ޒައިތޫނި ތެލަކީ ރިޒޯޓް، ރެސްޓޯރެންޓް ތަކުގެ ބަދިގެ ތެރޭގައި އެންމެ މަޤުބޫލު އެކައްޗެވެ. ދިވެހިންގެ މެދުގައި ޒައިތޫނި ތެލަކީ ކެއްކުމަށް ވުރެން ބޮޑަށް ގައިގައި ލުމަށް، މަސާޖް ކުރުމަށް ނުވަތަ ބޭސްވެރިކަމަށް ބޭނުންކުރާ ތެލެކެވެ. ނަމަވެސް މިހާރު ދިވެހި ބަދިގެ ތަކުންވެސް ޒައިތޫނި ތެޔޮ ވަނީ ޖާގަ ހޯދާފައެވެ. ޒައިތޫނި ތެލުގައި ހުންނަ ވިޓަމިން އީ އާއި ބޭނުންތެރި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ލޭގެ ޕްރެޝަރު މިންހެޔޮކޮށް ހިފަހައްޓަށެވެ. ނަތީޖާއެއްގެ ގޮތުން ހާރޓް އެޓޭކް ޖެހުމުން ދުރުހެލިކޮށްދީ، ކެންސަރު ޖެހުމާއި އަވަހަށް މުސްކުޅިވުމުން ދުރުކޮށްދެ އެވެ.

ޒައިތޫނި ތެލުގެ ބޭނުންތައް މިހައިވަރުން ނިމުނީކަމަށް ހީކުރެވޭނަމަ، އަދި ތިޔަ ވިސްނެނީ ރަނގަޅަކަށް ނޫނެވެ.

ޒައިތޫނި ތެލުން ހިފޭ 25 ބޭނުމެއްގެ މައްޗަށް ކުރުގޮތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

1- ބާރަށް ގުގުރިދެމުން ހުއްޓުވުމަށް: ނިދަން އޮށޯތުމުގެ ކުރިން ދެ ސަމުސާ ޒައިތޫނި ތެޔޮ ބޯށެވެ.

2- ސްޓްރެޗް މާރކް ފިލުވުމަށް: ސްޓްރެޗް މާރކްސް ލާފައި ހުރި ހިސާބުގައި ޒައިތޫނި ތެލުން މަސާޖު ކުރާށެވެ.

3- އެކްނީ ނުވަތަ އޮށާޅަ އަށް ފަރުވާދިނުމަށް: 3 ސައިސަމުސާ ޒައިތޫނި ތެލާއި 4 ސައިސަމުސާ މޫދު ލޮނާއި އެއްކޮށްގެން ގަށާށެވެ. ތައްޔާރުކުރި ތެޔޮ މޫނުގައި އުނގުޅުމަށްފަހު 1 ނުވަތަ 2 މިނެޓް ވާންދެން ބަހައްޓާށެވެ. މި މިކްސްޗަރ ހޭކުމުން އޮށާޅައިގައި ހުންނަ ހޮއެތައް ސާފުކޮށް ބަހައްޓައި ހަންގަނޑު ތެޔޮކޮށް ބަހައްޓައިދޭނެ އެވެ. ސައިބޯނި ލައިގެން ހޫނުފެނުން މޫނު ދޮވެލާށެވެ.

4- ކަންފަތުގައި ރިއްސުން ރަނގަޅުކުރުމަށް: ޒައިތޫނި ތެޔޮފޮދެއް ސަމުސަލެއްގައި ހޫނުކޮށް، ތާފަނާ ކޮށް ތެޔޮފޮދު ބަހައްޓައި ކަންފަތު ތެރެއަށް ތެޔޮ ތިއްކެއް ޖަހާށެވެ.

5- ގޮހޮރުގެ ފާރު ހިއްކުމަށާއި ތަދު ކެނޑުވުމަށް: 1 ސައިސަމުސާ ޒައިތޫނި ތެލައި 3/4 ތަށީގެ ސިޓްރަސް ޖޫސް (ލުނބޯހުތް) ނުވަތަ ރާހުތާއި އެއްކޮށްގެން ބޯށެވެ.

6- ތުނބުޅި ބާލަން ހާކާ ކްރީމެއްގެ ބަދަލުގައި ވެސް ޒައިތޫނި ތެޔޮ ބޭނުންކުރެވިދާނެ އެވެ.

7- އަތުގެ ނިޔަފަތިތައް ވަރުގަދަ ކުރުމަށް: ތަށްޓަކަށް ޒައިތޫނި ތެޔޮ އެޅުމަށްފަހު އަތުގެ ނިޔަފަތިތައް ތެލުގެ ތެރެއަށް ލައިގެން ކޮންމެ ދުވަހަކުވެސް 10 ވަރަކަށް މިނެޓް އިންނާށެވެ.

8- ހަންގަނޑަށް ފަރުވާ ދިނުމަށް: އަތުގެ ހިކި ހަންގަނޑަށް ފަރުވާ ދިނުމަށް، އުޅަނބޮށްޓާއި ކަކުލުގެ ކޮޅުގެ ހަންގަނޑަށް ފަރުވާ ދިނުމަށްޓަކައި ދެތިން ހަތަރު ސައިސަމުސާ ޒައިތޫނު ތެޔޮ މަޑު ގިނީގައި ހޫނުކޮށް ތާފަނާކޮށް ހުއްޓާ އުނގުޅާށެވެ.

9- އަރިދަފުސް ރޯގަލަށް ފަރުވާ ދިނުމަށް: 1/3 ޖޯޑު ޒައިތޫނި ތެލާއި، 1/3 ތިލެލާއި، 4 ބޮކަރު ތިއްކާއި، 2 ތިކި ރޯސްމެރީ ތެލާއި އެއްކޮށްގެން ހޫނުކޮށްލުމަށްފަހު ތާފަނާކޮށް ބަހައްޓައި މެޔާއި ބުރަކަށީގައި މަސާޖް ކުރާށެވެ.

10- ބޮލުން ހަންފޮޅުމަށް ފަރުވާ ދިނުމަށް: ރޭގަނޑު ނިދުމުގެ ކުރިން ބޮލުގެ ހަންގަނޑުގައި ޒައިތޫނި ތެލުން މަސާޖްކޮށްފައި ބަހައްޓާށެވެ. އާދައިގެ ޝޭމްޕޫއަކުން އަނެއް ދުވަހު ހެނދުނު ބޯ ދޮންނާށެވެ. ހަފުތާއެއް ވާންދެން މިހެން ހަދާށެވެ.

11- އިސްތަށިގަނޑު ފުހުރުވުން ކުޑަކޮށްދިނުމާއި އިސްތަށީގެ ކޮޅުތައް ކަފިވުން ރަނގަޅުކުރުމަށް: ތާފަނާކޮށް ހުރި ޒައިތޫނި ތެޔޮ ބޮލުގެ ހަންގަނޑަށް އަޅާފައި ކޮންމެ ދުވަހަކުވެސް 45 މިނެޓް ބަހައްޓާށެވެ.

12- އިސްތަށީގައި ކުލަ ޖައްސާއިރު ހަންގަނޑުގައި ހޭކޭ ކުލަ ފިލުވުމަށް: ކަފަގަނޑެއް ނުވަތަ ކުޑަ ތުވާލި ރުމާކޮޅެއް ތެލުން ތެންމުމަށްފަ ބޮލުގައި ކުލަ ހޭކިފައި ހުންނަ ތަންތަނުގައި ޖައްސައި އުނގުޅާށެވެ. އިރުކޮޅެއް ފަހުން ހަންގަނޑުގައި ހޭކިފައި ހުންނަ ކުލަ ފިލާނެ އެވެ.

13- އިސްތަށި ފޭބުން ހުއްޓުވުމަށް: 2 ސައިސަމުސާ ޒައިތޫނި ތެލާއި 2 ކުކުޅުބިސް އެއްކުރުމަށްފަހު ބޮލުގެ ހަންގަނޑުގައި ހާކައިފައި 40 މިނެޓް ބަހައްޓާށެވެ. އައިސް ފެނުން ނުވަތަ ތާފަނާ ފެނުން ބޯ ދޮންނާށެވެ. ހަފުތާއަކު 3 ފަހަރު މިހެން ހަދަންވާނެ އެވެ.

14- އުކުނު ފިލުވުމަށް: 1 ސައިސަމުސާ ޒައިތޫނި ތެލުގެ ތެރެއަށް 5 ތިކި ޓީ ޓްރީ އޮއިލް ޖެހުމަށްފަހު އެއްކޮށްފައި ބޮލުގައި އުނގުޅާށެވެ. ބޮލުގެ ހަންގަނޑު ރަނގަޅަށް ތެމޭވަރަށް އުނގުޅަން ވާނެ އެވެ. އުކުނު ފިލުވާ ފުނައަކުން ފުނާ އަޅާށެވެ. އެއަށްފަހު ހޫނު ފެނުން ބޯ ދޮންނާށެވެ.

15- ދަތުގައި ރިއްސުން ފިލުވުމަށް: 3:1 ރޭޝިއޯ އަށް ވާގޮތަށް ކަރަންފޫ ތެލާއި ޒައިތޫނު ތެޔޮ ތިކި އެއްކުރާށެވެ. ކަފަބުރެއް ބޭނުންކޮށްގެން ރިއްސާ ދަތުގައި ޖަހާށެވެ. މާބަނޑު އަންހެނުންނާއި ތުއްތުކުދިން އަދި ކިރުމައިން މި ބޭސް ބޭނުންކޮށްގެން ނުވާނެ އެވެ.

16- މަސްކަރާ ފިލުވުމަށް: ކަފަބުރަކަށް ކުޑަކުޑަ ތެޔޮފޮދެއް ޖަހައިގެން ލޮލުގައި ވާ މޭކަޕް ފިލުވާށެވެ.

17- ކެއްސުން ރަނގަޅު ކުރުމަށް: ޒައިތޫނި ތެޔޮ ސަމުސަލަކާއި މާމުއި ސަމުސަލެއް އެއްކޮށްގެން ބޯށެވެ. މީގެ އިތުރުން މެޔާއި ބުރަކަށީގައި ޒައިތޫނި ތެލުން މަސާޖްކޮށްލާސެވެ.

18- ރަތްވެފައިވާ / ދުޅަވެފައިވާ ހިރުގަނޑަށް ފަރުވާދިނުމަށް: ފެނަށް ޒައިތޫނި ތެޔޮ އެއްކޮށްގެން އަނގަ ދޮންނާށެވެ.

19- ނެޕީ ޖެހުމުން ނަގާ ފޮޅު ނެގުން ހުއްޓުވުމަށް: 2 ސައިސަމުސާ ޒައިތޫނި ތެލުގެ ތެރެއަށް 1 ސަމުސާ ފެން އެއްކޮށްގެން ބޭބީގެ ފޫކޮޅުގައި ވަށާށެވެ.

20- ފަރުނީޗަރު ފާލީސް ކުރުމަށް: 2:1 ރޭޝިއޯ އަށް ޒައިތޫނި ތެލާއި ލުނބޯހުތް އެއްކުރާށެވެ. ތުވާލިކޮޅެއް ބޭނުންކޮށްގެން ތައްޔާރުކުރި ތެޔޮ ހާކައިގެން ފަރުނީޗަރު ފާލީސް ކުރާށެވެ.

21- ބަގީޗާ ހެއްދުމަށް ބޭނުންކުރާ ބައެއް ސާމާނު ބެލެހެއްޓުމަށް: ބަގީޗާ ހައްދަން ބޭނުންކުރާ އާލާތްތަކުގައި ޒައިތޫނި ތެޔޮ ހާކާށެވެ. ދަބަރު ޖެހުމާއި ދަމިލަޖެހުމުން ދުރުކޮށްދޭނެ އެވެ.

22- ދޮރުތަކުގެ ހުޅުހުޅު ހިކި އަޑުގޮވުން ކެނޑުވުމަށް: ހުޅަށް ޒައިތޫނި ތެޔޮ ޖަހާށެވެ. އޭރުން އަޑު ކެނޑޭނެ އެވެ.

23- ހަޖަމުކުރުމުގެ މައްސަލަތައް ހައްލުކުރުމަށް: ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާހުރެ ސައިސަމުސަލެއްގެ ޒައިތޫނި ތެޔޮޮ ބޯށެވެ. އަނެއް ގޮތަކީ ފެން ތަށްޓެއްގެ ތެރެއަށް 1 ސަމުސާ ޒައިތޫނި ތެލާއި، 1 ސަމުސާ ލުނބޯ ހުތް އެއްކޮށްގެން ބޯށެވެ.

24- ވަޅި ތަކުގައި ދަބަރުޖެހިޔަ ނުދިނުމަށް: ވަޅިތައް ރަނގަޅަށް ދޮވުމަށްފަހު ރަނގަޅަށް ހިއްކައި ތިލައިގައި ޒައިތޫނި ތެޔޮ ހާކާާށެވެ.

25- އުށްބައްތި ޖަހާ އެތީގައި އުށް ތަތްލިޔަ ނުދިނުމަށް: އުށްބައްތި ޖަހާ އެތީގެ ތެރެއަށް ކުޑަކުޑަ ޒައިތޫނި ތެޔޮފޮދެއް ޖަހާށެވެ. ވިރިގެން ފައިބާ އުށްތައް ތަތެއްނުލާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.