– މި ފިލްމަކީ ޖުމްލަކޮށް މުޅި މުޖުތަމައަށް ދެވޭ އިންޒާރުގެ ވޭކް-އަޕް ކޯލެއް!
މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް “ކަމަނާ”އަކީ ހަމައެކަނި ފިލްމެއް ނޫންކަމަށާއި އެއީ ގެވެށިއަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަނބަލުންނަށް އެކަމުން ސަލާމަތްވުމަށް ދެވޭ ހިތްވަރެއް ކަމަށް ފިލްމްގެ ޕްރޮޑިއުސަރ ޝާނީޒް ޢަލީ ބުނެފިއެވެ.
މީގެ އިތުރުން ޝާނިޒް ޢަލީގެ ފޭސްބްކް ސްޓޭޓަސްގައި އޭނާ ބުނެފައިވަނީ މި ފިލްމަކީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ލިބޭ އަނިޔާ އާއި ދެކޮޅަށް ތެދުވުމަށް މުޅި މުޖުތަމަޢަށް ދެވޭ ވޭކް-އަޕް ކޯލެއް ކަމަށެވެ.
ފިލްމް ރިލީޒްކުރުމަށް ކުޑަތަން ވެފައިވާއިރު، މި ފިލްމާއި ދޭތެރޭ ޢާންމުންގެ ތަރުޙީބް ވަރަށް ބޮޑެވެ. އަދި ފިލްމްގެ ޓިކެޓް ވިއްކަން ފެށިފަހުން ފިލްމަށް އޮތް ޑިމާންޑް ބޮޑުވެ، ކޮންމެ ހަފްތާ ބަންދެއްގައި ދަންވަރު ޝޯތަކެއް އެޅުވުމަށްވެސް އެ ސްޓޫޑިއޯ އިން ވަނީ ނިންމާފައެވެ.
އެގޮތުން 27 އޯގަސްޓް އިން ފެށިގެން 14 ސެޕްޓެމްބަރާއި ހަމަޔަށް ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 20:30ގެ ޝޯވގެ އިތުރުން 23:30 ގައި ފިލްމްގެ ޝޯވތައް ކުރިއަށްދާނެއެވެ.
ދިވެހި ފިލްމް ކަމަނާ އަކީ ދިވެހިރާއްޖޭގައި ޢާންމުވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ޙާދިސާ އަކަށް ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރ ޙުސައިން މުނައްވަރު އެވެ.
ހއ. މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް ޢައްޒަ އާއި ޔޫސުފް ޝަފީޤްގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުޙައްމަދު މަނިކު އާއި ދަރާ މުޙައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

ގެވެށި އަނިޔާއާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަކީ އަންހެނުންނާއި ފިރިހެނުން ފްރީ މިކްސް ވެގެން، އަންހެނުންނަށް ކުރާ އަނިޔާ ދައްކާ ފިލްމުތައް އުފެއްދުމެއް ނޫން. އެކަމުން ލިބޭނެ އެއްވެސް ފައިދާއެއް ދިވެހި މުޖުތަމަޢަކަށް ނޯންނާނެ. ބަދަލުގައި ދިވެހީންގެ ޢަޤީދާ ފަސާދަވެ، ހިންދޫންގެ ލައިފްސްޓައިލް ކޮޕީކުރުން ނޫން ދެރައެއް ނުލިބޭނެ.
މުޖުތަމަޢު ހޭލުންތެރިކުރުމަށް އޮތް އެންމެ ކާމިޔާބު ވަސީލަތަކީ އިސްލާމްދީން އުނގެނި ޤުރުއާނާއި ސުންނަތް ކިޔަވައި ދަސްކުރުން. ހިންދޫން ޖެހި ބެރަކަށް ޖަހާފައި ހުންނަ ޑައިލޮގްތަކާއި ލަވަޔާއި މިއުޒިކު ހުންނަ ފާހިޝް މަންޒަރުތައް ހިމެނޭ ފިލްމުތައް ބެލުމެއް ނޫން.