އޯޓިޒަމް ދުވަހާއި ދިމާކޮށް ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ އަޑުން ކިޔާފައިވާ ‘މަގޭ ޚާއްސަ ދަރިފުޅާ’ އަޑުއަހައިފިން ހެއްޔެވެ؟ ‘ލަވަފޮށިން’ ހުޅުވާލައިގެން އަވަހަށް އަޑުއަހާލާށެވެ. ޝަލަބީގެ އަސަރުގަދަ އަޑުން ކިޔާފައިވާ ބަސްތަކަށް ރަނގަޅަށް ވިސްނާލައިގެން ލަވަ އަޑުއަހައިފިނަމަ ލޮލުން ކަރުނަ ހިލޭނެ އެވެ. ރޮވޭވަރުވާނެ އެވެ.

‘މަގޭ ޚާއްސަ ދަރިފުޅާ’ މި ލަވަ ނެރެފައިވަނީ އޯޓިޒަމް ދުވަހު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމްއެވެ. 

ނަސްމާ އަބްދުލް މުހުސިން ހަދާފައިވާ މި ލަވައަށް އެހުންތެރިންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މިއީ ނަސްމާގެ ދަރިފުޅަށް ހަދާފައިވާ ލަވައެކެވެ. ‘މަގޭ ޚާއްސަ ދަރިފުޅާ’ އަކީ ހަމަ އެކަނި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަދާފައިވާ ލަވައެއް ކަމަށް ޝަލަބީގެ މެނޭޖަރ ޝަފީގް އަލީ ‘ސައްޕެ’ ބުންޏެވެ. ސައްޕެ ބުނީ ރޯދައިގެ ކުރިން މި ލަވައިގެ ވީޑިއޯ ނެރޭނެ ކަމަށެވެ.

މިދިޔަ މަހު 31 ވަނަ ދުވަހު ވެސް ޝަލަބީ ވަނީ އާ ލަވައެއް އޭނާގެ ފޭނުންނަށް ހަދިޔާ ކޮށްފައެވެ. އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ޝަލަބީ ނެރުނު “ހީލާ” އަށްވެސް ވަނީ ގިނަބައެއްގެ ތަރުހީބެއް ލިބިފައެވެ. ހީލާ އަކީ މީގެ 10 ވަރަކަށް އަހަރުކުރީން ނަސްމާ އަބްދުލް މުހުސިން ހަދާފައިވާ އަމިއްލަ ރާގެއްގެ ލަވައެކެވެ. މިލަވަ ވެސް ޕްރޮޑިއުސް ކޮށްފައި ވަނީ “ހައުސް އޮފް މިއުޒިކް” އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.