ދުވަހަކަށްވުރެ ދުވަހެއް މާޒިންއާ ލީޝާ ދިޔައިީ އެކަކު އަނެކަކާ ކައިރިވަމުންނެވެ. ނަމަވެސް ތަފާތަކީ ލީޝާ މިގުޅުން ދެކެނީ ހަމައެކަނި ރަހުމަތްތެރި ކަމުގައެވެ. މިކަން ނޭގި ހުރެ މާޒިން ލީޝާއާ ލީޝާގެ ލޯތްބަށްޓަކައި މޮޔަ ވާވަރު ވަނީއެވެ. ލީޝާ މާޒިންއާ އޭނާގެ މައިންބަފައިންގެ އެހީގައި ރަށުގައި ފައިތިލަ ސާބިތު ކޮއްލިއެވެ. އެވީ މަދު ދުވަސްކޮޅު ތެރޭގައި ލީޝާ އަކީ ރަށުގެ ގިނަ މީހުން ދަންނަ ގަދަރުވެރި މީހަކަށް ވެގެންދިޔައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ލީޝާގެ ހުންނަ މަޑުމައިތިރި އެހެންމީހުނަށް އަޅާލާ އިހުތިރާމް ކުރާ ރީތި ސިފަތަކުގެ ސަބަބުންނެވެ. ލީޝާގެ ދެވަނަ މަގުސަދު ހާސިލްކުރަން މަސައްކަތް ފެށީ އެއަށްފަހުއެވެ. އެއީ އޭނާގެ މައިންބަފައިންގެ ވީރާނާ ވަމުންދާ ގެ އާރާސްތު ކުރުމެވެ. މިކަމާވެސް ލީޝާ މާޒިންއާ ހިޔާލު ބަދަލުކޮށް އެކުގައި މަސައްކަތް ކުރަމުން ދިޔައެވެ.

ލީޝާއާ މާޒިންގެ ވާހަކަތައް ތުންތުން މަތިން ރަށުތެރެއަށް ފެތުރެމުން ދިޔައެވެ. ގިނަ މީހުނަށް އެކަން ކަމުގޮސްގެން އެކަމަށް ތައުރީފުގެ ބަސްތައް ބުނަމުން ދިޔައިރު މިކަމަށް އިންތިހާއަށް ނަފުރަތު ކުރި ބައެއްވެސް އުޅުނެވެ. ވާނީވެސް އެހެންތާއެވެ. ލީޝާ ކަހަލަ ރީތި ކުއްޖެއް ބޭނުން ނުވާނީ ވެސް ކާކު ހެއްޔެވެ. އަނެއްކޮޅުން މާޒިންގެ ބަދަލުވެ ރަނގަޅު ވަމުންދިޔަ މިޒާޖާ ދިރިއުޅުން ފެނި އޭގެ ހިއްސާދާރަކަށް ވުމުގެ ހުވަފެން ދެކޭ މީހުނެއްވެސް ވަކި މަދެއްނޫނެވެ.

 

އާދައިގެ މަތިން ލީޝާ އޮފީހުގަ ބުރަކޮށް މަސައްކަތުގައި އުޅުނު ދުވަހެކެވެ. އޮފީސް ފޯނު ރިންގުވާން ފެއްޓިއެވެެ.

“އައްސަލާމް އަލައިކުމް. ކ.ގުރައިދޫ ކައުންސިލް”

“ހަލޯ… އޭތް ކަލޭ ޑިއުޓީ އަދިވެސް ނުނިމެނީތަ؟”

“ކީކޭތޯ؟” ލީޝާއަށް ލިބުނީ ހައިރާން ކަމެކެވެ.

“ޑިއުޓީ އަދިވެސް ނުނިމެނީހޭ؟ ތިގޮލާ ނައިސްގެން އަދިވެސް ހަދިޔާ ފޮށި ނުކެނޑިފައޭ މިތިބެނީ.”

“ބައްލަވާ! ނުބައި ނަމްބަރަކަށް ގުޅުނީ ކަމަށް ވެދާނެ… ނަމްބަރު ޗެކް ކޮއްލަންވީނޫންތޯ؟”

“ވަޓް؟ ތީ ކޮންތަނެއްތޯ؟”

“ކ.ގުރައިދޫ ކައުންސިލް އިނގޭތޯ.”

“އޯ…. އާދެ ވަރަށް ބޮޑަށް މާފު ކުރައްވައްޗޭ. ސޮރީ އިނގޭތޯ.”

“އިޓްސް އޯކޭ” ލީޝާ އަވަހަށް ފޯނު ބޭވިއެވެ. ނަމަވެސް އެއަޑު ލީޝާގެ ކަންފަތުގައި ހަރުލި ކަހަލައެވެ. ހާދަ ފިރިހެން ވައްތަރު ރީތި އަޑެކޭ ލީޝާގެ ހިތުގައި އޮތެވެ. ތަންތާ ރީތި އަޑުގެ ވެރިންވެސް އުޅޭނެ ތާއެވެ.

އާދައިގެ މަތިން ދުވަސް ނިމިގެން ދިޔައީއެވެ. ނަމަވެސް ތަފާތުވީ ރޭގަނޑުގެ ނިންޖެވެ. ލީޝާގެ ލޯ މެރިލާއިރަށް އެ ފިރިހެން ވައްތަރު އަޑު ލީޝާއަށް އިވެނީއެވެ. ކޮންމެއަކަސް ދުވަސްކޮޅަކަށްފަހު އަނެއްކާވެސް ނިދި ރުޅިވި ރެއެކެވެ.

 

ހެނދުނު ހޭލިއިރު ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ލީޝާގެ ބޮލަށްވަނީ ބަރުވެފައެވެ. ނަމަވެސް ދުވަހަކީ އޮފީހުގެ އެތަށް ކަމެއްގެ ޒިންމާ ނަގަންޖެހިފައިވާ ދުވަހެއްކަމުން އޮފީހަށް ދިއުން މަޖުބޫރެވެ. މާޒިންއަށް ލީޝާ ފެނުމާއެކު ލީޝާ މުޅީން ރަނގަޅު ނޫންކަން ދެނެގަތެވެ.

“އޭތް…. ރޭގަ ސުނާމީ އެރީތަ؟” ސަކަ ގޮތަކަށް މާޒިން ބުނެލިއެވެ.

އޭނން…. ކީކޭ ކޮން ސުނާމީއެއް؟” ސުވާލުން ފުރިގެންވާ ގޮތަކަށް ލީޝާ އެހިއެވެ.

“ހޫނ…. ކިހިނެއްވެފަތަ؟ ދުނިޔެ ހުއްޓިގެން ކަންބޮޑުވެފަ ހެން ވިއްޔާ ހީވަނީ.”

“ކަމެއްނުވޭ” ލީޝާ މިހެން ބުނެފައި ދުރަށް ދިޔުމަށް ހިނގައިގަތެވެ.

ވަގުތުން މާޒިން ލީޝާގެ އަތުގައި ހިފައި ކައިރިއަށް ގެނައެވެ. ލީޝާ ގެ އޮއްސިފައިވާ މޫނު ބެލުމަކީ މާޒިންއަށް ކެތްވާނެ ކަމެއް ނޫނެވެ.

“ލީޝާ! ބުނެބަލަ؟ ކިހިނެއްތަވީ؟”

“ކަމެއްނުވެޔޭ. ރޭގަ ނުނިދުނީމަ ހީވާގޮތް އެއީ މާޒިން އަށް.”

“ކީއްވެޔޯ ނުނިދުނީ؟” މާޒިން ހުރީ ވީގޮތެއް ނުބުނަންދެން ލީޝާ ދިޔަދޭ ގޮތަކަށް ނޫނެވެ.

“ކުޑަކޮށް މަންމަ މަތިން ހަނދާންވީ.” ލީޝާ ގަސްދުގައި ދޮގު ބުންޏެވެ. މާޒިން ދޫނުކުރާނެކަން އެނގޭތީއެވެ.

“އޯ…. ސޮރީ… މަންމަ މަތިން ހަނދާން ވަންޏާ އަހަންނަށް ގުޅާލާ ނަމަ. މަ ދާނަމޭ އެކުގަ މަންމަ މަތިން ހަނދާންކުރަން.” ކިތަންމެ ރަނގަޅަށް މާޒިން އުޅުނަސް އެސަމާސާ ގޮތްގަނޑު އޭނާ ގަޔަކުން ނުކެނޑެއެވެ. ކަށީގައި ހަރުލާފައިވާ ކަމެއްވީމަ ކަންނޭގެއެވެ.

 

އޮފީހުގެ މަސައްކަތައިގެން އުޅެން ފެށުމުން ލީޝާ ހަަމައަކަށް އެޅިލިއެވެ. ބުރޭކް ގަޑި ނިންމާލުމަށްފަހު ލީޝާ މަސައްކަތުގައި ބުރަކޮށް އުޅުނު ގަޑިއެކެވެ. ފޯނު ރިންގް ވާން ފެއްޓިއެވެ. ލީޝާއަށް ފުރަތަމަ ވެސް އެއަޑު ކަންފަތުގައި ޖެހުމާއެކު ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ އިއްޔެވެސް ހަމަ ގުޅި ރީތި އަޑުގެ ވެރިޔާއެވެ. ލީޝާގެ ނިދި އަތުލައިގެން ދިޔަ މީހާއެވެ. އެކޮޅުން ވާހަކަ ދައްކަން ފެއްޓިއެވެ.

“އައްސަލާމް އަލައިކުމް. ކޮންތަނެއްތޯ؟”

“ކ.ގުރައިދޫ ކައުންސިލްގެ އިދާރާ.” ލީޝާ ތުރުތުރު އަޅާ ރާގަކުން ބުނެލިއެވެ.

“އާދެ. ތިތާނގަ އިއްޔެ ޑިއުޓީ ނުނިމި އިން ކުޖާއަށް ގޮވާލަ ދީފާނަންތޯ؟”

އެެހެން ބުނުމުން ލީޝާގެ ގާތަށް އައީ ހިންޏެވެ.

“ކީއްވެތޯ ތިހެނީ؟”

” ބައްލަވާ! ތިގޮތަށް ވިދާޅުވީމަ ކިހިނެއްތޯ އެކުއްޖެއް ފާހަގަ ކުރަން އަޅުގަނޑަށް އެނގޭނީ؟” ހިނި އައިސް ހުރެ ލީޝާ ވާހަކަ ދެއްކިއެވެ.

“އެހެންވިއްޔާ ތީ ހަމަގައިމުވެސް އެކުއްޖާ.”

“ކިހިނެއްތޯ އެއެއް އެނގެނީ؟” ލީޝާ އަނެއްކާވެސް ކޮއްލީ ސުވާލެކެވެ.

“ހަމަގައިމުވެސް އެކުއްޖާ ނޫނީ މިހާރު ފޯނު ކަނޑާނުލާ ނުހުންނާނެކަން ޔަގީން.” ފަޚުރުވެރިކަމާއެކު އެމީހާ ބުންޏެވެ.

“ހޫނ… އޯކޭ ދެން. ކިހިނެއްތޯ ހަދައިދޭންވީ.”

“ހަދާ ހިސާބަކަށް އަދި ނުދެއެއްނު. ހެހެހެހެ…” ލާނެއްފާާޑަކަށް އެމީހާ ބުނެލިއެވެ.

ލީޝާ އަށް ހުއްޓުން އެރިއެވެ. ލީޝާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

“އޭތް… ޑޯންޓް ބީ ސީރިއަސް އިނގޭ. ވޯސް ޖަސްޓް ޖޯކިން… އެނީވޭސް ތި އަޑު އަހާލާ ޓޯކު ކޮއްލާ ހިތުން ނުހުރެވިގެން މި ގުޅާލީ. އިއްޔެ އެ ވާހަކަ ދެއްކުނު ފަހުން ހަމަ ތި ކުއްޖާއާ ވާހަކަ ދައްކާހިތްވަނީ. ރޭގަ ނުވެސް ނިދުނު.”

ލީޝާގެ ވެސް ހާލަކީ ހަމަ އެއީއޭ ބުނަން ލީޝާގެ ހިތަށް އެރިއެވެ. ނަމަވެސް ލީޝާގެ މަޑުމައިތިރި މިޒާޖު އެކަމަށް ހުރަސްއެޅިއެވެ.

“އޭތް ކޮބާ ދިޔައީތަ؟”

” ނޫނޭ. ކި… ކީކޭ”

“ތިއެއްނޫނޭ. އޮފީސް ފޯނަށް ގުޅައިގެން މާ ފޮޅުވާކަށް ނުހުރެވޭނެ އެއްނު. ދީބަލަ ތިކުއްޖާގެ ނަމްބަރު!”

“އަހަރެން ނުދަންނަ މީހުނަށް ނަމްބަރު ދީ ނޫޅެން.”

“ބަލަ ނަމްބަރު ދީގެން ޓޯކު ކުރީމަ އެއްނު ދަންނާނީވެސް. ދަންނަން ވެގެންނޭ ނަމްބަރު ދޭށޭ މިބުނީވެސް….”

“ސޮރީ ވަރަށް ބޮޑަށް.” ލީޝާ ހިތާ ދެކޮޅަށް ވާހަކަ ދައްކަމުން ދިޔައެވެ.

“އޯކޭ… މަ ދީފާނަމޭ… އެކަމަކު ޕުރޮމިސް ކޮށްބަލަ ކިރިޔާވެސް މަ މަތިން މިސް ވެއްޖެއްޔާ އޭރަށް ގުޅާނެ ކަމަށް.”

“ވިސްނަން ޖެހޭނީ ތިކަމަށް.” ލީޝާ ވައި ގޮތަށް ބުނެލިއެވެ.

“އޯކޭ މަގޭ ނަމްބަރ އަކީ …….”

ލީޝާ އަވަސް އަވަހަށް އެ ނަމްބަރު ނޯޓު ކޮއްލިއެވެ.

“އޭތް ނަމްބަރު ނަގާފަ މިސްވީމަ ނުގުޅާނީކީ ނޫން އަނެއްކާ… ބާއްވަނީ… ވަރަށް މިސްވޭ އިނގެ ޑިއުޓީ ނުނިމޭ ކުއްޖާ… ހެހެހެހެ”

އެމީހާ ފޯނު ބޭއްވިއެވެ. ދުވަހުގެ ކުރިއަށް އޮތް ވަގުތުތައް ލީޝާގެ މޫނު މައްޗަށް ހިނިތުން ގެނުވިއެވެ. އެމީހާގެ ހަނދާންތައް އިންތިހާއަށް ލީޝާ މިސްވިއެވެ. އެނަމްބަރު ލީޝާގެ ހިތުގައި ނޯޓު ކޮއްލިއެވެ.

ނުނިމޭ   

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް