ޑރ. އަޝަރަފް ޢަބްދުއްރަހީމަކީ އިތުރު ތަޢާރަފަކަށް ބޭނުންނުވާނެ، ބަހަށް ކުޅަދާނަ ފަންނާނެކެވެ. އޭނާ ޕާކިސްތާނުގައި ކަޔަވާވިދާޅުވި ދުވަސްވަރުން ފެށިގެންވެސް އުރުދޫ ބަހަށާ ޅެންވެރިކަމަށް އިންތިހާއަށް ލޯބިކުރައްވައެވެ. އޭގެ އަހަރުތަކެއް ފަހުން އޭނާއަކީ މިހާރު އުރުދޫ ބަސް ކިޔަވައިދެއްވާ ކުޅަދާނަ މުދައްރިސެއްވެސް މެއެވެ. އަދި މިވަގުތު ދިވެހިބަހުގެ އެކަޑަމީގެ ރައީސްގެ ޙައިސިއްޔަތުން ދިވެހި ބަހަށްޓަކައި ވެސް ބުރަ އަދި އެހާމެ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުން އެބަގެންދަވައެވެ.

މިއީ އަދި މުޅިން އެހެން ވާހަކައެއް ދާކާލުމަށް އަޅުގަނޑުމެން ލިޔާ އާޓިކަލް އެކެވެ. އެއީ މަޝްްހޫރު، ރީތި ހިންދީ ލަވަތަކަކާ ޅެންތަކެއްގެ ތަރުޖަމާ ޑރ. އަޝްރަފް އަމިއްލަފުޅަށް ލިޔުއްވައި އާންމުންގެ ތެރެޔަށް ދޫކޮށްލެއްވުމާ ބެހޭގޮތުން ތަފްޞީލު ހޯދައިލުމަށް ލިޔާ ކުރު ލިޔުމެކެވެ. ޑރ. އަޝްރަފް ޢަބްދުއްރަޙީމްގެ ލޮބުވެތި މަންމައަށް ތަހްސީސްކޮށް ނެރުއްވާފައިވާ “ފުރެއްދެ ޅެންވެރީންގެ މުތީތައް” މިހާރު ވަނީ ވިއްކަން ފައްޓަވާފަ އެވެ.

ޑރ. އަޝްރަފްގެ މިފަދަ ފޮތެއް ލިޔުއްވައި އާންމުންނަށް ލިބޭނޭ ގޮތަށް ބާޒާރަށް ނެރުއްވުމުގެ ބޭނުންފުޅަކީ ކޮބާ؟

މީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ކުރަން ފެށި މަސައްކަތެއް. އެކި ސަބަބުތަކާ ހުރެ ލަސްވަމުން އައިސް މިދިޔަ ޖޫން މަސްތެރޭ އަލުން އެކަން ކުރެވޭނެ މަގެއް ތަނަވަސްވީމަ އަލުން ކޮށްލީ. މިފަދަ ތަރުޖަމާ ފޮތެއްގެ އެންމެ ބޮޑު ބޭނުމަކީ އުރުދޫ ޅެންވެރިކަމުގައި އެހުންނަ ހިތްގައިމުކަމާ ބަލާޣާތްތެރިކަން ދިވެހި ޅެންވެރިކަމަށްވެސް އައުން ހިތުގެ އަޑިން އެދޭތީ، އެފަދަ ތަޞައްވުރެއް ދެވޭނީ މިފަދަ ފޮތަކުން ކަމަށް އަޅުގަނޑަށް ހީވާތީ.

މީ ކިތައް ސަފުޙާގެ ފޮތެއްތޯ؟ ކޮންކަހަލަ ޅެންތަކެއްތޯ މިފޮތުގައި ހިމެނިފައި ހުންނާނީ؟

މީ 168 ސަފުޙާގެ ފޮތެއް. މިފޮތުގައި މައިގަނޑު ގޮތެއްގައި އިންޑިޔާ މިހައިތަނަށް ދުށް އެންމެކުޅަދާނަ 3 ޅެންވެރިޔެއްގެ ޅެންތަކުންވެސް ހޮވާލާފައިވާ މުތް ތަކެއްމީ. އެއީ ޑރ. އައްލާމާ އިޤުބާލާއި ގުލްޒާރު އަދި ޖާވީދު އަޚްތަރުގެ ބައެއް ޅެންތަކާ، މީގެ އިތުރުން އެހެންބައެއް ހިންދީ އަދި އުރުދޫ މަޝްހޫރު ޝާޢިރުންގެ ޅެންތައްވެސް ހުންނާނެ.

އަޅުގަނޑުމެނަށް ޚަބަރު ލިބިފައި އޮތްގޮތުން މިފަހަރު މިފޮތުގެ ލޭއައުޓް މަސައްކަތް ކޮށްދެއްވީ މިފަދަ އެތައް ފޮތެއް ހެއްދެވި މަޝްހޫރު ފަންނީ ބޭފުޅެއް؟

އާދެ! މިފަހަރު މި މަސައްކަތް ކުރިޔަށް ގެންދެވުނީ ވަރަށް ރަނގަޅަށް. އެއީ ޢީސާ ޝަރީފު އަމިއްލަފުޅަށް ހަމަ އިސްނަންގަވައި މިކަން ކޮށްދެއްވީތީ. މަސައްކަތްތައް އަބަދުވެސް ޙިއްޞާ ކުރައްވަމުން ބޭނުންވާ ބަދަލުތައްވެސް ހިމަނުއްވައިގެން ޑިޒައިންގެ ހުރިހައި ކަމެއްވެސް ގެންދެވީ.

މިފޮތުގައި ދިވެހި ޅެން އެއްވެސް ވަރަކަށް ހުންނާނެތޯ؟

އާދެ! ރާއްޖޭގައި މިވަގުތު ޅެމުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންގެ ޅެން ހުންނާނެ. އުތީމު އާދަމްބެ، އައްބާސް އިބްރާހީމް، މުޙައްމަދު ޝާހިދު ހަލީމް، އާދަމް ނަސީރު، ޢީސާ ޝަރީފު، ޢަބްދުއްރަޝީދު ފަދަ ބައެއް ބޭފުޅުން ހިންދީ ލަވަ އަސްލަކަށް ބައްލަވައިގެން އެޅެންތައް ފަރުމާކުރައްވާފައި ހުންނާނީީ.

ފޮތުގެ އަކަކީ ކޮބައިތޯ؟ ކިހިނެއްތޯ ގަންނަން ލިބޭނީ؟

ފޮތެއްގެ އަގަކީ -/95ރ. ޑެލިވަރީ މާލެއަށާ ހުޅުމާލެއަށް ކުރުމަށް ނަގާނެ 5 ރުފިޔާ. މިހާރު ފޮތްތަކުގެ އަގުތައް ހުރި ގޮތަށް ބަލާފައި، މިވަރުގެ ބޯ ފޮތަކަށް މިއަގަކީ ހަމަ ވަރަށް ކުޑަ އަގެއް. މީގެ ބޭނުމަކީ އެންމެނަށްވެސް ފަސޭހައިން ކިޔާލަން ލިބުން.

ޑރ. އަޝްރަފް ޢަބްދުއްރަޙީމްގެ “ފުރެއްދެ ޅެންވެރީންގެ މުތީތައް” ފޮތުގެ ފަހަތު ބަނޑޭރިގަނޑު

މިހިސާބުން ފޮތް ޑިޒައިންކޮށް ލޭއައުޓް ހެއްދެވި ޢީސާ ޝަރީފާ ސުވާލުކޮށް މި ފޮތާބެހޭ ގޮތުން ދެކޭގޮތް ސާފުކޮށްލުން އެއީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ފެންނާތީ އީސަ މިކަމާމެދު ބުނެފައިވާ ބަސްކޮޅެއްވެސް ހިމަނާލާނަމެވެ.

“މީ މިފަދަ ފޮތަކަށް ވަރަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއް. އެހެނީ އަޅުގަނޑުމެން މިދަނީ ދިވެހި ޅެންވެރިން އުފެއްދުމަށް ވަރަށް ބޮޑެތި ބުރަ މަސައްކަތްތަކެއް ކުރަމުން. އިރާދަކުރެއްވިއްޔާ މިހާރު އެފްބީ ބައްލަވާ ބޭފުޅުންނަށް އޭގެ ނަތީޖާވެސް ފެންނާނެ. މިގޮތުން އަލަށް ނުކުންނަ ޅެންވެރިންނަށާ އަޅުގަނޑުމެނަށްވެސް ޅެމުގެތެރެއަށް ސިކުނޑި ހުޅުވާލުމަށް މިފޮތުން ވަރަށް ބޮޑަށް އެހީލިބިގެން ދާނެ. ޚާއްޞަކޮށް ބަސް ބުނާ ގޮތާ ކޮންސެޕްޓް ރާވާގޮތާ، ނުސީދާ ބަހުރުވައިން ރީތިކޮށް ޖަޒުބާތީކޮށްލަން މިފޮތުން އެތައް ފިލާވަޅެއް ލިބޭނެ.

— އީސާ ޝަރީފު

މިހާރު މިފޮތް ރަސްމީކޮށް ލިބެންހުންނާނީ ކޮންކޮން ތަނަކުންތޯ؟

އަޅުގަނޑުގެ މި ފޮތް އަދި ހަމަ މިގަސްދު ކުރަނީ ފޯނުން ގުޅުއްވާ ބޭފުޅުންނަށް ފޯރުކޮށްދޭން. އެގޮތުން މިހާރުވެސް ފަސްދޮޅަހަކަށް ފަރާތުން ކުރިއާލައި ނަން ނޯޓުކުރައްވާފައި އެބައޮތް. އެ ބޭފުޅުންނަށް ފޮތްތައް ރައްދުކުރުމުގެ މަސައްކަތް ކުރިޔަށް އެބަ ގެންދަން. އަސްލު ފޮތް ނެރުމުގެ ރަސްމީ ޙަރަކާތެއް މާދަންރޭ (29 އޯގަސްޓް 2024ވަނަ ދުވަހުގެ ރޭ) 9 ޖަހާއިރު ޒޫމްގަ އެބަ ރާވަން.

ދެން ޑރ. އަޝްރަފްގެ އިތުރު ފޮތެއް ނުކުންނާނީ ކިހައި ތާކުތޯ؟

މިހާރު މިއުޅެނީ އިތުރު ފޮތެއްގެ މަސައްކަތްވެސް ފަށައިގެން. އިރާދަކުރެއްވިއްޔާ މި އަހަރުތެރޭ އަދި ދެ ފޮތެއް ނެރެވޭނެކަމަށް މި ބަލަނީ.

މި ފޮތަށް އޯޑަރުދޭން ގުޅާނީ ކޮން ނަމްބަރަކާތޯ؟

ރަނގަޅުވާނެ އަޅުގަނޑާ ނޫނީ އީސަޔާ ގުޅުއްވިޔަސް. އަޅުގަނޑު ތިން ނަމްބަރެއް މިތާ ހުށަހަޅާލާނަން. 7777228 / 9922668 / 7684346 

ޑރ. އަޝްރަފްގެ މި އަގުހުރި ފޮތުގެ އެތެރޭގެ ބައެއް ސަފްޙާތަކުން މިންވަރެއް ހިއްސާކޮށްލާނަމެވެ.

@muniavas

Furedhdhe Lhenveringe Mutheethah – By: Dr. Ashraf Abdul Raheem ޑރ. އަޝްރަފް ޢަބްދުއްރަޙީމްގެ “ފުރެއްދެ ޅެންވެރީންގެ މުތީތައް” މިހާރު ވިކެމުންދަނީ

♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.