މަޝްހޫރު ޝާއިރު އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރ/އެކްޓަރ އީސާ ޝަރީފުގެ އަދަބީ މަސައްކަތްތަކުގެ ތެރެއިން ދިވެހިބަހުގެ އަދަބިއްޔާތަށް ތަފާތު އީޖާދީ މަސައްކަތްތައް އަންނަނީ ތަޢާރަފުކުރަމުންނެވެ. އީސާ ޝަރީފުގެ ވެބްސައިޓް މެދުވެރިކޮށް ދިވެހިބަހުގެ އަދަބިއްޔާތުގެ ޅެންވެރިކަމުގެ ފަންނުގެ ޢިލްމީ ފޮތްތަކެއް ހިލޭ ސާބަހަށް ލިބޭނެ ގޮތް ހަމަޖައްސާފައި ހުންނަކަން މިއީ މި ފަންނަށް ލޯބިކުރާ ފަރާތްތަކުން ނުހަނު ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ.

ދިވެހި އަދަބިއްޔާތަށް އީސާ ޝަރީފު ކޮށްދެމުން އަންނަ އީޖާދީ ޚިދުމަތުގެ ބޮޅުފައްޗަށް މިފަހަރު އަމުނާލާފައިވަނީ ތުއްތުކުދީންނަށް ޚާއްޞަ ފޮތްތަކެކެވެ. މިކަމުގެ އިތުރު ތަފުޞީލުތައް ހޯދައިލުމަށް މުނިއަވަސް އޮންލައިންގެ ފަރާތުން އީސާ ޝަރީފާ ޚާއްޞަ އިންޓަވިއުއެއް ކޮށްލީމެވެ.

މިއީ ޢީސާ ޝަރީފުގެ ވެބްސައިޓުގައި އޯގަސްޓް 26ން ފެށިގެން ތުއްތުކުދީންނަށް ޚާއްޞަ ފޮތްތަކެއް ވިއްކަން ފަށާ ޚަބަރެއް ލިބިގެން އެކަމުގެ ތަފްޞީލެއް ހޯދާލުމަށް އޭނާއާ ކޮށްލެވުނު ބައެއް ސުވާލާ އޭގެ ޖަވާބެވެ.

މިމަހު ސައްބީހުގައި މި އަޕްލޯޑުކުރަނީ ކޮންކަހަލަ ފޮތްތަކެއްބާ؟

އެއީ ކުޑަކުދިންނަށް ޚާއްޞަ ވާހަކަތަކެއް. ހަމަ ބެޑްޓައިމް ސްޓޯރީ ތަކެއް.

އެއީ ކޮން އުމުރަކަށް އަމާޒުކޮށް ލިޔެފައިވާ ވާހަކަތަކެއްބާ؟

އެ ވާހަކަތައް ކުދިންނަށް ކާންދޭ ގަޑީގަޔާ ނިދާ ގަޑީގައިވެސް ބޭނުންކުރެވޭނެ. މިސާލަކަށް 3 އަހަރާ 5 އަހަރާ ދެމެދުގެ ކުދީންނަށް ބެޑްޓައިމް ސްޓޯރީ ކިޔައިދޭހެން ކިޔައިދެވޭނެ، ފޮޓޯއާއެކު ހުރީމަ ވަރަށް ޝައުޤުވެރިވާނެ. އަދި 5 އަހަރާ 12 އަހަރާ ދެމެދުގެ ކުދިންނަށް އަމިއްލަޔަށް ކިޔަން ދިނަސް ވަރަށް ކަމުދާނެ. ފޯނު ލެޕްޓޮޕް ނޫނީ އައިޕެޑްގައިވެސް ބޭނުންކޮށްލެވޭނެ. ބޭނުމިއްޔާ ޕްރިނޓްވެސް ކޮށްލެވޭނެ.

މީގައި ހިމެނެނީ ކޮންކަހަ މައުޟޫތަކެއް؟

މީގައި ހުންނާނެ ވަރަށް ކަމުދާ ތަފާތު އެތައް ކެރެކްޓާތަކެއް އުފައްދާފައި. މާއްކޮ، ބެޓްމަރީ ސްޕައިޑާބޯއީ ކަހަލަ، ކުދިންނަށް މިހާރުވެސް ޝައުޤު އުފެދިފައި ހުރި ބައެއް ކަހަލަ ޝަޚުޞިއްޔަތުތައް. މި ފޮތްކަކީ:-

  1. މުސަޅާއި ހިނި
  2. ބެޓް މަރީ
  3. މަރީގެ އަގުބޮޑު ބޮލި
  4. މާއްކޮއާ ކޯމަސް
  5. ކާޅާއި ކޮވެލި
  6. މާއްކޮގެ އޮޅު ކާޅު
  7. މަރީގެ އުދުހޭ މަސް
  8. ހުދު އަސްދޫނި

މީ ވަރަށް ޝައުޤުވެރިވާ ހާދިސާ ތަކަކާއެކު ކޮންމެ ވާހަކައެއްވެސް ލިޔެފައި ކުރެހުމުން ދައްކާފައި ހުންނާނީ. އަދި ކޮންމެ ފޮތެއްގައި އެ ވާހަކައެއްގެ މޯރަލް ވަކިން ލިޔެފައި އޮންނާނެ. އަދި ކޮންމެ ފޮތެއްގައިވެސް 3 މަސައްކަތެއްވެސް ދީފައި އޮންނާނެ.

ވާހަކަފޮތްތަކުގެ އިތުރުން ތާނަލިޔުމާބެހޭ ގޮތުން ލިޔެފައިވާ ފޮތެއްގެ ވާހަކަވެސް ކުރިން އޮތީ އަޑު އިފައި، އެ ފޮތް ކިހައި ތާކު ފެންނަވަރު ވާނީ؟

އެ ފޮތް ނިންމާފަ މިހާރު މިފޮތްތަކާ އެކު މި އަޕްލޯޑް ކުރީ. އެވެސް ގަންނަން ލިބެން ހުންނާނެ. އެފޮތުގައި ވަރަށް ތަފްޞީލުކޮށް ކުދިންގެ ތާނަލިޔުން ރީތިކުރަން ކުރާންޖެހޭ މަސައްކަތްތަކާ، ކުރާނެ ގޮތާ ތަފްޞީލު ހުންނާނެ. އެއީ ހުރިހައި އުމުރަކަށް އޮތް ފޮތެއް. ރަނގަޅުވާނެ އޮފީސްތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށްވެސް. ދަރިވަރުންނަށްވެސް. ޓީޗަރުންނަށްވެސް.

ހަމައެކަނި ފޮތްތައްބާ ގަންނަން ލިބެން ހުންނާނީ؟ ފޮންޓުތައް މިފަހަކަށް އައިސް ޑައުންލޯޑެއް ނުކުރެވޭ؟

މިހާރު ފޮންޓްތައްވެސް ވަރަށް ހެޔޮ އަގެއްގައި ގަންނަން ލިބެން ހުންނާނެ. މީގެ އިތުރުން ތުއްތުކުދިންގެ ވާހަކަ އޯޑިއޯ އަދި ވީޑީއޯވެސް ލިބެން ހުންނާނެ.

ގަންނަން ކިހިނެއްބާ ހަދަންޖެހޭނީ؟

easashareef.com ވެބްސައިޓުގައި ތަފްސީލުތައް މި މަހު 26ން ފެށިގެން ހުންނާނެ. ހަމަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޕޭކޮށްލާފަ ޑައުންލޯޑް ކޮށްލެވޭނެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.