މަޝްހޫރް ފިލްމު ބަތަލާ ނިއުމާ މުހައްމަދު ފިލްމީ ދާއިރާގެ އެކްޓިން އާއި އަލްވަދާޢު ކިޔުމުގެ ކުރިން ކުޅޭ އެންމެ ފަހު ފިލްމު ‘ނިވައިރޯޅި’ ގެ ފައިނަލް ކާސްޓުން އިޢުލާނުކޮށްފި އެވެ. ރޭ ރާނބާ ރެސްޓޯރެންޓްގައި ބޭއްވި ކުޑަކުޑަ ހަފުލާއެއްގައި ފިލްމުގެ ކާސްޓުންނަށް ލިޔުންހަވާލުކޮށްދިނީ ޝަރަފުވެރި މެހެމާނު މުހައްމަދު އަލީ (މޮގާ) އެވެ.

‘ނިވައިރޯޅި’ ގެ ފައިނަލް ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދެވެ.

މި ފިލްމުގެ ލީޑަށް މުޅިން އާ ފިރިހެން ތަރިއެއް ނަގާނެކަމަށް މީގެ ކުރިން ނިޢުމާ ބުނެފައިވިޔަސް މިހާރު ވަނީ އާތަރިއެއް ނުނަގާގޮތަށް ނިންމާފައިކަމަށް ނިޢުމާ މުނިއަވަސް އަށް ބުންޏެވެ. ރޭގެ ހަފުލާގައި ނިޢުމާ ބުނީ ‘ނިވައިރޯޅި’ އަކީ އޭނާގެ ފަހު މަސައްކަތް ކަމަސްވާތީ ބެލުންތެރިންނާއި ހަމައަށް ވަރަށް ޕާފެކްޓް އެއްޗެއް ގެނެސްދޭން މަސައްކަތްކުރަމުން އަންނަ ކަމަށާ ފިލްމު ލަސްވަނީ އެ ސަބަބާހުރެ ކަމަށެވެ. 

ރޭގެ މި ހަފްލާގައި މުހައްމަދު އަލީ (މޮގާ) ވަނީ، މަޝްހޫރް މޭކަޕް ބްރޭންޑެއް ކަމުގައިވާ “ނޯޓްސް” ގެ ފަރާތުން ފިލްމަށް ދިން މޭކަޕް ސްޕޮންސާއެއް ވެސް ފިލްމުގެ ޓީމާ ހަވާލުކޮށްދީފައެވެ.

‘ނިވައިރޯޅި’ އަކީ މޫމިން ފުއާދުގެ ސްކްރިޕްޓެއްގެ މައްޗަށް ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި ނިޢުމާ ފެންނަން ޖެހެނީ ފަލަކޮށް ހުއްޓާކަމަށް ވާތީ ނިޢުމާ ވަނީ ފިލްމަށް ފަލަވާން ޖެހޭކަމަށްވެސް މީގެކުރިން ބުނެފައެވެ. 

ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި އެފަރާތްތަކުގެ އާއިލާތަކާއި އަދި އެނޫންވެސް ފިލްމީ ދާއިރާއާއި ގުޅުން ހުރި ގިނަ ބަޔަކު ރޭގެ ހަފުލާގައި ބައިވެރިވިއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.