އަޅުގަނޑުމެން އާންމުކޮށް އަޑުއަހަނީ ރ. އަލިފުށްޓަކީ ރާއްޖޭގައި އެންމެ މޮޅު ވަޑިން ތިބި، ކިއްސަރު ވަޑާމަށް ކުޅަދާނަ، ފަންނީ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްކަމުގައެވެ. އެއީ އެކަން އޮތް ގޮތްވެސް މެއެވެ. މިހާރުވެސް އެއީ ހަމަ އެކަމަށް އެންމެ މަޝްހޫރު އެއްރަށެވެ.

ދެން މީގެ ކުރިން އެންމެ ގިނައިން އިވެނީ ތ. ހިރިލަންދޫއަކީ ރާއްޖޭގައި މިޔުޒިކަށް އޮތް އެންމެ ހުނަރުވެރިން ގިނަ އެއްރަށޭ ކިޔައި އުޅޭ އަޑެވެ. އެކަމަކު މިފަހަރު މިދިމާވީ ތަފާތު ކަމަކާއެވެ. މޮޅު ވަޑިން ތިބި ރ. އަލިފުށިން މޮޅު މިޔުޒީޝަނުންތަކެއް އަޅުގަނޑުގެ ސިކުނޑިން ޖާގަ ކަށަވަރުކުރީއެވެ. ޅެންހެދުމެވެ. މިޔުޒިކު އުފެއްދުމެވެ. ލަވަ ކިޔުމެވެ. މި ތިން ކަންތައް އެއް ތަނުން މިހައި ފަސޭހައިން އަތުޖެހުމަކީ ވަރަށް ނުވާނޭ ކަމެކެވެ.

އަޅުގަނޑަށް ފޭސްބުކް ޕޯސްޓަކުން ފެނުނު ވީޑީއޯ އެއްގައި ބެކްގްރައުންޑުން އިވެމުން އެދިޔަ ލަވަ ހަމަ ކުއްލިޔަކަށް ހިތުން ޖާގަ ހޯދައިފިއެވެ. އިތުރަށް އޮޅުންފިލުވުމަށް ކޮމެންޓެއް ކޮށްލީމެވެ. ކާކުގެ ޅެމެއްތޯއެވެ؟ ޖަވާބުގައި ސަޓޯއޭ ވިދާޅުވީ އައްމަޑޭއެވެ. އަޅުގަނޑު ސަޓޯ (ޢަބްދުއްސައްތާރު)ގެ ޅެންވެރިކަމަށް ތަޢުރީފުކޮށްލުމުން އައްމަޑޭ އިތުރު 4 ލަވައެއް ވައިބާއިން ފޮނުވައިލިއެވެ. އަދި، ތީ ހުސް ސަޓޯގެ ލައިރިކްސްއޭ ވިދާޅުވިއެވެ. އަޅުގަނޑު ސަޓޯއަކީ ކޮން ރަށެއްގެ ބޭފުޅެއްތޯ ސުވާލުކޮށްލުމުން، އެއީ ރ. އަލިފުށިކަމަށް ވިދާޅުވިއެވެ.

އަބްދުއްސައްތާރު (ސަޓޯ)

ދެން ލިބުނީ އެއަށްވުރެވެސް ސިހުނު ޚަބަރެކެވެ. އެއީ، މި ހުރިހައި ލަވަތައްވެސް ކިޔުއްވާފައި އެވަނީ އެ އައްމަޑޭ (އަޙުމަދު ޙަސަން) ކަން އެނގުމުންނެވެ. ހަމަ ރ. އަލިފުށްޓެވެ. މިޔުޒިކުތަކާ ރެކޯރޑިންގ ވަރަށް ހިއްގައިމުވީމާ ކޮންތާކުންތޯ ރެކޯރޑިންގ ހެދީ އަހާލީމެވެ. ޖަވާބުގައި “ޝާ ސްޓޫޑިޔޯ”އޭ ވިދާޅުވިއެވެ. ރެކޯރޑިންގ ހަދަން އެކޮޅަށް ދަނީ ތޯ އެހީމާ ލިބުނީ މާ ބޮޑު ސިހުމެކެވެ. އެ ސްޓޫޑިއޯއަކީވެސް ރ. އަލިފުށީގައި ޝާފިއު (ޢަބުދުﷲ ޝާފިއު) ހައްދަވާފައިވާ ތަނެއްކަމެވެ. ކޮންފަދަ އިއްތިފާޤެއް ބާވައޭ ހިތަށް އެރިއެވެ. މިފަދަ ކުޅަދާނަ ތިން ފަންނާނަކު އެއްތަނަކުން، އަދި އަމުދުން ރާއްޖެތެރޭގެ ރަށަކުން ލިބުމަކީ ވަރަށް މަދުންވާ ކަމެކެވެ. ފަންނީ މީހުން ތިބެއެވެ. އެކަމަކު މިހައި ކުޅަދާނަ މީހުން އެއް ރަށެއްގައި މަދެވެ.

އައްމަޑޭއަކީ އަމިއްލަ ރާގުވެސް އުފައްދަވާ އަދި ރީތިކޮށް ލަވަ ވިދާޅުވާ ވަރަށް ކުޅަދާނަ ލަވަކިޔުންތެރިއެވެ. އެކަން މި ލަވަތަކުން ކިތަންމެ ފުރިހަމަޔަކަށްވެސް ސާބިތުވެއެވެ. ޕިޗު ކުރުމާ ވޭރިއޭޝަންތަކާ އަޑުގެ ރީތިކަން އަޅައިގަންނަހައި ފުރިހަމައެވެ. ހަމަޔާ، ކިޔުމާ، ކިޔުމުގެ އަސަރާ ވައްޓަފާޅިވެސް އެހައި ހިތްގައިމެވެ.

ޢަބްދުއްސައްތާރު (ސަޓޯ) - ޝާ ސްޓޫޑިއޯ

ސަޓޯގެ ޅެންވެރިކަމަކީ ތަފާތު އިޙުސާސެއް ހިތަށް ގެނުވާ އަސަރުގަދަ ޅެންވެރިކަމެކެވެ. ބައެއް ޅެންވެރީންގެ ޅެންތަކުން ކުރަކިކަން ފެނުނަސް ސަޓޯގެ ޅެންތަކުން ފެންނަނީ ބަދަހި ރީތި މެދު ޒަމާނުގެ ސިފަތަކެކެވެ. ލޯތްބާއި ސިފަކުރެއްވުމާއި ހާދިސާތައް ރީއްޗެވެ. އޮމާންވެފައި އަޑުއަހައިލަން އެހައި ފަސޭހައެވެ. ފިލްމީ މަންޒަރުތަކަށްވެސް މި ޅެންވެރިކަން ވަރަށް މެޗްވާނެއެވެ. ޕްރޮޑިޔުސަރުން މިކަމާ ވިސްނަވާނޭ ކަމުގައި ހީކުރަމެވެ.

އަޙްމަދު ޙަސަން (އައްމަޑޭ) – ޝާ ސްޓޫޑިއޯ

ދެން އޮތީ އެންމެ އުދަނގޫ އެހެނަސް އެންމެ ރީތިކަން ގެނެސްދޭ ބައެވެ. އެއީ މިޔުޒިކެވެ. އެ ރާގަކާ އެކަށޭނަ ގޮތަކަށް އަޑުތަކާ ހަމަތައް އުފަންކުރުމެވެ. މި މިޔުޒިކުތަކުން ޒަމާނާގުޅޭ ރަހަތައްވެސް ފެނެއެވެ. އެކަމަކު ބޮލަށް އުނދަގުނުވާހައި އޮމާންކޮންނެވެ. ވަރަށް އަޑުއަހައިލަން ފަސޭހައެވެ. ކަންފަތާ ސިކުނޑިޔަށް އަރާމެވެ. މިއީވެސް ރ. އަލިފުށީ ބޭފުޅެއްގެ ކުޅަދާނަ ހުނަރެވެ. ޝާފިޢު އެވެ. ޝާ ސްޓޫޑިއޯގެ ވެރިޔާއެވެ. އަދި މީގެ އިތުރުން ޝާފިޢުއަކީ ހަމަ ވަރަށް ރީއްޗަށް ލަވަވެސް ވިދާޅުވާ ބޭފުޅެކެވެ.

ޝާ ސްޓިއޯ

އަޅުގަނޑަށް މި އާރޓިކަލް ލިޔަން މަޖުބޫރުކުރުވީ މި ތިން ފަންނާނުންގެ މަސައްކަތްވެސް އިންތިހާޔަށް ކަމުދިޔުމާއެކެ، މި ތިން ބޭފުޅުންނަކީ އެއްރަށަށް ނިސްބަތްވާ އަދި ތިމާގެކަމެއްވެސް އޮތް ތިން ބޭފުޅަކަށް ވުމުންނެވެ. މި ތިން ބެފުޅުންވެސް ތިއްބެވީ މި ރޮނގުން ކުރިޔަށް ވަޑައިގަތުމުގެ ޝައުޤުގައެވެ. މިކަމުގެ ބޭނުންޖެހިފައިވާ ފިލްމް އިންޑަސްޓްރީއަށް މިއޮތީ ރަނުގެ ފުރުޞަތެކެވެ. އަމިއްލަ ރާގާ ލަވަޔާ މިޔުޒިކްޓްރެކް ހެދުމުގެ އިތުރުން ރީތި ޕްލޭބެކް ސިންގަރެއްގެ ޖާދުވީ އަޑެވެ.

ޢަބްދުﷲ ޝާފިޢު – ޝާ ސްޓޫޑިއޯ

ރާއްޖޭގައި މިފަދަ ފަންނީ ބޭފުޅުންނަށް ދޭންޖެހޭ ސަމާލުކަން ނުދެވިދާކަމީ ހިތާމަހުރި ކަމެކެވެ. އަގު ވަޒަންކުރުމަކީ ރާއްޖޭގައި ވަރަށް ނުދަންނަ، އެހެނަސް ކޮންމެހެން ކުރަންވެއްޖެ ބޭނުންތެރި ކަމެކެވެ. މި ތިން ފަންނާނުންނަށާ މުޅި މިޔުޒިކް އިންޑަސްޓްރީއަށް އަބަދުވެސް ކުރިއެރުން ދެއްވާށިއެވެ.

@muniavas Sha Studio ge bayeh masakkaiythah @SHA STUDIO @easashareef ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com