ތަންކޮޅެއް ކުރިން ހިނގި ޙާދިޘާ އެކެވެ. އާޝިޤާ ބޭނުންވީ އޭނާގެ ފިރިމީހާ އާޝިޤާ ދެކެ ލޯބިވާ މިންވަރެއް ބަލައިލާށެވެ. ފިރިސޮރު އިމްތިޙާނު ކޮށްލާށެވެ. އެގޮތުން ޢާޝިޤާ ނިންމީ ލޯބިވާ ފިރިމީހާ ޢިއްޒުއްދީން ދޫކޮށްލާފައި އޭނާ ފިލައިފިނަމަ، ފިރިސޮރު ހަދާނެ ގޮތެއް ބަލައިލާށެވެ. ފިރިސޮރު، ޢިއްޒުންދީން އިމްތިހާނު ކުރުމުގެ ކުރިން އޭނާ ސިޓީއެއް ލިޔުނެވެ. ސިޓީގައި ލިޔުނީ ޢިއްޒުއްދީން ދެކެ ފޫހިވެއްޖެ ކަމަށާ އޭނާ އާ އެކީގައި އެންމެ ހިނދުކޮޅަކުވެސް ދިރިއުޅެން ބޭނުން ނުވާ ކަމަށެވެ.
ސިޓީ ލިޔެފައި އެނދުގެ ސައިޑް ޓޭބަލް މަތީގައި ބޭއްވުމަށްފަހު ޢާޝިޤާ ވަނީ އެނދު ތަންދޮށަށެވެ. ފިރިމީހާ ގެއަށް އަންނަން ވާއިރަށް ފިލުމަށެވެ. އިރުގަނޑެއް ފަހުން ފިރިމީހާ ގެއަށް އަތުވެއްޖެ އެވެ. ކޮޓަރިއަށް ވަތް ވަގުތު ޢާޝިޤާ ލިޔެފައި އޮތް ސިޓީ ޢިއްޒުއްދީނަށް ފެނިއްޖެ އެވެ. ސިޓީ ކިޔައިވެސްފި އެވެ.
އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު، ޢިއްޒުއްދީން ގެ ޖީބުން ގަލަން ނަގައި ޢާޝިޤާ ލިޔެފައިވާ ސިޓީގެ ތިރީގައި ކޮންމެވެސް ޢިބާރާތްކޮޅެއް ލިޔެލައިފި އެވެ. އެއަށްފަހު ވަރަށް ހަމަޖެހިލައިގެން ތުނބުން ފުމެމުން ލޯބީގެ ލަވައެއް ކިޔަމުން، ނަށަމުން އެއްޗެހި ބަދަލުކޮށްފި އެވެ. ފޯނު ނަގައި އެނދުގައި އިށީންދެ ހަމަޖެހިލާފައި ނަންބަރަކަށް ޑައިލް ކޮށްލި އެވެ.
ޢިއްޒުއްދީން އެ ގުޅި މީހަކަށް ގުޅައި، މާ ވެގަނެގެން ވާހަކަދައްކަމުން ދިޔައިރު އެނދުތަންދޮށުގައި ޢާޝިޤާ އޮތީ ކަނުލައި އަޑުއަހާށެވެ.
“ލޯބީ އަށް އެނގޭތަ؟ އަހަރެން ތައްޔާރުވެލައިގެން ދާނަން ލޯބި ކައިރިއަށް.” ޢިއްޒުއްދީން ބުންޏެވެ. “އެނގޭތަ، މަގޭ ނަސީބު ރަނގަޅުކަމުން އެ ޢާޝިޤާ ހިނގައްޖެ އަހަރެން ދޫކޮށްލާފަ. މަ ވަރުގެ އެހެން ނަސީބުވެރިއެއް ހުންނާނެތަ އަޅެ؟ އޭނަގެ ކަންތައް ބޮޑުކަމުން މަ މިހުރީ ހަދާނެ ނުހަދާނެ ގޮތެއްވެސް ނޭނގިފަ. އެހެން ހުއްޓާ އޭނަ ބަޗައިފި. އޭނައާ ކައިވެނިކުރެވުނު މޮޔަ ހީވޭ މިހާރުވެސް. އަޅެ ކުރިން ތީނަޔާ ދިމާވިނަމަދޯ. އޯކޭ ލޯބީ. ސީ ޔޫ ސޫން!”
އެންމެފަހުން ފޯނަށް ދޮނެއްވެސް ދެމުން ފޯނުކޯލް ނިންމާލައި ކޮޓަރިން ނިކުމެއްޖެ އެވެ.
އެނދު ތަންދޮށުގައި އޮތް ޢާޝިޤާ ފަކީރު އޮތީ ފެންކަޅިވެފަ އެވެ. ދެރަވަގެން ގޮސް ހިތް ފަޅައިގެން ދާހާވަރު ވެފައެވެ. އެނދު ދޮށުން ނިކުމެ އެނދުމައްޗަށް ވެއްޓިގަތެވެ. ރޯން ފެށުނެވެ. ގިސްލަގިސްލާފަ އެވެ. އިރުކޮޅެއްފަހުން އެ ގިސްލުން ބާރުވަމުން ބާރުވަމުން ގޮސް އަޑުން އަޑުނަގާފައި ރޯންފެށި އެވެ. ބާރަށް ރަނގަޅަށް ރޯންފެށިއެވެ. ފިރިމީހާގެ ބޭވަފާތެރިކަމުގެ ޝަކުވާތައް ހިތާހިތާ ކިޔަމުން އެނދުން ތެދުވެ ސައިޑް ޓޭބަލް މަތީގައި އޮތް ސިޓީ ނެގިއެވެ. ފިރިމަނިކުފާނު ލިޔުނީ ކޮން އެއްޗެއްތޯ ބެލުމަށެވެ.
ޢާޝިޤާ ލިޔުނު ސިޓީގެ ފަހަތުގައި ޢިއްޒުއްދީން ލިޔެފައިވާ ޢިބާރާތްކޮޅަށް ބަލައިލި އެވެ. ކަރުނައިން ފޯވެފައިވާ ދެލޮލަށް ވެރިވެފައިވާ ފުސްކަމުގެ ތެރެއިން ފެންނަމުންދިޔަ ޅެންބަހުރުވައިގެ ޢިބާރާތްކޮޅު ކިޔާލިއެވެ.
“ޢާޝިޤާ މޮޔަޔަސް ބުނަންހޭ އެބަ ފެނޭ ފައިތިލަ މަށަށް،
ސާހިބާއޭ އެނދުދޮށަށް ވަދެ އޮތްގޮތުން ހެވެނީ މަށަށް.
ހާދަހާ ލޯތްބެއް ވެޔޭ އޭލޯބި ނާޒުކު ޢާޝިޤާ،
މާދަމާވެސް ލޯބިވާނަމެ ބުނެލަން ކެރޭނޭ ފާޅުގާ.”
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!