެވެ. ނިދިފައި އޮތް ޒާޔާ އަށް ހޭލެވުނީވެސް ވަރަށް ބާރު ގުގުރިއެއްގެ އަޑަށެވެ.
ދޮރު ހުޅުވާލާފައި ރާއިދުވަނީ ތެމިފޯވެގެންނެވެ. ކޮނޑުގައި އޮތް ދަބަސް ޓައިލްސް މަތީގައި ބެހެއްޓުމަށްފަހު ފުރަތަމަވެސް ރާއިދުގެ ލޮލުގައި އަޅައިގަތީ ނިދިފައި އޮތް ޒާޔާއެވެ.
ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރި ކުރުވައިގެން ރާއިދު މަޑުމަޑުން ހިނގާފައި ގޮސް އެނދު ކައިރީގައި ހުއްޓިލިއެވެ. އެވަގުތު ރާއިދު ލޮލުގައި އަޅައިގަތީ ޒާޔާގެ ފޯނުގެ ސްކްރީނަށް އައިސްފައިވާ މިސްޑްކޯލް ތަކާއި މެސެޖްތަކެވެ. ދެބުމަ ގޮށް ޖަހާލަމުން ރާއިދު ޒާޔާގެ ކައިރީގައި ބާއްވާފައި އޮތް ފޯނު ނެގިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް