އޮލިމްޕަހުގައި އަޅުވާ ހުރިހާ ޝޯއެއްގެ ޓިކެޓް ހުސްވެފައިވާ ފިލްމު “ކަމަނާ” ގެ އިތުރު ތިން ޝޯއަކަށް ހުޅުވާލި ޓިކެޓްތައްވެސް ވިކި ހުސްވެއްޖެއެވެ.

އޯގަސްޓް މަހުގެ 27 ގައި އޮލިމްޕަހުގައި އެޅުވި މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި ކުރިޔަށް ގެންދިއުމަށް ރާވާފައި އޮތީ ސެޕްޓެމްބަރު މަހުގެ 14 އިގެ ނިޔަލަށެވެ.

ރޭގަނޑު 8:30 ގެ އިތުރުން ރޭގަނޑު 11:30 ގައިވެސް ޝޯތައް ބާއްވަމުން ގެންދާ މި ފިލްމުގެ އިތުރު ޝޯތަކެއްގެ ގޮތުގައި ޓިކެޓް ވިއްކާފައިވަނީ މި މަހުގެ 10 ވަނަ ދުވަހާއި, 11 ވަނަ ދުވަހުގެ އިތުރުން 13 ވަނަ ދުވަހުގެ އިތުރު ގަޑި ތަކުގެ ޓިކެޓެވެ.

އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 3:30 ގައި ބާއްވަން ނިންމި އެ ޝޯގެ ޓިކެޓްވެސް މިހާރު ހުސްވެފައިވާތީ ކަމަނާގެ ޓީމުންވަނީ 14 ވަނަ ދުވަހުގެ މެންދުރު ފަހުގެ ޝޯއަކާއި އެރޭ 11:30 ގައި އިތުރު ޝޯއެއް ބޭއްވުމަށް މާދަމާ ޓިކެޓް ވިއްކުމަށް ނިންމާފައެވެ. ހަފްތާ ބަންދުގައި އަތޮޅުތަކުގައި އެކަނިވެސް ފިލްމުގެ 32 ޝޯއެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

މި ހުރިހާ ޝޯއެއްވެސް ކުރިޔަށް ގެންގޮސްފައިވަނީ ހައުސްފުލް ޝޯތަކެއްގެ ގޮތުގައެވެ.

ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ ހުށަހަޅައިދިން މި ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު “ލޯބިވެވިއްޖެ” ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރުއެވެ.

މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރުއެވެ.

މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާއިރު މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ.

@muniavas Kamanaa ge ithuru show thakeh! @kamanaa @Saturn Studio @AxzxA @eupeofficial ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.