ސިގިރެޓް ބޮމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ މީހުން ސިގިރެޓް ބުއިން ހުއްޓާލުމުން އެކަމުން ފައިދާއެއް ވާނެބާއޭ ނުވަތަ ނޫންބާއޭ ހިތަށް އަރާފާނެ އެވެ. ސިގިރެޓް ބުއިން ހުއްޓައިލުމުން ސިގިރެޓް ބޯހިތްވުމާއި ދުންފަތަށް ހިފާފައި ހުންނަ ދެވީގެ ސަބަބުން ހުއްޓާލައިގެން ހުރުމުގެ ވިސްނުމާާއި ދުރަށް ދާތަން އާދެއެވެ. ހިތަށް އަރާނެ އެވެ. މިހާރު ހުންނާނީ ހަށިގަނޑަށް ވަރަށް ގެއްލުން ވެފައެވެ. މިހާރު ހުއްޓާލުމުން ވަކިން ތަފާތެއް އަންނާނެ ހެއްޔެވެ؟

ޖަވާބަކީ އާނއެކެވެ. ވަރަށް ބޮޑު ތަފާތެއް އަންނާނެ އެވެ. އިންސާނުންގެ ހަށިގަނޑުގައި އަމިއްލަ ޒާތުގައި ހަށިގަނޑަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުވުމުގެ ބާރު މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ލައްވަވާފަ އެވެ. ސިގިރެޓް ބޯ މީހާ އެކަން ހުއްޓާލުމުންވެސް ހަށިގަނޑަށް ކުރިން ލިބިފައިވާ ގެއްލުންތައް ރަނގަޅުވަނީ އަހަރުމެން ހީކުރާހާވެސް އަވަހަށެވެ. އެންމެ ފަހު ސިގިރެޓް ބުއިމުގެ ބައިގަޑިއިރު ފަހުންވެސް އެ ތަފާތު ފެންނަން ފަށާނެ އެވެ. ހަނދާނުގައި ބަހައްޓާށެވެ. ކާމިޔާބާއި ހަމައަށް ވާޞިލް ވެވޭވީ ޕްލޭނެއް އޮވެގެންނެވެ. ސިގިރެޓަށް ހިފާފައިވާ ދެވީގެ ސަބަބުން ސިގިރެޓް ބޯހިތްވާ ހިތްވުން ކޮންޓްރޯލު ކުރާނެ އެހެން ގޮތެއް އޮވެގެންނެވެ. ޚާއްޞަކޮށް ހުއްޓާލާތާ އެންމެ ފުރަތަމަ ދެތިން ހަތަރު ހަފުތާ ތެރޭގައެވެ.

ސިގިރެޓް ބުއިން ހުއްޓާލުމުން ހަށިގަނޑަށް އަންނަންފަށާ ބަދަލުތައް ގަޑީގެ ކަށީގެ އެހީގައި ހިއްސާކޮށްލާނަމެވެ.

20 މިނެޓް ފަހުން

ކޮމެޑީ ސީރީޒެއް ބަލައި ނުނިމެންދެން ނުވަތަ ވިއްސަކަށް މިނެޓް ތެރޭގައި ހަށިގަނޑަށް އެނގުންތައް ވާން ފަށާނެ އެވެ. ހުއްޓާލާތާ 20 މިނެޓް ފަހުން ހަށިގަނޑުގެ ވިންދު ޖެހުމާއި ލޭގެ ޕްރެޝަރު ހުންނަން ޖެހި އާދައިގެ މިނަށް ތިރިވާނެ އެވެ. އަތްތިލައާއި ފައިތިލައިގެ ފިނިހޫނުމިން ހުންނަން ޖެހޭ މިންވަރަށް އެނބުރި ރުޖޫޢަ ވާނެ އެވެ.

08 ގަޑިއިރު ފަހުން

08 ގަޑިއިރު ފަހުން، ލޭގެ ތެރޭގައި ވާ ނިކޮޓިން އަދި ކާރބަން މޮނޮއޮކްސައިޑް ގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްވާނެ އެވެ. މިކަން މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ ކާރބަން މޮނޮއޮކްސައިޑަކީ ސިގިރެޓް ގައި ހުންނަ ވިހަ ކެމިކަލެކެވެ. އެއީ ލޭގައި ހުންނަ އޮކްސިޖަން ގެ މަސައްކަތަށް ހުރަސް އަޅާ އެއްޗެކެވެ. އޭގެ ސަބަބުން ގައިގެ މަސްގަނޑުން ފެށިގެން ސިކުނޑިއާއި ހަމައަށް މައްސަލަތައް ކުރިމަތިކުރުވައެވެ. ސަބަބަކީ މަސްގަނޑާއި ސިކުނޑިއަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ފޯރުކޮށް ނުދިނުމެވެ.

ނަމަވެސް މި ކެމިކަލް ގެ މިންވަރު ދަށްވާވަރަކަށް، އޮކްސިޖަން ހުންނަން ޖެހޭ މިންވަރު ހަމައަކަށް އެޅެއެވެ.

އަނެއްކޮޅުން، ސިގިރެޓް ބޯހިތްވުމާއި ހަށިގަނޑަށް އުނދަގޫތަކެއް ފޯރަމުން ދާނެ އެވެ. ނަމަވެސް އެއީ އާދައިގެ ކަމެކެވެ. އެކަން ދެމިހުންނާނީ 5- 10 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކަށެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ވިސްނުން އެހެން ދިމާއަކަށް އަނބުރާލެވޭ ފަދަ ކޮންމެވެސް ކަމެއް ކޮށްލާށެވެ. ޗުވިންގަމް ކެއުން ނުވަތަ ފެން ބުއިން ނޫނީ ދަތް އުނގުޅާލުން ފަދަ ކަމެއް ކޮށްލާށެވެ.

12 ގަޑިއިރު ފަހުން

ދުވަހެއްގެ ދެބައިކުޅަ އެއްބައި ސިގިރެޓާއި ނުލައި ކަޑައްތު ކުރެވުނީ އެވެ. އޭރު ހުންނާނީ ކާރބަން މޮނޮއޮކްސައިޑް ގެ މިންވަރު ހަމައަކަށް އެޅިފައެވެ. އެކަމަށްޓަކައި އަހަރެމެންގެ ހިތް އަހަރެމެންނަށް ޝުކުރުވެރިވާން ފަށާނެ އެވެ. ސަބަބަކީ ހަށިގަނޑުގެ އެކި ބައިބަޔަށް އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކައި ހިތުން ލޭ ޕަންޕުކުރުމަށް ކުރަންޖެހޭ މަސައްކަތް އެތައް ގުނައަކަށް ލުއިވެގެން ދިއުމެވެ.

24 ގަޑިއިރު ފަހުން

ދުވާލަކަށް އެއްފޮށި ސިގިރެޓް ބޮމުން އައި މީހެއްނަމަ، ސިގިރެޓް ބުއިން ހުއްޓާލުމަށްފަހު އެ ހޭދަވާ ވަގުތުތަކަކީ ހާރޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ސިގިރެޓް ބޮމުން ދިޔައިރަށްވުރެން ބޮޑު ވަގުތެކެވެ. ނަމަވެސް ސިގިރެޓާއި ނުލައި އެއްދުވަސް ހޭދަކޮށްލުމުން ހާރޓްއެޓޭކެއް ޖެހުމުގެ ފުރުސަތު ދަށްކޮށްދޭނެ އެވެ. އެހެންވީމާ ސިގިރެޓާއި ނުލައި 24 ގަޑިއިރު ހޭދަކޮށްލުމަކީ ކުޑަކަމެއް ނޫންތާއެވެ.

48 ގަޑިއިރު ފަހުން

ސިގިރެޓާއި ނުލައި 2 ދުވަސް ހޭލަކޮށްލެވުނީ އެވެ. ތަފާތު މީރު ރަހައެއްލާ ކާނާއެއް ކެއުން ރަނގަޅެވެ. ތަފާތު ދެނެގަތުމަށެވެ. އެހެނީ ސިގިރެޓާއި ނުލައި 2 ދުވަސް ހޭދަވާއިރު ރަހަ އާއި ވަސްބެލުމުގެ ހިއްސު އެތައް ތަނެއް ރަނގަޅުވެގެން ދާނެއެވެ. ގެއްލުން ލިބިފައިވާ ނާރުތަކުގެ ކޮޅުތައްވެސް ހުންނާނީ ރަނގަޅުވާން ފަށާފައެވެ.

ހަށިގަނޑު ސާފުކުރުމުގެ މަސައްކަތުގައި އަހަރެމެންގެ ހަށިގަނޑުވެސް އުޅޭނީ ވަދިކޮށެވެ. ފުއްޕާމެއިން ދަވައާއި ސިގިރެޓުން އެތެރެވެފައިވާ އެހެނިހެން ބައިތައް ބޭރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ހަށިގަނޑަށް ވާޞިލްވި ނިކޮޓިންތައް މިހާރު ހުންނާނީ އެއްކޮށް ބޭރުވެފަ އެވެ.

ސިގިރެޓް ބުއިން ހުއްޓައިލުމުން ކުރިމަތިވާ އެންމެ އުނދަގޫބޮޑު އަލާމާތްތައް ފެންނަން ފަށާނީ މިހިސާބުންނެވެ. މިގޮތުން ނުތަނަވަސްވުން، ބޯއެނބުރުން، ބަނޑުހައިވުން ނުވަތަ ވަރުބަލިވުން ހިމެނެއެވެ. މީގެ އިތުރުން ބޮލުގައި ރިއްސުމާއި ފޫހިވުން ނުވަތަ ހާސްވެ ކަންބޮޑުވުމާއި ކުރިމަތިވެދާނެ އެވެ. ނަމަވެސް މިއީ އާދައިގެ ކަމެކެވެ. ނަމަވެސް މި މަރުހަލާގައި މީހާ އުޖާލާކޮށް ހުރުމަކީ އުނދަގޫ ކަމެކެވެ.

ކަނޑައަޅާފައިވާ ޢަޒުމުގައި ހިފަހައްޓައިގެން ހުންނާށެވެ. ފިލްމަކަށް ޖައްސާލައި ފިހާރައަކަށް ގޮސްލައި ނުވަތަ ކޮންމެވެސް ކުޅިވަރެއް ކުޅުމުގައި މަސްޢޫލުވާށެވެ. ތިބާ އަށް ހިތްވަރުދޭން ތިބޭ މީހުންނާއި ކައިރީގައި އުޅޭށެވެ.

ނޭވާހިއްލާ މީހެއްނަމަ، މި މަރުހަލާގައި ކުރިމަތިވާ އަލާމާތްތައް އިތުރަށް ގޯސްވެދާނެ އެވެ. 3 ދުވަސްތެރޭގައި ކުރިއެރުންތަކެއް ފާހަގަވާނެ އެވެ.

3 ދުވަސް ފަހުން

3 ވަނަ ދުވަސް ނިމޭއިރު ނާވާލާން ފަސޭހަވެ އިތުރު ހަކަތަ ގައިގާ ހުންނާނެ އެވެ. ފުއްޕާމެއަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުވާން ފަށައި އިތުރަށް ރަނގަޅުވަމުން ދާނެ އެވެ.

2 ހަފުތާ އާއި 3 މަހާއި ދެމެދު

ހިތްވަރުކޮށްލާށެވެ. ކުރިން ކުރި ހިތްވަރަށް ވުރެން ބޮޑަށް ހިތްވަރު ކުރަން ފަސޭހަވާނީ ވެސް މިހިސާބުންނެވެ. ސަބަބަކީ މިހާރު ހުންނާނީ ފުއްޕާމޭ ވަރުގަދަވެ، ސާފުވެފައެވެ. ލޭގެ ދައުރާނަވުން ހުންނާނީ ކުރިއަށްވުރެން ރަނގަޅުވެފައެވެ. ވަރުބަލިކަމެއް ނެތި ކަސްރަތުކޮށްލެވޭނެ އެވެ. ހާރޓް އެޓޭކެއް ޖެހުމުގެ ފުރުޞަތު މިހާރު ހުންނާނީ ކުރިއަށްވުރެންވެސް ކުޑަވެފައެވެ.

މިހާރު ތި ހުރެވެނީ ދަތުރުގެ އެންމެ އުނދަގޫ މަރުހަލާ ގިރާކުރެވިފަ އެވެ.

ނަމަވެސް މިހިސާބުންވެސް ދުންފަތަށް ހިފާފައިވާ ދެވީގެ ސަބަބުން ބޭނުންކޮށްލާ ހިތްވާނެ އެވެ. ސިގިރެޓެއް ބޯހިތްވާ ކަންތައްތައް އެކި މީހުންނަށް ތަފާތުވާނެ އެވެ. އެހެން މީހުން ސިގިރެޓް ބޯތަން ފެނުމުން ސިގިރެޓް ބޯހިތްވާނެ އެވެ. ނަމަވެސް އެހެންމީހުން އަހަރެމެންނަކަށް ނުހުއްޓުވޭނެ އެވެ. އެކަމަކުވެސް އަހަރެމެންގެ ޢަޒުމުގައި އަހަރެމެންގެ ޕްލޭންގައި ސާބިތުވެ ހުރެވޭނެ އެވެ. ސިގިރެޓް ބުއިން ހުއްޓައިލުމުން ރައްކާކުރެވޭ ފައިސާ އާއި މެދު ވިސްނައި ފިކުރުކޮށްލާށެވެ. މާބޮޑަށް ސިގިރެޓް ބޯހިތްވެއްޖެ ނަމަ، ފުންކޮށް 10 ނޭވާ ލައި، އެއަށްފަހު ލަސްލަހުން 10 ނޭވާ ލާށެވެ.

3 މަހާއި 9 މަހާއި ދެމެދު

މިހިސާބުން، ކުރިއަށްވުރެންވެސް ފުންކޮށް، ސާފުކޮށް ނޭވާ ލެވޭނެ އެވެ. ކަރުކެހޭ ގޮތްވުމުގެ ބަދަލުގައި ފަސޭހަކަމާއެކު ކެއްސައި ކަރުތެރޭ ސާފުކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން އަރިދަފުސް ރޯގާ އާއި އެހެނިހެން ބަލިތައް ޖެހުން މަދުވެގެންދާނެ އެވެ.

މިހާރުއިތުރު ހަކަތައާއި އިތުރު ބުންވަރެއް ހުންނާނީ ލިބިފައެވެ.

1 އަހަރު

1 އަހަރު ފާއިތުކޮށްލެވޭއިރު، ހުންނާނީ އަމިއްލަ ހަށިގަނޑަށް ފަރުވާ ދެވިފައެވެ. ތިޔަ ކަޑައްތުކޮށްލެވުނީ މޭލުގަލެކެވެ. ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު މިހާރު ހުންނާނީ މީގެ އެއް އަހަރު ކުރިއާއި އަޅައި ބަލާއިރު ދެބައިކުޅަ އެއްބަޔަށް ދަށްކުރެވިފަ އެވެ.

މަޢުލޫމާތު ނެގީ:

ވެބްއެމްޑީ ޑޮޓް ކޮމް

ދަ ލިސްްޓް ޑޮޓް ކޮމް

ޔޫޓިއުބް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.