ނިމިދިޔަ ދިޔަ އަޟްޙާ ޢީދުގައި ދިވެހި ފިލްމީ ފަންނާނުން އަތޮޅުތެރޭގެ ރަށްރަށުގައި ދިން ފޯރިގަދަ ޝޯތަކުގެ ހުރިހައި ރަހަތައް ހިމަނައިގެން “ތަރިންގެ ރޭ”ގެ ނަމުގައި ވަރުގަދަ ދެ ޝޯ ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި ޖުލައި މަހުގެ 25 އަދި 26 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސްޓޭޖްގައި ބާއްވާ މި ޝޯއަކީ ދިވެހި ފިލްމީ ފަންނާނުންގެ ތެރެއިން ގިނަ އަދަދެއްގެ ފަންނާނުން ގުޅިގެން ކުރިއަށް ގެންދާ ޝޯއެކެވެ.

“ތަރިންގެ ރޭ” ޝޯއަކީ ފަތުމަތު ނަހުލާ އާއި އެކު ބައެއް ތަރިންތަކެއް ވާހަކަ ދެކެވިގެން އިންތިޒާމުކޮށްފައިވާ ޝޯއެކެވެ. ޝޯގެ މައިގަނޑު މަގުސަދަކީ ޢީދު ޝޯތަކުގައި ރަށްރަށުގައި ފަންނާނުން ހުށައެޅި ވަރުގަދަ ހުށައެޅުންތައް ހިމަނައިގެން އެއަށްވުރެންވެސް ވަރުގަދަ ޝޯއެއް މާލޭ އޭރިއާގައި ދިރިއުޅޭ ފަރާތްތަކަށް ދައްކައިލުން ކަމަށް މި ކަމުގައި ހަރަކާތްތެރިވާ ފަންނާނުން ބުންޏެވެ.

ޝޯގެ ޓިކެޓް ބްކިން މިމަހު 2ވަނަ ދުވަހު ހަދަން ފަށާފައިވާއިރު، މިހާރުވެސް ގިނަ އަދަދެއްގެ ޓިކެޓް ބްކްކޮށްފައި ވާކަމަށް މިކަމުގައި އިސްވެ ހަރަކާތްތެރިވާ ފަންނާނުންގެ ފަރާތުން ފާތިމަތު ނަހުލާ މުނިއަވަސްއަށް ބުންޏެވެ. މި ޝޯތައް ސްޕޮންސަރކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވައިލެވިފައެވެ.

ޓިކެޓް ބްކިން ހެދުމަށް 7420021 އަށް ޑީއެމްއެއް ކޮށްލައިގެން ކުރިއަށްދެވޭނެ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އަދި ޝޯ ސްޕޮންސަރކުރުމަށް ގުޅުއްވާނީ 7734533 / 7782484 ނަންބަރަށެވެ.

މި ޝޯތަކުގެ ޓިކެޓްގެ އަގުތަކަކީ 200 ރުފިޔާ އަދި 300 ރުފިޔާ އެވެ. 300 ރުފިޔާއަށް ވިއްކަނީ ފުރަތަމަ ހަތަރު ބަރީގެ ޓިކެޓްތަކެވެ. ދެން ހުރި ޓިކެޓްތަކުގެ އަގުތައް އުޅެނީ 200 ރުފިޔާއަށެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ފިލްމީ ފަންނާނުން ހުށައަޅާ ޝޯތަކަށް ވަރަށް ބޮޑު ތަރުހީބެއް އަބަދުވެސް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިފަދަ ޝޯއެއް މާލޭގައި ބާއްވާ މާލޭ އޭރިއާގައި ތިބި ފަރާތްތަކަށް މުނިއަވަސްފިލުވުމުގެ ވަރުގަދަ ހަރަކާތެއް ގެނެސްދިނުމަށް ފިލްމީ ފަންނާނުން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ.

މިފަދަ ޝޯއެއް ފިލްމީ ފަންނާނުންގެ ފަރާތުން މާލޭގައި ނުބާއްވާތާ އެތަކެއް އަހަރުތަކެއް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.