ނުދަންނަ ނަންބަރެކެވެ. އާދަވެފައި ވާގޮތަށް ނުދަންނަ ނަންބަރު ގެ ކޯލްތަކަކީ ލީޝާ ޖަވާބު ދޭ އެއްޗެއް ނޫނެވެ. ފޯނުގެ ރިންގް މަޑު ކޮއްލުމަށްފަހު އަނެއްކާވެސް މަސައްކަތައިގެން ލީޝާ ކުރިއަށް ދިޔައެވެ. ނަމަވެސް މަސައްކަތަށް ރަނގަޅަށް ނުވަދެވެއެވެ. އަނެއްކާވެސް ފޯނު ރިންގް ވާން ފެށިއެވެ. މިފަހަރުވެސް އަތް ފޮހެލައިގެން އައިސް ފޯނު ބެލި އިރު ހަމަ އެނަންބަރެވެ. ކާކުގެ ނަންބަރެއް ބާވައެވެ؟ ލީޝާ ފޯނު ހިފައިގެން އިށީނދެ ހަމަޖެހިލިއެވެ. ފޯނަށް އެނަންބަރުން އެތަށްފަހަރަކު ގުޅިއެވެ. ނަމަވެސް ލީޝާ ހުރީ ނަގާ ގޮތަކަށް ނޫނެވެ.

ސިއްސައިގެން ދިޔައީ މީހަކު ލީޝާގެ އަތުގައި އޮތް ފޯނު ޖަހައިގަތުމުންނެވެ. ލީޝާ ތެދުވިއެވެ. ކުރިމަތީގައި މާޒިން ފަހުރުވެރި ގޮތަކަށް ހިނިއައިސްފައި ފޯނު ހިފައިގެން ހުއްޓެވެ. އެވަގުތު އަނެއްކާވެސް ފޯނެއް އައެވެ. މާޒިން ވަގުތުން އެކޯލް ނެގިއެވެ.

“ހަލޯ! ހަލޯ! ހަލޯ! ކާކުތަ؟”

އެކޮޅުން އެއްވެސް ޖަވާބެއް ނުދިނުމުން މާޒިން ޗޮކެއް ކަނޑާލުމަށްފަހު ފޯނު ލީޝާއާ ދިމާއަށް އެއްލިއެވެ.

“ހާދަ ބިޓުންނެއް ގުޅައޭ ދޯ. މިހާރުވެސް 12 މިސްކޯލް.”

“ހަހ! ކަލެއަށް ކޮން ކަމެއް؟”

ލީޝާ މޫނު ކުނިކޮއްލުމަށްފަހު އަނެއްފަރާތަށް އެނބުރުނެވެ. މާޒިންވެސް ލީޝާގެ ކުނި މޫނު ނުބަލަންވެގެން ވާހަކަ ބަދަލު ކޮއްލިއެވެ.

“މީދޯ ލީޝާ މަންމަ؟ ހާދަ ވަށްތަރޭ ލީޝާއާ. ހަމަ ތި ދެލޯ. ތި ހަށިގަނޑު.” ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯ ލޯގަނޑަކަށް ބަލާލަމުން މާޒިން ބުނެލިއެވެ.

ލީޝާގެ އެންމެ ހިމަ ނާރުތަކާ މާޒިންގެ އެބަސްތައް ކުޅެލިއެވެ. ފުރަތަމަ ފަހަރަށް މާޒިންއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“ދޯ؟ އެންމެންވެސް ތިހެން ވަރަށް ކިޔާނެ.”

މާޒިން ހުރީ އެކަހަލަ ދަނޑިވަޅަކަށް ބަލަ ބަލައެވެ. ލީޝާގެ ބަލިފައި ހޯދުމަކީ މާޒިންގެ ފުރަތަމަ އަމާޒެވެ. ފަޙުރުވެރިކަމާއެކު އެކަން މާޒިން މާބޮޑު ދަތިކަމެއް ނެތި ކާމިޔާބުވެސް ކުރިއެވެ. މާޒިންގެ ހުރިހާ ވާހަކައެއް ޒުލޭހާއާ ގުޅުވާލިއެވެ. އެވާހަކަތަކަށް ލީޝާ ވެސް ވަންނަމުން ދިޔައީ އުފަލާއެކުގައެވެ. ލީޝާގެ މާޒީގެ އެތަށް ވާހަކައެއް މާޒިންއާ ހިއްސާ ކުރެވެމުން ދިޔައިރުވެސް ލީޝާ އަށް ރޭކާވެސް ނުލައެވެ. އެތަށް ވާހަކައެއްގައި ތިބެ ގޭގެ ގިނަ ކަންތައްތަކެއް ނިންމާލެވުނު އިރުވެސް ދެމީހުނަށް ނޭގެއެވެ.

“މާޒިންއަކީ ހީކުރި ވަރު ގޯސް މީހެއްވެސް ނޫނެވެ. މީހުން ބުނަނީ ތެދެކެވެ. އެއޮޑިއެއްގެ ވަރު އެނގޭނީ ހަމަ އެ އޮޑިއަކުން ދަތުރު ކޮއްލީމައެވެ. މީހެއްގެ ރަނގަޅު ކަމެއްވެސް އެނގޭނީ އެމީހަކާ ވާހަކަ ދައްކާ އެކީ އުޅެން ފެށީމަތާއެވެ.” ލީޝާ ހިތާހިތުން ބުނެލިއެވެ.

ދުނިޔެ މީވެސް އަޖައިބެއް ކަހަލަ ތަނެކެވެ. ލީޝާ އިންތިހާއަށް މާޒިން ދެކެ ފޫހިވެއެވެ. ވަކި ސަބަބެއް ވެސް އޮވެގެނެއް ނޫނެވެ. އެހެންމީހުންގެ ގައިގައި ހުންނަ ސަކަ މަޖާ މިޒާޖަށް ތައުރީފު ރައްދު ކުރާ ލީޝާ މާޒިންގެ އެމިޒާޖަށް ކުނިމޫނު ދައްކަނީ މީހަކު އަޖައިބުވާހާ މިންވަރަށެވެ. ކޮންމެއަކަސް އެކަންވެސް މާޒީއާ އެކުވެދާނެ ކަމުގެ ފެހި ސިގުނަލެއް މާޒިންއަށް ލިބެމުން ދިޔައެވެ. އެކި ކަހަލަ ވާހަކަ ތަކުގައި ތިބެ ދެމީހުން މާޒިންމެންގެ ގެއަށް ދިޔަައީ ދެރަހުމަތްތެރިންގެ ގޮތުގައެވެ. މާޒިންގެ ފުރަތަމަ ކާމިޔާބީ އާވެސް އެކީގައެވެ.

މާޒިން އެނދުމައްޗަށް ވެއްޓިގަތީ ފަޚުރުވެރިކަމާއެކުގައެވެ. އެއްވެސް މީހަކު ހަމަ ހުރެފައި މީހެއްދެކެ ފޫހި ނުވާނެކަން މާޒިންއަށް ވިސްނެމުންދިޔައެވެ. އުޅުމުގައި ހުންނަ ނޭދެވޭ ސިފަތަކަކީ އެމީހެއްގެ އެންމެ ބޮޑު ދުޝްމިނުކަންވެސް ހިތަށް އަރަންފެށިއެވެ. އެހެން ނޫންނަމަ އުޅުމަށް ގެނައި އެންމެ ކުޑަ ކުޑަ ބަދަލަކަށް ލީޝާގެ ރަހުމަތްތެރިކަންވެސް ނުލިބުނީސްކަން މާޒިން ގައިމު ކުރިއެވެ. ރަނގަޅަށް އުޅުމަކީ އުނދަގޫ ކަމެކޭ ބުނާ އަޑު މާޒިން އަހައެވެ. ނަމަވެސް މިހާރު މާޒިން ހުރީ އެ އުނދަގޫތަކާ ކުރިމަތިލާ ފައިތިލަ ސާބިތު ކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

ލީޝާވެސް ހުރީ ވަރަށް ހަމަޖެހިފައެވެ. އެކީ އުޅެލާނެ ރަހުމަތްތެރިއެއް ލިބުނީމައެވެ. ލީޝާ އެވާހަކަތައް ހަޝްމާއާ ވެސް ހިއްސާ ކޮއްލިއެވެ. ނަމަވެސް ހަޝްމާގެ ހިޔާލު ލީޝާއާ މުޅީން ތަފާތެވެ. ހަޝްމާ ބުނާގޮތުން އެވާނީ މާޒިން ރޭވުމަކަށެވެ. އެ އުމުރަކީ މީހުން ހައްލައިގެން އުޅެ ލަނޑުދޭ އުމުރެވެ. އަނެއްކޮޅުން މާޒިންއަށް އެކަން ކުރަން މަގުވެސް ފައްސެވެ. އަތުޖެހޭ ހިސާބު ހުންނަ އެއްޗެއްސަށް އަތްލާންވެސް ފަސޭހަވާނެކަމަށް ވެސް ބުނެ ލީޝާ ވިސްނައިގެން އުޅުމަށް ނަސޭހަތްތެރިވިއެވެ. ކޮންމެވެސް ވަރަކަށް ހިތާ ދެކޮޅަށް ނަމަވެސް ލީޝާ އެކަން ގަބޫލުކުރާ ކަމަށް ހަޝްމާ ކައިރީ ބުނެ ވާހަކަ ދެއްކިއެވެ.

އެދެ އެކުވެރިންގެ ކޯލު ނިމުނުތާ މާގިނަ އިރެއްނުވެއެވެ. ލީޝާގެ ފޯނަށް މެސެޖެއް އައެވެ. ނަންބަރު ހަމަ ފެނުމާއެކު އެއީ މިއަދު އެހާވަރަށް އެގުޅި ނަންބަރުކަން ލީޝާއަށް ވިސްނުނެވެ. މެސެޖު ހުޅުވާ ބަލާލިއެވެ. “ލީޝާ… ސޮރީ އެހާ ޑިސްޓާރބު ކުރެވުނީތީ. ބަޓް ވޮނަ ޓޯކު ޔޫ ބޭޑްލީ. ޕުލީޒް ފޯނު ނަގާބަލަ!” ލީޝާގެ ސިނކުޑިއަށް އައީ އެންމެ ސުވާލެކެވެ. އެއީ ކާކުބާވައެވެ؟ ހަމަގައިމުވެސް ލީޝާ ދަންނަ މީހެއް ނޫނެވެ. ލީޝާގެ ރަހުމަތްތެރިން މަދުވެފައި ހާއްސަ ވާނެއެވެ. އެމީހުންގެ މެސެޖުގެ އިބާރާތްކުރުން ލީޝާ ރަނގަޅަށް ދަނެއެވެ.

އެނަންބަރުން ގުޅަންފެށިއެވެ. ކޮންމެ ފަހަރަކު ގުޅަންފެށުމުން ރިންގް އޮފް ކޮއްލައެވެ. އެގޮތަށް ނުވަ ފަހަރު އޮފް ކޮއްލުމަށްފަހު ލީޝާ ފޯނުގެ ރިންގް އެއްކޮށް އޮފް ކޮއްލިއެވެ. އަދި ފޯނު ބާއްވާފައި ބުރުގާ ބޮަލަށް ވައްޓާލަމުން ކޮޓަރިން ނިކުތެވެ. އޭރު ޝަރީފާ ސިޓިން ރޫމުގައި ކިޔަވަން އިނެވެ. ލީޝާ ފެނުމުން ކިޔެވުން ހުއްޓާލުމަށްފަހު މުސްޚަފު ބޭއްވިއެވެ. ލީޝާ ގޮސް އިށީނީ ޝާރީފާ ކައިރީގައެވެ. ޝަރީފާ ވަރަށް ލޯބިން ލީޝާގެ ބުރަކަށިގައި ފިރުމާލިއެވެ. އަންހެން ދަރިއެއް ނެތުމުގެ އިހުސާސް ވީތޯއްޗެކެވެ.

“ދަރިފުޅާ! ހިނގާ ކާންދަމާ. ދަރިފުޅު ނުނިކުންނާތީ ދައްތަވެސް އަދި ކާން ނުގޮސް މި އިނީ.”

“ދައްތާ! މާޒިންއާ ބޭބެ ކެއީތޯ؟”

“އާނ.. އެމީހުނަކަށް ކެއުން އިރުކޮޅަކަށްވެސް ފަސް ނުކޮއްލެވޭނެ. އެއަށްވުރެ މާ ހައިވާނެ.” ޝަރީފާ ހެމުން ވާހަކަ ދެއްކިއެވެ. ރައްދުގައި ލީޝާ ވެސް ހީލިއެވެ.

ކެއުމުގެ މޭޒުމަތީ ގޭގެ ކަންތައް ކުރިއަށް ދިޔަ ގޮތާ މާޒިންގެ އެހީ ތެރިކަން ލިބުނުވާހަކަ ލީޝާ ޝަރީފާއަށް ކިޔާދިނެވެ. ޝަރީފާ ހުރީ އުފަލުން ފޮޅިފައެވެ. ޝަރީފާ އަބަދުވެސް އުންމީދު ކުރިގޮތަކީ އެއީއެވެ. އޭނާގެ ދަރިފުޅު އެއީ އެހެންމީހުނަށް ހިތްހެޔޮ ދީލަތި މަދަދުވެރި މީހަކަށް ވުމަކީ ޝަރީފާގެ އަބަދުވެސް ދުޢާއެވެ.

ދުވަސްތައް އޭގެ ވާޖިބު އަދާ ކުރަމުންދެއެވެ. ލީޝާއާ މާޒިންގެ ރަހުމަތްތެރިކަމުގައި އެތަށް އެތަށް ކަމެއް ހިނގަމުން ދެއެވެ. ޝަރީފާމެންގެ ގެއަށް އާދިރުމެއް ލިބިގެން އުޅޭކަހަލައެވެ. އެދެ އެކުވެރިންގެ ހުނުމުގެ އަޑު ގޭތެރޭގައި ގުގުމަން ފެށިއެވެ. ދުވަހަކު ވަކިނުވާނެ ފަދަ ކުޑައިރުގެ ރަހުމަތްތެރިން ކަހަލައެވެ. އެއަށް ހަރު ބޮލުގެ ވެރި އާދަނުގެ މޫނު މަތިންވެސް އުފާވެރިކަން އެމަންޒަރުތައް ފެނުމުން ފެންނަމުން ދިޔައެވެ.

އެންމެފަހުން ލީޝާވެސް އެރަށުގެ ވަޒީފާއަކަށް ކުރިމަތިލާން ވިސްނިއެވެ. އެހިޔާލަކީވެސް މާޒިންގެ ހިޔާލެކެވެ. ލީޝާ އެކަމަށް އާންއެނކޭ ބުނެވުނު ކަމެއްނޭގެއެވެ. ރަށު އޮފީހުގެ އިއުލާނެއްގެނެސް ލީޝާގެ އަތަށްލިއެވެ. ހީވާގޮތުން މާޒިންއަށް އޭރުވެސް ލީޝާ އެކަމަށް އަނއެކޭ ބުނާނެކަން އެނގޭކަހަލައެވެ. މާޒިން ގަބޫލު ކުރާ ގޮތުގައި އެވަޒީފާއަކީ ލީޝާއަށްޓަކައި ވުޖޫދަށް އައި އެއްޗެކެވެ. އެހެންމީހަކަށް އެކަމެއް ނުވާނެއެވެ. ކަންވީވެސް އެހެންނެވެ. ވަޒީފާއަށް ކުރިމަތިލި ނުވަ މީހުންގެ ތެރެއިން އެކަމަށް އެންމެ ގާބިލް މީހަކަށް ހޮވި ވަޒީފާ ހަމަޖެހުނީ ލީޝާއަށެވެ.

ހުރިހާ ކަމެއް އޭގެ ޒާތުގައި ހިނގަމުންދާއިރު އެއްކަލަ ކޯލްވެސް ލީޝާއަށް ހުއްޓުމެއްނެތި އާދެއެވެ.  ދުވާލަކު މަދުވެގެން ހަތަރު ފަހަރުއެވެ. ނޫނީ އެއަށް ވުރެވެސް ގިނައިންނެވެ. ފޯނު ނެގުމުން ޖަވާބެއް ނުދެއެވެ. ދޭތެރެއަކުން “މިސް ޔޫ” ޖަހާފަވާ މެސެޖެެއް އެނަންބަރުން އާދެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް