މި މަހުގެ 29 ގައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައިވާ ފިލްމު “ގެއްލުނު ރޭ”ގެ ޕޯސްޓަރ އަދި ޓްރެއިލާ ރިލީޒްކުރަން ބޭއްވި އިވެންޓްގައި ކޮކޯ ހަސަން ވަރުގަދަ ޗެލެންޖެއް ކޮށްފިއެވެ.

މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމު މީޑިއާތަކާ ހަމައަށް ތިލަކޮށްލުމަށް ބޭއްވި އިވެންޓްގައި ހަސަން ބުނީ މި ފިލްމަށް ވުރެން ރަނގަޅު ފިލްމެއް މި އަހަރު އޮލިމްޕަހުގައި ނާޅުވާނެ ކަމަށެވެ.

“މި ފިލްމުގެ ވާހަކަ މީހުން ކައިރީގަ ދައްކައްޗޭ!

— ކޮކޯ ހަސަން

ހިނިތުންވެ ހުރެ ސަމާސާ ގޮތަކަށް ކޮކޯ ހަސަންގެ އަމިއްލަ ސްޓޫޑިއޯ ‘ކޮކޯ ސްޓޫޑިއޯ’ގެ ފުރަތަމަ ފީޗާ ފިލްމާމެދު ސީރިއަސް ވާހަކައެއް ދައްކަން ފަށަމުން ބުންޏެވެ.

“ކުޑަކުޑަ އިޝްތިހާރެއް ކޮށްލީ އިނގޭތޯ!

ނޫނޭ އަޅުގަނޑު މިހެން މި ދަންނަވަނީ ސަބަބެއް ނެތިއެއް ނޫން އިނގޭތޯ! އަޅުގަނޑު ހަމަ މި ދަންނަވަނީ ސީދާ ތެދަށް، ޙަޤީޤީ ވާހަކައެއް. އިރާދަކުރެއްވިއްޔާ 2024ގަ އޮލިމްޕަހަކު ނާޅުވާނެ މިއަށް ވުރެ ރަނގަޅު ފިލްމެއް!

— ކޮކޯ ހަސަން

ފިލްމު “ގެއްލުނު ރޭ”ގެ ޓްރެއިލާ ދައްކަމުން ދިޔަ ސްކްރީނަށް އިޝާރާތްކޮށްލަމުން ކޮކޯ ހަސަން އެ ކުރީ ވަރުގަދަ ޗެލެންޖެކެވެ. މިވަރުގެ ޗެލެންޖެއް ކުރާނީ ހަމަ ގައިމުވެސް މި ފިލްމުގެ ވާހަކައިން ފެށިގެންގޮސް ތަރިންގެ އެކްޓިންއާ އަދި އެހެނިހެން ހުރިހައި މަސައްކަތްތަކެއްވެސް ވަރަށް ފުރިހަމައަށް ހުރުމުން ކަމަށް ހަސަން ފަދަ ތަޖުރިބާކާރެއްގެ މިފަދަ ބުނުމަކުން ޤަބޫލުކުރަން ޖެހެއެވެ.

ރާއްޖޭގެ ފިލްމީ ފަންނާނުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން މި ފިލްމު އުފެއްދުމުގެ މަސައްކަތުގައި ލިބިގެން ދިޔަކަންވެސް މި އިވެންޓްގައި ވާހަކަދައްކަމުން ހަސަން ފާހަގަކުރިއެވެ.

މީގެ ކުރިން ސީރީޒެއް އުފައްދައި ގެނެސްދީފައިވާ ކޮކޯ ސްޓޫޑިއޯ ފުރަތަމަ ފީޗާ ފިލްމު “ގެއްލުނު ރޭ” ޕްރޮޑިއުސްކޮށްފައިވަނީ ހަސަންގެ ދަރިފުޅު އަންދަލާ ހަލީމް (އަންޏަ) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ރިޝްތާ އެވެ.

“ގެއްލުނު ރޭ”ގެ ކާސްޓްގައި މުހައްމަދު މަނިކު، އައިމިނަތު ޝުހާ، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް ޝިފާ، މަރިޔަމް ހަލީމް އަދި އަލަށް ތައާރަފުކުރާ ކުޑަކުއްޖެއް ކަމަށްވާ ކައުސަރު ހިމެނެ އެވެ.

“ގެއްލުނު ރޭ”ގެ ޓިކެޓް ހޯދުމަށް 7662021 އަށް ގުޅުމަށް ކޮކޯ ސްޓޫޑިއޯއިން އެދެއެވެ.

“ގެއްލުނު ރޭ”ގެ ޕޯސްޓަރ އަދި ޓްރެއިލާ ރިލީޒްކުރުމުގެ އިވެންޓްގައި ހަސަން ދެއްކި ވާހަކަކޮޅާއި ފިލްމުގެ ޓްރެއިލާ މިއޮތީއެވެ.

@muniavas ގެއްލުނުރޭ GellunuRey – Poster adhi Trailer Launching event #cocostudio #gellunurey Event coverage by: @umarashfaq ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.