“އަނިޔާކުރުމާ އަހަރެން ދެކޮޅު” ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިނަކާއެކު ފިލްމު”ކަމަނާގެ” ޕޯސްޓަރު 27 ޖޫން 2024ގައި އާއްމުކޮށްފިއެވެ.

ސޯޝަލް މީޑިއާގެ ދެ މަންސައެއްކަމަށްވާ ޓިކްޓޮކާއި އިންސްޓަރގްރަމްގައި ގެވެށި އަނިޔާއާ ދެކޮޅަށް ވާހަކަ ދައްކައި, ހޭލުންތެރި ކުރުވުމުގެ ވީޑިއޯ ކްލިޕްތަކެއް ނެރުމާއެކު “ކަމަނާ” ގެ ޓީމުންވަނީ އާއްމުންވެސް އެފަދަ ކްލިޕްތައް ތައްޔާރުކޮށް ޕޯސްޓްކުރުމަށް އިލްތިމާސްކޮށްފައެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމު އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ 27 އޯގަސްޓް 2024ގައެވެ.

“ކަމަނާ”ގެ މައުލޫމާތު

ކަމަނާ” މި ފިލްމް ފެށެނީ ހއ. މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން, ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުންނެވެ. ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ.

ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދެއެވެ.

މި ފިލްމުގައި އަނތްބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ އެވެ. މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލު ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މީގެ އިތުރުން މިއީ އައްޒަގެ ފިލްމީ ކެރިއަރގައި އޭނާ ފެނިފައި ނުވާފަދަ ރޯލެއް ފެނިގެންދާނެ ފިލްމެކެވެ.

މި ފިލްގައި ހައިދަރުގެ ބައި އަދާކުރަނީ ޔޫސުފް ޝަފީއު(ޔޫއްޕެ) އވެެ. މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި އާޝާ ފެނިގެންދާނީ ފިލްމުގެ މުޅި ނެރެޓިވް އޭނާ ބޭނުން ގޮތަކަށް އަނބުރާލާ މުހިއްމު ރޯލަކުނެވެ. މި ތިން ބައިވެރިންގެ އިތުރުން, ދަރާ ރަޝީދު, މުހައްމަދު މަނިކު އަދި ނަތާގެ ކެރެކްޓަރތަށްވެސް ފިލްމު ކުރިޔަށް ގެންދިއުމުގައި މުހިއްމު ރޯލްއެއް އަދާކުރެއެވެ.

މި ފިލްމު ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ އިންނެވެ. ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު “ލޯބިވެވިއްޖެ” ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ.

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. މުނައްވަރު ވަނީ މީގެކުރިން ދިވެހި ފިލްމު “ސަޒާ” އަދި “ދިލަކަނި” ޑައިރެކްޓްކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.