މިމަހުގެ 27ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާ ދިވެހި ފިލްމު “ކަމަނާ”ގެ 14 ޝޯގެ ޓިކެޓު ވިކި ހުސްވެފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ބުނެފި އެވެ. ޝާނީޒް މިހެން ބުނެފައިވާ ޚަބަރުގެ ސްކްރީން ޝޮޓެއް ފޭސްބްކްގައި ހިއްސާކުރަމުން ރާއްޖޭގެ ފިލްމީ ދާއިރާގަައި ބްރޭންޑް ނަމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފާޠުމަތު ނަހުލާ ބުނެފައިވަނީ ފިލްމެއް ހަދަން މިހާރު ބިރުގަނެއްޖެ ކަމަށެވެ.

“ސާބަހޭ ހުސޭނު (ކިޑޫ) އެންޑް “ކަމަނާ” ޓީމް! މިއީ މިޒަމާނުގަ ވާނެ ކަމެއް ކަމަށް ހުވަފެނުންވެސް ނުދެކޭ ވަރު ކަމެއް!

މަވެސް މިހާރު ފިލްމެއް ހަދަން ބިރުގަނެއްޖެ! އަންނާތި އެހީވާން!”

— ފާޠުމަތު ނަހުލާ

ފިލްމުގެ މެއިން ކާސްޓް އައްޒަ، ފިލްމުގެ ޕްރޮޑިއުސަރު އަދި އެޑިޓަރ މުއާގެ އިތުރުން ރިޝްފާއަށް ޓެގްކޮށް ނަހޫ އާއްމުކުރި ޕޯސްޓުގައި ނަހޫ ދެން ހަދާ ފިލްމުގެ މަސައްކަތުގައި އެހީތެރިވެދޭން ގޮސްދިނުމަށް ކިޑޫ އަދި ޓީމުގެ ކިބައިން އެދިފައިވެއެވެ.

ނަހޫ އެ ބުނީ ވަރަށްވެސް ބޮޑު ތެދެކެވެ. މުނިއަވަސް އިން ފިލްމީ ޚަބަރުތައް ކަވަރކުރުމަށް މަސައްކަތްކުރަމުން މި އަންނަ 07 އަހަރުގެ ތާރީޚުގައިވެސް ދިވެހި ފިލްމަކަށް މިވަރުގެ ތަރުހީބެއް ލިބިފައެއް ނުވެއެވެ. އޮލިމްޕަހުގައި14 ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވާއިރު، މި ފިލްމު އަތޮޅު ތެރޭގެ ރަަށްރަށުގައި އެޅުވުމަށްވެސް ބޮޑު ޑިމާންޑެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ވަރަށް ގިނަ އަދަދެއްގެ ރަށްރަށުގައި ފިލްމު “ކަމަނާ” ދެއްކުމަށް ތާރީޚުތައް ކަނޑައަޅައި ޓިކެޓް ބްކިން ހަދަން ފަށާފައިވެއެވެ. އެގޮތުން މިމަހު28 ވަނަ ދުވަހުން ފެށިގެން ރަށްރަށުގައި ފިލްމު ދައްކަން ފަށާނެއެވެ.32 އަށް ވުރެން ގިނަ ރަށުގައި ފިލްމު “ކަމަނާ” ދެއްކުމަށް މިވަގުތާ ހަމައަށް ހަމަޖެހިފައިވެއެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑޫ) ޑައިރެކްޓް ކޮށްފައިވާ ‘ކަމަނާ’ އަކީ ގެވެށިއަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.

‘ކަމަނާ’ގެ ފުރަތަމަ ޝޯގެ ޓިކެޓް ވިއްކާފައި ވަނީ 200 ރފުިޔާ އަށެވެ. ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓްގެ އަގަކީ 150 ރުފިޔާ އެވެ. ނަމަވެސް ރަށްރަށުގައި މި ފިލްމުގެ އަޅުވާނީ 100 ރުފިޔާއަށް ޓިކެޓު ވިއްކައިގެންނެވެ.

ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް ޢައްޒަ އާއި ޔޫސުފް ޝަފީޢުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުޙައްމަދު މަނިކު އާއި ދަރާ މުޙައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.