ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ޝަރަފުވެރި ކަމުގެ ޤައުމީ އިނާމު ރޯނުގޭ ޙަސަންމަނިކަށް ސަރުކާރުން ދެއްވައިފިއެވެ. ރޯނުގޭ ޙަސަންމަނިކަކީ، ފިލްމާއި، ޑްރާމާއާއި، ތަމްސީލު ކުޅުމާއި، އަދި މި ދާއިރާއިން މީހުން ތަމްރީނު ކުރުމުގައިވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި ޙަސަންމަނިކު ހަރަކާތްތެރިވާން ފެށްޓެވީ، 1979ވަނަ އަހަރުއެވެ. މަދަރުސީ ދައުރުގައިވެސް ތަމްސީލު ލިޔުއްވައި، ތަމްސީލު ކުޅުއްވައި އުޅުއްވިއެވެ. އާންމުންގެ ތެރެއަށް ތަމްސީލު ޝޯވއެއްގައި ޙަސަންމަނިކު ފުރަތަމަ ނުކުމެވަޑައިގަތީ، 11 ނޮވެންބަރު 1976 ގައި، އެ އަހަރުގެ ޖުމްހޫރީ ދުވަހުގެރޭ ބޭއްވުނު ޝޯވއިންނެވެ. އެއީ، އާމުލީގޭގައި ހިނގަމުންދިޔަ އެލްޕާޝޯ ކުލާހުގެ ދަރިވަރުން، ބެލެނިވެރިންނަށް ތައްޔާރުކުރި ޝޯވއެކެވެ. މިއީ، އާންމުންނަށް ފެނިގެންދިޔަ، ޙަސަންމަނިކުގެ ފުރަތަމަ ފެނިލުމެވެ. އެ ޝޯވއަށް ކުދިން ހޮއްވަވައި، ތަމްރީނު ދެއްވައި، ޝޯވ ޑައިރެކްޓް ކުރެއްވީވެސް ޙަސަންމަނިކެވެ. އަދި، އެ ޝޯވގައި ފެނިގެންދިޔަ ހުރިހާ ތަމްސީލެއް ލިޔުއްވީވެސް ޙަސަންމަނިކުކަން ފާހަގަކޮށްލަން ޖެހެއެވެ.

ތަމްސީލާއި ޑްރާމާ ލިޔެ ކުޅުމަށް 1980ގެ ކުރީކޮޅު އުފެއްދި “ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ” އުފެދުމާ ގުޅިގެން، އެ ޖަމާޢަތުން ހުށަހަޅައިދިން ދެވަނަ ތަމްސީލު ޝޯވއިން ފެށިގެން ގިނަ ތަމްސީލުތަކުގައި، ޙަސަންމަނިކު ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. ސީ.ޑީ.އެސް.ގެ ފުރަތަމަ ދިވެހި ފިލްމު “ދޮންހިޔަލަ އާއި އަލިފުޅު” ގައިވެސް ޙަސަންމަނިކު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

މީގެއިތުރުން، 1997ވަނަ އަހަރާއި، 1998ވަނަ އަހަރާ ދެމެދު އޮލިމްޕަހުގައި ބޭއްވުނު “ފެހިވިދުވަރު” އާއި، “ރިހިހަނދުވަރު” އަދި ބ. ތުޅާދޫ ސްޕޯޓްސް ކުލަބުގެ “ބޮމަކަނދު”، މި ތިން ތަމްސީލު ޝޯވ ޑައިރެކްޓް ކޮށްދެއްވީ ޙަސަންމަނިކެވެ. މީގެތެރެއިން، “ފެހިވިދުވަރު” ޝޯވގެ ހުރިހާ ތަމްސީލުތަކެއް ލިޔުއްވައިދެއްވީވެސް ޙަސަންމަނިކެވެ. އަދި “ރިހިހަނދުވަރު” އާއި، “ބޮމަކަނދު”ގެ ބައެއް ތަމްސީލުތައްވެސް ޙަސަންމަނިކު ލިޔުއްވައި ދެއްވިއެވެ.

ޤައުމީ އެކިއެކި މުނާސަބަތުތަކަށްވެސް ބައެއް ތަމްސީލުތައް ޙަސަންމަނިކު ތައްޔާރުކޮށްދެއްވައިފައި ވެއެވެ. މުނިފޫހިފިލުވުމުގެ ތެރެއިން “ސަމާސާ އަދަބު”ގެ ލަވަ ތަމްސީލު، ޙަސަންމަނިކު ހުށަހަޅުއްވައި ދެއްވައިފައި ވެއެވެ. “ޖުމްހޫރީ 30” ފާހަގަކުރުމަށް ބޭއްވުނު ޝޯވގައްޔާއި، ޅެންވެރިންގެ ދުވަހާ ގުޅޭގޮތުން ބާއްވަވާ އެކިއެކި ހަރަކާތްތަކުގައިވެސް، ޙަސަންމަނިކު ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. އެގޮތުން، ދިވެހިބަހުގެ އެކެޑަމީން ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި އުފެއްދެވި ހުރިހާ ލަވަތަކެއްގައި އިސް ދައުރެއް އަދާކުރެއްވީވެސް ޙަސަންމަނިކެވެ.

ފިލްމީ ދާއިރާއަށް ޙަސަންމަނިކަށް ވެދެވަޑައިގެންނެވުނީ، ރާއްޖޭގައި ފުރަތަމަ އުފެއްދި ދިވެހި ފިލްމު “ގެއްލުނު ފުރާވަރު”ންނެވެ. އެ ފިލްމުގައި ޙަސަންމަނިކު އަދާކުރެއްވީ، ބަޠަލެއްގެ ބައެވެ. ބޮޑުފެންވަޅުގޭ މުޙައްމަދު މުޞްޠަފާ ޙުސައިން ތައްޔާރުކުރެއްވި މި ފިލްމަކީ، ޓިކެޓް ވިއްކައިގެން ރާއްޖޭގެ ސިނަމާއެއްގައި ދެއްކުނު ފިލްމެއް ނޫނެވެ. އޭގެފަހުން، 13 ޖޫން 1980ގައި ޓީ.ވީ. މޯލްޑިވްސްއިން އެ ފިލްމު ދެއްކިއެވެ. ރާއްޖޭގެ މަތީ ފަންތީގެ ބައެއްގެ ތެރޭގައި ހިނގައިފައިވާ ޙަޤީޤީ ހާދިސާއެއް ދައްކައިދިން އެ ފިލްމުގެ ބަޠަލަކަށް ޙަސަންމަނިކު ހޮއްވެވީ، ޙަސަންމަނިކަކީ، މިފަދަ ފިލްމެއްގައި ބަޠަލެއްގެ ބައި ފުރިހަމައަށް އަދާކުރެއްވިދާނެ ފަންނާނެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރަށް ފެނިވަޑައިގެންނެވެ. މީގެއިތުރުން، އެ ދުވަސްވަރު ކުޅުނު ދެ ފިލްމެއްގައިވެސް ޙަސަންމަނިކު މުހިންމު ބައިތަކެއް އަދާކުރެއްވިއެވެ. އެއީ، “ކަރުދާހުގެ ފިނިފެންމާ” އާއި، “ޒަހަރު ދިން އުފާ” މި ފިލްމެވެ. އެހެންނަމަވެސް، ކަންދިމާވި ގޮތުން، މި ދެ ފިލްމު އާންމުންނާ ހިސާބަށް ގެނެސްދެވޭ ގޮތެއް ނުވިއެވެ. ޙަސަންމަނިކު އަޅުގަނޑުމެންނަށް ދެން ފެނިގެންދިޔައީ “ދޮންހިޔަލައާއި އަލިފުޅު” މި ފިލްމުންނެވެ. މި ފިލްމުގައި ޙަސަންމަނިކު އަދާކުރައްވައިފައި ވަނީ ދޮންހިޔަލަގެ ބައްޕަގެ ބައެވެ.

ފިލްމީ ދާއިރާގައި މި ހިސާބަށް ޙަސަންމަނިކަށް ވަޑައިގެންނެވުނުއިރު، ގިނަ އަދަދެއްގެ ތަމްސީލާއި ޑްރާމާއާއި، ފިލްމުތަކެއް ވަނީ ކުޅުއްވައިފައެވެ. މިހާތަނަށް 26 އަށްވުރެ ގިނަ ފިލްމުގައި ތަފާތު ރޯލުތައް ވަނީ އަދާކުރައްވައިފައެވެ. އަދި ގިނަ އަދަދެއްގެ ތަމްސީލާއި ލަވަ ވަނީ ކުޅުއްވައިފައެވެ. ކުރިން ދެންނެވި ދެ ފިލްމުގެ އިތުރަށް މިހާތަނަށް ކުޅުއްވައިފައިވާ ފިލްމުތަކުގެ ތެރޭގައި، “ޙައްޤު”، “ނިބޫ”، “ފުންއަސަރު”، “އަހަރެން”، “މަގޭ ދަރިފުޅު”، “ޔޫސުފް”، “ވީރާނާ”، “މާފެއްނެތް”، “ފަނާ”، “ދިންވޭނުގެ ހިތާމައިގައި”، “ޒަހަރު”، “އެ ބައްޕަ”، “ސާދަވިލޭރޭ”، “ލައިލާ”، “މިހަށީން ފުރާނަ ދާންދެން”، “ލަވް ސްޓޯރީ”، “ލޯބިނުވިޔަސް”، “އަޙުޝަން”، “އަނގުރު”، “ދިލަކަށި”، “މީލޯތްބަކީ”، “އެންމެފަހު ވިންދާ ޖެހެންދެން”، “ވަކިން ލޯބި” އަދި “ހުޅުދާން” ހިމެނެއެވެ.

ޙަސަންމަނިކު ކުޅުއްވި ޑްރާމާތަކުގެ ތެރެއިން 52 އެޕިސޯޑުގެ “ވަގުތު ފާއިތުނުވަނީސް” މި ޑްރާމާއާއި، 14 އެޕިސޯޑުގެ ޑްރާމާއެއް ކަމަށްވާ “ރޭފަނާ” އާއި، 13 އެޕިސޯޑުގެ ދެ ޑްރާމާ ކަމަށްވާ “އިންތިހާ” އާއި “އިންތިޒާރު”ގައި އަދާކުރައްވައިފައިވާ ބައި ފާހަގަކޮށްލެވެއެވެ. ޓެލެޑްރާމާ މުބާރާތުން ފާހަގަކޮށްލެވުނު “މާމުއިހަނދު” މި ޑްރާމާއަކީ، އެ މުބާރާތަށް ބޮޑު އިންޤިލާބެއް ގެނުވި ޑްރާމާއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޙަސަންމަނިކުގެ ޑްރާމާތަކުގެ ތެރެއިން “ދިވެހި ނާދީ” އިން ތައްޔާރުކުރި “ކާޅިވައް” އާއި، “ދޮން ޙަސަން މަނިކުފާނު” އަކީވެސް ފާހަގަކޮށްލެވޭ ދެ ޑްރާމާއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ޙަސަންމަނިކަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، “މިއަދު ކްރިސްޓަލް އެވޯޑް 2008″ގެ އެންމެމޮޅު ބައްޕަގެ އިނާމާއި، 2011ވަނަ އަހަރު ލިބިވަޑައިގެން “އެންޝޯންޓަރ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު” ހިމެނެއެވެ.

ޙަސަންމަނިކަކީ، މުނިފޫހިފިލުވުމުގެ ދާއިރާގައި ކުރައްވާ ކޮންމެ ކަމެއް ވަރަށް ފަރުވާތެރިކަމާ އެކުގައި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ތަމްސީލުތައް ދަސްކޮށްދެއްވާއިރުގައިވެސް، ތަމްސީލުގެ ބައިވެރިންގެ ޝައުޤުވެރިކަން ހޯއްދަވައިގެން، ކޮންމެ ތަމްސީލެއްވެސް ވީހާވެސް ބޮޑަކަށް ފުރިހަމަކުރެއްވުމަށް މަސައްކަތް ކުރައްވައެވެ.

ޙަސަންމަނިކަކީ، ވަރަށްގިނަ އިޝްތިހާރުތަކުންވެސް އަޅުގަނޑުމެންނަށް ފެންނަ މޫނެކެވެ. އަދި ޢިބްރަތްތެރި އެތައް މެސެޖުތަކެއް، ޚަބަރު ފަތުރާ ވަސީލަތްތަކުން ދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ޙަސަންމަނިކަކީ، ޅެން ހެއްދެވުމުގެ ރޮނގުންވެސް މަޝްހޫރު ބޭފުޅެކެވެ. ތަފާތު އެތައް ރޮނގަކުން ގިނަ އަދަދެއްގެ ޅެން ޙަސަންމަނިކު ވަނީ ހައްދަވައިފައެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޅެން ހެދުމުގެ ރޮނގުން، އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 2005ވަނަ އަހަރު، ޙަސަންމަނިކަށް ވަނީ ލިބިވަޑައިގެންފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.