15 ސެޕްޓެމްބަރު 2024ވަނަ ދުވަހުގެ ރެއަކީ އޮލިމްޕަސް އިސްކްރީނުގައި ފިލްމު “އުދަބާނި 2” ޕްރިމިއާކުރާނެ ތާރީޚީ ރެއެވެ. މިއީ އޮލިމްޕަސް އިސްކިރީނުގެ ތާރީޚުގައި މީގެ ކުރިން އެންމެ ގިނަ ޝޯތަކެއް ދެއްކި ފިލްމު ތަކުގެ ލިސްޓުގައި ހިމެނޭ “އުދަބާނި”ގެ އައު ވާހަކަތަކެއް ކިޔައިދޭނެ ފިލްމެކެވެ.

ފިލްމު ޕްރިމިއާކުރަން ބަރާބަރު މަސްދުވަހަށް ވެފައި ވަނިކޮށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިވަނީ އައު ޕޯސްޓަރަކާއެކު ފިލްމުގެ ކުރު ޚުލާސާއެއް އާއްމުކޮށްފައެވެ. އާއްމުކޮށްފައިވާ ޕޯސްޓަރުން ފެންނަނީ ލަތާފާގެ ކެރެކްޓާރއިން ފެނިގެންދާނެ ސުހާ އަދި ލާމިއުގެ ކެރެކްޓާރއިން ފެނިގެންދާނެ އަޙްމަދު އީސާ (އާނަންދު)ގެ އިތުރުން މި ފިލްމުގައި އުޅޭ ރޫޙާނީ މަޚްލޫޤުގެ ރޯލުން ފެނިގެންދާނެ ހާމިދު އެވެ.

“އުދަބާނި 2” ގެ ކުރު ޚުލާޞާ

ލަތާފާ އާއި ލާމިއު ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށައިގެން ރަށުގައި އުޅެވޭ ގޮތެއް ނުވެއެވެ. ރޫޙާނީ މަޚްލޫޤު އުނދަގޫކުރާތީ އެވެ. އެހެންކަމުން އެ ދެމަފިރިން ލާމިއުގެ ބައްޕަގެ ރައްޓެއްސެއް ކަމަށްވާ އިބްރާހީމްބެގެ ރަށް ނ. ލަންދުއަށް ދިރިއުޅުން ބަދަލުކުރެއެވެ. އެރަށަށް އައިސް ލާމިއު ވަޒީފާއަދާކުރާނީ އިބްރާހީމްގެ ފިހާރައިގައެވެ. އެ ފިހާރައިގައި ދެން އުޅޭނީ ޝަރީފު ކިޔާ އެ ރަށުގެ ޒުވާނެކެވެ. ޝަރީފާއި ލާމިއު ވަރަށް ގާތް ދެ ރައްޓެހިންނަށް ވާނެ އެވެ. ލާމިއުމެން އެ ރަށުގައި އުޅެމުން ދަނިކޮށް، އެ ރަށުން ލަތާގެ ބައްޕަ އާދަންފުޅާ ވަރަށް ވައްތަރު މީހަކު ފެނެއެވެ. ފަހުން އެނގޭ އިރު، އެއީ އާދަންފުޅުގެ ކޮއްކޮ މޫސާފުޅެވެ. ލަތާފާގެ ބޮޑުބެއެވެ. އޭނާ އެ ރަށުގައި އުޅެމުން ދާނީ ވަރަށް ނިކަމެތި ހާލެއްގައެވެ. އެހެންކަމުން އޭނާގެ ކަންކަން ފަހުން ބަލަހައްޓާނީ ލަތާފާ އެވެ.

އެއް ދުވަހަކު ފިހާރައިގައި އުޅޭ ޝަރީފު އައިސް ލަތާފާ ގާތުގައި އޭނާގެ އުނަގަނޑުގައި އޮތް ތަވީދު ނަގަން ބުނާނެ އެވެ. އެ ކަހަލަ ތަވީދު އަޅައިގެން އުޅޭ ނަމަ ސިހުރަށް ބަދަލުވެ އޭގެ ސަބަބުން ލިބިދާނެ ގެއްލުންތަކެއްގެ ވާހަކަ ކިޔައިދީ ބިރުގަންނަވައިލުމުން، އެ ވާހަކަތަކަށް ހެއްލި ލާމިއަށް ނާންގައި، އޭނާ އެ ތަވީދު ނަގާފައި އޭގެ ބަދަލުގައި ޝަރީފު ދޭ ތަވީދެއް އަޅައެވެެ. އެއީ ލާމީއަށް އެކަން ސިއްރުކުރާށެވެ. އެހައިތަނުން ލަތާގެ ހިތުގައި ޝަރީފަށް ޚާއްޞަ މަޤާމެއް ދެވެން ފަށައެވެ. ލާމީ ދެކެ ވަމުން އައި ލޯބި ފަނޑުވާން ފަށައެވެ. ލާމީއަށް ވެސް މިކަން ފާހަގަވެއެވެ.

އެންމެ ފަހުން ލާމީ މަތިން ލަތާ މުޅިން ފޫހިވެ ވަރިއަށް އެދެން ފަށައެވެ. އޭރު ލަތާ ގެންދާނީ ޝަރީފާ މީޓްކޮށް އެ މީހުންގެ ލޯބީގެ ދުނިޔެ އާރާސްތުކުރަމުންނެވެ. ލާމީ އުޅެމުން ގެންދާނީ ވަރަށް ބޮޑު ހިތާމައެއްގައެވެ. ވެގެން އުޅޭ ގޮތެއް ލާމީއަކަށް ނޭނގޭނެއެވެ. ވެގެން އުޅޭގޮތް ހޯދުމަށް ލާމީ ކުރާ މަސައްކަތުގެ ތެރެއިން ހަގީގަތް ފަޅާއަރާއިރު، ކަންތައް އޮންނާނީ ވަރަށް ގޯސްވެފައެވެ. ލަތާފާއާ އަޅައިގަނެގެން އުޅޭ ރޫހާނީ މަޚްލޫޤު ޝަރީފުގެ ސިފައިގައި އައިސް، އޭނާގެ ބާރުގެ ދަށަށް ލަތާފާ ގެންގޮސް ލަތާގެ ބޭނުންހިފަމުން ގެންދަނީ އެވެ. އެކަމުން ލަތާ ސަލާމަތްކުރުމަށް ލާމީ އާއި ޝަރީފު މަސައްކަތްކުރަން ފަށައެވެ. އެކަމުގެ ތެރޭގައި ބިރުވެރި، ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގައި، ބިރުވެރި މަޚުލޫޤުގެ އަނިޔާގައި ލާމީ އާއި ލަތާ މަރުވެއެވެ. ނިމޭއިރު އެ މަޚްލޫޤު ސަލާމަތްވެ ކަނޑަށް އެރިގެންދާނެ އެވެ.

މިއީ ފިލްމުގެ ކުރު ޚުލާސާއެކެވެ. މި ޚުލާސާގައި ކިޔައިދީފައިވާ ކަންތައްތައް ތަފުސީލާއެކު ފެނިގެންދާނީ 15 ސެޕްޓެމްބަރުން ފެށިގެންނެވެ. ލޯތްބާއި ބިރުވެރިކަން ފެނިގެންދާނެ މި ފިލްމުގައި ބިރުވެރި ތަފާތުގެ މަންޒަރުތަކެއް ފެނިގެންދާނެކަން ޔަޤީންކުރެވެއެވެ.

ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި2”ގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ ފިލްމު “އުދަބާނި 2″ އެޑިޓްކުރަނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލީ މުސްތަފާ (ސެމީ) އެވެ. ފިލްމުގެ ވަރުގަދަ ވިޒުއަލް އިފެކްޓްސް ހަދަނީ ވިޒުއަލް އިފެކްޓްސް އަދި އެނިމޭޝަން ހެދުމުގެ ތަޖުރިބާ ލިބިފައިވާ ޒުވާން ފަންނާނެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފިލްމުގެ ޓިކެޓް މިހާރުވެސް ބުކްކުރެވޭނެ އެވެ. ޓިކެޓް ބްކްކުރުމަށް 7762077 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

ފިލްމު “އުދަބާނި 2” ގެ އޮންލައިން މީޑިއާ ޕާޓުނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.