ދިވެހި ފިލްމު “ކަމަނާ”ގެ ހުރިހައި ޝޯއެއްގެ ހުރިހައި ޓިކެޓެއް އެއްކޮށް ވިކި ހުސްވި ޚަބަރު ސެޓާރން ސްޓޫޑިއޯއިން މީޑިއާއަށް އާއްމުކުރި ހިސާބުން ދިވެހި ފިލްމީ ފަންނާނުން އެކަމަށްޓަކައި މަރުޙަބާކިޔަން ފެށިއެވެ. ޙަޤީޤަތުގައިވެސް މިއީ ދިވެހި ފިލްމީ ދާއިރާއަށް، ޚާލިޞް ލޯތްބެއް އޮތް މީހެއް ނަމަ ސާބަސްދޭން ޖެހޭ ދަނޑިވަޅެކެވެ. ސަބަބުތައް ބައިވަރެވެ. ދިވެހި ފިލްމުތަކަށް ދިވެހީންގެ ތަރުހީބު އެއް އިރެއްގައި އޮތް މިންވަރާއި ގާތަށްވެސް މި ވޭތުވެދިޔަ 15 ވަރަކަށް އަހަރުތެރޭގައި ނެތްކަން މިއީ ކިތަންމެ ހިއްޗަސް، ޙަޤީޤަތެކެވެ. ފިލްމެއް އަޅުވައި ދެތިން ހަތަރު ޝޯއެއް ނުވަތަ ހައެއްކަ ވަރަކަށް ޝޯ ފުލްވެދާނެއެވެ. ނަމަވެސް ދެން ދަނީ ‘ހަމަ ތޮޅިއަށޭ’ ބުނާހާވެސް ދެރަވަރުކޮށެވެ. ކަން މިހެން އޮއްވާ، ފިލްމީ ދާއިރާގެ ‘އޮއްސިފައިވާ ތަރުހީބުގެ އިރު’ އުދަރެހުން ފާއްދައިލީ އޮލިމްޕަހަށް “ކަމަނާ” ގެނައި ހިސާބުންނެވެ.

“ކަމަނާ” ޕްރިމިއާކުރި އިރުވެސް 14 ޝޯ އެއްކޮށް ފުލްވެފައިވާކަން މިއީ ކިތާބީ ހެއްކާއެކު ސެޓާރން ސްޑިއޯއިން އާއްމުކޮށްފައިވާ މަޢުލޫމާތެކެވެ. އޭގެ ފަހުން ކުރިއަށް ހުރި ޝޯތައް، ފަހަރަކު ޝޯއެއް ފުލްވަމުން ގޮސް މިމަހުގެ 03ވަނަ ދުވަހު ފިލްމު “ކަމަނާ”ގެ ހުރިހައި ޝޯއެއް އެއްކޮށް ފުލްވި ހިސާބުން ފިލްމީ ދާއިރާގެ ‘އޮއްސިފައިވާ ތަރުހީބުގެ އިރު’ އުދަރެހުން ފާއްދައިލައި ބޮންތިއަކަށް އަރައިފިއެވެ. މިކަން ފާހަގަކުރަމުން ފިލްމީ ދާއިރާގެ ރެކޯޑްތަކެއް މުގުރާލާފައިވާ މަޝްހޫރު ޑައިރެކްޓަރު ފާޠިމަތު ނަހުލާ ފާޅުކޮށްފައިވާ ޝުޢޫރެއް ފާހަގަކޮށްލެވެއެވެ.

“2024ގެ އެކަންޏެއް ނޫން. މީން ޒަމާނަކުވެސް މިވަރާ ގާތްވެސް ނުވެވޭ ފިލްމަކަށް! ގެއްލިފަވާ ފިލްމީ އޯޑިއަންސް އަނބުރާ ހޯދައިދިނީތީ “ކަމަނާ” ޓީމަށް މުޅި އިންޑަސްޓްރީގެ ޝުކުރާ ސާބަސް ޙައްޤު.

ކުރިއަށް އޮތް ތާނގައި ކޮލިޓީ ފިލްމުތަކެއް ފެނިގެން މި އޯޑިއަންސް އަދިވެސް ހިފެހެއްޓޭނީ. އެންމެން އެކީ މިކަމާ މަސައްކަތްކުރަންވީ.

— ފާޠިމަތު ނަހުލާ

ނަހޫ އެ ފާހަގަކުރީ ވަރަށް ވެސް މުހިންމު ނުކުތާތަކެކެވެ. ގެއްލިފައިވާ ފިލްމު އޯޑިއަންސް އަލުން އަނބުރާ ހޯދައިދެވިއްޖެއެވެ. މިކަމަށްޓަކައި “ކަމަނާ” ޓީމަށް ޝުކުރާއި މަރުޙަބާ ޙައްޤެވެ. ކުރިއަށް އޮތްތަނުގައި މި އޯޑިއަންސް ހިފެހެއްޓޭނީވެސް ކޮލިޓީ ފިލްމުތަކެއް އާއްމުކުރެވިގެންނެވެ. ދިވެހި ފިލްމީ ދާއިރާގެ އެންމެން އެގީގައި މިކަމާ މަސައްކަތްކުރަންވެސް ޖެހެއެވެ.

ނަހޫގެ މި ވާހަކަތަކަށް ފިލްމީ ދާއިރާގެ ވެޓަރަން އެކްޓަރު އަޙްމަދު ނިމާލް ވެސް އެއްބަސްވެއެވެ. ނަހޫގެ ވާހަކައަށް ނިމާލު ބުނީ “ތިޔަ ބުނީ ހެޔޮ ވާހަކައެއް” ކަމަށެވެ. ނަހޫގެ މި ޕޯސްޓަށް “ކަމަނާ” ފިލްމުގެ ލީޑް މަރިޔަމް އައްޒަ ވެސް ޝުކުރުއަދާކޮށްފައިވެއެވެ.

“ކަމަނާ” ފިލްމު މެގަހިޓަކަށްވެ ރެކޯޑެއް ޤާއިމުކޮށްފިއެވެ. ނަމަވެސް މިއީ ދިވެހި ފިލްމީ ތާރީޚުގައި ޤާއިމުކޮށްފައިވާ ރެކޯޑްތައް އެއްކޮށް މުގުރައިލެވުނު ފިލްމެއް ނޫންކަން ފިލްމީ ދާއިރާގެ ތާރީޚު އޮޅުވައިނުލުމަށްޓަކައި ފާހަގަކޮށްލަން ޖެހެއެވެ.

ފިލްމު “ކަމަނާ”ގެ ކުރިއަށް ޖެހިލާނަމެވެ. 2016 އާއި ހަމައަށް ޖެހިލުމުން ހަނދާނަށް އަންނަނީ ނަންބަރެކެވެ. “4426 (ފޯރފޯރޓޫސިކްސް)”ގެ ނަމުގައި ކްރިސްޓަލް އެންޓަޓެއިންމެންޓުން ނެރުނު ފިލްމުގެ 32 ޝޯ އެއްކޮށް ހައުސްފުލްވެފައިވެއެވެ. މިއީ އަޙްމަދު ސިނާން އަދި ފާޠިމަތު ނަހުލާގެ ޑައިރެކްޝަނެކެވެ.

މިހައިތަނަށް ދިވެހި ފިލްމީ ތާރީޚުގައި އެންމެ ގިނަ ޝޯތަކެއް ހައުސްފުލްވެފައި ވަނީ މަޝްހޫރު އެކްޓަރު ޔޫސުފު ޝަފީޢު (ޔޫއްޕެ) ލީޑްކުޅެފައިވާ “ޔޫސުފު” ފިލްމަށެވެ. މިއީ ފާޠިމަތު ނަހުލާ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ 50 ޝޯ ހައުސްފުލްވިއެވެ. ފަންސާސް ޝޯ ހައުސްފުލްވި ފަހުން ފިލްމު ދެއްކުން ހުއްޓައިލީ ފިލްމު ލީކްވުމާއި ގުޅިގެންނެވެ.

ރެކޯޑް ފިލްމުތަކުގެ ވާހަކަދައްކާލާއިރު ޑާކް ރެއިން އެންޓަޓެއިންމެންޓުން މީގެ 06 އަހަރު ކުރިން އުފެއްދި ފިލްމު “ގޮށްރާޅު”ގެ 30 ޝޯ ދައްކާފައިވާއިރު އޭގެ ތެރެއިން 21 ޝޯ އަކީ ހައުސްފުލް ޝޯ ތަކެކެކެވެ. މީގެ 31 އަހަރު ކުރިން، އެޓާރނަލް ޕިކްޗަރޒް އިން ރިލީޒްކުރި ފިލްމު “ދެރިޔާ”ގެ 25 ޝޯ އެއްކޮށް ހައުސްފުލްވިއެވެ. އޭގެ ފަހުންވެސް އެކިއެކި ތާރީޚުތަކުގައި މި ފިލްމު ދައްކާފައިވާއިރު، ހައުސްފުލްކޮށް ޖުމްލަ 35 ޝޯ ދައްކާފައިވެއެވެ. އޭރު އޮލިމްޕަހުގެ ކެޕޭސިޓީއަކީ 575 ގޮނޑިއެވެ. އޮލިމްޕަސް ސިނަމާއިން 20،125 މީހުން ފިލްމު “ދެރިޔާ” ބަލާފައިވެއެވެ. 1998 ވަނަ އަހަރު ރިލީޒްކުރި ފިލްމު “އަމާނާތް”ގެ 22 ޝޯ ދެއްކިއިރު 21 ޝޯ ހައުސްފުލްވި އެވެ. އޭގެ ފަހުން އެކިފަހަރުމަތިންނާއެކު މި ފިލްމުގެ 35 ޝޯ ދެއްކިއިރު، 32 ޝޯ ހައުސްފުލްވިއެވެ.

މީގެ އިތުރުން ދިވެހި ފިލްމު “ފަތިސްހަނދުވަރު”، “އަމާނާތް”، “އުދަބާނި” އަދި “ނިޢުމާ” ވެސް މިއީ ރެކޯޑް އަދަދަކަށް ޝޯތައް ދައްކާފައިވާ ފިލްމުތަކެކެވެ.

ދިވެހި ފިލްމު “ކަމަނާ” މެގަހިޓަކަށް ވުމުގެ ފަހަތުގައި އެތަކެއް ބައިވަރު ސަބަބުތަކެއް އެބަ ހުއްޓެވެ. މީގެ ތެރެއިން އެއް ސަބަބަކީ ފިލްމުގެ ލީޑުގައި މަރިޔަމް އައްޒަ ހަރަކާތްތެރިވުމެވެ. އައްޒަ މި ފިލްމުން ފެނިގެންދާ ތަފާތު ގޮތެވެ. ހަމަ އެހެންމެ ފިލްމުގެ ލީޑްގައި ޔޫއްޕެ ހަރަކާތްތެރިވުންވެސް މިއީ ސަބަބެކެވެ. ކަން މިހެން އޮތް އިރު، ކުރިއަށް އުފައްދަން ހުރި ފިލްމުތަކުން އައްޒަ އަދި ޔޫއްޕެ ޖޯޑެއްގެ ގޮތުގައި ފެނިގެން ދިއުމަކީ ވުން ގާތްކަމެއްކެވެ.

ފާޠިމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމަކީ “ސޮރީ” އެވެ. މި ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި އައްޒަ އަދި ޔޫއްޕެ ހަރަކާތްތެރިވާނެކަން މުނިއަވަސް އަށް ނަހޫ ކަށަވަރުކޮށްދެއެވެ.

“މިހާރު “ސޮރީ”އަށް ތައްޔާރުވަމުން ދާއިރު “ސޮރީ”ގައި ވެސް އުޅެނީ އައްޒަ އަދި ޔޫއްޕެ. އަދި މި ދެތަރިންނާއެކު އަޅުގަނޑުގެ ދަރިފުޅު ‘ލާލި’ އަދި ނާޝްގެ ދަރިފުޅު ‘އެވްލީ’ ލީޑުން ފެނިގެންދާނެ.

— ފާޠިމަތު ނަހުލާ

‘ކިޑް ޕްރޮޑަކްޝަން’ އަދި ‘ސެޓާރން ސްޓޫޑިއޯ’އިން ގެނެސްދިން “ކަމަނާ”ގެ 27 ޝޯ ހައުސްފުލްވެފައިވާއިރު، އިތުރު ޝޯތަކަށް ބޮޑު ޑިމާންޑެއް މިހާރުވެސް އޮތީ ކުރިމަތިވެފައެވެ. ފިލްމުގެ އިތުރު ޝޯތައް އޮލިމްޕަހުގައި ދައްކާނެ ފުރުޞަތެއް ލިބޭތޯ ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަކަމަށް ‘ސެޓާރން ސްޓޫޑިއޯ’އިން ބުނެއެވެ. އިތުރު ފުރުޞަތުތަކެއް ލިބިއްޖެ ނަމަ، މިހާރު މި އޮތް ފަހި އޮއެވަރުގައި “ކަމަނާ”އިން ވަރުގަދަ ރެކޯޑެއް ހަދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.