ޕާކިސްތާނުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫގައި ސޫރަތުއް ރަޙްމާން ޖަހައިގެން ބަލިމީހުންނަށް ފަރުވާދެމުން އަންނަތާ ދެތިން ހަތަރު އަހަރެއް ވެއްޖެ އެވެ. މި ކަމުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ޕާކިސްތާނުގެ ނޫސްތަކާއި ޗެނަލްތަކުގެ ފަލަ ސުރުޚީއަށް އަރަމުން އަންނަތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ.

މުސްލިމުންގެ މައްޗަށް މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ބާވައިލެއްވި އެކަލާންގެ ވަޙީގެ ބަސްފުޅުތަކުން ކީރިތި ޤުއާނުގެ އައްރަޙްމާން ސޫރަތް އައިސީޔޫގައި ޖަހައިގެން ބަލިމީހުންނަށް އަވަސް ޝިފާ ލިބެމުން އަންނަކަން ފާހަގަ ކުރެވެއެވެ. މިއީ މާބޮޑު ހައިރާންކަމެއް ލިބެންވީ ކަމެއް ނޫނަސް، މި ޚަބަރަކީ މުސްލިމުންނަށާއި މުޅި މި އުއްމަތަށް ރަނގަޅު މެސެޖެއް ދެމުން އަންނަ ޚަބަރެކެވެ.

ކީރިތި ޤުރުއާނަކީ ހުރިހައި ބައްޔެއްގެ ޝިފާއެއްގެ ގޮތުގައި ބާވާލައްވާފައިވާ ފޮތެކެވެ. އެހެންކަމުން، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ހޮސްޕިޓަލުތަކުގައި ތިބޭ ބަލިމީހުންގެ ކަންފަތަށް އިވެމުން ދިޔުމަކީވެސް އެ ޤުރުއާނުން ޝިފާ ލިބޭނެ ކަމެއް ކަން އަހަރެމެން މުސްލިމުންނަށް އެނގެއެވެ.

ޕާކިސްތާނުގެ ލާހޫރު ހަސްފަތާލެއްގެ އައިސީޔޫގައި ކޯމާގެ ހާލަތުގައި އޮތް ފައިސަލަށް ޑޮކްޓަރީ ބޭސްފަރުވާގެ އިތުރުން ދުވާލަކު ތިން ފަހަރު ސޫރަތުއް ރަޙްމާން އަޑު އިއްވަމުން ގެންދިޔައެވެ. ފައިސަލް ގެ ބައްޔަށް ޝިފާ ލިބުމަށް މާގިނަދުވަހެއް ނުނެގި އެވެ.

https://www.youtube.com/watch?v=jS8OcVftbF0

މިހާރު ކޯމާއިން ނިކުމެވިފައިވާ ފައިސަލް ބުނީ ޤުރުއާން އަޑުއެހުމުން ހިތަށް ހަމަޖެހުން ލިބޭކަމަށެވެ. ބައްޔަށް ބޭސްކާ ފަދައިން ޤުރުއާނަކީވެސް ރަނގަޅު ފަރުވާއެއްކަމަށް އޭނާ ބުންޏެވެ.

ހޮސްޕިޓަލުން ވާހަކަދެއްކި އޮފިޝަލެއް ބުނީ އައިސީޔޫ ގައި ޤުރުއާން ޖަހަމުން ގެންދަނީ ތަރުޖަމާ ނުހިމެނޭ ގޮތަށް ހަމައެކަނި ޤުރުއާނުގެ އާޔަތްތައް އެކަންޏެވެ.

“ހެނދުނާ، މެންދުރާ އަދި ހަވީރު ވެސް މި އައިސީޔޫގައި ހަމަ ކޮންމެ ދުވަހަކު އަހަރެމެން ޤުރުއާން ޖަހަމު. ޤުރުއާނުގެ އަޑު ހަފުތާގެ ކޮންމެ ދުވަހެއްގައިވެސް އެހުމަށް އަހަރެމެން ރިކޮމެންޑް ކުރަން.”

ޑޮކްޓަރުން ބުނާގޮތުން ޒަހަރު ކައިގެން މަރުބައްޔާއި ހަނގުރާމަ ކޮށްކޮށް އައިސީޔޫގައި ތިބި ކިތަންމެ ބަޔަކު ސޫރަތުއް ރަހްމާނުގެ އަޑު އިއްވައިގެން ރަނގަޅުކުރެވިފައި ވާކަމަށެވެ. މީގެ އިތުރުން ހެޕަޓައިޓިސް އާއި ކެންސަރު ފަދަ މަރު ބަލީގައި ތިބި ބަލިމީހުންނަށް ވެސް ޝިފާ ލިބެމުން އަންނަކަމަށް ޑޮކްޓަރުން ބުނެއެވެ.

“ހަފުތާގެ ކޮންމެ ދުވަހަކު ތިން އިރު ސޫރަތުއް ރަހްމާން އިއްވުމުން މި ވާގޮތަކީ ޤުރުއާން ކިޔަވާ އަޑުގައި ހުންނަ ވައިބްރޭޝަން ގެ ސަބަބުން ބަލިމީހާގެ ހަށިގަނޑުގައި އިތުރު ހަކަތަ އެއް އުފައްދަނީ. އެހެން ތިބޭ މީހުންގެ ހަށިގަނޑުގެ ސެލްތަކުގެ މައިޓޯކޮންޑްރިއާ އަށް ގެންލުން ލިބިފައި ތިބޭ ބަލިމީހުންގެ ސެލްތަކަށް އޮކްސިޖަން ނުލިބުނަސް އެ ފަދަ ސެލްތައްވެސް މަރާާމާތުކޮށްދިނުމުގެ މަސައްކަތް މި ވައިބްރޭޝަން ގެ އެހީގައި ކޮށްދޭ.” ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ‘ސަރވިސަސް ހޮސްޕިޓަލް’ ގެ ޚާއްޞަ ޑޮކްޓަރެއް ވިދާޅުވި އެވެ.

ސޫރަތުއް ރަހްމާން އަދި ކީރިތި ޤުރުއާނުގެ ހަމަ ކޮންމެ ސޫރަތަކީވެސް ބަލިތަކަށް އޮތް ޝިފާއެކެވެ. އެހެނީ ބަލިތަކަށް ޝިފާ ދެއްވަނީ މާތްﷲ އެވެ. އެކަލާންގެ ވަހީ ބަސްފުޅުގައިވާގޮތުން ކީރިތި ޤުރުއާނަކީ ހަމަ ކޮންމެ ބައްޔަކަށްވެސް އޮތް ޝިފާއެކެވެ.

ޕާކިސްތާނު ފަދަ ޤައުމެއްގެ ހޮސްޕިޓަލް ތަކުގައި ޑޮކްޓަރީ ފަރުވާގެ އިތުރުން ކީރިތި ޤުރުއާނުން ބަލިމީހުންނަށް ޝިފާ ހޯދައިދެމުން އަންނައިރު، އަޅުގަނޑުމެންފަދަ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ހޮސްޕިޓަލް ތަކުގައި މިކަމަކީ މިހާރުން މިހާރަށްވެސް ފަށަން ޖެހޭ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.