27 އޯގަސްޓް 2024ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު “ކަމަނާ”ގެ ރަސްމީ ޓްރެއިލާ މިއަދު އާއްމުކޮށްފިއެވެ.

އާއްމުކޮށްފައިވާ ޓްރެއިލާއިން ހިތްދަތި އަދި ނޭވާހިފަހައްޓައިލަން ޖެހޭ މަންޒަރުތަކެއް ފެންނައިރު ލޮލުން ފެން ހިލުވައިލާނެ މަންޒަރުތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ “ކަމަނާ” ފިލްމުގެ ލީޑް މަރިޔަމް އައްޒަ މި ފިލްމުން ފެނިގެންދާނީ ބުރުގާ އަޅައިގެން އުޅޭ އަންހެނެއްގެ ގޮތުގައެވެ. 

ފިލްމު “ކަމަނާ”ގެ މުހިންމު ތަރިންގެ ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު(ޔޫއްޕެ) މަރިޔަމް އައްޒަ، ރަޝްފާ (އާޝާ)، ދަރާ ރަޝީދު، މުހައްމަދު މަނިކު އަދި ނަތާ ހިމެނެއެވެ.

އާއްމުކޮށްފައިވާ ޓްރެއިލާއިން ފެންނަ ގޮތުން އައްޒަގެ ފިރިއެއްގެ ރޯލުކުޅެނީ ޔޫއްޕެ އެވެ. އައްޒައަށް ކުރިމަތިލާން ޖެހޭ ގެވެށިއަނިޔާތައް ދޭ މަޒުލޫމަކީ ޔޫއްޕެއެވެ. އެހެންކަމުން މި ފިލްމުގައި ޔޫއްޕެ ލީޑްކުޅެފައިވަނީ ނެގެޓިވް ރޯލަކުންކަމަށް ބެލެވެެެއެވެ.

އައްޒައަށް ކުރިމަތިލާންޖެހޭ އަނިޔާތަކާއި ހިތްދަތިކަން މި ފިލްމުން އޭނާ ވަރަށް މޮޅަށް ދައްކައިދޭނެ ކަން މި ޓްރެއިލާއިން އެކަނިވެސް ހެކިކޮށްދެއެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު “ލޯބިވެވިއްޖެ” ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ.

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. މުނައްވަރު ވަނީ މީގެކުރިން ދިވެހި ފިލްމު “ސަޒާ” އަދި “ދިލަކަނި” ޑައިރެކްޓްކޮށްފައެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.