އަތްތިލައަށް ބަލާލަބަލާށެވެ. ފެންނަނީ ކޮންއެއްޗެއް ހެއްޔެވެ؟ ޖަވާބަކީ “ހަމައެކަނި އަހަރެންގެ އަތްތިލަ” ކަމަށްވާނަމަ ރިފްލެކްސޯލޮޖިސްޓެއް (އަތުގައި ހުންނަ ރިފްލެކްސް ޕޮއިންޓްތައް ބޭނުންކޮށްގެން ޚާއްޞަ މަސާޖެއް އަތްތިލައިގައި ކޮށް، ތަފާތު ބަލިބައްޔަށް ފަރުވާދޭ ޢިލްމުވެރިއެއް) ކުރެން ސުވާލުކޮށްލާށެވެ. އެމީހުން ބުނާނީ ހޯދުންތައް ދައްކާގޮތުން އަތްތިލައިގައި ވަކިން ޚާއްޞަ ތަންތަން (ޕޮއިންޓްތަކެއް) ހުންނާނެ ކަމަށާއި އެއީ ހަށިގަނޑަށާއި ސިކުނޑި އަށް އިތުރު ހަކަތައެއް ދޭ ޕޮއިންޓްތަކެއް ކަމަށެވެ.
މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ‘ބްރައިޓް ސައިޑް’ ން މިވަނީ އަތުގެ މެދު އިނގިއްޔާއި އަދި އެހެނިހެން އިނގިލިތައް ވެސް ބޭނުންކޮށްގެން ކޮންމެ މީހަކަށްވެސް އަމިއްލައަށް ކުރެވިދާނެ ކަންތައް ތަކެއް ގެނެސްދީފަ އެވެ.
ބޮޑުވައި އިނގިލި
ބޮޑުވައި އިނގިއްޔަކީ ހާސްވެ ފިކުރުބޮޑުވުމާއި ބޮލުގައި ރިއްސުމަށް ޒިންމާދާރުވާ އިނގިއްޔެވެ. ކަންބޮޑުވުމުގެ ސަބަބުން ބޮލުގައި ރިއްސާ ނަމަ، މަޑުމަޑުން ބޮޑުވައި އިނގިއްޔަށް 5 މިނެޓް ވާންދެން ދަމާށެވެ. ރިފްލެކްސޯލޮޖިސްޓުން ބުނަނީ މިކަމުން ރިހުން ކެނޑޭނެ ކަމަށެވެ.
ޝަހާދަތް އިނގިލި
މި އިނގިލިން ކޮންޓްރޯލް ކޮށްދެނީ މަސްގަނޑުގައި ރިއްސުމާއި ހިތްހަމަނުޖެހުން، ބިރުގަތުން އަދި ލަދުގަތުމެވެ. ޔުނިވަރސިޓީ އޮފް މިނެސޯޓާ އިން ކޮށްފައިވާ ދިރާސާތައް ދައްކާގޮތުން ބުރަކަށީގައާއި ގައިގެ މަސްގަނޑުގައި ރިއްސާ ބަލިމީހުންނަށް ރިފްލެކްސް ތެރަޕީ ދިނުމުން ލުޔެއް ލިބޭކަމަށެވެ. އަތުގެ ޝަހާދަތް އިނގިލީގައި އަނެއް އަތުން ހިފައިފައި ދަމާށެވެ.
މެދު އިނގިލި
ރުޅިއައިސްފައި ނުވަތަ ހިތްހަމަ ނުޖެހިފައި ހުންނަ ވަގުތެއް ނުވަތަ އާއްމުކޮށް ހުންނަ ވަރަށް ވުރެން ވަރުބަލިވެފައިވާ ވަގުތެއްގައި ފޮޓޯއިން ފެންނަން ހުރި ގޮތަށް، މެދު އިނގިއްޔަށް ފިއްތުމުން ހަމަޖެހުން ލިބޭނެ އެވެ. ދިރާސާތައް ދައްކާގޮތުން މިފަދަ ކަސްރަތު ކުރުމުން ލޭގެ ޕްރެޝަރު ދަށްވެ މީހާ ހަމައަކަށް އަޅުވައެވެ.
މުދިގަނޑު އިނގިލި
މުދިގަނޑު އިނގިލީގައި މިގޮތަށް 5 މިނެޓް ވާންދެން ހިފަހައްޓައިގެން، ދަމައިގެން ހުރުމުން ނުފަހި ޖަޒުބާތުތައް (ނެގެޓިވް އިމޯޝަންސް) އަދި މޮޅިވެރިކަން ފިލައިގެން ދާނެ އެވެ. މިހެން ހަދާއިރު ހަމަޖެހިލައިގެން ރަނގަޅަށް ނޭވާލާން ހަނދާން ނައްތައިނުލާށެވެ.
ކުޑަވައި އިނގިލި
ކުޑަވައި އިނގިއްޔަކީ އަމިއްލަ ނަފުސާއިމެދު ދެކޭގޮތް (ސެލްފް-އެސްޓީމް)، ފިކުރުބޮޑުވުން އަދި ހާސްވުން ޒިންމާދާރުކުރާ އިނގިއްޔެވެ. މި ބުނި ފަދަ ކަމެއް ކުރިމަތިވެފައި ވާނަމަ، 5 މިނެޓް ވާންދެން ކުޑަވައި އިނގިލީގައި ހިފަހައްޓައި މަސާޖް ކުރާށެވެ. މިކަން ކުރާއިރު ކޮންމެވެސް ސަޅި ކަމަކާމެދު ވިސްނަން މަސައްކަތް ކުރާށެވެ.
އަތްތިލައިގެ މެދު
އެއް އަތުގެ އިނގިލިތަކުން އަނެއް އަތްތިލައިގެ މެދަށް ފިއްތާށެވެ. އަތްތިލައިގެ މެދުގައި އިގިލިތައް ޖައްސައިގެން ވަށް ބުރަކަށް ވާގޮތަށް މަސާޖުކުރަމުން ފުންކޮށް ތިންފަހަރު އެތެރެއަށް އަދި ބޭރަށް ނޭވާ ލާށެވެ. ރިފްލޮކްސޯލޮޖިސްޓުން ބުނާގޮތުން އަތްތިލައިގެ މެދަކީ އިހްސާސާއި ޖަޒުބާތު ކޮންޓްރޯލް ކޮށްދޭ މައި މަރުކަޒެވެ. ދިރާސާތައް ދައްކާގޮތުން އާދަކޮށް މިގޮތަށް މާލީސްކުރުމުން ބޯއެނބުރުން، ހާސްވެ ކަންބޮޑުވުން، ބޭރަށް ހިންގުން އަދި ބަނޑު ހަރުވުމުން ދުރުކޮށްދޭނެ އެވެ.
ދެއަތްތިލަ ބާރަށް ޖައްސައި އޮއްބައިގެން ހުރުން
މިއީ ‘މެޑިޓޭޝަން’ ގައި ގިނައިން ބޭނުންކުރާ ގޮތެކެވެ. މެޑިޓޭޝަން އަކީ އެހެން ހުރިހާ ކަމެއް ދޫކޮށްލާފައި 30 ސިކުންތު ވަންދެން ހަމަހިމޭނުން ލޯމަރާލައިގެން އިނުމެވެ. މިކަމުން އެހެން ފިކުރުތަކުން އެއްކިބާވެ ވިސްނުން ވަކި ތަރުތީބެއްގައި ބެހެއްޓޭނެ އެވެ. ދެއަތްތިލަ މިގޮތަށް ޖައްސައި ބާރުކޮށްގެން ހުރުމުން ލޭ ދައުރާނަވުން ރަނގަޅުކޮށްދޭނެ އެވެ.
މުދިގަނޑު އިނގިލި މަތީގަ ބޮޑުވައި އިނގިލި
މިއީ ޔޯގާ ގައި ބޭނުންކުރާ ފިޔަވަޅެކެވެ. މިހެން ހެދުމުން ހަޖަމުކުރުމާއި މެޓަބޮލިޒަމް ރަނގަޅުކޮށްދެ އެވެ. މިއީ ލޭގެ ފިނިހޫނުމިން ދަށްކޮށް ހުރުމުންނާއި ކާހިތް ކެނޑުމުން އެކަންކަން ރަނގަޅުކުރުމަށްވެސް ހަދަން ރަނގަޅު ގޮތެކެވެ.
މަސްދަރު: ބްރައިޓްސައިޑް ޑޮޓް މީީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!