‘މި އިޝްތިހާރު ބަލައި ނިމޭއިރު 15 ކުދިންނަށް އަނިޔާކުރާނެ. 05 މިނެޓް ފަހުން އިތުރު 30 ކުދިން. 01 ގަޑިއިރު ތެރޭގައި، އިތުރު 360 ކުދިން. 12 ގަޑިއިރު ތެރޭގައި 8000 އަށް ވުރެން ގިނަކުދިންނަށް ގޯނާކުރާނެ.’ މިއީ ފޮތެއްގެ އިޝްތިހާރަކަށް ހަދާފައިވާ ވީޑިއޯކޮޅެއް ފެށޭއިރު ކެޕްޝަން އަށް އަރާ ލިޔުންކޮޅުތަކެކެވެ. ވަރަށް ބޮަޑަށް އަޅައިގަތް ލިޔުންކޮޅެކެވެ. ފޮތެއްގެ އިޝްތިހާރެއްކަން އެނގެނީ ކެޕްޝަން އަށް އަރާ މި ލިޔުންކޮޅުތައް ނިމޭފަހުންނެވެ.

ކެޕްޝަން ތަކަށްފަހު ދެން ފެންނަނީ ފޮތުގެ ޞަފްޙާތަކެއް ކަމަށް ޤަބޫލުކުރެވޭ މަންޒަރުތަކެކެވެ. ލިޔެފައިވަނީ މުހިންމު މެސެޖް ތަކެކެވެ. ކުޑަކުދިންނަށެވެ. ފޮތުގެ ޓައިޓްލް ފެންނަނީ ‘ނޫން! ބޭނުމެއް ނޫން!’ މިހެން ލިޔެފައިވާ ދެ ކަރުދާސްގަނޑު ހިފައިގެން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ތިބޭތަނެވެ.

މިއީ ‘ފޮތްއަލަމާރި’ ނަމުގައި ހަދާފައިވާ ފޭސްބްކް ޕޭޖެއްގައި އިޝްތިހާރުކޮށްފައިވާ ފޮތެކެވެ. ފޮތް ލިޔުއްވާފައިވަނީ ހައިވަކަރު އަޙްމަދުފުޅުގެ ލީލާ އަޙްމަދު އެވެ. ލީލާ އަކީ ލޯބިލޯބި ދެ ފިރިހެންކުދިންގެ މަންމައެކެވެ. މާސްޓަރޒް ޑިގްރީ އިން އާރލީ ޗައިލްހުޑް އިން  ތަމްރީނު ހޯއްދަވާފައިވާ ލޭންގްއޭޖް ޓީޗަރެކެވެ. އަމިއްލަ މާދަރީ ބަހުގެ މުހިންމުކަން އަބަދުވެސް ޤަބޫލުކުރައްވަވާ މުދައްރިސުން ތަމްރީނު ކުރައްވާ މުދައްރިބެކެވެ.

ފޮތުގެ ކުރެހުންތައް ކުރެއްސެވީ ހައިވަކަރު އަޙްމަދުފުޅުގެ މަހްދީ އަޙްމަދު އެވެ. މަހްދީ އަކީ ހަތް އަހަރުގެ ފިރިހެން ކުއްޖެއްގެ ބައްޕަގެ އިތުރުން ދިވެހިރާއްޖެއަށް މަޝްހޫރު ސްކްރީން ރައިޓަރެކެވެ. މަހްދީ ބުނީ މިފޮތަށް ޝައުޤުވެރިކަން އުފެދުނީ މަހްދީގެ ދަރިފުޅު ނިންދެވުމުގެ ކުރިން ވާހަކަ ކިޔައިދެއްވަމުން ގެންދަވަނިކޮށް އަދި ދަރިފުޅާއެކު ކުރަހަމުން ގެންދަނިކޮށް ކަމަށެވެ. މަހްދީ އެހެން ސިއްރެއްވެސް އާއްމުކުރި އެވެ.

“ކުޑައިރު އަހަރެން ކުރިހާވެސް ކަމަކީ ކުރެހުން، ޚާއްޞަކޮށް ކޮމިކްސް، އަހަރެން އަމިއްލަ ކޮމިކް ފޮތެއްވެސް ސްކޫލްގަ އުޅުނުއިރު ހެދިން.” ‘ނޫން! ބޭނުމެއް ނޫން!” ފޮތުން ފެންނަ ކޮމިކް ކެރެކްޓަރ ތައް ވަރަށް ފުރިހަމައަށް ކުރަހާފައިވާ މަހްދީ ބުންޏެވެ.

‘ފޮތްއަލަމާރި’ ގެ އަމާޒަކީ ދިވެހިބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔާނެ ޕްލެޓްފޯމެއް ކުދިންނަށް ގާއިމުކޮށްދިނުމާއި ދިރިއުޅުމުގެ މުހިންމު ހުނަރުތައް ހިމެނޭ ފޮތްތަކެއް ކުޑަކުދިން، ބެލެނިވެރިން އަދި ޓީޗަރުންނަށް ފޯރުކޮށްދިނުމެވެ.

ކުޑަކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފޮތް “ނޫން، ބޭނުމެއް ނޫން” ނެރެފައިިވަނީ މިއަދު ހަވީރު ރަސްރަނި ބަގީޗާގެ ‘އެމްފިތިއޭޓަރ’ ގައެވެ. މި ފޮތް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮތް ނެރެދެއްވީ ނަފްސާނީ ބަލިތަކުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވާފައިވާ ޑރ.އައިޝަތު ޢަލީ ނާޒުއެވެ.

“ނޫން، ބޭނުންމެއްނޫން” މި ފޮތުގެ އަލީގައި ބައެއްކަންކަމަކީ ނޫނެކޭ ބުނަންޖެހޭ ކަންކަންކަމާއި، އެފަދަ ޙާލަތްތަކުގައި ނޫނެކޭ ބުނެ، ކަން ދިމާވި ގޮތް އިތުބާރުކުރެވޭ ބޮޑު މީހަކަށް ކިޔާދޭނެ ގޮތް ދިވެހި ކުޑަކުދިންނަށް ދަސްވާނެކަމުގެ އުއްމީދު ކުރައްވާކަމަށް ފޮތުގެ މުޞައްނިފު ވިދާޅުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.