މި އޮގަސްޓް މަހު އިންޑިއާގެ ބެންގަލޫރުގައި އޮންނަ ދެ އިވެންޓެއްގައި ބައިވެރިވުމަށް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސް (އެމް.އެސް.ޕީ.އޭ) ޗެއަރމަން މުޙައްމަދު ރަޝީދު (ދަރާ) އިންޑިއާގެ ބެންގަލޫރަށް ފުރައިފި އެވެ. އެމް.އެސް.ޕީ.އޭގެ ނައިބު ރައީސް އަޙްމަދު ވަޙީދު (ވައްޑެ) މުނިއަވަސްއަށް ބުނީ ރަޝީދު ބެންގަލޫރަށް ދިއުމަށް ފުރީ 19 އޮގަސްޓް 2024 ވީ ހޯމަދުވަހު ކަމަށެވެ.

“މި ދެ އިވެންޓަކީވެސް ދެ އެވޯޑް އިވެންޓެއް. މިތަނުން އެއް އިވެންޓަކީ އިންޑިއާގެ ވަރަށް މަޝްހޫރު އެވޯޑް އިވެންޓެއް ކަމަށްވާ ދާދާ ސާހިބް ޕަލްކޭ އެޗީވާރސް އައިކޮން އެވޯޑް.”

— އެމް.އެސް.ޕީ.އޭގެ ނައިބު ރައީސް އަޙްމަދު ވަޙީދު (ވައްޑެ)

ދާދާ ސާހިބް ޕަލްކޭ އެޗީވާރސް އައިކޮން އެވޯޑަކީ އިންޑިއާގެ ދެކުނު ސަރަހައްދުގައި ބޭއްވޭ އެވޯޑެކެވެ. މި ނަމުގައި ބާއްވާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ވަނީ މިއަހަރުގެ ފެބްރުއަރީ މަސް ތެރޭގައި އިންޑިއާގެ މުމްބާއީގައި ބާއްވާފައެވެ. މި އެވޯޑް ދެވެނީ އެވޯޑްގައި ހިމެނޭ ކޮންމެ ކެޓަގަރީއަކަށް އެވޯޑަށް ސަބްމިޓްކޮށް އެވޯޑް ރާވާ ހިންގާ ފަރާތުން އިވެލުއޭޓްކޮށް ކޮންމެ ކެޓަގަރީއަކުން ވެސް ވަކި އަދަދެއް ނޮމިނޭޓް ކުރެވޭ ފަރާތްތަކަކުން ފަރާތަކަށެވެ. ކޮންމެ ކެޓަގަރީއަކުން ވެސް އެވޯޑް ލިބޭ ފަރާތް އިއުލާނުކޮށް އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މި މަހު 24 ވަނަ ދުވަހު އޮންނަ ޚާއްސަ އިވެންޓެއްގައި ކަމަށް ވައްޑެ ބުންޏެވެ.

އެގޮތުން މި އެވޯޑްގައި ހިމެނޭ އެއް ކެޓަގަރީ ކަމަށްވާ މުނިފޫހިފިލުވުމުގެ ދާއިރާއަށް ޚިދުމަތްކޮށްދިނުމުގެ ރޮގުން ލައިފްޓައިމް އެވޯޑް (ޙަޔާތީ އަރުތަ އެވޯޑް) ކެޓަގަރީއަށް ވަނީ އަލްފާޝިލް މުހައްމަދު ރަޝީދު (ދަރާ) ނޮމިނޭޓް ވެފައެވެ. އަދި އެކަން އެވޯޑް ރާވާ ހިންގާ ފަރާތުން ވަނީ ރަސްމީކޮށް އަންގައި ހަފުލާގައި ބައިވެރިވުމަށް އެދި ދަޢުވަތުވެސް ލިބިފައިވާކަމަށް ވައްޑެގެ ފަރާތުން ކަށަވަރުކޮށްދީފައިވެއެވެ.

“ދެވަނަ އިވެންޓަކީ ޔުނިވަރސަލް އައިކޮން އެޗީވާރސް އެވޯޑް. މީވެސް އެންޓަރޓެއިންމަންޓް ދާއިރާއަށް އެކި ރޮނގުރޮނގުން ޚިދުމަތްކޮށްދީފައިވާ ނުވަތަ ދިގު މުއްދަތަކަށް ޚިދުމަތްކުރަމުންދާ ވަކިވަކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން ދެވޭ އެވޯޑެއް. މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސް (އެމ.ްއެސ.ްޕީ)އަށް މި އެވޯޑް ލިބޭކަން، އެވޯޑް ރާވާ ހިންގާ ފަރާތުން އަންގާފައިވޭ.”

— އެމް.އެސް.ޕީ.އޭގެ ނައިބު ރައީސް އަޙްމަދު ވަޙީދު (ވައްޑެ)

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސް (އެމް.އެސް.ޕީ.އޭ) އަކީ ދިވެހި ފިލްމީ ދާއިރާއާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންނަށް ހިތްވަރުދީ އެކަމުގެ ފުރުސަތުތައް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުން ދިވެހި ފަންނާނުންނަށް ހޯދައިދެމުން ގެންދަވާ ޖަމިއްޔާ ހިންގުންތެރި ޖަމިއްޔާއެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މީގެ ދެ އަހަރު ކުރިން ވެސް ފިލްމީ ތަރި ދަރާ ރަޝީދު އަދި އަޙްމަދު ނިމާލަށް ބައިނަލްއަޤްވާމީ އެވޯޑްތަކެއް ހޯދުމުގައިވެސް މެދުވެރިއަކަށް ވެފައިވަނީ އެމްއެސްޕީއޭ ކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ ފިލްމީ ބަޠަލާ ޢާއިޝަތު ރިޝްމީއަށް ވެސް ބައިނަލްއަޤްވާމީ އެވޯޑެއް އެމްއެސްޕީއޭ މެދުވެރިކޮށް ހޯދައިދީފައިވެއެވެ.

އެމް.އެސް.ޕީ.އޭގެ އޮންލައިން މީޑިއާ ޕާޓުނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.