“ގްރީން ލައިޓް!” ލަމްހާއަށް މަޑުމަޑުން ކިޔާލެވުނެވެ. ލަމްހާ ސުވާލެއް ކުރަން އުޅެނިކޮށް ޔޫޝައު އެކަން ހުއްޓުވުމަށްފަހު އިރުކޮޅަކު މަޑުކޮށްލުމަށް ބުނެލުމުން ލަމްހާއަށް ސުވާލުކުރާކަށް ނުކެރުނެވެ.
ޔޫޝައު ގޭގެ ބެލް އަޅާލުމުން ގޭގެ ދޮރު ހުޅުވާލީ ސީދާ އައިކާއެވެ.
“ލަމް! މީ އައިކާ.. އައިކާ! މީ ލަމްހާ.. އަހަރެންގެ ވައިފް..” ޔޫޝައު އެ ހުރިގޮތަށް ހުރެ ދެމީހުންނަށް ދެމީހުން ތަޢާރަފުކޮށްދިނެވެ. އައިކާ ހީލަމުން ސަލާމަށް އަތް ދިއްކޮށްލުމުން ލަމްހާވެސް ހީލަމުން ސަލާމްކޮށްލިއެވެ. ޔޫޝައުގެ އަންހެނުންނަކީ ނާޒް ނޫންކަން އެނގުމުން އައިކާގެ ހިތަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ނާޒް ފެނުނު ދުވަހު އޭނާއަށް އެގޮތަށް ހީކުރެވުނު ނަމަވެސް އޭނާ ޔޫޝައުއާ އެސުވާލެއް ނުކުރެއެވެ. އަދި އޭނާ އުޅުނީ އޭނާއަށް އެފަދަ ގޮތަކަށް ވިސްނުނުކަން ޔޫޝައުއަށް ޝައްކުވެސް ނުވާނެހެންނެވެ.
“އާދޭ އެތެރެއަށް..” ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލަމުން އައިކާ އެމީހުން ވަންނަން ތަން ދެއްކިއެވެ. ޔޫޝައުގެ ފަހަތުން އެތެރެއަށް ވަތް ލަމްހާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. މުއްސަނދިވެފައި ބޮޑު ނޫނަސް އާދައިގެ ތަނަކަށްވުރެ ތަނަވަހެވެ.
“ކޮބާ މިހާރު މިއޮތީ ލަމްއާވެސް ބައްދަލުވެވިފައެއްނު.. ދެން ކުރިއަށް ގެންދޭ.. އަހަރެން އިންނާނަން އަޑުއަހަން..” ސަމާސާ ރާގެއްގައި ޔޫޝައު އެހެން ބުނެލުމުން ލަމްހާއާއި އައިކާއަށް އެއްފަހަރާ ހެވުނެވެ. ދެމީހުން އެކިއެކި ވާހަކައިގައި ތިބެފައި ދިހައެއް ޖެހުމުން ގެއަށް ދިޔައީ އައިކާމެން ގެއިން ކައިގެންނެވެ.
އެދުވަހަށްފަހު ލަމްހާ ދޭތެރެ ދޭތެރެއިން އައިކާ ގާތަށް އައިސް ހަދައެވެ. ދެމީހުންގެ އެކުވެރިކަން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ދާއިރު އެއީ މުސްތަޤުބަލުގައި އެކެއްގެ ދެއަނބިންނަށް ވެދާނެއެކޭ ހިއެއްނުވެއެވެ. އެދެމީހުންގެ މެދުގައި އިތުބާރާއި ކުލުނު އުފެދިގެން ދިޔައީ އެދެމީހުންގެ މިޒާޖުގައި ހުރި އެއްގޮތްކަމެއްގެ ސަބަބުންނެވެ. ޔޫޝައުވެސް ހުންނަނީ މިކަމާ ނުހަނު އުފަލުންނެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. މާޒް ދުނިޔޭގެ ލޯމައްޗަށް އުފާވެރިކަން ދައްކައިގެން އުޅެމުން ދިޔަނަމަވެސް އޭނާގެ ހިތްވަނީ ހަލާކުވެފައެވެ. އައިކާ މާލެ ދިޔަފަހުން އޭނާއާ އެންމެ ފަހަރަކުވެސް ގުޅާނުލައެވެ. ހާލު ބަލާލަންވެސް ގުޅަން ޖެހެނީ އޭނާއަށެވެ. ގުޅާ ގިނަ ފަހަރު ފަހަރު ފޯނު ނުނަގާތީ އައިކާއާ ދިމާވާގޮތެއް ނުވެއެވެ. މިކަމުން މާޒްއަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބެއެވެ.
ދޭތެރެ ދޭތެރެއިން ލިހާމްގެ މަލާމާތުގެ ބަސްތަކާއި ކުރިމަތިލާން ޖެހުނަސް އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއްޗެކޭ ބުނެގެން ލިހާމްގެ ހިތުގައި އޭނާގެ އާއިލާއަށްޓަކައިވާ ނަފުރަތުގެ އަލިފާނަށް ދަރު އަޅަން ބޭނުންނުވާތީއެވެ. އަދި އޭނާ ލިހާމްއަށް ކިތަންމެ ވަރަކަށް ރައްދު ދިނަސް ލިހާމްގެ އެ މަލާމާތާއި ފުރައްސާރައަށް ހުއްޓުމެއް ނާންނާނެކަން އެނގޭތީއެވެ. އޭނާ ހުންނަނީ ލިހާމްގެ އައިލާ މީހަކަށް ދެރައެއް ލިބޭނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. އެންމެ ސަބަބަކަށްޓަކައެވެ. މާޒްގެ މަރުޙޫމް ކާފަގެ ސިހުރެއްގެ ސަބަބުން ލިހާމްގެ ބޮޑުދައިތަގެ ދިރިއުޅުން ހަލާކުވީތީއެވެ.
“ރަމްޒިއްޔާ! އަހަރެންނަށް ފެންނަނީ ދެން މިވާހަކަ ދައްކަން.. އަހަރެންނަށް މިވާހަކަ ނުބުނެވިގެން މިހާރު ހަމަނިދި ނުލިބޭތާ ދުވަސްގަނޑެއް ވެއްޖެ.. އަހަރެން ބޭނުމެއްނޫން އޮޅުވާލައިގެން އެއްވެސް މީހެއްގެ ލޯތްބެއް.. ހަޤީޤަތް އެނގިހުރެ ވާލޯބީގެ ބާރު މާ ގަދަވާނެ..” މަންސޫރު އެހެން ބުނެލުމުން ރަމްޒިއްޔާ ވިސްނާލިއެވެ. މާޒް ގާތުގައި އެވާހަކަ ހަމަ ދައްކަންވީބާއެވެ. އެވާހަކަ ދެއްކުމުން މާޒް އެމީހުންނާމެދު ދެކޭގޮތް ބަދަލުވެދާނެބާއެވެ.
“ރަމްޒިއްޔާ! ކީއްވެ އެއްޗެކޭ ނުބުނީ؟”
“މި ވިސްނާލީ.. ހިތަށް މި އަރަނީ އެކަން އެނގުނީމަ އޭނަގެ ހިތް ބަދަލުވެދާނެއޭ.. ހިތްހަމަނުޖެހިވެސްދާނެ..” ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރުވެސް އެކަމާ އެއްބަސްވިއެވެ.
“އާނ.. ތިހެންވެސް ވެދާނެ.. އެކަމަކު އަހަރެންގެ މައްސަލައެއް ނެތް.. އަހަރެންނަކަށް އިތުރަށް މިކަން ސިއްރުކޮށްގެންނެއް ނުހުރެވޭނެ.. މާޒް މިހާރު ހިތްހަމަނުޖެހުނަސް އޭނައަށް ވިސްނުނީމަ ފަހުން ރަނގަޅުވާނެ..” މަންސޫރު އޭނާގެ ހިތް ބުނާ ގޮތަށް ވާހަކަތައް އަތުރާލިއެވެ.
“އެންމެ ރަނގަޅު..” ރަމްޒިއްޔާ އެހެން ބުނެލިތަނާ މާޒް އައިސް ގެއަށް ވަނެވެ. މާޒް ސިޓިންގރޫމުގައި މަޑުވެސްކޮށްނުލާ އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
“ދަރިފުޅާ މާޒް! އާދެބަލަ..” ރަމްޒިއްޔާ ގޮވާލުމުން މާޒް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އައިސް ސޯފާގައި އިށީނެވެ. އޭރު މަންސޫރުވެސް ސޯފާގައި އިނީ އެމީހުންގެ އާއިލާގައިވާ ބޮޑު ސިއްރު ހާމަކުރަން ތައްޔާރުވެގެންނެވެ. އެކަމުގެ ސަބަބުން އޭނާއަށް ކޮންމެ ގޮތެއް ވިޔަސް އިތުރަށް އޭނާއަށް އެކަން ސިއްރުކޮށްގެން ހުރެވޭކަށް ނެތެވެ. އެކަމުން އޭނާގެ ހިތަށް ދަތިކަން ލިބޭތީއެވެ.
“މަންމާ! ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” މަންސޫރުއާއި ރަމްޒިއްޔާގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން މާޒްއަށް އަހާލެވުނެވެ. ރަމްޒިއްޔާ ބޯހޫރާލިއެވެ. މަންސޫރު އިނީ މާޒްއަށް ހަޤީޤަތް އެނގުމުން ވާނެގޮތެއް ނޭނގި ފިނިވެފައެވެ.
“ކަމެއް ގޯސްވީކީ ނޫން.. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..” ރަމްޒިއްޔާ އެހެން ބުނެލުމުން މާޒް ހައިރާންވިއެވެ. މަންމަމެން އޭނާ ގާތުގައި ދައްކަންޖެހޭ އެވަރުގެ ބޮޑު ވާހަކައަކީ ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ. ތަންކޮޅެއް ކުރިން އެއްދުވަހަކު މަންސޫރުވެސް އޭނާ ގާތުގައި ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނިކަން އޭނާ ހަނދާންވިއެވެ. އަދި އެވާހަކަ ދެއްކޭނީ ރަމްޒިއްޔާވެސް އިނދެގެން ކަމަށް މަންސޫރު އެދުވަހު ބުންޏެވެ. އެހެންކަމުން މަންމަ ދައްކަން އެއުޅޭ ވާހަކައަކީ އެދުވަހު މަންސޫރުވެސް އެބުނި ވާހަކަކަން އޭނާއަށް ޔަޤީނާއި ގާތަށް ހީވިއެވެ.
“ކޮން ވާހަކައެއްތަ މަންމާ؟” ކެތްމަދުވެފައިވާ ރާގަކަށް މާޒްއަށް އަހާލެވުނެވެ.
“މީ މިހާތަނަށް ދަރިފުޅަށް ސިއްރުކުރެވިފައި އޮތް ހަޤީޤަތެއް.. ފަހަރެއްގަ މިވާހަކަ ދެއްކީމަ ދަރިފުޅު މަންމަމެންނާ ދޭތެރޭ ގޯސް ގޮތަކަށްވެސް ވިސްނަފާނެ.. އަދި ހިތްހަމަވެސް ނުޖެހިދާނެ.. އެކަމަކުވެސް މީ ދަރިފުޅަށް ކޮންމެހެންވެސް އެނގެންޖެހޭ ވާހަކައެއްކަމަށް ޤަބޫލުކުރާތީ މިވާހަކަ ބުނަން މިއުޅެނީ.. މިވާހަކަ ބުނީމަ ދަރިފުޅު ހިތްހަމަނުޖެހުނަސް މަންމަމެންނަށް މާފްކުރާނެކަމަށް މަންމަމެން އުއްމީދުކުރަން..” ރަމްޒިއްޔާ އޭނާ ދައްކަން އުޅޭ ވާހަކައިގެ ބޮޑުކަން މާޒްއަށް ބުނެދިނެވެ. މާޒް ބޯޖަހާލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.
“ދަރިފުޅާ! މަންމައަށް މާފްކޮށްދޭތި މިހާ ދުވަހު މިކަން ސިއްރުކުރެވުނީތީ.. މީ.. މީ.. ދަރިފުޅުގެ އަސްލު ބައްޕައެއް ނޫން.. ދަރިފުޅުގެ އަސްލު ބައްޕަ މިދުނިޔޭގަ ނެތްތާ އެތައް ދުވަހެއް ވެއްޖެ..” ރަމްޒިއްޔާއަށް އެވާހަކަ ބުނަން އުނދަގޫވިއެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްފައި އެހެން ބުނެލުމާއެކު މުޅިތަނުގައި ހީވީ ބޮމެއް ގޮވިހެންނެވެ. މާޒް އިނީ ކުއްލިއަކަށް އިވުނު ޚަބަރުން ޝޮކެއް ލިބިފައެވެ. މާޒް ގަބު އަރާފައި އިންދާ ރަމްޒިއްޔާ މާޒްގެ ކޮނޑުގައި ހިފާ މަޑުމަޑުން ތަޅުވާލުމުން މާޒް ސިހުނެވެ.
“ނޫން.. ތީ ދޮގެއް.. އަހަރެން ތިވާހަކަ ޤަބޫލެއް ނުކުރާނަން.. ނޫންނަމަ މިހުރިހާ ދުވަސްވީއިރު ކޮންމެވެސް މީހެއްގެ ފަރާތުން އަހަރެންނަށް ތިކަން އެނގުނީސް..” މާޒްއަށް އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އެހެންވެސް އެބުނީ އޭނާގެ މަންމަގެ ދުލުން ވިއްޔާއެވެ. މަންމަ ބުންޏަސް އެވާހަކަ އޭނާއަށް ޤަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މަންސޫރުއަކީ އޭނާގެ ދޮންބައްޕަ ކަމަށް އޭނާއަށް ޤަބޫލުކުރެވޭނެ ހެއްޔެވެ؟ މަންސޫރުގެ ފަރާތުން ބަފައެއްގެ ފުރިހަމަ ލޯބި އޭނާއަށް ލިބުނެވެ. މިހާތަނަށް މީހުން ދައްކާ ވާހަކައިންނާ ފެންނަ މަންޒަރުތަކުން އޭނާއަށް އަބަދުވެސް ފެންނަނީ ދޮންމަންމައިންނާއި ދޮންބައްޕައިންގެ ނުބައި ނުލަފާކަމެވެ. ވީއިރު މަންސޫރުގެ ކިބައިން އެފަދަ ކަމެއް ނުފެނުމުން އެކަން ޤަބޫލުކުރެވޭނެ ހެއްޔެވެ؟
“ނޫން ދަރިފުޅާ.. މީ ދޮގެއް ނޫން.. އޮޅުވާލުމެއްވެސް ނޫން.. މީ ތެދެއް، ހަޤީޤަތެއް..” މަންސޫރު ޔަޤީންކަން ދިނެވެ.
“ދެން ކީއްވެ މިހުރިހާ ދުވަހު ތިކަން އަހަރެންނަށް ސިއްރުކުރީ؟ ކީއްވެ އެއްވެސް މީހެއްގެ ފަރާތުން އަހަރެންގެ ހަޤީޤީ ބައްޕައަކީ ތީ ނޫންކަން އެނގޭނެ ކަހަލަ އެއްވެސް އިޝާރާތެއް ނުލިބުނީ؟” މާޒްގެ ހިތުގައި އުފެދިފައިވާ ޝަކުވާ ބޭރުކޮށްލިއެވެ.
“މަންމަމެން ދަރިފުޅު ގާތު އެވާހަކަ ނުބުނީ ދަރިފުޅު އޭރު ކުޑަވީމަ.. ކަންކަމާ ރަނގަޅަށް ނުވިސްނޭނެތީ.. ދަރިފުޅަށް ކަންކަން ވިސްނޭވަރަށް ބޮޑުވީމަ މިވާހަކަ ބުނަން މަންމަ ބޭނުންވީ.. އެއީވެސް ދަރިފުޅަށް ރަނގަޅަކަށް.. އެހެންނޫނީ ދަރިފުޅުގެ ކިޔެވުންވެސް ހަލާކުވީސް.. އެހެންވާން މަންމަ ބޭނުންނުވީ.. އަދި އެހެން ސަބަބެއްވެސް އެބައޮތް.. މަންމަ އެވާހަކަ ބުނީމަ ދަރިފުޅުގެ ހިތުގަ އެތައް ސުވާލެއް އުފެދޭނެކަން މަންމައަށް އެނގޭ.. ދަރިފުޅުގެ ބައްޕައާ ބެހޭގޮތުން ދަރިފުޅު މީހުންނާ ސުވާލުކުރާނެކަން މަންމައަށް އެނގޭ.. އެދުވަހަކުން އެމީހުންގެ ވާހަކަތަކުން ދަރިފުޅުގެ ހިތް ބައްޕައާމެދު ކިލަނބުވާނެ.. އެހެން އެކަން ވާންވެސް މަންމަ ބޭނުންނުވީ..” ރަމްޒިއްޔާ އޮޅުންފިލުވައިދިނެވެ. ރަމްޒިއްޔާގެ ވާހަކަ ނިންމާލީ މާޒް ސުވާލެއްގެ ތެރެއަށް ގަންބާލަމުންނެވެ. މީހުން ބައްޕައާމެދު ދައްކާ ވާހަކަތަކުން އޭނާގެ ހިތް ބައްޕައާމެދު ކިލަނބުވާނެކަމަށް މަންމަ އެބުނީ ކީއްވެ ހެއްޔެވެ؟
“އެކީއްވެ މީހުން ދައްކާ ވާހަކައަކުން ބައްޕައާމެދު އަހަރެންގެ ހިތް ގޯސްވާންވީ؟ ބައްޕައަކީ އެހާ ނުބައި މީހަކީތަ؟” މާޒް އޮޅުންފިލުވަން ބޭނުންވިއެވެ.
“ދެން އެވާހަކަ ނުދައްކާ.. މިހާރު އެވާހަކަ ދައްކައިގެން ދަރިފުޅުގެ ހިތް ބައްޕައަށްޓަކައި ކިލަނބުކުރާކަށް މަންމަ ބޭނުމެއްނޫން.. ދަރިފުޅު ގާތު މަންމަ ބުނަން ބޭނުންވާ ވާހަކައަކީ މިހުރިހާ ކަމެއްވެސް ކުރީ ހަމަ ދަރިފުޅުގެ މުސްތަޤުބަލަށް ވިސްނާފައޭ.. ދެން ދަރިފުޅަށް އެނގޭނީ ހަދާނެގޮތެއް.. މަންމަމެން މިކުރީ ކުށެއްކަމަށް ދަރިފުޅު ޤަބޫލުކުރާނަމަ މަންމަމެންނަށް މާފްކޮށްދޭނެކަމަށް އުއްމީދުކުރަން..” ރަމްޒިއްޔާ އެހެން ބުނެލުމަށްފަހު އެތާ މަޑުކޮށްލުމެއްވެސްނެތި ކޮޓަރިއަށް ދާން ހިނގައިގަތެވެ. މާޒް ދެފަހަރަކު ގޮވާލުމުންވެސް ރަމްޒިއްޔާ މަޑެއް ނުކުރިއެވެ. ދެން މާޒް ބަލާލީ މަންސޫރުއަށެވެ. އޭނާ މަންސޫރުގެ ފަރާތުން އެސުވާލުގެ ޖަވާބަކަށް އިންތިޒާރުކުރާފަދައެވެ. ނަމަވެސް މަންސޫރުވެސް އެސުވާލުގެ ޖަވާބު ދޭކަށް ނޫޅުނެވެ.
“ބައްޕައަށް މާފްކުރޭ.. ތިކުރާ ސުވާލުގެ ޖަވާބު ދެވޭކަށް ބައްޕައަކަށް ނެތް..” އެހެން ބުނެލުމަށްފަހު މަންސޫރުވެސް ގޮސް ކޮޓަރިއަށް ވަނެވެ. މަންސޫރުއާއި ރަމްޒިއްޔާ ކޮޓަރިއަށް ވަނުމުން މާޒް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އަނެއްކާވެސް ނުކުތީ ބޭރަށެވެ. ވަކި މިސްރާބެއްނެތި ހިނގަމުންދިޔަ މާޒްގެ ސިކުނޑި ވަނީ ހާސްވެފައެވެ. އޭނާގެ ބަދުނަސީބުކަމާމެދު ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ފުރަތަމަ އޭނާގެ ލޯބި އޭނާގެ އަތުން ބީވެ ދިޔައީއެވެ. އެކަމާ އޭނާ އައީ އެތައް ހިތްވަރަކުން ކެތްކުރަމުންނެވެ. ދެން ހާމަވީ އެއަށްވުރެ ބޮޑު ހަޤީޤަތެކެވެ. މަންސޫރުގެ ފަރާތުން އޭނާއަށް ބައްޕައެއްގެ ލޯބި ލިބުނުނަމަވެސް މިހުރިހާ ދުވަސްވަންދެން އޭނާގެ ބައްޕަ ކަމުގައި ހީކުރި މީހަކީ އޭނާގެ ބައްޕަ ނޫނެވެ. މިހާރު އޭނާގެ ހިތްވަނީ ނާއުއްމީދުވެފައެވެ. މިހާރު އޭނާގެ ހިތުގައި ހުރިހާ މީހުންނާމެދުވެސް ވަނީ ޝައްކު އުފެދިފައެވެ. މިރޭ މި އެނގުނު ހަޤީޤަތުގެ ސަބަބުން ރަމްޒިއްޔާއަކީ އޭނާގެ މަންމަ ކަމާމެދުވެސް އޭނާއަށް ޝައްކުވެއްޖެއެވެ. ޝައްކުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން އެނގިހުރެވެސް އޭނާގެ ހިތާއި ސިކުނޑިން އެޚިޔާލު ފޮހެލެވޭގޮތެއް ނުވިއެވެ.
އަތިރިމައްޗަށް ނުކުމެވުމުން ހަށިގަނޑުގައި ބީހެން ފެށި ފިނިފިނި ވައިރޯޅިތަކުންވެސް މިރޭ މާޒްއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެއިން ލިބެންވާ ތަސައްލީ އިހުސާސްކުރެވޭވަރަށްވުރެ އޭނާގެ ހިތުގެ ހައިޖާންގަނޑު ބޮޑެވެ. މަންމަ އޭނާގެ އެންމެ ސުވާލަކަށް ޖަވާބުނުދޭން އުޅޭ ސަބަބަކާއިމެދު އޭނާއަށް ވިސްނެނީއެވެ. އެސުވާލުގެ ޖަވާބު އޭނާ ކޮންމެހެންވެސް ބޭނުމެވެ. އޭނާގެ ބައްޕަ މިދުނިޔެ ދޫކުރަން މެދުވެރިވި ސަބަބެވެ. އޭނާގެ މަންމަ އެވާހަކަ ނުދައްކަން އުޅުމުން އޭނާއަށް ދޭހަވަނީ އެ މަރުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ވާކަމެވެ. އޭނާ އެކަން ހޯދަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް މަންމަގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އޭނާއަށް ޔަޤީންވެއެވެ. މަންސޫރުގެ ފަރާތުން ޖަވާބެއް ހޯދަން އުޅުމުގެ ބޭނުމެއްނެތެވެ. މަންސޫރު އެވަނީ އެސުވާލުގެ ޖަވާބު ނުދޭނެކަމަށް ފާޅުގައި ބުނެފައެވެ. ވީއިރު އޭނާ އެސުވާލުގެ ޖަވާބު ހޯދާނީ ކާކުގެ ގާތުން ހެއްޔެވެ؟ އެވަގުތު އޭނާގެ ހަނދާނަށް އައީ ސަނާއެވެ. ސަނާ ގާތު އެހުމުން އޭނާއަށް އެސުވާލުގެ ޖަވާބު ލިބިދާނެއެވެ. ސަނާ އޭނާ އެދޭ ކަމަކަށް ނޫނެކޭ ނުބުނާނެކަން އޭނާއަށް ޔަޤީންވެއެވެ. އެހެން ހިތަށްއެރުމާއެކު ދެލޯ ފޮހެލަމުން މާޒް ތެދުވެ ސަނާގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.
މާޒް ދިޔައިރު ސަނާ އިނީ އުނދޯލީގައި ފޯއް ކޮށާށެވެ. ކައިރީގައި ނާޒިމްވެސް އިނެވެ. ނަމަވެސް މާޒް ފަސްޖެހޭކަށް ބޭނުމެއްނުވިއެވެ. އޭނާ ވަދެގެން އައިސް ވަކި ހިސާބަކަށް އެރިތަނާ ސަނާއަށް އޭނާ ފެނުނެވެ. މާޒް ހުރިގޮތް ފެނުމުންވެސް ސަނާއަށް ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. އޭނާ މާޒްގެ ގާތަށް ގޮސް ފަރުވާތެރިކަމާއެކު މާޒްގެ މޫނަށް ބަލާލިއެވެ. އެދެލޯ ކަރުނުން ފުރެމުން ދިޔަތަން އޭނާއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.
“މާޒް! ކިހިނެއްވީ؟” ސަނާއަށް އެހެން އަހާލެވުމާއެކު މާޒް އޭނާގެ ގައިގައި އޮޅުލައިގެންފައި ރޯން ފެށިއެވެ. އެއަޑުގައިވީ އަސަރަކުން ސަނާގެ ހިތަށްވެސް އަސަރުކުރިއެވެ. ވީގޮތެއްވެސް ނުބުނެ މާޒް ކުއްލިއަކަށް އެގޮތަށް ރޯން ފެށުމުން ސަނާ ނުހަނު ކަންބޮޑުވިއެވެ. މާޒްއަކީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްކަން ސަނާއަށް އެނގެއެވެ. ވީއިރު އެގޮތަށް މާޒް ރޯނީ ވަރަށް ބޮޑު ކަމެއް ވުމުންކަން ސަނާއަށް އެނގެއެވެ. އަނެއްކާ ރަމްޒިއްޔާއަށް ކަމެއްވީބާއޭ ސަނާގެ ހިތަށްއެރިއެވެ.
“މާޒް! ކިހިނެއްވީތަ؟ ހުއްޓާލާފަ ބުނެބަލަ ވީގޮތެއް.. މަންމައަށް ކަމެއްވީތަ؟ ނޫނީ ބައްޕައަށް ކަމެއްވީތަ؟” ސަނާ އެހެން ބުނެލިތަނާ ކުއްލިއަކަށް މާޒް ސަނާގެ ގައިން ދޫކޮށްލިއެވެ. ސަނާ ހުރީ މާޒް ކުއްލިއަކަށް މި އުޅެންފެށި ގޮތަކުން ހައިރާންވެ ވާނުވާ ނޭނގިފައެވެ. އަނެއްކާ މާޒްގެ ޠަބީއަތު ރަނގަޅުބާއޭވެސް އޭނާގެ ހިތަށްއެރިއެވެ.
“އެއީ އަހަރެންގެ ބައްޕައެއް ނޫން.. ދޮންބައްޕަ.. އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތް..” ކުއްލިއަކަށް މާޒް އެހެން ބުނެލުމުން ސަނާއަށް ނާޒިމްއާ ދިމާއަށް ބަލާލެވުނެވެ. މާޒްއަށް މި އައިސްގެން އުޅޭ ބަދަލުގެ އަސްލު އެދެމީހުންނަށް ދެނެގަނެވިއްޖެއެވެ. މާޒްއަށް މިއޮއް ހުރިހާ ދުވަހު ސިއްރުކޮށްފައި އޮތް ކަންތައް އެނގުނީއެވެ. އެކަމަކު މާޒް ގާތުގައި އެވާހަކަ ދެއްކީ ކާކު ހެއްޔޭ ސަނާގެ ހިތަށްއެރިއެވެ.
“މާޒް ރަނގަޅުތަ؟ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ކާކު ދެއްކި ވާހަކައެއް ތީ؟” މާޒްގެ އަތުގައި ހިފަހައްޓާލަމުން ނާޒިމް އަހާލިއެވެ.
“އަހަރެންނަކަށް އެއްވެސް ގޮތެއްނުވޭ.. އަހަރެން މި ދައްކަނީ ހަމަ ރަނގަޅު ވާހަކައެއް.. ދުރު މީހެއްނޫން އަހަރެން ގާތު މިވާހަކަ ބުނީ.. މަންމައާ ދޮންބައްޕަ ތިބެގެން މިވާހަކަ ބުނީ..” މާޒް އެހެން ބުނެލުމުން ސަނާއަށް ހައިރާންވެފައި ނާޒިމްއަށް ބަލާލެވުނެވެ. ރަމްޒިއްޔާ މާޒް ގާތުގައި އެވާހަކަ ބުނެފާނެކަމަކަށް އޭނާއަށް ހީކުރެވިފައެއްވެސް ނެތެވެ.
“އަހަރެންނަށް އެނގޭ ސަނާއްތައާ ނާޒިމްބެއަށް މިކަމުގެ ހަޤީޤަތް އެނގޭނެކަން.. އެހެންވެ މިއައީ..”
“ކީއްކުރަން؟ މިހާރު ތިކަން ތިއޮތީ އެނގިފައެއްނު..” ނާޒިމްވެސް އެވާހަކަ މާބޮޑަށް ދައްކާކަށް ބޭނުމެއްނުވިއެވެ.
“އަދި ނޭނގޭ ކަންތައްތަކެއް އެބަހުރި.. އެހެންވެ މިއައީ.. މަންމަ ގާތު އެހީމަ އެސުވާލުތަކުގެ ޖަވާބެއް ނުލިބުނު.. އަހަރެންނަށް ސަނާއްތައާ ނާޒިމްބެއާ ދޭތެރޭ އޮތް ޔަޤީންކަމެއްގެ ބޮޑުކަމުން މިއައީ..” މާޒް އޭނާ އައި ބޭނުން އޮޅުންފިލުވައިދިނެވެ.
“ކޮން އެއްޗެއް އެނގެން ބޭނުންވަނީ؟” ސަނާ އަހާލިއެވެ.
“އަހަރެން އެނގެން ބޭނުންވަނީ ބައްޕަ މަރުވާން ދިމާވި ގޮތް..”
“ކޮންމެ މީހެއްގެވެސް އަޖަލު ހަމަވުމުން މިދުނިޔެ ދޫކޮށް ދާންޖެހޭނެ.. މާޒްގެ ބައްޕައަށްވެސްވީ އެހެން..” ސަނާ އެއްޗެކޭ ބުނަން އުޅެނިކޮށް ނާޒިމް ބުންޏެވެ.
“އެންމެ ރަނގަޅު.. އަހަރެން ދަނީ.. އަހަރެން މިގެއަށް އައީ ވަރަށް އުއްމީދާއެކު.. އަހަރެންގެ ސުވާލުތަކަށް ޖަވާބު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކު.. އެކަމަކު މިގެއިންވެސް މި ދާންޖެހުނީ ހުސްއަތާ.. އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބި.. އަހަރެންނަށް މިހާރު އިހުސާސްކުރެވޭ އަހަރެންނަކީ ބޭކާރު މީހެއްކަން.. އެންމެނަށްވެސް އަހަރެންނާހެދި ވަނީ އުނދަގޫ.. އެއްވެސް މީހަކު އަހަރެންނަށް ހަޤީޤަތް އޮޅުންފިލުވައިދޭން ބޭނުންނުވާކަން މިރޭ އަހަރެންނަށް އެނގިއްޖެ.. އެންމެންވެސް ބޭނުންވަނީ އަހަރެން އަބަދުގެ އަބަދަށް މި އޮޅުންބޮޅުން ތެރޭ ހުންނަން.. ދެން އަހަރެން މިކަން އޮޅުންފިލުވާކަށްވެސް ނޫޅޭނަން.. އަހަރެންގެ ފަރާތުން ސަނާއްތަމެންނަށް އެއްވެސް އުނދަގުލެއްވެފަ ވާނަމަ މާފަށް އެދެން.. ދެން ދަނީ.. ހިތްހެޔޮކުރާތި!” މާޒް އެހެން ބުނެލުމަށްފަހު މަޑުކޮށްލުމެއްވެސްނެތި ބާރުބާރަށް ގޮސް ގެއިން ނުކުތެވެ. ސަނާ ދެފަހަރަކު ގޮވާލުމުންވެސް މާޒްއަށް އެއަޑު އިވުނުކަމަކަށް ނުހެދިއެވެ.
“ނާޒިމް ކިހިނެއް ތިހެދީ؟ މާޒް އަހަރެމެންނަށް އެހާ އިތުބާރުކޮށްފަ އައިމަ ތިހުރީ ހެދިގޮތް.. މާޒް އަހަރެމެންނަށް ކުރި އިތުބާރު ތި ގެއްލުވާލީ..” ސަނާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“އިތުބާރު ގެއްލުނަސް އަހަރެންނަކަށް ފަސޭހައެއް ނޫން މުނީރު ޖަލަށްލީ އަހަރެން ރިޕޯޓްކޮށްގެންނޭ ބުނާކަށް.. ސަނާ ބުނެބަލަ.. އެކަމުގެ ހަޤީޤަތް އެނގުނީމަ އޭނަ ވަކި އަހަރެމެންނަށް އިތުބާރު ކުރާނެތަ؟ އަހަރެންނަށް މި ކަންތައް ކުރެވުނީ ހަމަ އެންމެ ރަނގަޅަށް.. އޭނަގެ މަންމަ އޭނައަށް ކިޔައިދޭން ބޭނުންނުވި ވާހަކައެއް އަހަރެމެން ކިޔައިދިނީމަ ކަމަކު ނުދާނެ..” ނާޒިމް އެހެން ބުނެލުމުން ސަނާ އިތުރަކަށް އެއްޗެކޭ ނުބުންޏެވެ.
މާޒް ގޮސް އޭނާގެ ގެ ހުންނަ މަގަށް ލަނބާލިތަނާ ލިހާމް ސައިކަލުގައި އަންނަތަން ފެނުނެވެ. އަމިއްލަ ދެފައިން ހިނގާފައި ތަނަކަށް ނުދެވޭވަރު ވުމުން ނޫނީ ސައިކަލަކަށް ނާރަން ބުނި މީހާއަށް މިހާރު އެއްވެސް ތަނަކަށް ސައިކަލުގައި ނޫނީ ދެވޭކަމަކަށް ނުވެއެވެ. މާޒް ފެނުމާއެކު ލިހާމް ސައިކަލު މަޑުކޮށްލިއެވެ. ލިހާމް މާޒްއަށް ބަލާލީ މަލާމާތުގެ ނަޒަރަކުންނެވެ. ހީވީ އޭނާ އެތައް ދުވަހަކުއްސުރެ ފެށިގެން ކުރަމުން އައި އުއްމީދެއް ހާސިލްވީހެންނެވެ. އޭނާގެ ހިތް ދުވަހަކުވެސް މާޒްއަކަށް އަދި މާޒްގެ އާއިލާއަކަށްވެސް ހެވެއް ނުވާނެއެވެ. އޭނާގެ ހިތުގައި އެ އާއިލާއަށްޓަކައި ވަނީ ނަފުރަތެވެ. ހިތާހިތުން އަދި ފާޅުގައިވެސް އެ އާއިލާއަށް އޭނާ ކުރަނީ ބަދު ދުޢާއެވެ. އަދި ކުރާނީވެސް ބަދު ދުޢާއެވެ.
މާޒްއަށް ބަލަން ލިހާމް އިރުކޮޅަކު އިނުމުންވެސް މާޒް އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. އަޅާވެސްނުލާ ހިނގައިގަތީއެވެ. އެހެންޏާ ލިހާމް ފެނުމުން ހިނިތުންވުމެއް ރައްދުކޮށްލާ މާޒްގެ މޫނުމަތިން އެފަދަ އެއްވެސް އަސަރެއް ނުފެނުމުން ލިހާމްއަކަށް ކަމަކު ނުދިޔައެވެ. އޭނާއަށް އެކަން ބަލައިގަނެވުނީ މާޒް އޭނާއަށް ކުރި މަލާމާތެއްގެ ގޮތުގައެވެ. އޭނާ ދެކޭގޮތުގައި މާޒް އަބަދުވެސް ހުންނަން ޖެހޭނީ އޭނާއަށްވުރެ ފަހަތުގައެވެ. އެހެންކަމުން މާޒް އެފަދަ ގޮތަކަށް އޭނާ ދަށްކޮށްލާފައި ދިއުމުން އޭނާއަށް އެކަން ހަޖަމެއް ނުކުރެވުނެވެ. އޭނާ ވަގުތުން އައިކޮޅަށް ސައިކަލު އަނބުރާލިއެވެ. އަދި ގޮސް މާޒްގެ ކުރިމައްޗަށް ވާގޮތަށް ސައިކަލު ހުރަސްކޮށްލިއެވެ. މާޒް ސައިކަލުން ނެއްޓިގެން ދާން ހިނގައިގަތްތަނާ އަނެއްކާވެސް ލިހާމް ސައިކަލު ދުއްވާލައި މާޒްގެ ކުރިމައްޗަށް ހުއްޓާލިއެވެ. މިގޮތަށް ދެތިން ފަހަރު ހެދުމުން މާޒް ހުއްޓުނެވެ.
“އަހަރެން ދާން ތަން ދައްކާ!!” މާޒް ރުޅިވެރިކަމާއެކު ބުނެލިއެވެ.
“އައްދޭ..!! މިހާރު ހާދަ ހިތް މައްޗަށް އަރައިގެން އުޅޭ އިރެކޭ ދޯ؟ އަދި ރުޅި އަންނާކަށް ނުވެޔޭ..” ލިހާމްގެ ރާގުގައިވެސް ހުރީ މަލާމާތުގެ އަސަރެވެ.
“އަހަރެން މިބުނީ އަހަރެން ދާން ތަން ދައްކާށޭ!” މާޒް އޭނާގެ ބަސް ތަކުރާރުކުރިއެވެ.
“ތަން ނުދައްކައިފިއްޔާ.. ކީއްކުރެވޭނީ؟”
“ކުރެވިދާނެ ކޮންމެ ކަމެއްވެސް.. އެކަމަކު އަހަރެންނަކީ ތަޅާފޮޅާހިތްވާ މީހެއްނޫން.. އެހެންވީމަ ރީތި ގޮތުގަ މިބުނީ ދުރަށް ދާށޭ..” މާޒް މަޑުން ބުނިނަމަވެސް އެއަޑުގައިވާ ރުޅިވެރިކަން ލިހާމްއަށް ދެނެގަނެވުނެވެ.
“ތި ރުޅިމަޑުކުރޭ! އަހަރެން ރުޅިއައިސްފިއްޔާ މަންޒަރު މާ ރީއްޗެއް ނުވާނެ..” ލިހާމް އިންޒާރެއް ދިނެވެ.
“މަންޒަރު ރީތިކުރުމާ ހުތުރުކުރުން އޮތީ ކަލޭގެ އަތްމަތީގަ.. ތަން ދައްކާ!” މާޒް އެހެން ބުނެލުމަށްފަހު ލިހާމްގެ ސައިކަލުން ނެއްޓިގެން މާޒް ދާން ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ލިހާމް މާޒްގެ ކުރިމައްޗަށް ސައިކަލު ހުރަސްކޮށްލިއެވެ.
“ކިހިނެއްވެގެންތަ ތިއުޅެނީ؟ ކަލޭއަށް މިރަށުން އިތުރު އަންހެނަކު ނުވީތަ އަހަރެންގެ ފަހަތުން ތިއުޅެނީ؟ އެކަމަކު އަހަރެންނަކީ ފިރިހެން**އެއް ނޫން.. ކަލޭއަށް އަންހެނަކު ނުވިއްޔާ އަހަރެން ކައިރީ ބުނޭ.. ހަތަރެއް ހަމަކޮށްލަން އިތުރު ތިނެއް ހޯދަދީފާނަން.. ކަލޭއާ ވަރަށް އެކަށީގެންވާ ކުދިންކޮޅެއް އުޅޭނެ މިރަށަށް ބީރައްޓެއްސަކު އަރައިފިއްޔާ އެމީހެއްގެ ގައިގަ އެލިގަނެގެން އުޅޭ.. އެއިން ތިނެއް ސެޓުކޮށްދީފާނަން.. ބޭނުމިއްޔާ ރިލޭކްސް ކޮށްލަންވެސް..” މާޒްވެސް ލިހާމް ރުޅިއަރުވާލުމަށް ދެތިން އެއްޗެއް ބުނެލާފައި ދާން ހިނގައިގަތްތަނާ ލިހާމް ސައިކަލުން ފައިބައިގެން އައިސް މާޒްގެ ގައިގައި ޖެހިގަތެވެ.
“ކަލޭ ހީކުރީތަ ބޭނުންހާ އެއްޗެއް އަހަރެންނާ ދިމާލަށް ކިޔިދާނެކަމަށް؟ އަހަރެންނާ ދިމާލަށް ފިރިހެން**އެކޭ ބުނާއިރު އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ މިހިރަ ބީތާޔާ..”
“ހޯހޯ.. ގަޔަށް ނާރާ.. އަހަރެންނެއް ނުބުނަން ތީ އޭގެ މީހެކޭ.. އަހަރެން ބުނީ އަހަރެންނަކީ އޭގެ މީހެއް ނޫނޭ.. އޮޅުންފިލައިފިތަ؟ ބިޓެއް ބޭނުމިއްޔާ ބުނެލައްޗޭ..” މާޒް މަލާމާތުގެ ރާގަކަށް އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތެވެ.
“ކަލޭއަށް ކިހިނެއް މީހަކަށް ބިޓެއް ސެޓުކޮށްދެވޭނީ؟ ތިއުޅެނީ އަދި އެއްވެސް އަންހެންކުއްޖަކާ ރައްޓެހިނުވެވިގެން.. އަހަރެންވާ މީހަކާވެސް އިނދެފީމެއްނު.. ކަލޭ ޖެހޭނީ އުމުރު ދުވަހު ތިހެން ތެޅެން.. ކަލޭއާ އިންނާނެ މީހަކު ނުވާނެ.. ކޮންމެ މީހަކުވެސް ހަމަ ކަލޭ ފެލާލައިގެން ފިލާނީ..” ލިހާމްގެ ވާހަކަތައް އަޑުއެހުމެއްނެތި މާޒް ގޮސް ގެއަށް ވަނެވެ. މާޒް އޭނާގެ ވާހަކަތަކަށް ސަމާލުކަން ނުދީ ދިއުމުން ލިހާމް ހީވަނީ ރުޅިއައިސްގެން ފަޅަފަޅައިގެން ހިނގައިދާނެހެންނެވެ. އޭނާ ސައިކަލަށް އަރާ ދުއްވާލީ މާޒްއަށް ރަނގަޅު ފިލާވަޅެއް ދޭން ހިތުގައި ޢަޒުމު ކަނޑައަޅައިގެންނެވެ.
**********
ޖެހިގެން އައި ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. އައިކާ ދޮވެފައި ހުރި އެއްޗެހިތައް އިސްތިރިކުރަން ހުއްޓާ ފޯނު ރިންގުވާ އަޑު އިވުނެވެ. އޭނާ ގޮސް ފޯނުގެ ސްކްރީން ބަލާލިއިރު ލަމްހާގެ ނަން އަރާފައި އޮތުމުން ހިނިތުންވެލަމުން ފޯނު ނެގިއެވެ.
“ހެލޯ! ބިޒީތަ؟” އައިކާ ފޯނު ނެގުމާއެކު ލަމްހާ އަހާލިއެވެ.
“ނޫނޭ.. ބިޒީއެއް ނޫން.. ކިހިނެއްވީ؟” އައިކާ ލަމްހާގެ ސުވާލަށް ޖަވާބުދެމުން އަހާލިއެވެ.
“އަނެއްހެން ކަމެއްވީކީ ނޫން.. މިއަދު ހިނގާބަލަ އަހަރެންނާއެކީ ޝޮޕިންގއަށް ގޮސްލަން.. މިއަދު ޔޫޝައު އޮފީހުގަ މާ ބިޒީކޮށް އުޅޭތީވެ.. ދެވޭނެތަ؟” ލަމްހާ އެހެން އަހާލުމުން އައިކާ ކުޑަކޮށް ވިސްނާލިއެވެ. އޭނާވެސް ލަމްހާއާއެކީ ބޭރަށް ދާން ބޭނުމެވެ. ނަމަވެސް ދައްތަމެން ހުއްދަ ދޭނެބާއެވެ.
“ދައްތަ ގާތު އަހާލާނަން.. އެމީހުން ގާތު އަހާލާފައެއްނު ދޯ ދާންވާނީ.. އެމީހުން އަހަރެންނަށް ވަރަށް ބަލާނެ..” އައިކާ އެހެން ބުނެލުމުން ލަމްހާވެސް އެކަމާ އެއްބަސްވިއެވެ. އައިކާ ފޯނު އިސްތިރިކޮށް ނިންމާލާފައި ގޮސް ޒިދުނާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ޒިދުނާއަކީ އާސިފްގެ އަންހެނުންނެވެ.
“އައިކާ! ކިހިނެއްވީ؟” ޒިދުނާ ދޮރު ހުޅުވާލިއިރު އައިކާ ހުރިތަން ފެނިގެން އަހާލިއެވެ.
“މީ.. މިއަދު ހަވީރު އަހަރެން ލަމްހާއާއެކީ ބޭރަށް ގޮސްލިޔަސް އެންމެ ރަނގަޅުތަ؟” އައިކާ ކުޑަކޮށް ޖެހިލުންވި ނަމަވެސް ހަމަޖެހޭގޮތް ދައްކަމުން އަހާލިއެވެ.
“އާނ.. އެންމެ ރަނގަޅު.. އެކަމް އިރުއޮއްސެންވާއިރަށް ގެއަށް އަންނާތި އިނގޭ.. އެހެންނޫނީ ބޭބެ ވަރަށް ހިތްހަމަނުޖެހޭނެ..” ޒިދުނާ އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ޒިދުނާގެ ހުއްދަ ހޯދައިގެން ގޮސް އައިކާ ލަމްހާއަށް ގުޅާފައި އޭނާއަށް ބޭރަށް ދެވޭނެ ވާހަކަ ބުންޏެވެ.
ހަވީރު ހަތަރުގަޑި ބައިވީއިރު ލަމްހާ ހުރީ އައިކާ ބަލާ ގްރީން ލައިޓަށް އައިހެވެ. އައިކާ ބޭރަށް ނުކުތުމާއެކު ދެމީހުން އެކުއެކީ ހިނގައިގަތެވެ. ފަހަރަކު ފިހާރައަކަށް ވަންނަމުން އެއްޗެހި ގަންނަމުން ދިޔައެވެ.
ޔޫޝައު އޮފީހުން ނިމިގެން ގެއަށް ދިޔަ މަގުމަތީ، މަޖީދީ މަގުގައި ހުރި ހެދުން ވިއްކާ ފިހާރައަކަށް ލަމްހާއާއި އައިކާ ވަތްތަން ފެނުމުން ސައިކަލު ޕާކުކޮށްލާފައި ގޮސް އެފިހާރައަށް ވަނެވެ.
“އައިކާ އެއްވެސް އެއްޗެއް ނުގަންނަންތަ؟ ކަމުދާ އެއްޗެއް ނުފެންނަނީތަ؟” ހައެއްކަ ފިހާރައަށް ވަތްއިރުވެސް އައިކާ އެއްވެސް އެއްޗެއް ނުގަންނާތީ ލަމްހާ ސުވާލުކުރިއެވެ.
“އަހަރެން މިއައީ ލާރި ނުލާ..” އައިކާ ކުރު ޖަވާބެއް ދިނެވެ. ހަޤީޤަތުގައި އޭނާ ލާރި ނުލާ އައީ އޭނާ އެއްޗެއް ގަންނަހިތް ނެތީމައެވެ. އޭނާގެ މައިންބަފައިންނަކީ އެހާ ފޯރާ ބަޔަކަށް ނުވާތީ އޭނާއަށް ފޮނުވާ ލާރިކޮޅުން ބޭކާރު ޚަރަދުތައް ކުރަން ބޭނުން ނުވަނީއެވެ. އެމީހުން ފޮނުވާ ލާރިން ކޮންމެހެން ބޭނުންވާ އެއްޗެއް ނޫނީ ނުގަނެ އޭނާ އެލާރި ފަހަށް ރައްކާކުރަނީއެވެ.
“އަހަރެން ގަނެދީފާނަމޭ.. އައިކާ ބޭނުން އެއްޗެއް ގަނޭ..” ލަމްހާ އެހެން ބުނެލުމުން އައިކާ ޖެހިލުންވެ ހުރެވެސް އެއްބަސްވިއެވެ. އައިކާވެސް ހެދުންތައް ބަލަމުން އެތަނުން ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއް ނެގިއެވެ. އަދި ހަމަ އެޔާއި ގުޅޭ ކަޅުކުލައިގެ ޝޯލްއަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެއްވެސް ނެގިއެވެ. އެހެދުން ކިތަންމެ އާދައިގެ ގޮތަކަށް ހުރިނަމަވެސް ފޮތިގަނޑުގައިވާ ރީތި ކުރެހުންތަކާއި ހެދުމުގެ މޭމަތީގައި އެހުން އަޅާފައިވާ ފަރުމާއިން އެހެދުން ބަލާލަން ނިކަން ރީއްޗެވެ.
“ތިހެދުން އައިކާއާ ވަރަށް ގުޅޭ.. އަދި ކަޅުކުލަ ވީމަ ވަކިން ރީތި..” ލަމްހާއަށް އެހެދުން ފެނިގެން އައިކާއާ ގުޅޭ ވާހަކަ ބުންޏެވެ. ލަމްހާގެ ވާހަކައަށް ވަކި ޖަވާބެއް ނުދީ އައިކާ ހިނިތުންވެލިއެވެ. ލަމްހާ އެހެން ހެދުންތަކެއް ކައިރިއަށް ދިއުމުން އައިކާ ގޮސް ހުއްޓުނީ ބުރާތައް އަޅުވާފައިވާ ހަރު ކައިރިއަށެވެ. ޔޫޝައުއަށް އައިކާ ބުރާއެއް ނަގައިގެން ބަލަން ހުރިތަން ފެނުމުން ލާނެތް ފާޑަކަށް ހީލާފައި އެދިމާއަށް ހިނގައިގަތެވެ. އައިކާ ރަކިކޮށްލަން ސަޅި ފުރުސަތެކެވެ.
“ތިއަށްވުރެ އޭނދަ ކަޅުކުލައިގެ އެތި މާ ސަޅިވާނެ..” ކުއްލިއަކަށް ފަހަތުން ޔޫޝައުގެ އަޑު އިވުމުން ސިހިފައި އައިކާއަށް ބަލާލެވުނެވެ. އޭރު ދާދި ގާތުގައި ލާނެތް ގޮތަކަށް ހީލައިގެން ހުރި ޔޫޝައު ފެނުމުން އޭނާ އަތުގައި އޮތް ބުރާ ހަރުގަނޑަށް ލެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު އޭނާގެ މޫނު ވަނީ ލަދުން ރަތްވެފައެވެ. އެކަމުން ޔޫޝައު ގާތަށް ހިނިއައި ނަމަވެސް އޭނާ އެކަން ހިންދާލިއެވެ.
“ތިއޮއް ބުލަޝްވާވަރެއް ދޯ.. ތިހާ ލަދުގަނެގެން..”
“އައިކާ! އާދެބަލަ މިކޮޅަށް..” އެހެން ހަރުގަނޑެއް ކައިރީގައި ދެހެދުން ހިފައިގެން ހުރެ ލަމްހާ ގޮވާލިއެވެ. ޔޫޝައު ހުރީ އައިކާގެ ފަހަތުގައިކަމުން ޔޫޝައު ހުރީ އެތާ ހުރި ހަރުގަނޑަކާއި ނިވާވެފައެވެ. އެހެންކަމުން ލަމްހާއަކަށް ޔޫޝައުއެއް ނުފެނެއެވެ. ލަމްހާ ގޮވާލުމުން އައިކާ އެދިމާއަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު ޔޫޝައު އައިކާގެ އަތުގައި ހިފެހެއްޓިއެވެ.
“އިހަށް މަޑުކުރޭ.. އަހަރެން އެކޮޅަށް ދިޔައީމަ އާދޭ އިނގޭ..” އެހެން ބުނެލާފައި ޔޫޝައު ގޮސް ލަމްހާގެ ފަހަތުގައި ހުއްޓިލިއެވެ. ފަހަތުން މީހެއްގެ ހިލަންވުމުން ލަމްހާ ހީކުރީ އައިކާ ކަމަށެވެ. އެހެންކަމުން ބަލާވެސްނުލާ އޭނާގެ އަތުގައި އޮތް ދެ ހެދުމަށް ނަޒަރު ހުއްޓައިގެން ހުރެ ވާހަކަދެއްކިއެވެ.
“މިތަނުން ކޮން ހެދުމެއް ބޮޑަށް ރީތީ؟ ކުލަ ރީތީ މިހެދުމުގެ.. އެކަމް ޑިޒައިން ރީތީ މިހެދުމުގެ.. އެހެންވެ ނަގާނެ އެއްޗެއް ނޭނގިގެން މިއުޅެނީ..” ލަމްހާ އަތުގައި އޮތް ދެހެދުމަށް އިޝާރާތްކޮށް ބުނެލިއެވެ.
“މީތި މާ ރީތިވެފަ ބޭބީއާ މާ ގުޅޭނެ..” ލަމްހާގެ އަތުގައި އޮތް ފިޔާތޮށި ކުލައިގެ ހެދުމުގައި އަތް ޖައްސާލަމުން ޔޫޝައު ބުނެލިއެވެ. ހީވެސް ނުކޮށް ހުއްޓާ ޔޫޝައުގެ އަޑު އިވުމުން ލަމްހާއަށް ފަހަތަށް ބަލާލެވުނީ ޤަބޫލުނުކުރެވިފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މިއަދު އޭނާއާއެކު ބާޒާރުކުރަން އާދެވޭނެތޯ އެހުމުން ޔޫޝައު ވަނީ މިއަދު އޮފީހުގައި މާ ބުރަވުމުން މިއަދު ނާދެވޭނެކަމަށް ބުނެފައެވެ. ވީއިރު ޔޫޝައު މިވަގުތު އެތަނުން ފެނުމުން ހައިރާންވާނެ ނޫން ހެއްޔެވެ؟
“ޔޫ! ކޮންއިރަކު އައީ؟ މީ އޮފީސް ގަޑިއެއްނު..” ލަމްހާ ހައިރާންވެފައި އަހާލިއެވެ.
“ނޫނޭ.. ނިމިގެން ގެއަށް ދަނިކޮށް ބޭބީމެން މިފިހާރައަށް ވަންނަނިކޮށް ފެނިގެން މިއައީ..” ޔޫޝައު އޮޅުންފިލުވައިދިނެވެ.
“އެހެންތަ؟ ތިވީގޮތުން ޔޫ ޖެހޭނެ އަހަރެމެން ގަންނަ އެއްޗެހި ގެއަށް ގެންގޮސްދޭން.. އެއީ ފާރަލީމަ.. ދޯ އައިކާ..” ޔޫޝައުގެ ފަހަތުން އައިސް ހުއްޓުނު އައިކާ ފެނުމުން ލަމްހާ ބުނެލިއެވެ. ލަމްހާއާ އެއްބައިވެގެން އައިކާވެސް ބޯޖަހާލިއެވެ.
“އާނ ދެން ގެންގޮސްދޭނީ ދޯ..” ބޯކަހާލަމުން ޔޫޝައު ބުނެލިއެވެ.
“ކޮބާ އެ ނުގަންނަންތަ؟” ލަމްހާ ކައުންޓަރާއި ދިމާއަށް ހިނގައިގަތުމުން އައިކާއާ ގާތްވެލަމުން ސިއްރު ސިއްރުން ޔޫޝައު ބުނެލިއެވެ. އައިކާ ރަކިވެގެން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. އައިކާ ރަކިވުމުން ޔޫޝައުއަށް އަބަދުވެސް މަޖާވެއެވެ. އެހެންކަމުން އޭނާ ހުންނަނީ އައިކާ ރަކިކޮށްލެވޭނެ ފުރުސަތަކަށް ބަލަބަލައެވެ.
ބާޒާރުކޮށް ނިމިގެން ޔޫޝައުއާ ކޮތަޅުތައް ހަވާލުކޮށްފައި އައިކާއާއި ލަމްހާ މިސްރާބުޖެހީ އަލަށް ހުޅުވި ކުޑަކުދިންގެ ބަގީޗާއާއި ދިމާއަށެވެ. ދަނީ ކޮންތާކަށްތޯ އައިކާ އަހާލުމުން މިދަނީ ކުޑަކުދިންގެ ބަގީޗާއަށް ކަމަށް ލަމްހާ ބުނެލިއެވެ. އަލަށް އެތަން ހުޅުވިއިރު އެތަނަށް އައިސްފައިވާ ބަދަލުތައް ބަލާލަންކަމަށް ބުނިނަމަވެސް ހަޤީޤަތުގައި ލަމްހާގެ ބޭނުމަކީ އެތާ ކުޅެލާ ދުވެލާ ސަކަރާތް ޖަހާލާ ކުޑަކުދިންތައް ދެކެލުމެވެ. އެކުދިންގެ އާއިލާއާއެކު އުފަލާއެކު ކުޅެލާ ދުވެލާ އުޅޭ ކުދިންތައް ފެނުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބުމާއެކު ހިތަށް ތަދުވެސްވެއެވެ. ދަރިމައިވުމުން މަޙުރޫމުވެފައި ވާތީއެވެ.
“އެކުދިންތައް ހާދަ އުފަލުގައޭ ދޯ އެއުޅެނީ.. ވަރަށް ހިތްހަމަޖެހޭ ދޯ އެގޮތަށް ކުދިން އެކުދިންގެ މަންމަމެންނާ އެކީގަ އުޅޭތަން ފެނުނީމަ..” ބަގީޗާގައި ކުޅެން އުޅޭ ކުދިންތަކަށް ބަލަންހުރެ ލަމްހާ ބުނެލިއެވެ.
“އާނ.. އަހަރެންވެސް ކުޑައިރު ވަރަށް އެކަނި އުޅުނީ ކޮއްކޮއެއް ނުހުންނާތީ.. އެހެން އުޅެނިކޮށް މަންމަމެންނަށް ކޮއްކޮމެން ލިބުނީ.. އެހިސާބުން ވަރަށް އުފާވި.. އަސްލު ކުޑަކުދިން ތިބުމަކީ ހާދަ ހިތްހަމަޖެހޭ ކަމެކޭ ދޯ..” އައިކާ އެހެން ބުނެލުމުން ލަމްހާ ބޯޖަހާލިއެވެ.
“އަހަރެން ހިތަށްއަރާ ދަރިން ނުލިބޭ މީހުން އުޅޭނީ ހާދަ ހިތާމައެއްގައޭ.. ގައިމު އެމީހުންވެސް ދަރިން ބޭނުންވާނެއެއްނު.. އެމީހުންގެ ކުރިމަތީގަ މީހުން ދަރިން ގޮވައިގެން އުފަލުން އުޅޭތަން ފެނުނީމަ ހާދަ އެއްޗިއްސެއް ހިތަށް އަރާނެޔޭ ދޯ؟ ނޫންތަ؟ އަސްލު ހާދަ ކެތްތެރި ބައެކޭ އެއީ.. ހުރިހާ މީހުންވެސް ދަރިން ލިބުމުގެ ނިޢުމަތުން މަޙުރޫމް ނުކުރައްވާތޯ އަހަރެން ދުޢާކުރަން..” އައިކާގެ ވާހަކަތަކުން ލަމްހާއަށް ވަރަށް އަސަރުކުރިއެވެ. ކިތަންމެ ހިތްވަރެއް ކުރިނަމަވެސް އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ.
“ލަމްމެންވެސް އަވަހަށް ކުއްޖަކު ހޯދާ.. އޭރުން ކިހާ އުފާވެރިވާނެ..” ލަމްހާގެ ހާލަތު ނޭނގިހުރެ އައިކާ ބުނެލިއެވެ. ލަމްހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އައިކާ ބަލާލިއިރު ލަމްހާ ދެލޯ ފޮހެލިތަން ފެނުމުން އައިކާއަށް ހައިރާންކަމެއް ލިބުނެވެ.
“ލަމް ރޮނީތަ؟ ކިހިނެއްވީ؟” ކަންބޮޑުވެފައި އައިކާ އަހާލިއެވެ.
“ދެންމެ ތި ދެއްކި ވާހަކައިން ދެރަވީ..”
“ދެރަނުވޭ.. އިރާދަކުރެއްވިއްޔާ ލަމްއަކީ ދަރިން ލިބުމުން މަޙުރޫމްވެފަވާ މީހަކަށް ނުވާނެ.. އަހަރެން އެކަމަށް ދުޢާވެސް ކުރާނަން..” އައިކާ އެހެން ބުނެލުމުން ލަމްހާ ހީލީ ޝުކުރުވެރި ނަޒަރަކުން ބަލާލަމުންނެވެ.
“ކީއްކުރާނީ؟ އެންމެންނަކަށް އެނަސީބެއްވެސް ނުލިބޭނެ.. ހަމައެގޮތަށް އަހަރެންނަކަށްވެސް ދަރިންނެއް ނުލިބޭ..” ލަމްހާ އެހެން ބުނެލުމުން އައިކާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ލަމްހާއަށް ބަލާލީ ހަމަ ތެދެއްހޭ އަހާލާފަދަ ގޮތަކަށެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”