ސިޔާގެ ކިބައިން ފެންނަމުންދިޔައީ މާޔޫސްކަމާއި ހިތްދަތިކަމެވެ. ނާއުންމީދުގެ ކުލަވަރެވެ. ބިރުގަތުމާއި ޖެހިލުންވުމެވެ.

” ސިޔާ! …. ތިވަރަށް ނުވިސްނަބަލަ. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. މި ނާމާންކަމާއި ނުރައްކަލުން އަހަރުމެން ސަލާމަތްވާނެ. އިންޝާﷲ . ” ސިޔާގެ ބޮލުގައި ފިރުމާލަމުން ފަރުސާން ހިތްވަރު ދިނެވެ.

ފަރުސާންމެނަށް ކުޅުދުއްފުއްޓަށް ދެވުނީ ދިހައެއް ޖަހާކަން ހާއިރުއެވެ. އެއަރޕޯޓުން ނުކުތްއިރު އެމީހުން ބަލައި ފަވާޒު އައިސް ހުއްޓެވެ. ގެއަށް ދިއުމުގެ ކުރިން ނާހިލް ބޭނުންވީ ސިޔާމެން އެބުނާ ގެއެއް ބަލާލާށެވެ. އެތަނަށް ކާރު މަޑުކޮށްލުމާއިއެކު ނާހިލް ފޭބިއެވެ. ނުހަނު ފަރުވާތެރިކަމާއިއެކު އެގެއަށް ނަޒަރު ހިންގާލިއެވެ. ސިއްރުސިއްރުން ކޮންމެވެސް އެއްޗެއް ކިޔަވާލިއެވެ.

ގެއަށް ދިޔައިރު އަޒްފާ ހުރީ ސައި ތައްޔާރުކޮށްފައެވެ. ސިޔާ ފެނުމާއިއެކު އަޒްފާ އައިސް އޭނާއާ ސަލާންކޮށްލިއެވެ. ބޮލުގައި ފިރުމާލަމުން ހިތްވަރު ދިނެވެ.

އަޒްފާގެ ވާހަކަތަކުން އެނގުނު ގޮތުގައި ދަނީންގެ ހާލަތު މިހާރު ރަނގަޅެވެ. މުޅިން ބަރާބަރެވެ.

މަސައްކަތް ފެށުމުގެ ކުރިން ނާހިލް ބައްދަލުކުރަން ބޭނުންވި މީހުނާއި ބައްދަލުކުރިއެވެ. ފަވާޒު ހުރީ އެކަމަށް ތައްޔާރުވެގެންނެވެ. ނާހިލްގެ ވާހަކަތަކަށް އެންމެން ވެސް ސަމާލުކަން ދިނެވެ. އޭނާ ބޭނުންވި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެއްބަސްވިއެވެ. މަސައްކަތް ކުރިޔަށް ގެންދާނެގޮތް ރާވައިލިއެވެ.

އަސްރުނަމާދުން ފައިބައިގެން ނާހިލްމެން ދިޔައީ ދަނީންމެން ކުރިން އުޅުނު ގެއަށެވެ. ނާހިލާއިއެކު ސިޔާ އާއި ފަރުސާން އަދި ފަވާޒު ވެސް ދިޔައެވެ. ރަށުކައުންސިލްގެ ރައީސް އާއި ޕޮލިސްސްޓޭޝަން ހިންގުމާއި ހަވާލުވެހުރި ފަރާތް ވެސް ހާޒިރުވިއެވެ. ރަށު ދެ މިސްކިތުގެ އިމާމުންނާއި ރަށުމަދަރުސާގެ ޤުރުއާން ޓީޗަރު ވެސް ބައިވެރިވިއެވެ. ކުރިމަތިވެގެން އުޅޭ ނާމާންކަމާއި ނުރައްކަލުގެ އަސްލު ގުޅިފައިވި ޕޮއިންޓަކީ އެއީ އެވެ. ސިޔާގެ ވާހަކަތަކުން ނާހިލަށް އެކަން ޔަގީނެވެ.

ދަނީންގެ ކޮޓަރިއެވެ. އެނދުހުރީ ކޮޓަރީގެ މެދުގައެވެ. އުއްޑުން ކަހަލަ ގޮތަކަށް އޮށޯވެލައިގެން އޮތް ސިޔާގެ ދެލޮލެއް ނުހުޅެވެއެވެ. ސިޔާގެ ބޯލާކޮޅުގައި ހުރީ ނާހިލް އެވެ. އޭނާގެ އަތުގައި ފެންތައްޓެއް ހުއްޓެވެ. ދެ އިމާމުން ތިބީ ސިޔާގެ ދެ ފަރާތުގައެވެ. ދެ އިމާމުން އަޑުހަރުކޮށް ޤުރުއާން ކިޔަވަމުން ދިޔައިރު ނާހިލް ވެސް ސިއްރު ސިއްރުން ކޮންމެވެސް ކިޔެވުމެއް ކިޔަވަމުން ދިޔައެވެ. ފަރުސާން ހުރީ ސިޔާގެ ފައި ކައިރީގަ އެވެ. މާޔޫސްކަމާއިއެކު ސިޔާއަށް ބަލަހައްޓައިގެން ހުރި ފަރުސާންގެ ކިބައިން ފެނުނީ ހިތާމަ އާއި ހިތްދަތިކަމެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ކުރިއެރުމެއް ނުފެނުނަސް ނާހިލަށް އުންމީދު އޮތެވެ. ކާމިޔާބު ވާނެކަމުގެ ޔަގީންކަން އޭނާއަށް ބޮޑެވެ. އެހީތެރިން ތިބީ އޭނާއާއެކުގައެވެ. އެންމެ ތަންކޮޅެއް ވެސް ދޫކުރަން އެމީހުން ބޭނުމެއް ނޫނެވެ.

އުދަލި ހިފައިގެން އައި ދެ ދިވެހިން ގިފިއްޔަށް ވަނެވެ. އެމީހުނާއިއެކު ޤުރުއާން މުދައްރިސް ވެސް އެތަނަށް ވަނެވެ. ކައުންސިލްގެ ރައީސާއި ޕޮލިހުންގެ ވެރިޔާ ތިބީ ގޯތިތެރޭގައެވެ. އެމީހުނާއި އެކުގައި ފަވާޒު ވެސް ހުއްޓެވެ.

ގިފިލިތެރޭގައި ހުރި ދެރުކުގެ ފަންތަކަށް ހެލުން އައެވެ. އެ ހެލުން ފަހަރަކަށްވުރެ ފަހަރެއް ބާރުވާހެން ވެސް ހީވިއެވެ. ޤުރުއާން ޓީޗަރު ހުރީ ޤުރުއާން ކިޔަވާށެވެ. އޭނާގެ އިޝާރާތް ބަލާލަބަލާލަ އަނެއް ދެމީހުން ތިއްބެވެ.

ސިޔާ ވާހަކަ ދައްކަން ފެށިއެވެ. މަޑުމަޑުން ސިއްރު ސިއްރުންނެވެ.

” މަ އޭރުވެސް ބުނިން ތިކަން ތިހެން ނުކުރާށޭ .. ތީތި ކަޑައޭ … ތީތި ވޯކެއް ނުކުރާނެއޭ … އެކަމު … މަމީ ނުކިޔަވާހުރި މީހާ ވީމަ … ރާއްޖެތެރޭމީހާ ވީމަ … ދައުލަތުން މުސާރަދޭ ބޮޑުމަގާމެއް ނެތްމީހާ ވީމާ … ދަރިން ލިބި ދަރިން މީހުނާއި އިންނަ އުމުރަށް ދިޔާމަ ނުކުމެ …. ގިރިޓީ ލޯބިން ދައްކާދަޅައިން ބަލިބަލި ހިތްތައް ބުރުއްސައިފިއޭ .. އިސްގީ ފިސްތޯލަ މެޔަށް މީޒާން ވުމުން މެޔަށް މީޒާން ވުމުން. މިސްރާބުން އޭގެ ވަޒަން ސީދާވުމުން …. ވަޒަން ސީދާވުމުން … ވިސްނުން ލޯތްބާއިމެދަށް ދޫކޮށްލުމުން … ނަނާ ދޫކޮށްލުމުން … ގިސްލާ ރޮއިރޮއި ހުއްޓާ މިހެން އެކިއެކި ގުނަވަންތައް ތޮރުފައިފިއޭ … އަދުގާ ނެތޭ ލިބުމެއް އުފަލެއް މަށަށް … ތަދުކޮށް އަތުން ލޯބީގެ ގުނަވަންތަކަށް. ކީމަ ޅެމުން ލިބެންވާ ފަރުވާއެއް ނުލިބޭނެއެއްނު. ތީތި ކަޑައޭ. ބަދަލުކޮށްލަބަލަ ” ސިޔާ ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ނާހިލް އިންޒާރު ދިނުމުންނެވެ.

” ބޭކާރު ވާހަކަދައްކައިގެން ވަގުތު ނަގާލަން މަސައްކަތް ނުކުރޭ. އަހަރެން މިމަސައްކަތް ހުއްޓައެއް ނުލާނަން. ސުލްހައިގަ ކުރިޔަށް ނުދަންޏާ ބާރުގެ ބޭނުންކޮށްގެން ވެސް މިކަން ނިންމާނަން. އިންސާﷲ . ” ނާހިލްގެ އިންޒާރާއިއެކު ސިޔާ ދިޔައީ ތެޅިގަނެގެންނެވެ.

އެތައް އިރެއްގެ ހަމަހިމޭންކަމަށްފަހު އަނެއްކާ ވެސް ސިޔާ ވާހަކަ ދައްކަން ފެށިއެވެ.

ޝަމާއިލްގެ ލޯތްބަށް އެދި ދަނީން ކުރި އާދޭސް ޝަމާއިލް ގަބޫލެއް ނުކުރިއެވެ. އޭނާ ދިން ދަޢުވަތު ބަލައެއް ނުގަތެވެ. ޝަމާއިލާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބޭތޯ ބަލަބަލަ ހުރި ދަނީނަށް އެފުރުސަތު ލިބުނީ އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތު ވަލުފަރާތު ވިނަ ކައިރިންނެވެ. ކޮންމެ ނަތީޖާއެއް ދެއްކިޔަސް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ދަނީން ބޭނުންވިއެވެ. ޝަމާއިލްގެ ފުރަގަހުން ގޮސް ދަނީން ބައްދައިގަތެވެ. ލޯތްބަށް އެދި އާދޭސްކުރިއެވެ. ޝަމާއިލަށްޓަކައި އޭނާ ވެފައިހުރި ވަރު ކިޔައިދިނެވެ.

ޝަމާއިލާއި ދަނީންގެ މެދުގައި ލޯބީގެ ގުޅުން ފެށުނީ އެހިސާބުންނެވެ. ނާމާންކަމާއި ނުރައްކަލުން ފުރިގެންވީ އިރުއޮއްސުނު ވަގުތު އެވެ. ބައްދަލުވުންތައް ބާއްވަމުން ދިޔައީ އެންމެންގެ ލޯތަކަށް ސިއްރުންނެވެ. މީހުން ނޫޅޭ ފަޅުގެތަކާއި ގަސްބޯ ވިނަތަކު ތެރޭގައެވެ. މަޣުރިބު ނަމާދާއި އިސާނަމާދާ ދޭތެރޭގައެވެ.

ދަނީން ރައްމެދަށް ބަލިވެ އިންކަން އެނގުނީ އޭނާގެ މަންމަ ޖުމޭނާ އަށެވެ. އޭނާ ބޭނުންވީ މިހާރުން މިހާރަށް އެކަމުން ދަނީން ސަލާމަތްކޮށް ދުނިޔޭގެ ލަދުން ސަލާމަތް ކުރާށެވެ. އޭނާ އެކަން ކުރިއެވެ. ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ވިސްނާ ނުލެވުނުއިރު ކުޅެވުނީ ކިހާ ނުރައްކާތެރި މަޚްލޫޤަކާއި ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ހިތުން އެއީ ޝަމާއިލްގެ ދަރިއެކެވެ. ޖުމޭނާ ބޭނުންވި ފަދައިން ދަނީން އެކަމުން ސަލާމަތް ވިއެވެ. ޝަމާއިލާއި ދުރަށް ދިޔައެވެ.

ދަނީންގެ ބަނޑުން އުފެދުނީ އިންސާނެއްގެ ދަރިއެއް ނޫނެވެ. ދަނީނާއިއެކު އެދަރި ހިއްސާކުރަނީ އެހެން މަޚްލޫޤެކެވެ. ޖުމޭނާގެ އެޢަމަލުގެ ސަބަބުން އެމަޚްލޫޤުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޖުމޭނާ މަރާލީ އެމަޚްލޫގެވެ. ބަދަލު ހިފީއެވެ. މަރަށް މަރުހިފީއެވެ.

ދަނީނާއި އެމަޚްލޫޤުގެ މެދުގައި އަނެއްކާ ވެސް ލޯބީގެ ގުޅުން ފެށުނެވެ. ކުރިއެކޭ އެއްފަދައިން މިފަހަރު ވެސް އެމީހުންގެ ލޯބީގެ މަންޒިލަކަށްވީ ފަޅުގެތަކާއި ގަސްބޯ ވިނާތެރެއެވެ. އެންމެންގެ ލޯތަކަށް ސިއްރުންނެވެ. އިރުއޮއްސޭ ވަގުތާއި ދިމާކޮށެވެ. ޝަމާއިލްގެ ސިފާގައި ހުރި އެމަޚްލޫޤު ދެއްކި ކޮންމެ ވާހަކައެއް ދަނީން ގަބޫލުކުރިއެވެ.

ރާފިއު މަސައްކަތް ކުރީ އެމަޚްލޫޤު މަރާލާށެވެ. ކޮންމެ ގޮތަކުން ނަމަވެސް އެކަމުން ސަލާމަތް ވާށެވެ. ދަނީން ހުއްޓުވާށެވެ.

އެ މަޚްލޫޤު ހުރީ ދަނީނާއިހެދި މޮޔަވެފައެވެ. ކޮންމެ ގޮތަކުން ނަމަވެސް ދަނީންގެ ލޯބި އެމަޚްލޫޤު ބޭނުންވިއެވެ. ދަނީންގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަރާމް ބީވާކަށް އެ މަޚްލޫޤު ބޭނުމެއް ނުވިއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އެ މަޚްލޫޤު ބެލީ ދަނީންގެ ލޯބި ލިބޭތޯ އެވެ. އެ އަރާމާއި އުފަލަށް އެ މަޚްލޫގު ހުރީ ދެވިހިފާފައެވެ.

ލިބެމުންދިޔަ ކާމިޔާބަށް ހުރަހެއް އެޅިދާނެކަން ޔަގީންވީ ހިސާބުން އެމަޚްލޫޤުގެ ވިސްނުން ބަދަލުވިއެވެ. ދެވެން އޮތް އެންމެ ލުއިފަސޭހަ މަގު އިހްތިޔާރުކުރިއެވެ. ތަކުރުގެ ސިފާގައި އުޅެމުންދިޔައީ އެމަޚްލޫޤު ނަމަވެސް އެހެން މީހަކަށް އެކަމެއް ނޭނގެއެވެ. އޭނާގެ ކިބައިން ފެނުނު ބަދަލުން ވެސް ސައްކެއް ނުވިއެވެ. އެފަދަ ކަމަކާއި ވިސްނާލި މީހަކު ވެސް ނެތެވެ. ރާފިއު މަސައްކަތްކުރީ ގިފިލިތެރޭގައި އިންދާފައި ހުރި ދެރުއް ނަގާށެވެ. އެތަން ކޮނެފިނަމަ އެހެން ކަމެއް ފެންމަތިވާނެއެވެ. އެ މަޚްލޫޤަށް ހުޅުވިފައިވާ އަމާން މަގު ބަންދުވާނެއެވެ. އަބަދުގެ އަބަދަށް ދަނީން ގެއްލޭނެއެވެ. އެގޮތް ވާކަށް އެމަޚްލޫޤު ބޭނުމެއް ނޫނެވެ. ރާފިއުގެ ދުވަސް ދުއްވާލުން ނޫން އެހެން ގޮތެއް އެމަޚްލޫޤަކަށް ނެތެވެ. ކިތަންމެ ބޮޑު ހުރަހެއް ކުރިމަތިވި ނަމަވެސް ދުއްވާލަން އެ މަޚްލޫޤު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އެކަމުގައި އޭނާ ކާމިޔާބުތައް ހޯދިއެވެ.

ޝަމާއިލާއި ސަމްރާގެ މެދުގައި އޮތް ލޯބީގެ ގުޅުން އެނގުނު ހިސާބުން ދަނީންގެ ވިސްނުން ބަދަލުވިއެވެ. ސަމްރާއާމެދު ހިތްހަމަ ނުޖެހުނެވެ. ޝަމާއިލް ދެކެ ރުޅިއައެވެ. އޭނާގެ މަންމަ ދެއްކި ވާހަކަތައް އަނެއްކާ ވެސް ހަނދާންވިއެވެ. ހިތް ނޭދުނު ނަމަވެސް ޝަމާއިލާއި ދުރަށް ދިޔައީ ދަނީން އަމިއްލައަށެވެ. އޭނާ ހޯދާކަށް އޭނާއާ ބައްދަލުކުރާކަށް ޝަމާއިލް ނޫޅެއެވެ. އެހިސާބުން ހުރިހާ ކަމެއް ދަނީނަށް ޔަގީންވިއެވެ. ޝަމާއިލް އުޅުނީ ދަނީންގެ ކިބައިން ބަދަލުހިފާށެވެ. ރަށުތެރެއަށް ބަދުނާމް ކޮށްލާށެވެ. އެކަން ކާމިޔާބު ނުވުމުން ހިތްހަމަ ނުޖެހުނީއެވެ. އަވަހަށް ދުރަށް ދިޔައީއެވެ.

ޝަމާއިލްއާ ވަކިވާން ޖެހުމުން ލިބުނު ހިތާމަ އާއި ހިތްދަތިކަމަށް މާގިނަ ދުވަހެއް ނުވަނީސް އަދުލީ އާއި ދަނީންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނެވެ. ޝަމާއިލްއެކޭ އެއްފަދައިން އަދުލީ ވެސް ބޭނުންވީ އެ ލޯބީގެ ގުޅުން ސިއްރު ގުޅުމެއްގެ ގޮތުގައި ކުރިޔަށް ގެންދާށެވެ. ލޯބީގެ މަންޒިލަކަށް ދަނީންމެން ކުރިން އުޅުނު ގެ ހަމަޖެއްސީ އަދުލީއެވެ. ހާލަތަށް ބަލާއިރު އެތަނަށް ދާން ދަނީން ބޭނުން ނުވިޔަސް އެއަށްވުރެ އަދުލީގެ ލޯބީގެ ބާރު ގަދަވިއެވެ.

އަދުލީ އާއި ދަނީން ކޮންމެ ރެއަކު އިރުއޮއްސޭއިރު އެގެއިން ބައްދަލުކުރެއެވެ. ލިބުނު މިނިވަންކަމާއި އަމާންކަމުގެ ފައިދާ އަދުލީ ނެގިއެވެ. ދަނީން އެކަމަށް ރުހުނެވެ. އެއުފަލާއި ހިތްހަމަ ޖެހުން ދަނީން ވެސް ބޭނުންވިއެވެ.

އަދުލީ ފުރައިގެން ދިޔައީ ދަނީނަށް ނުވެސް އެނގިއެވެ.

ދަނީންގެ ލޯތްބަށް އެދި އާދޭސް ކުރަމުންދިޔަ ނާއިދުގެ ލޯބި ދަނީން ގަބޫލުކުރީ އޭނާގެ މާމަ ދިން ނަސޭހަތާއި ވެސް އެކުގައެވެ. ދުނިޔެއުމުރު އެކުގައި އުޅޭށެވެ. ކުރިން ކުރެވުނު ތަޖުރިބާއަށް ބަލައި ކައިވެނި އަވަސްކުރަން ނިންމައިގެންނެވެ. ތެދުވެރިކަމާއި ވަފާތެރިކަމުގައި ނަމޫނާ ދެއްކުމަށް ހިތު އަޅައިގެންނެވެ.

އަދުލީ ރަށަށް އައީ ނާއިދު ރަށުން ބޭރުގައި ހުއްޓައެވެ. އަދުލީ ފެނުމާއިއެކު ދަނީންގެ ހިތަށް ގޮތްތަކެއް ވިއެވެ. ވާހަކަ ދައްކާލަން ހިތް އެދުނެވެ. އޭނާއާ މެދު އެހާ އިހާނެތިކޮށް ކަންތައްކުރީ ކީއްވެގެންކަން ސާފުކުރާށެވެ. އޭނާއާ ނާއިދުގެ ކައިވެނީގެ ވާހަކަ ދައްކައި އަދުލީ ދެރަ ކޮށްލަން ވިސްނިއެވެ. އޭނާ ދިން ލަނޑުން ލިބުނީ މޮޅަށް ކަމަށް ބުނަން ހިތް އެދުނެވެ.

ދަނީނާއި އަދުލީ ބައްދަލުކުރީ އަދުލީ ބޭނުންވި ގޮތަށް ބޭނުންވި ތަނުގައެވެ. ހިނގިކަމެއް ހިނގައި ދިޔައީ ދަނީން އެ ފުރުސަތު ދިނީމައެވެ. އެކަމަށް އޭނާގެ ހިތް ވެސް އެދުނީމައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.