ހުވަފެނަކީ ބިލާހެކޭ ބުނާތީ އަހަމެވެ. ގިނަމީހުން ޤަބޫލުކުރާ ގޮތުގައި ހުވަފެނުގައި ފެންނަ ކަންތައްތަކަކީ ވާނެ ކަންތައްތަކެއް ނޫނެވެ. އިބިލީސްދޭ ވަސްވާސްތަކެކެވެ. ލޮލަށް ދައްކާ ދަޅަތަކެކެވެ. ބައެއްފަހަރު ހޭލެވޭއިރު ހުވަފެނުގައި ފެންނަ މަންޒަރުތައް ސިފަވެސް ކޮށްނުލެވެއެވެ. ވީ އެއްވެސް ކަމެއް ރަނގަޅަށް ބުނެލަދޭންވެސް ނޭނގޭ ފަހަރު އާދެއެވެ.
ނަމަވެސް އުމުރުން އެންމެ ސޯޅަ އަހަރުގެ އިރަމްގެ ހުރިހާވެސް ހިތްހަމަޖެހުމަކީ ކޮންމެ ރެއަކުހެން އިރަމްއަށް ފެންނަ ހުވަފެނެވެ. މުޅި ދުވަސް ހޭދަކޮށްލަނީ ހޭލާހުރެ އެ ހުވަފެން ބެލުމުގައެވެ. ބައެއް ފަހަރު އިރަމް ހިތްހަމަޖެހޭ ގޮތަކަށް މަންޒަރުތައް ސިފަކޮށްލަމުން އުފަލުން ހިތްފުރާލައެވެ. ހީވާކަހަލައެވެ. އިރަމްގެ ހުވަފެނުގައި ހަޤީޤީ ކުލަޖެހޭނެއެވެ. ތަޤްދީރު އެއީ ކޮންއެއްޗެއްކަން ނޭނގޭ ހާލުވެސް އިރަމްގެ ހިތުން އޭނާގެ ތަޤްދީރު ރާވާލާ ނިންމައިފިއެވެ.
ގްރޭޑް ދިހައެއްގައި ތައުލީމު ހާސިލްކުރަމުންދާ އިރަމްގެ ހުރިހާވެސް މީހަކީ އިރަމްގެ މަންމަ ސާރާއާއި ދޮންތަ އިރާ އެވެ. އިރަމް ވަރަށް ކުޑައިރު ބައްޕަ ނިޔާވެފައި ވީނަމަވެސް އިރަމްގެ މަންމަގެ އާއިލާއަކީ ޤަދަރުވެރި ތަނަވަސް ބައެއްކަމުން އިރަމް އުޅެމުން އައީ ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ.
.·:*¨ ¨*:·.
ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަން ހުރި އިރަމް ތައްޔާރުވެގެން އެހުރީ އިތުރު ގަޑީގެ ކްލާހަށް ދިއުމަށެވެ. ދެއަތުން އިސްތަށިގަނޑުގައި އަތް އުނގުޅާލަމުން އިރަމް އިސްތަށިކޮޅު އޮމާންކޮށްލިއެވެ. ލުއިލުއި ހިނިތުންވެލުމެއް ތުންފަތަށް ވެރިކޮށްލަމުން އިރަމް ފޮތްދަބަހާއި ދިމާއަށް ހިނގައިގަތެވެ.
“އިރަމް. ގަޑިޖެހޭއިރުވެސް ކޮޓަރިން ނިކުންނާނެ ކަމެއްނެތް އިނގޭ.” މަންމަ ސާރާގެ ބާރު އަޑުޖެހުމާއެކު އިރަމްގެ ހަރަކާތް އަވަސްކޮށްލިއެވެ. ފޮތްދަބަސް ކޮނޑުގައި އަޅުވާލަމުން އަވަސްއަވަހަށް ކޮޓަރިން ނިކުތެވެ.
“މަންމާ! ހެޔޮތަ ސްކޫލަށް ނުހާއާ އެކީގަ ދިޔަޔަސް؟” ލިބޭނެ ޖަވާބު އެނގިހުރެ ވެސް އިރަމް އަހާލިއެވެ. ފަސްޖެހިފައި ހުރެއެވެ.
“މަންމައަށް ދެވޭނޭ އިރަމް ގޮވައިގެން. އެހެންނޫނަސް މި ރައްޓެހިންނާއެކީ މަޖާކުރަންވީ ދުވަސްތަކެއް ނޫނޭ. އެއްމަސް ފަހުން އޯލެވެލް އިމްތިހާން ފެށެނީ. އިރަމް ކިޔެވުމާއި މެދު ސީރިއަސްވާތަނެއް ނުފެނޭ މަންމައަކަށް.” އެއްފައްޗަކަށް ޝަކުވާތައް އަމުނާލަމުން ސާރާ އިރަމްގެ މޫނަށް ނަޒަރު ހުއްޓާލީ ނުރުހިފައެވެ.
“އަދިވެސް ހުންނަނީތަ އަވަސްކަމުން. ދާން ހިނގާ.” ރިމޯޓް ނަގާ ޓީވީ ނިއްވާލަމުން ސާރާ އިންތަނުން ތެދުވެ ހިނގައިގަތެވެ. އިސްޖަހާލަމުން އިރަމް މަންމަގެ ފަހަތުން ހިނގައިގަތެވެ.
.·:*¨ ¨*:·.
“އިރަމް ކައިރީގައި މަންމަ ބުނީމެއްނު އަދި ނުވޭ ނުހާމެން އުޅޭހެން ބޮޑުނުވާތަނުން މީހުންނާއި ހިތާވެގެން އުޅޭކަށް.” ސާރާގެ މަޤްސަދަކީ އިރަމްގެ ހަޔާތުގައި އެއްވެސް ފިރިހެން ކުއްޖެއް ހުރިތޯ ބެލުމެވެ.
އެއްވެސް އެއްޗެއް ނުބުނެ މަންމައާއި އެކު އިރަމް ކުރިޔަށް ހިނގަމުންދިޔައެވެ. ސިކުނޑިތެރޭގައި އެތަކެއް ޚިޔާލުތަކެއް އެނބުރޭ ހާލުގައެވެ. މަންމަގެ ވާހަކަ ވަރަށް ރަނގަޅަށް އަޑުއިވުނެވެ. ނަމަވެސް އެވާހަކައަށް ދޭނެ ޖަވާބެއް އިރަމްއަށް ނޭނގުނީއެވެ.
ނުހާއަކީ އިރަމްގެ ބެސްޓްފްރެންޑެވެ. ނުހާގެ ހަޔާތުގައި އެއްވެސް ލޯބިވެރިއެއް ނެތްކަން އެނގޭނީ އިރަމްއަށްތާއެވެ. މަންމަ އެމަޢުލޫއު އެ ނެގީ އިރަމްގެ ޚިޔާލް ހުރިގޮތެއް ބަލަންކަން އިރަމްއަށް ހަމަރަނގަޅަށް ވިސްނެއެވެ.
“ހުރިހާ ކުދިން ވަދެ ނިމޭ ފަހުން ކޮންމެ ދުވަހަކު އިރަމްއަށް ސްކޫލަށް އާދެވޭނީ.” މަންމަގެ އަޑުން އިރަމް ސިހުނެވެ. ޚިޔާލީ ދުނިޔެއިން ނިކުމެ އިރަމް ވަށައިގެން ނަޒަރު ހިންގާލިއެވެ. ސްކޫލްގެ ގޭޓުން އެތެރެއަށް ވަންނަމުން ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އިރަމް މޫނުގައި އަތްހާކާލިއެވެ.
.·:*¨ ¨*:·.
“މެޑަމް. ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ؟ ނިދާފަ އޮވެ ހުވަފެން ބެލުމުގަތަ؟” ނުހާ ހުރީ އިރަމް ނުފެނިގެން ކަހަލައެވެ. އިރަމް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ޓީޗަރ ސަލާމް ގޮވާލުމަށްފަހު ކިޔަވަދޭން ފެށިއެވެ.
ނުހާއަށް ދެލޯ ބޮޑުކޮށްލަމުން އިރަމްގެ ހުރިހާ ސަމާލުކަމެއް ހުއްޓާލީ ޓީޗަރަށެވެ. އެއްގަޑިއިރު ހަމަވެ ކްލާސް ނިމުމާއެކު އިރަމް އަވަސްވެގަތީ ކްލާހުން ނިކުންނާށެވެ. ސިކުންތެއް ލަސްވިޔަސް މަންމަގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެކަން އެނގޭތީއެވެ.
“އިރަމް. އޯލް އޯކޭތަ؟ ރޭގައި ތަފާތު ހުވެފެނެއް ފެނުނީތަ؟” ނުހާ އިރަމްގެ އަތުގައި ހިފާ ދަމާލިއެވެ.
“ދިމާ ކުރަނީ ދޯ. ހިތަށް އަރާ ތަފާތު މަންޒަރުތަކެއް ހުވަފެނުގަ ފެންނާނެނަމައޭ. އަޅެ. ހާދަ ޕާފެކްޓް މީހެކޭ އެއީ. އެ ސްމައިލް. ދުވަހަކުވެސް ހަނދާން ނުނެތޭނެ.” އިރަމްގެ ހުރިހާ ވާހަކަތަކެއް އަންނަމުން ދިޔައީ ހިތުގެ އެންމެ ފުނުންކަން އަންގައިދިނީ އިރަމްގެ ފެންކަޅިވަމުން ދިޔަ ދެލޮލެވެ.
“ހަމައެކަނި ސްމައިލް ފެނިގެން އެނގޭތަ ޕާފެކްޓްކަމެއް؟ ކިހިނެއް އެނގެނީ އެއީ ރީތި މީހެއްކަމެއް؟ ދިވެހިރާއްޖޭގައިވެސް އުޅޭ މީހެއް ނޫން ކަންނޭނގެ ތިމީހަކީ.” ނުހާ އަނެއްކާވެސް އިރަމްއާ ސަމާސާކޮށްލިއެވެ.
“ހެވޭ. ހުރި ތާކުން ހޯދޭނޭ. މައްސަލައަކީ ފެނުނަސް ނޭނގިދާނެތީ. އެކަމަކު އެ ސްމައިލް އެނގޭނޭ. އެފީލިންގް ވެސް އެނގޭނެ. އަދި މިރޭ ހުވަފެނުގައި ރީތިކޮށް މޫނުވެސް ފެނިދާނެއްނު. އަދި އަހަރެންނަށް 18 ވާން ދެއަހަރު އެބައޮތެއްނު. އަދި ޓައިމް އެބައޮތޭ.” އިރަމްގެ ނުވިސްނޭ ސިކުނޑީގައި ހުރި ވާހަކަތައް ނުހާއަށް ބުނެދެމުން އިރަމް ކްލާހުން ނިކުތީ ނުހާގެ އަތުގައި ހިފައިގެންނެވެ.
“މާތްކަލާކޯ! މިހިރަ ފެންނަނީކީ އާދައިގެ ކަންކަމެއް ނޫން.” ސްކޫލްގެ ބޮޑު ގޭޓުން ނިކުންއިރު މަންމަ ބަލާ އައިސް ނެތުމުން އިރަމްއަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފަލެކެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މަންމައާއި ވަކިން ދުވަހަކުވެސް އިރަމްއަށް ބޭރަކަށް ނުދެވެއެވެ.
“ހަމަ އަސްލުވެސް. މިހަމަ ނަސީބަކުން ލިބުނު ފުރުސަތެއް އިރަމްއާ ވާހަކަދައްކާލަން. ދެން ބުނެބަލަ. ހުވަފެނުގެ ފެންނަ ކުއްޖާ އިރަމް ގެންދަނީ ކޮންތާކަށްތަ؟ ކީކޭތަ ބުނީ؟” ނުހާ އަށް އިރަމްއާ ހަމައެކަނި ވާހަކަ ދައްކާލެވެނީ ސްކޫލްގެ ކްލާސް ގަޑީގައި ކަމުން ލިބުނު ފުރުސަތުގެ ބޭނުން ހިފާލަން ނުހާ ބޭނުންވިއެވެ.
“އައި ވިޝް ވާހަކަ ދައްކާނެ ނަމައޭ. ހަމައެކަނި އަތުގައި ހިފައިގެން ގެންދަނީއޭ. އެކަމަކު ސްމައިލް ކޮށްލައިގެން ހުންނަނީ. ވަކި ހިސާބަކުން އަތުން ދޫކޮށްލަނީ. ހިތަށް އަރާ ކީއްވެބާއޭ އެކުއްޖާގެ އަނގަކޮޅު އެކަނި ފެންނަނީ. ދެން ފުރަގަހުން ހިނގާފައި ދާތަން ފެންނަނީ.” އިރަމް ވާހަކަ ދައްކަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. އިރަމްގެ ހިތުގައި ފޮރުވައިގެން އުޅޭ އެސިއްރު މުޅި ދުނިޔެއަށްވެސް ސިއްރުކުރަން އިރަމް ބޭނުންވާ ކަހަލައެވެ.
“މަންމަން ސޮރެއް ކަންނޭނގެއެއްނު. އެހެންވެތާ ވާހަކަ ނުދައްކާނީ.” ނުހާ ބާރަކަށް ހީނގަތެވެ.
“ހެވޭ މަންމަނަސް. ދެން ނާހާތި އެއްވެސް ވާހަކައެއް. ނުކިޔާދޭނަން.” ނުހާ ހޭން ފެށުމުން އިރަމް ހިތްހަމަނުޖެހުނެވެ.
“އިރަމް. ޓައިމް ޓޭބަލްގަ ނިމޭ ގަޑި ނުބައިކޮށް ޖަހާފައި އެއިނީ ތިގޮތަށް މަގުމަތީގައި ބޭނުންހާ ސަކަރާތެއް ޖަހަމުން އަންނަންވެގެންތަ؟” މަންމަގެ އަޑަށް އެންމެ ބޮޑު ސިހުމެއް ލިބުނީ އިރަމްއަށެވެ. ހިނދުކޮޅަކަށް އެހެން ހުރިހާ ކަމެއް ސިކުނޑިތެރެއިން ފޮހެވުނު ކަހަލައެވެ.
މިއަދު ލިބުނު އާ ޓައިމް ޓޭބަލް މަންމައާ ހަވާލުކުރަން އިރަމް ހަނދާންނެތުނީއެވެ. ތެދަށް ބުންޏަސް މަންމަގެ ރުޅިއާ ކުރިމަތިލާން ނުޖެހި ނުދާނެކަން އިރަމްއަށް އެނގެއެވެ.
އިރަމްގެ މަންމަގެ ނުރުހިފައިވާ މޫނުފެނިފައި ނުހާ ހިނގައިގަތީ އެތަނުން ދިއުމަށެވެ. ފަސްއެނބުރި ބެލުމެއްނެތި ނުހާ އެންމެ އަވަހަށް ޖެހުނު ގޯޅި އަޅައި އެމީހުންގެ ލޯމަތިން އަވަހަށް ގެއްލުނެވެ.
“މަންމާ. ދެން ސްކޫލަށް ނޯމަލް ކްލާސްތަކަށް ދާން ނުޖެހޭނޭ. އިތުރު ގަޑީގެ ކްލާހަށް އެކަނި ދާން ޖެހޭނީ. އެހެންވެ މިއަދު ދިން ޓައިމް ޓޭބަލްދޭން ހަނދާން ނެތުނީއޭ.” އިރަމް ހާމަކުރީ ހަޤީޤަތެވެ.
“އެހެން ކޮންކަމެއްތަ ބޮލު ތެރޭގައި އޮތީ، އިރަމް މިހާރު އެހާ ހަނދާންބަލިވަނީ. ޔަޤީން މިއުޅޭ ނުހާގެ އަވައިގެ ޖެހިގެން އިރަމްވެސް ކޮންމެވެސް މީހަކާ ހިތާވީކަން.” އަނެއްކާވެސް ތަކުރާރުކޮށް އެއްވާހަކައެއް މަންމަ ދައްކަން ފެށުމުން އިރަމް ގާތަށް ރުޅިއައެވެ.
ހަތަރު ދަމު ގޭގައި މަންމަ ކުރިމަތީގައި ހުންނަ މީހަކަށް މީހަކާއި ހިތާވެވޭނެ ހެއްޔެވެ؟ އެކަހަލަ ޚިޔާލެއްވެސް އިރަމްގެ ނެތެވެ. އެމީހަކު ފެނިގެން ގަޔާވާ ކަހަލަ މީހެއްވެސް އިރަމްއަކަށް އަދި ނުފެނެއެވެ. މަންމަގެ ފަހަތުން ގެޔާއި ދިމާއަށް ހިނގަމުން ދިޔައިރުވެސް އިރަމް ހުރީ ރުޅިގަދަވެފައެވެ. މަންމަގެ ބޮލުތެރޭގައި ކޮންމެވެސް އިތުރު ޚިޔާލުތަކެއް އެނބުރެމުންދާ ކަހަލަ އިހްސާސެއް ފުރަތަމަ ފަހަރަށް އިރަމްއަށް ކުރެވެންފެށިއެވެ.
.·:*¨ ¨*:·.
ކޮޓަރިއަށް ވަންގޮތަށް އަތުކޮޅަށް ދަބަސް ހޫރާލުމަށްފަހު އިރަމް އެނދުގައި އިށީނދެލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ދެލޯ މަރާލިއެވެ. މަންމަގެ ހަރުކަށި މިޒާޖުން އިރަމްއަށް ގިނަފަހަރު ކުރިމަތިލާން ޖެހެނީ މީހުންގެ މަލާމަތާއެވެ. އިރަމްގެ ރައްޓެހި ކުދިން ކުޅިވަރުތަކުގައި ބައިވެރިވެ ޕިކްނިކް ގޮސް ހަދާއިރު ދުވަހަކުވެސް އިރަމްއަކަށް އެނަސީބެއްނެތެވެ.
.·:*¨ ¨*:·.
“އިރަމް. ކާން އާދޭ!” އިރަމްގެ ޚިޔާލީ ވާފަށް އަނެއްކާވެސް ކަނޑާލީ މަންމައެވެ. ކާހިތްނުވިޔަސް ކާން ޖެހޭނެއެވެ. ކުރަން ބޭނުން ނުވިޔަސް ކުރަންޖެހޭނެއެވެ. ފޫހިކަންމަތީގައިވެސް އިރަމް ތެދުވެ ކޮޓަރިން ނިކުތެވެ.
“ސޯސް ޖަހައިގެން ރޮށި އެކަންޏެއް ނޫން ކާނީ.” ކާމޭޒު ދޮށުގައި އިރަމް އިށީނުމާއެކު މަންމަ އިރަމްގެ ކުރިމަތީގައި ކާތަށި ބަހައްޓާލިއެވެ.
“ދެން މަންމާ! އަޅުގަނޑަށް މީރު އެއްޗެއްދޯ އަޅުގަނޑު ކާނީ.” އިރަމް މޭޒުމަތީގައި ހުރި ސޯސްފުޅި ނަގައި މަތި ހުޅުވާލިއެވެ.
“މީރުވާނެދޯ. އަހަރުދުވަހު މަންމައާއި ވަކިން އުޅެން ޖެހުމުން ކާން ލިބުނީ ހުސް ސޯސް ވިއްޔަ.” މިފަހަރު މަންމަގެ ޖަވާބު އިރަމްއަށް ކަމު ނުދިޔައެވެ. ކެތްތެރިކަންވެސް ކޮޅުންލީއެވެ. މަންމަ އެބުނީ އިރަމް ހަނދާން ކުރަން ބޭނުންނުވާ ދުވަސްތަކެއްގެ ވާހަކައެވެ. އިންތަނުން ތެދުވެ އިރަމް ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. މަންމަ ތަކުރާރުކޮށް ގޮވަމުން ދިޔައިރުވެސް އިރަމް އަޑުއިވޭ ކަމަށްވެސް ނުހަދާ ކޮޓަރިއަށްވަދެ ތަޅުލިއެވެ. އަޑުގަދަކަމުން އިރަމްގެ ދޮންތަ އީރާ އެވަގުތު ކޮޓަރިން ނިކުތެވެ.
“ކިހިނެއްވެގެން މިއުޅެނީ؟” ހާސްވެފައި އީރާއަށް އަހާލެވުނެވެ.
“ނޭނގެ އަހަންނަކަށް.” ފުންނޭވާއެއް ލަމުން ސާރާ ދެފަރާތަށް ބޯހޫރާލަމުން އެތަނުން ހިނގައިގަތެވެ. ކާމޭޒުމަތީގައި މަތި ހުޅުވިފައިހުރި ސޯސްފުޅި ފެނުމާއެކު ވީކީއްކަން އީރާއަށް ވިސްނުނެވެ.
.·:*¨ ¨*:·.
ދަންވަރުގެ އަނދިރިކަމާއި ހަމަހިމޭންކަން މުޅި ދުނިޔޭގައި ރަސްކަން ކުރަމުންދިޔައިރު މުޅިކައުނު ނިދާފައިވާ ކަހަލައެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދަނީ އަޖައިބެއް ކަހަލަ ހިމޭންކަމެކެވެ. އެ ހަމަހިމޭންކަން ފޫދުއްވާލީ އިރަމްގެ އަޑެވެ.
“މިހާރު ޓަޔަޑްވެއްޖެ. ދެން ނުހިނގޭނެ.” އިރަމްގެ އަތުގައި ހިފައިގެން ހުރި ޒުވާނާގެ އަތަށް ފިތާލަމުން އިރަމް ހުއްޓުނެވެ. ނަމަވެސް އެޒުވާނާ ހިނގަމުން ދިޔައީ ކުރިއަށެވެ. ދެމެމުން ކަހަލަ ގޮތަކަށް އިރަމްވެސް ހިނގަމުންދިޔައެވެ. ކުއްލިއަކަށް އެޒުވާނާ ހުއްޓުނެވެ. ނުވިސްނާ ހުރުމުން އިރަމްއަށް އައިސް ލައްވެވުނީ އެޒުވާނާގެ ގައިގައެވެ. މަޑުމަޑުން އިރަމްއާ ދިމާއަށް އެޒުވާނާ އެނބުރުނެވެ. ހިތަށް ލިބުނު ފިނިކަމާއެކު އެތަނަވަސް މޭތެރޭގައި އިރަމްއަށް މޫނު ފޮރުވާލެވުނީ އެޒުވާނާގެ ދެއަތް އިރަމްގެ ހަށިގަނޑު ވަށާލުމުންނެވެ. އެގޮތަށް ތިބެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. އުޑުމަތީގައިވާ ތަރިތައްވެސް އެދިމާލަށް މަޑުކޮށްލިއެވެ. އެހިތްގައިމު މަންޒަރުގެ ހެއްކެއްގެ ގޮތަށް ކަހަލައެވެ. ވިލާތަކުގެ ނިވަލުގައި ފިލާފައިވާ ހަނދުވެސް އެދިމާލަށް އަލިކަންދޭން ބޭނުންނުވަނީ މުޅިދުނިޔެއަށްވެސް އެކަން ސިއްރުކުރަން ކަހަލައެވެ.
އާދަޔާއި ޚިލާފަށް ފިނިކަމެއް އިހްސާސްވުމާއެކު އިރަމްއަށް ފުންމާފައި ތެދުވެ އެނދުމަތީގައި އިށީދެވުނެވެ. އޭރު ދޮންތަ އީރާ ކުރިމަތީގައި ފެންފުޅިއެއް ހިފައިގެން ހިނިއައިސްފައި ހުއްޓެވެ. މޫނުމަތީގައި ހުރި ފެންތައް އަތުން ފޮހެލަމުން އިރަމްގެ ބޮޑު ދެލޮލުން ދޮންތައަށް ބަލާލީ ނުރުހިފައެވެ.
“އަނެއްކާ ދޮންތަވެސް ފެށީތަ؟” ފާރުގައި ހުރި ގަޑިއަށް ނަޒަރު ހުއްޓާލަމުން އިރަމް އަހާލިއެވެ.
“ނޫނޭ. މަންމަ މިކޮޓަރި ތަޅުދަނޑިދީފައި ހުޅުވަން ބުނީމަ ޖެހޭނީ ވަންނާކަށްނު. ތިދެމީހުން ތިއުޅެނީ ހަނގުރާމަ ފަށައިގެންވިއްޔަ.” އީރާގެ ރާގުގައިވަނީ ސަމާސާއެވެ.
“ކީއްވެތަ މަންމައަށް ނާދެވުނީ ގޮވަން އަޅުގަނޑަށް؟ އެހެންޏާވެސް ރުޅި އައިއްސަ ހުއްޓަސް ގޮވަން އާދޭނު.” މަންމަ އިރަމްދެކެ ރުޅި އައިއްސަ ހުންނަން އިރަމް ބޭނުމެއްނުވެއެވެ.
“މަންމަ ހުރީ ރުޅި އައިއްސައެއް ނޫނޭ. މަންމަ ނެތޭ ގޭގަ. އެއާޕޯޓަށް ގޮއްސަވީ. މަންމަ ބުނި މިއަދު ފިހާރައިގަ އިރަމް މަޑުކޮށްލަދޭށޭ. ދޮންތައާ ބަދިގެ ހަވާލު.” އިރަމްއަށް ބަލާލާފައި ހީލަމުން އީރާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
ލިބުނު ފުރުސަތުގެ ބޭނުން ހިފާލުމަށް އިރަމް އަވަސް އަވަހަށް ބާލީސް ދަށުގައި އޮތް ފޯނު ނަގާ ނުހާއަށް މެސެޖްކޮށްލިއެވެ. އިރުކޮޅެއްގެ ތެރޭގައި ފިހާރައަށް އައުމަށެވެ. ފާހާނާއަށް ވަދެ ފެންވަރާ ތައްޔާރުވެލައިގެން ސައިވެސް ނުބޮއި އިރަމް ވަނީ ފިހާރައަށެވެ. އޯޕަން ބޯޑް އަޅުވާލުމަށްފަހު ގޮޑީގައި އިށީނދެ ހަމަޖެހިލިއެވެ. ބޮލު ތެރެއަށް ހުވެފެނުގައި ފެނުނު މަންޒަރުތަކުގެ ޚިޔާލުތައް ބޮނޑިވުމާއެކު އިރަމްއަށް ހިނިތުންވެލެވުނެވެ.
“ސާބަސް! ރޭގަވެސް ހުވަފެނުގެ ރާޖާއާ ދިމާވީތަ؟.” އިރަމްގެ މޫނުމަތީގައިވާ ހިނިތުންވުން ފެނިފައި ފިހާރައަށް ވަން ނުހާ އިރަމްއާ ދިމާކޮށްލިއެވެ.
“ރޭގެ ހުވަފެން ނެތް ކިޔާދެވޭކަށް. ކިހިނެއް ކުރިހާ ކަމެއް ކިޔާދޭނީ؟” ރަތްވެގެންދިޔަ އިރަމްގެ މޫނުމަތިން ފެންނަނީ ލަދުވެތިކަމެވެ.
“ނޫނޭ! ޖެހޭނީ ކިޔައިދޭން. ދެން ބުނެބަލަ. ކީއްތަ ކުރީ އޭނަ؟” އިރަމްގެ ކުރިމަތީގައި ހުރި ގޮޑީގައި ދެފައި ވަށްކޮށްގެން ނުހާ އިށީނދެ ހަމަޖެހިލިއެވެ.
“ވީ ހަގްޑް. އެ އިޙްސާސް ކިހިނެއް ބުނެދޭނީ؟ މުޅި އުމުރަށް އެގޮތަށް އެއަތު ތެރޭގައި އޮންނަން ބޭނުންވަނީ.” އިރަމްގެ އަޑުއައީ ކުރެހިގެންނެވެ. އިރަމްގެ މޫނުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަތައް ފެނިފައި ނުހާއަށް ފުރަތަމަ ފަހަރަށް ބުނަން ނޭނގޭ ކަހަލަ އުނދަގުލެއްގެ އިޙްސާސް ކުރެވުނެވެ. ލޯބި އެއީ ކޯޗެއްކަން ނޭނގޭއިރުވެސް އިރަމްއަށް ވަމުންދާ ގޮތާއި ދޭތެރޭގައި ބިރުގަންނަން ފެށިއެވެ.
“އިރަމް. އެ ހުވަފެނެއްނު. ހަޤީޤަތެއް ނޫނެއްނު. ޕްލީސް ނެގެޓިވް ވަނީއެއްނޫން މި. ބަޓް އައި ތިންކް އިރަމް މާބޮޑަށްހެން ތިވިސްނަނީ ތިކަމާ. އެއުޅޭ މީހެއްވެސް ނޫނެއްނު.” ނުހާ ވާހަކަ ދައްކަމުންދިޔައީ ސީދާ އިރަމްގެ ލޮލަށް ބަލަންހުރެއެވެ. އިރަމްއަށް ހުރެވުނީއެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ ނުހާ އެބުނީ ތެދެއް ހެއްޔެވެ؟ އެ ހުވަފެނަކީ ބިލާހެއް ހެއްޔެވެ؟ އިރަމްގެ ހިތުގައި އެ އުފެދުނު އިހްސާސަކީ ކުޑަހިނދުކޮޅެއްގެ ކަމެއް ހެއްޔެވެ؟ މުޅިދުވަސް އެހިޔާލުގައި ހޭދަކުރެވުން އެއީ ބޭކާރުކަމަކަށް ވެދާނެ ހެއްޔެވެ؟ އިރަމް ހަމަ އެހާ މޮޔަ ހެއްޔެވެ؟ އެތަކެއް ސުވާލުތަކެއް އިރަމްގެ ހިތަށް އަރާ ފައިބަމުންދިޔައެވެ. ނަމަވެސް އެއްވެސް ސުވާލެއްގެ ޖަވާބެއް އިރަމްއަށް ވިސްނާލަންވެސް ނޭނގުނެވެ.
“އިރަމް. އައި ހޭވް އަ މެސެޖް ފޯ ޔޫ. ހަތަރު ދުވަސްވެއްޖެ ބުނަން އުޅޭތާ. ބުނަންވީ؟” ތަނަށް ވެރިވެފައިވާ ހިމޭންކަން ބަދަލުކޮށްލީ ނުހާގެ އަޑެވެ. ނަމަވެސް އިރަމްގެ ސަމާލުކަން އަތުލީ އެގަޑީގައި ފިހާރައަށް ވަން ދެމީހެކެވެ.
“ހޫމް. ކޮބަޔޯ މެސެޖަކީ؟” އެދެމީހުން ދިޔުމާއެކު އިރަމް އަވަސް އަވަހަށް އަހާލިއެވެ.
“ނަވީލް ބުނި ވާހަކަ ދައްކާލަން ބޭނުމޭ. ނަމްބަރު ލިބިދާނެހޭ. ނޫނީ މީޓް ކޮށްލެވޭނެހޭ.” ނުހާ އޮޅުންފިލުވައިދިނެވެ.
“އަޅޭ. މަންމައަށް އެނގިއްޖެއްޔާ މަގޭ ޒަމާން ދިޔައީ. ނަމްބަރެއް ނުދެވޭނެ. އެކަމް މީޓްކޮށްލެވިދާނެ ނުހާ ހެލްޕްވަންޏާ.” އިރަމްގެ ޖަވާބުން ނުހާ ހިތްހަމަޖެހުނެވެ. ބިލާހެއްގެ އަވައިގައި ޖެހި އެޚިޔާލުތަކުން އިރަމް ދުރަށް ގެންދަން ނުހާ ބޭނުންވާތީއެވެ.
“ބައި ދަ ވޭ. ނަވީލްއަކީ މަށަށް ވަރަށް ރީތި މީހެއް. އޭލެވެލް ނިމުނީ ދޯ ނަވީލް މިހާރު؟ އޭނަ ރަށަށް އައީ ކޮންއިރަކު؟” އިރަމްގެ ވާހަކައިން ނުހާއަށް ބޭއިހްތިޔާރުގައި ހީލެވުނެވެ. އަބަދުވެސް “މައި ޓައިޕް” މީހެއް ނުފެނެޔޭ ބުނާ އިރަމްގެ އަނގައިން ފިރިހެންކުއްޖެއް ރީއްޗޭ ބުނި ފުރަތަމަ ފަހަރުވެސް ވީމައެވެ.
.·:*¨ ¨*:·.
“އިރަމް!” އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުލިބި ދެމީހުންވެސް ސިހިފައި ބަލާލީ އިރަމްގެ މަންމަގެ އަޑުންނެވެ.
“މީ އަހަރެންގެ ދަރިފުޅު އިރަމް.” ސާރާ ހުރީ ހެވިދިލިފައެވެ. މަންމަ އެހާ އުފާވެފައި ހުއްޓާ އިރަމްއަކަށް އަދި ދުވަހަކުވެސް ނުފެނެއެވެ. މަންމަ ކައިރީގައި ހުރި އަންހެނަކީ އިރަމްއަށް އަދި ދުވަހަކުވެސް ފެނުނު މީހެއްނޫނެވެ. އެވަގުތު މަންމަމެންގެ ފަހަތުން ނުދަންނަ ފިރިހެން އަޑެއް ކަންފަތުގައި ޖެހުމާއެކު ބޯ އަރިކޮށްލާފައި އިރަމް އަށް ބަލާލެވުނެވެ.
(ނުނިމޭ)
@muniavas އާލާވަނީ އެކު މަށާވީ ހަނދާނޭ Eku Mashaavee Han’dhaaney #ekumashaaveehandhaaney @Zaa IminatH #story #titlesong ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.