“އަޅޭ… ތީދެން ވަރަށް ހެއްވާ ކަމެއް. އާހިލް ތި ހީކުރަނީ ތިބުނާ އިހްސާސަކީ ދެމީހުންގެ ހިތުގައި އޭގެ އަމިއްލަ ޒާތުން އުފެދިގެން އައި އެއްޗެކޭތަ؟ ދެން އިރުއިރުކޮޅާ ތިބުނަނީ ތީ ގޯހެކޭ. އެކަމަކު ބުނަންތަ ވާހަކައެއް. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ތި ދެމީހުންގެ ހިތުގައި އެކަކު އަނެކަކާމެދުގަ ލޯތްބާއި ކުލުނުވެރިކަން ލެއްވެވީ ތި ދެމީހުން ހަޔާތުގެ ބައިވެރިންނަށް ވުމަށްކަމަށް އަހަންނަށް ހީވަނީ. ތި ދެމީހުންދެކެ އެކަލާންގެ ލޯބިވެ ވޮޑިގަންނަވާ.” އަނެއްކާވެސް އާހިލް އަށް ވިސްނައިދިނުމަށް ވަރަށް ހިކުމަތްތެރި ވާހަކަކޮޅެއް ޒަކީ ބޭރުކޮށްލުމަށްފަހު އާހިލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލި އެވެ.
“ނޫން، އަހަންނަށް މި އުޅެވެނީ ރަނގަޅަކަށް ނޫން. އަހަރުމެން މި ވިސްނަނީވެސް ރަނގަޅަކަސް ނޫން. މިފަދަ ކަންކަން ކުރުމަކީ ﷲ ތަޢާލާ ނުރުއްސަވާނެ ކަންކަން.” ކޮޅަށް ތެދުވެ ހަޅޭއްލަވައިގަންނަމުން އާހިލް ބުންޏެވެ.
“އެކަމަކު އެނގޭތަ އަހަރެން އަމިއްލަ ނަފުސު ދެކެ މިވަރަށް މި ރުޅިއާދެވޭ ކަމެއް؟ އަހަރެންގެ ސަބަބުން މައުސޫމު ކުއްޖަކު ރޯން ޖެހިފަވާތީ.” އަނެއްކާވެސް ހަޅޭއްލަވައިގަންނަމުން އާހިލް ބުންޏެވެ. އައި ރުޅީގައި ސައިޑް ޓޭބަލް މަތީގައި ހުރި ސޯނާ ގަޑި ނަގައި ބިމަށް ޖަހަމުންނެވެ. ގަޑީގެ ބައިތައް ކުދިކުދިވެގެން އެކިދިމަދިމާ އަށް ބުރައިގެން ހިނގައްޖެ އެވެ. އާހިލް ގެ ހިތުގެ ހާލަތަކީވެސް މިއަދު ހަމަ އެގަޑި ފަދަ އެވެ. އާހިލްގެ މައުސޫމު ހިތްވެސް މިއަދު ވަނީ ކުދިކުދި ވެފައެވެ. ހިތުގެ އެތިކޮޅުތައް ވަނީ މޭގެ އެތަން މިތަނަށް ބުރައިގެން ގޮސްފައެވެ. އެ އެތިކޮޅުތައް އެއްކުރެވެން އޮތީ ހަމަ އާހިލަށެވެ. ނަމަވެސް އާހިލްގެ ނަފުސު އެކަމަށް އެއްބަސް ނުވަނީ އެވެ. އަނެއްކޮޅުން އާއިމާގެ ހިތްވެސް ހަމަ އެފަދަ އެވެ. އާއިމާ ގެ ހާލަތުވެސް ހަމަ އެފަދަ އެވެ.
“އާއިމާ ވަރަށް ރޮއޭ. ހަމައެކަނި އަހަރެންގެ ސަބަބުން. އޭނަ ރޮއްވަނީ ހަމަ އަހަރެން. އަހަރެން ކަންކުރާގޮތުން.” އާހިލް އަމިއްލަ ނަފުސަށް ކުދިކިޔަމުން ޒަކީ އާއި ކައިރިއަށް ޖެހުނެވެ. ބޭއިޚްތިޔާރުގައި ޒަކީގެ ގައިގާ ބާރަށް ބައްދައިގަނެވުނެވެ.
“ޝޫ….ނިކަން ހަމަޖެހިބަލަ.” އާހިލް ހަމައަކަށް އެޅުވޭތޯ ޒަކީ މަސައްކަތް ފެށިއެވެ.
“އަހަންނަކީ ރަނގަޅު މީހެއް ނޫން. އަނެއްކާވެސް އަހަންނަށް މި ވިސްނެނީ އާއިމާ އާމެދު. ޔާﷲ، މި އަޅާއަށް ޢަފޫކޮށްދެއްވާށި!” ޒަކީގެ ގައިގައި ބައްދާލައިގެން ހުރެ އަނެއްކާވެސް އާހިލް ވަރަށް ބާރަށް ބުންޏެވެ.
“އާހިލް…. ނިކަން ހަމަޖެހިބަލަ.” އާހިލްގެ ގައިގައި ކުރިއަށްވުރެންވެސް ބާރަށް ބައްދާލަމުން ޒަކީ ބުންޏެވެ. ނަމަވެސް އާހިލް އަށް ގިސްލެވެނީ އެވެ. އެންމެފަހުން އާހިލް އުކުނޑިވެސް ކޮއްޓަން ފަށައިފި އެވެ.
“ކިހިނެތް ވީ؟” ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށްވަނީ އާހިލް ގެ މަންމަ އެވެ.
ޒަކީގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ އާހިލް ރޯތަން ފެނުމުން އާހިލްގެ މަންމަ ޝަޤްފްތާ އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އާހިލް އާއި ކައިރިއަށް ޖެހުމަށް ޝަޤްފްތާ ފިޔަވަޅެއް އެޅިވަގުތު ޒަކީގެ އަތުގެ އިޝާރާތުން އޭނާ ހުއްޓުވި އެވެ. އޭރުވެސް އާހިލް ރޮނީ އެވެ. އެމަންޒަރު ބަލަންހުރި ޝަޤްފްތާގެ މޭގަނޑު ހީވަނީ ދެންމެ ދެންމެ އަނގަޔަށް އައިސްދާނެ ހެންނެވެ.
ޒަކީ މަސައްކަތް ކުރަމުން ދިޔައީ އާހިލް ހަމަޖެއްސުމަށެވެ.
“ނިކަން ހަމަޖެހިލަބަލަ. ހުރިހާ ކަމެއްވެސް އޯކޭ ވާނޭ.” އާހިލްގެ ބޮލުގައި ފިރުމާލަމުން ޒަކީ ބުންޏެވެ.
އާހިލް އަށް ޖެހިފައިވާ ހާލުފެނިފައި ޝަޤްފްތާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެ އެވެ.
“އާހިލް.” ޒަކީގެ އަތްދަނޑިމައްޗަށް އާހިލް ހޭނެތިގެން ވެއްޓުނުތަން ފެނުމާއިއެކު ޝަޤްފްތާ އަށް ހަޅޭއްލަވައިގަނެވުނެވެ.
★★★★★★
އާއިމާގެ ދެލޯ ހޯދަމުން އެދަނީ އާހިލް އެވެ. ސްކޫލްގެ އެތަން މިތަން ބަލަމުން އާއިމާ އެގެންދަނީ އެހެންވެގެންނެވެ. ނަމަވެސް އެއްވެސް ތަނަކުން އާހިލް އެއް ނުފެނުނެވެ. އާހިލް ސްކޫލަށް ނާންނަތާ މިހާރު ދެދުވަސް ފާއިތުވީ އެވެ. އެންމެ ކުޑަމިނުން އާހިލް އަށް ވީ ކިހިނެތްކަމެއްވެސް އާއިމާ އަކަށް ނޭނގެއެވެ.
‘އަނެއްކާ އޭނައަށް ކިހިނެތްވީބާ؟’ އާއިމާގެ ހިތުގެ އެތަން މިތަނުން މި ސުވާލު ތަކުރާރުވަމުން ދެއެވެ.
ވިސްނުމެއްގައި ހުރެ ގޮސް އާއިމާއަށް ވަދެވުނީ ލައިބްރަރީ އަށެވެ. އާއްމުކޮށް އާހިލް އިށީންދެ އިންނަ ގޮނޑި ހުހަށް ހުރިކަން އާއިމާއަށް ފާހަގަކުރެވުނެވެ. ލައިބްރަރީގެ ކަނުން ކަނަށް އާއިމާގެ ލޯ ހަރަކާތް ކޮށްލިއެވެ. ނަމަވެސް އެއްވެސް ހިސާބަކުން އާހިލް އެއް ނުފެނުނެވެ.
އާއިމާ އަށް ނޭނގުނަސް އާއިމާގެ މި ހަރަކާތްތައް ދެވަނަ މީހަކު ބަލަމުން ދިޔައީ ވަރަށް ސިއްރުންނެވެ. އާހިލް ފެނޭތޯ މުޅި ސްކޫލް އެއްކޮށް ބަލަމުން، މޮޔައެއް ފަދައިން އާއިމާ އުޅެމުންދިޔަގޮތް ބަލަމުން، ފާރަލަމުން ގެންދިޔައީ ޒަކީ އެވެ.
“ޒީނަތު!” ޒަކީ ޒީނަތަށް ގޮވާލިއެވެ. ވާހަކަ ދައްކައިލުމަށެވެ. އާހިލްގެ ހާލު އާއިމާ އަށް އެންގުމަށެވެ.
“އޭނަ ކައިރީ ބުނޭ އާހިލް ބަލިވެ އުޅޭތީއޭ ސްކޫލަށް ނާންނަނީ.” ޒީނަތު ކައިރީގައި ހަމައެކަނި މިހެން ބުނެފައި ޒަކީ ދުރަށް ހިނގައިގަތެވެ.
ލިބުނު މެސެޖާއިއެކު ޒީނަތު އަވަސް ވެގަތީ އާއިމާ ހޯދުމަށެވެ. މާކަ ގިނައިރެއް ނުވެ އާއިމާ ފެނިއްޖެ އެވެ. ކައިރިއަށް ގޮސް ހުއްޓި އާއިމާގެ އަތުގައި ވަރަށް އޯގާތެރިކަމާއެކު ހިފަމުން ޒީނަތު ވާހަކަދައްކަން ފެށިއެވެ.
“ކޮންތާކަށް އާއި ތިދަނީ؟ މިއަދުވެސް އޭނަ ނާދޭ ދޯ.” ރޮވެން ކައިރިވެފައި ހުރި އާއިމާގެ މޫނަށް ބަލައިލަމުން ޒީނަތު ބުންޏެވެ.
“ކީއްވެ؟ އަޅެ ކީއްވެގެންތަ އޭނަ ސްކޫލަށް ނާންނަނީ؟” ވަރަށް އުނދަގުލުން އާއިމާ ސުވާލުކުރިއެވެ. ލޮލަށް ޖަމާވެފައިވަ ކަރުނަތިކިތައް ކޯތާފަތް މައްޗަށް އެވަގުތު އޮހެން ފެށިއެވެ.
“އޭނަ އުޅެނީ ބަލިވެޔޯ. އެހެންވެގެންނޯ ނާންނަނީ. އެކަމަކު އާއީ ހަމަޖެހިބަލަ. އޭނަ އޯކޭވީމަ ސްކޫލަށް އަންނާނެޔޭ.” އާއިމާގެ އަތުގައި ހިފައި ދަމައިގަންނަމުން ކުލާހާއި ދިމާއަށް ޒީތަނު ހިނގައިގަތެވެ.
ނަމަވެސް އާއިމާ އަށް ގަނޑުވެފައި ހުރެވުނީ އެވެ. އާހިލް ބަލި ވާހަކަ އިވުމުންނެވެ. މުޅި ދުވަސް އެއްކޮށް އާއިމާ އަށް ހުރެވުނީ އެކަހަލަ ގޮތަކަށެވެ. އާހިލް ނުފެންނަތާ ދެދުވަސް ވީއެވެ. އަނެއްކޮޅުން އާހިލް ގެ ހާލު ރަނގަޅު ނޫންކަންވެސް އެނގުނީއެވެ. އާއިމާ ގެ ހިތް ގެނބިގެންދާހެން އޭނާއަށް ހީވާން ފެށިއެވެ.
“ހީ ވިލްބީ ފައިން އިންޝާﷲ.” މަޑުމަޑުން އާއިމާގެ ދޫ ހަރަކާތް ކޮށްލި އެވެ. އެތައް ފަހަރަކު އެވެ. ތަކުރާރުކޮށް މި ޖުމްލަ ކިޔަމުންނެވެ. ނަމަވެސް އާއިމާ އަށް ލިބިފައިވާ ހިތް ނުތަނަވަސް ކަމަކަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ވިއްޔާ ވީ ހައްތަހާ އިތުރެވެ.
★★★★★★
“މިކުއްޖާ ފަކީރަށް އަނެއްކާ ކިހިނެތްބާ މިވަނީ؟” އާއިމާގެ ނިތްކުރިމަތީގައި އައިސްފެނުން ތެންމާފައިވާ ރުމާކޮޅެއް ބާއްވަމުން އާއިމާގެ މަންމަ އަށް ބުނެވުނެވެ.
“މަންމާ، މިހާރު ކިހިނެތްތަ އާއިމާ.” އާއިމާ އޮތް އެނދު ކައިރިއަށް ހުއްޓި އާއިމާގެ އަތުގައި ހިފާލަމުން އޭނާގެ ދައްތަ އަހައިލި އެވެ.
“ހުން އެންމެ ތަންކޮޅެއްވެސް މަޑެއް ނުވޭ. މިހާރުވެސް ހީވަނީ ފިހި މާލާފާނެހެން. ޑޮކްޓަރަށް ގުޅާބަލަ ނިކަން.” ރުމާކޮޅު ފެން އެއްޗަށް ލައި ފޯކޮށްލަމުން މަންމަ ބުންޏެވެ.
★★★★★★
ދެމީހުންވެސް ލޯބީގެ ހުޅުކޮޅުން އަނދަމުން ދަނީއެވެ. ދެމީހުންގެ ހިތްވެސް ވަނީ ނުތަނަވަސް ކަމުގެ ކަނޑެއްގެ ތެރެއަށް ޣަރަޤްވާން ފަށާފައެވެ. އެކަކު އަނެކަކަށް ހިތްއެދެމުންދިޔަ ދިއުން އިތުރުވަމުން ދަނީއެވެ. ތިން ދުވަސް ވޭތިވެގެން ހިނގައްޖެއެވެ. ދެމީހުންވެސް ތިބީ ހުން އައިސް ރަތްވެފައެވެ. ދެކުދިންގެ އާއިލާއިން ވެސް ނުދޭ އެއްވެސް ބޭހެއް، ނުކުރާ އެއްވެސް ފަރުވާއެއް ނެތެވެ. ނަމަވެސް ދެކުދިންވެސް ތިބީ ހޭވެރިކަމެއް ނެތް ހާލަތެއްގައެވެ. ލޯބީގެ ޢާލަމަކަށް ގެނބިފައެވެ. ހިތުގެ ބައްޔަކީ މިފަދަ އެއްޗެކެވެ. ބަލީގެ ޢަލާމާތްތައް ފޮހެލައިދެވޭފަދަ ޑޮކްޓަރެއް ނުވަތަ މޮޅު ހަކީމެއްވެސް ނުހުންނާނެ އެވެ. ޝާއިރުން ބުނަނީ ރަނގަޅު ވާހަކައެއްކަން އާހިލް އާއި އާއިމާގެ ހާލަތު އެނގޭ ބަޔަކަށް ކިތަންމެހާވެސް ރަނގަޅަށް ފަހުމް ވާނެ އެވެ.
“އަހަރެންގެ ދަރިފުޅަށް ކިހިނެތްބާ މިވަނީ؟” އާއިމާގެ މަންމަގެ ދުލަށް އިރުއިރުކޮޅުން މި ޖުމްލަ އަންނަމުންދިޔައިރު، އަނެއްކޮޅުން އާހިލްގެ މަންމަގެ ހާލަތަކީވެސް ހަމަ އެއީއެވެ.
ދެކޮޅުން ދެ މަންމައިންވެސް އެމީހުންގެ ހިތުގެ އެތިކޮޅާއިމެދު، ލޮލުގެ ކޮޔާމެދު ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ހާސްވެ ދެރަވެފައެވެ. އެމީހުންގެ ދަރިންގެ ހިތުގެ ހާލަތު ނޭނގޭ ހާލުގައެވެ. ޒުވާން ދެކުދިންގެ ހިތްވެސް ގޮވަމުންދަނީ އެކަކު އަނެކަކުގެ ނަމެވެ. ކޮންމެ ވިންދަކުންވެސް ނިކުންނަނީ އެއް ރާގެކެވެ. އެއް ލަވައެކެވެ. އެއް ތަރާނާ އެކެވެ.
‘ދެހިތް ފައްތަރުވީ ޔާރާ ދިން ހިމޭން ލޯބިން ނޫންހޭ؟ އިޝްޤް ޙާޞިލްވީ ފަހުން އަދިވެސް ސަޒާ ދޭންވީހޭ؟’
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!