“އޭތް ނަމްބަރު ނަގާފަ މިސްވީމަ ނުގުޅާނީކީ ނޫން އަނެއްކާ… ބާއްވަނީ… ވަރަށް މިސްވޭ އިނގެ ޑިއުޓީ ނުނިމޭ ކުއްޖާ… ހެހެހެހެ”
އެމީހާ ފޯނު ބޭއްވިއެވެ. ދުވަހުގެ ކުރިއަށް އޮތް ވަގުތުތައް ލީޝާގެ މޫނު މައްޗަށް ހިނިތުން ގެނުވިއެވެ. އެމީހާގެ ހަނދާންތައް އިންތިހާއަށް ލީޝާ މިސްވިއެވެ. އެނަމްބަރު ލީޝާގެ ހިތުގައި ނޯޓު ކޮއްލިއެވެ.
ކިތަންމެ ފަހަރަކު އެ ނަންބަރަށް ލީޝާ ބެލިއެވެ. ނަމަވެސް މީ އަންހެނެކޭ ހިތަށް އަރާ ގުޅަން ފަސްޖެހުނީއެވެ. އާދައިގެ މަތިން ލީޝާ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ނުނިކުމެގެން މާޒިން އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ލީޝާ ބަންޑުން އޮތްތަން ފެނުމުން ލީޝާއަށް ކަމެއްވެއްޖެކަން މާޒިންއަށް ވިސްނުނެވެ.
‘އަދިވެސް މަންމަ މަތިން ހަނދާންވެފަ ބާ؟ ނޫން… ކުއްލިއަކަށް އެހެންވެދާނެތަ؟ ކަމެއްވެގެންދޯ އެހާ ހަނދާން ވާނީވެސް. ކީއްވެބާ އަހަންނާ ޝެއާރ ނުކޮށް އެހުންނަނީ؟’ މާޒިން ހިތާހިތުން ވާހަކަ ދައްކަމުން ދިޔައެވެ. މާޒިން މަޑުމަޑުން ގޮސް ލީޝާގެ ބޮލުގައި ފިރުމާލަމުން އެނދުކައިރީގައި ކަކޫމައްޗަށް އިށީންނެވެ.
“ލީޝާ! ބަލީތަ؟” މާޒިންގެ އަޑުގައިވަނީ އޯގާތެރިކަމެވެ.
“ނޫނޭ. ކިހިނެއްވީ؟” ލީޝާ ހެދުން ރަނގަޅު ކޮއްލަމުން އަނެއްފަރާތަށް އެނބުރިލަމުން ބުނެލިއެވެ.
“ނުކަނީތަ؟ ކާން ނައިސްގެން ބަލާ މިއައީ.” މާޒިންގެ ރާގުގައިވަނީ މާޔޫސް ކަމެވެ.
“ހޫނ… ހަވީރު މާ ރަނގަޅަށް ސައިބޮއެގެން ހުރީމަ އަދި ހައި ނުވޭ. މާޒިން ތިއުޅެނީ ކާންދީގެން މަ މާ ފަލަކޮއްލަންތަ؟” ލީޝާ މޫނު މައްޗަށް ހިނިތުންވުމެއް ގެންނަން މަސައްކަތް ކުރަމުން ބުނެލިއެވެ.
” ފަލަ ވެގެން ގޮސް ތާންގީ އަކަށް ވިޔަސް މަށަށް ރީތި ވާނެއޭ.”
“އޯކޭ ދެން. މާޒިންއަށް ރީތި ވީމަ ނިމުނީ ދޯ؟ މަށަށް ނޫޅެވޭ ވަރު ވިޔަސް ހެޔޮ ދޯ؟”
“އެހެންދެން ބޭނުމެއް ނުވާނު. އޯކޭ ދެން ނިދާލާ އިނގޭ. މަ ވަރަށް ވަރުބަލި މިއަދު. ނިދާލަން މިދަނީ.”
“ހޫނ… ދޮރު ތަޅުލާފަ ދައްޗޭ.”
މާޒިން އެކޮޓަރިން ނިކުތެވެ. ލީޝާ ކިތަންމެ ފޮރުވަން އުޅުނަސް މާޒިން އަށް ލީޝާ ކަމެއް ސިއްރު ކުރާކަން ޔަގީންވިއެވެ. މާޒިންގެ ހިތުގައި ކުޑަ ރިހުމެއް އުފެދުނެވެ.
‘އަނެއްކާ ވެސް ލީޝާ އަހަންނާ ދުރަށް ދަނީ ބާ؟ ލީޝާއަށް އަހަންނަށް އުނި ކުރެވެނީ ކޮންކަމެއްބާ؟ ނޫން… ނޫން… އެހެނެއް ނުވާނެ. ލީޝާއަށްޓަކާ އަހަރެން މުޅި ދިރިއުޅުން ބަދަލުކޮށް ލީޝާ ހިތްހަމަ ޖެހޭ ކަހަލަ މީހަކަށް ވެއްޖައިން… ލީޝާ ހިތްހަމަޖެހޭ ހުރިހާ ކަމެއް އަހަރެން ކުރަން. ދެން ކީއްވެ ލީޝާ އަހަންނާ ދުރަށް ދާންވީ؟’ މާޒިންގެ ޚިޔާލު ތަކުން ބޭރަށް ނިކުމެވުނީ ޝަރީފާ ގޮވާލުމުންނެވެ.
“ދަރިފުޅާ! ކޮބާ ނުކަނީތަ؟ ކޮބާ އެމަންޖެ؟”
“އާނ…. ބަނޑުހައެއް ނުވޭ.. ލީޝާވެސް ނިދާފަ އޮތީ” މާޒިން ދޮގެއް ހެދިއެވެ.
މާޒިން ގޮސް އެނދު މައްޗަށް ވެއްޓިގަތެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެނީއެވެ. މާޒިން ދޫކޮއްލާފައި ލީޝާ ގޮސްފާނެ ކަމުގެ ބިރު މާޒިންގެ ހިތުގެ އެންމެ ނާޒުކު ހިސާބަށްވެސް އަސަރު ކުރުވަނީއެވެ. ލީޝާއާ ވަކިވުމަކީ މިއަދު މާޒިން އަށް ކެތްވާނެ ވަރުގެ ކަމެއްނޫނެވެ. އޭނާ މޮޔަވެދާނެއެވެ. ބޮލު ތެރޭގައި އެނބުރެމުންދާ ހައިޖާނުގަނޑު ގަދަވެ ކެތް ނުކުރެވޭވަރުވުމުން ބޮލުގައި އަތް އަޅާ ދެފަރާތަށް ބޯހޫރާލިއެވެ. މާޒިން ބޭނުންވީ ހިތުގައިވާ އުދާސްތައް ކަރުނައިގެ ސިފައިގަ ބޭރު ކޮއްލާށެވެ. އެހެން ތެޅިތެޅި އޮވެ މާޒިން އަށް ނިދުނު އިރެއްވެސް ނޭގެއެވެ.
ލީޝާގެ ވެސް ނިދުމާއި ކެއުމާވަނީ އެ ރީތި އަޑުގެ ވެރިޔާއަށް ހަދިޔާ ކުރެވިފައެވެ. މީ، މީގެ ކުރިން ދުވަހަކުވެސް ލީޝާއަށް ވީގޮތެއް ނޫނެވެ. އޭނާގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅިއާ އަޑުގައި އެހުންނަ މަޑުމައިތިރި ފިރިހެންވަންތަ ސަކަ މިޒާޖު ލީޝާގެ ހިތް ކަތިލައިފިއެވެ.
ލީޝާގެ ދުވަސް މުޅިން ވެސް ތަފާތެވެ. ޝަރީފާއަށް ވެސް ލީޝާގެ މޫނު މަތިން އެކަން ފާހަގަވެގެން ސުވާލުކުރި ވެސް މެއެވެ. ނަމަވެސް ކަމެއްނުވާކަމަށް ބުނެ ލީޝާ އޮފީހަށް ދިޔައެވެ. އޮފީސް ފޯނަށް އަންނަ ކޮންމެ ކޯލަކަށް ލީޝާގެ ހިތް ބާރަށް ތެޅެން ފަށައެވެ. އެންމެ ފަހުން ދުވަހުގެ އޮފީސް ގަޑި ނިމެންދިޔައެވެ. ލީޝާ އިންތިހާއަށް އެރީތި އަޑުގެ ވެރިޔާގެ ފޯނަކަށް އިންތިޒާރު ކުރިއެވެ. ލީޝާގެ ލޯ ފޯނު ނޫން އެހެން ދިމާއަކަށް ނުވެސް ހުއްޓެވެ. ކުއްލިއަކަށް ފޯނު ރިންގްވާން ފެއްޓިިއެވެ. ފޯނު ނަގާ ލީޝާ ތައާރަފު ދިނެވެ. އެކޮޅުން ވާހަކަ ދެއްކިއެވެ.
” ހޭ… ޑިއުޓީ ނުނިމޭ ކުއްޖާ. ކިހިނެއް؟ ހަމަ މިސް ވެގެން ނުގުޅާ ނުހުރެވިގެން ގުޅާލީ.”
” ކީއްވެޔޯ އެހާ މިސް ތިވަނީ؟” ލީޝާ ދިމާކުރާ ފާޑަކަށް ބުނެލިއެވެ.
“ނޭގެ ޖާދޫގަ ޖެއްސީ ތޯއްޗެއް. ދޯ؟”
“ނޭގެ މަށަކަށް.”
“ކީއްވެތަ ނުގުޅީ… ހާދަ ވެއިޓެއް އެބަ ކުރަމޭ ތިކޯލަށް.”
” މިސް ނުވާތީ ކަންނޭގެ ދޯ. ބުނީ މިސް ވެއްޖެއްޔާ އެއް ނޫންތަ؟”
“ތީ ދޮގެއް. މި ގޮލާ މަތިން މީހަކު މިސް ނުވެ ހުންނާނެތަ.”
“ތީ ހީވާ އެއްޗެއް.”
“އޭތް… ދެން ތިހެން ނަހަދަބަލަ. މިއަދު ގުޅައްޗޭ އިނގޭ. ބާއްވަނީ….ބާއީ…”
ގުޅާފައި ބުނެލާ އެންމެ ދެތިން ބަހަކުން ލީޝާގެ ހިތް އުފާ ކޮއްލަދެއެވެ. ރަކި ހިނިތުންވުމެއް ލީޝާގެ ތުންފަތް މައްޗަށް ވެރިކުރުވައެވެ. ހިތުގެ ތެރޭގައި އެތަކެއް ރާގެއް ކުޅެލަދެއެވެ. ކޮންކަހަލަ ޖާދޫ އެއްގެ ވެރިއެއްބާވައެވެ.
ރޭގެ ކަންތަކުގެ އަސަރު މާޒިންގެ މުޅި ދުވަހަށް ވަނީ ކޮށްފައެވެ. ހެނދުނު ހޭނުލެވުމުން އޮފީހަކަށް ވެސް ނުދެވުނެވެ. ލީޝާވެސް ގެއަށް އައިސް މާޒިން ބަލިވެ އުޅޭ ޚަބަރު ލިބިގެން މާޒިންގެ ކައިރިއަށް ދިޔައެވެ. ނަމަވެސް މާޒިންއާ މާގިނައިރު ވާހަކަ ދައްކާކަށް މަޑެއް ނުކުރެއެވެ. ވާނީވެސް އެހެންތާއެވެ. ހިތުގައި އެހެން މީހެއްގެ ބެރެއް ޖަހަމުން ދާއިރު ދެވަނަ މީހެއްގެ ރާގު އަހަން ފަސޭހަ ވާނީވެސް ވަކި ކާކަށް ހެއްޔެވެ؟
ކުރިއަށް އޮތީ ހަފުތާ ބަންދެވެ. ހަމަ ގައިމުވެސް އެރީތި އަޑުގެ ވެރިޔާއަށް ގުޅޭނެ ގޮތެއް ނޯންނާނެކަން ލީޝާ އަށް އެނގެއެވެ. ނަމަވެސް އިސްވެ ގުޅުމަކީ މީގެ ކުރިން ދުވަހަކުވެސް ކޮއްފައިނުވާ ކަމަކަށް ވާތީ ހަމަ ފަސްޖެހެނީއެވެ. ނަމަަވެސް އެއަޑަށް ލީޝާގެ ހިތް ދަމަނީ ކެތްކުރެވޭ ވަރަކަށް ނޫނެވެ. އެންމެ ފަހުން “މިސް ޔޫ” ޖަހާފައި އެނަންބަރަށް މެސެޖެއް ކޮއްލިއެވެ. މެސެޖު ފޮނުވުނު ފަހުން ލީޝާ އަށް ނޭވާ ވެސް ރަނގަޅަށް ނުލެވެއެވެ. މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ.
‘ދެންވާނީ ކިހިނެއްބާ؟ އެމީހާ ގުޅާނެބާ؟ އަނެއްކާ އަހަންނާ ދޭތެރޭ ދެކޭނީ ކިހިނެއްބާ؟’ މިކަހަލަ އެތަށް ސުވާލަކުން ލީޝާގެ ހާސްކަން އިތުރު ކުރަމުން ގެންދިޔައެވެ. މެސެޖު ފޮނުވާފައި އެތަށް އިރެއްވީ އިރުވެސް އެކޮޅުން އެއްވެސް ޖަވާބެއް ނާދެއެވެ. އެންމެ ފަހުން އެކުރެވުނީ މޮޔަ ކަމެކޭވެސް ހިތަށް އަރަން ފަށައިފިއެވެ. ފޯނު ބާއްވާފައި ލީޝާ ނިދަން އޮށޯތީ ވެފައި ހުރި ފޫއްސެއްގެ ބޮޑުކަމުންނެވެ.
ގަޑިން ބާރަގަޑި ބައި ވަނީއެވެ. ލީޝާގެ ފޯނު ރިންގު ވާން ފެއްޓިއެވެ. ނިދިމޫޑުގައި އޮވެ ލީޝާ ފޯނު ނެގިއެވެ.
“ހަލޯ!” ލީޝާހުރީ މާބޮަޑަށް ނިދިޖެހިފައި ކަމުން ގުޅީ ކޮން ނަންބަރަކުންތޯ ވެސް ލީޝާ ބަލައިނުލައެވެ.
“ހޭ… ޑިއުޓީ ނުނިމޭ ކުއްޖާ… މިސް ޔޫ ޓޫ.”
ލީޝާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ތެދުވެ އެނދުމަތީ އިށީނެވެ. ފޯނު ކަންފަތުން ނަގައި ސްކްރީނަށް ދެލޯ ބޮޑުކޮށްގެން އިނދެ ބަލައިލިއެވެ. ތުންފަތް މައްޗަށް ވެރިވީ އުފާވެރިކަމެވެ. އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނީއެވެ. ލީޝާގެ އެންމެ ބޮޑު އެއް އެދުން ފުދުނީއެވެ. އަވަހަށް ފޯނު ކަންފަތުގައި ޖައްސާލުމަށްފަހު ރަކި ގޮތަކަށް ހީލިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި