ޕްރޮފެސަރަކު ވަރަށް މުހިންމު މައުލޫއަކަށް ކިޔަވައިދޭން ފެއްޓިއެވެ. ޕްރޮފެސަރު ބޯޑާ ދިމާއަށް އެނބުރިލި ވަގުތު ކުއްޖަކު ތުނބުން ފުމެލިއެވެ. ޕްރޮފެސަރު އެނބުރިލާފައި ތުނބުން ފުމެލީ ކާކުތޯ ސުވާލު ކުރިއެވެ. އެކަކުވެސް އަނގައިން ނުބުންޏެވެ.

ޕްރޮފެސަރު ލިޔެލިޔެހުރި ޗޯކުކޮޅު މަޑުމައިތިރި ކަމާއެކު މޭޒުމަތީގައި ބާއްވާފައި ބުންޏެވެ. “މިހާ ހިސާބުން މިއަދުގެ ފިލާވަޅު ނިމުނީ. ދެން މިއުޅެނީ ބާކީ އޮތް ވަގުތުކޮޅުގެ ބޭނުންކޮށްލަން ވާހަކައެއް ކިޔައިދޭން.”

ހުރިހާ ދަރިވަރުން ޝައުގާއެކު އަޑުއަހަން ތިއްބެވެ.

“ރޭގައި އަހަރެންގެ ނިދި ވަނީ ލޮލާ އެތައް މޭލެއް ދުރުގައި. ނިދިނައިސްގެން އޮޮވެއޮވެފައި ހިތަށް އެރި. ކާރަށް ޕެޓްރޯލް އަޅަން ދާންވީއޭ. އޭރުން މާދަމާ ހެނދުނުގެ ވަގުތު ސަލާމަތްވާނެއޭ. މިހެންހިތާ ކާރަށް އަރާފައި ދުއްވާލައިފިން. މަގުމަތީގައި ވާހަނަ ވަރަށް މަދު. އަހަރެން ކާރުގެ ޓޭންކް ފުރާލައިގެން ގެޔަށް އައި މަގުމަތީގައި ގޯޅިއެއްގެ ކަންމަތީގައި އެކަނި ހުރި އަންހެން ކުއްޖަކު ފެނިއްޖެ. އޭނާ ލައިގެން ހުރި ހެދުން އޭނާހާ ރީތި. އެވާނީ ޕާޓީއަކުން ނިމިގެން ދާ ކުއްޖަކަށް. އަހަރެން އޭނާ ގާތަށް ކާރު މަޑުކޮށްލާފައި ކަމެއް ބޭނުންތޯ އެހިލެކަށްވުރެ އަވަހަށް ތިމަންނަ ގެޔަށް ވައްޓާލަ ދީފާނަންތޯ ބުނި. އަހަރެން އެއްބަސްވިން. އޭނާ އެރުވީ ކުރީ ސީޓަށް. ދެމީހުން ވާހަކަ ފަށައިފިން. އޭނާ އަކީ ވަރަށް ވިސްނުން ތޫނު ކުއްޖެއްކަން އަހަންނަށް ފާހަގަވި. ކޮންމެ މައުލޫއަކަށް ވާހަކަ ދެއްކިޔަސް ބައިވެރިވޭ. ވަރަށް މައުލޫމާތު މުއްސަނދި ކުއްޖެއް.

އޭނާގެ ގެޔަށް ދެވުމުން، އަހަރެން އޭނާއަށް ބެހެއްޓީ ގާތްކަމަށް ޝުކުރު އަދާކުރަމުން ކާރުން ފައިބަމުން އަހަރެންދެކެ ލޯބި ވެވިއްޖެކަމަށް ބުނި. އަހަންނަށްވެސް އޭނާއާ ރުހެވެން ފަށައިފި. އަހަންނަކީ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށް ބުނިން. އޭނާ އަހަރެންގެ ފޯނު ނަންބަރު ދޭން އެދުމުން ދިނިން. ދެން އޭނާ އެދުނު ކަމަކީ އަހަންނަށް ދެކޮޅު ހެދެން ނެތް ކަމެއް. އޭނާ ބުނި. އަހަރެންގެ ކޮއްކޮއަކީ ތިޔަ ޔުނިވަރސިޓީގެ ދަރިވަރެއް. އޭނާއަށް ޚާއްސަ ސަމާލު ކަމެއް ދޭން އެދުނު. އެދަރިވަރަކީ ކާކުތޯ އެހުމުން އޭނާ ބުނި. އޭނާ ދެނެގަންނާކަށް މާ އުނދަގުލެއް ނުވާނެ. އޭނާއަކީ ތުނބުން ފުމެން އާދަވެފައި ހުރި ކުއްޖެއް.”

ހުރިހާ ކުދިންގެ ލޯ ތުނބުން ފުމުނު ދަރިވަރަށް އަމާޒުވިއެވެ.

ޕްރޮފެސަރު ބުންޏެވެ. ” އަހަރެން ސައިކޮލޮޖީ ސެޓްފިކެޓް ގަތީކީ ނޫން. އަހަރެން އެ ހާސިލް ކުރީ. އޭ މޮޔަ ކުއްޖާ. މިކޮޅަށް އާދޭ!.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.