އަންނަ މަހުގެ 5 ގައި ރިލީޒް ކުރަން އޮތް، ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކްރައިމް ތުރިލާ “ގޮށްރާޅު” މި އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރަން ފަސްކޮށްފި އެވެ.

މި ފިލްމަކީ ޒުވާން ޑައިރެކްޓަރު އަހުމަދު ޝިނާންގެ އެކަނި ކުރާ އަލަތު ޑައިރެކްޝަނެވެ. މި ފިލްމަކީ މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ.

“ގޮށްރާޅު” ގެ އެންމެ މުހިއްމު އެއް ތަރިއަކީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ގިނަ ފިލްމު ތަކަކުން ފެންނަމުން އަންނަ ޒުވާން ބަޠަލު ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. އޭނާއާ އެކު ފެނިގެން ދާނީ ބޮޑު އާ ކާސްޓެކެވެ. އެގޮތުން ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ އަދި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ވާދަ ކުރި ހަސަން އިރްފާން (ޒަކިއްޓެ)، އައިޝަތު ތަސްނީމާ، އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން އަދި އަހުމަދު ނާޝިތު ހިމެނެ އެވެ. މީގެ އިތުރުން ހަމްދާން ފާރޫގް، މަރިޔަމް ޝަކީލާ އަދި އިސްމާއީލް ރަޝީދު ވެސް ހިމެނެ އެވެ.

ފިލްމްގެ މޯޝަން ޕޯސްޓަރެއް ދައްކާލާފައިވާއިރު އެ ޕޯސްޓަރުން ފެންނަނީ ޖުމައްޔިލް އަށް އަނިޔާތަކެއް ލިބި އެ އަނިޔާތައް ބަރުދާސްދު ކުރަމުން އަންނަ މަންޒަރެވެ. ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ރޭ ގެ ވަގުތެއްގައިވަނީ ފިލްމުގެ ޝޫޓިން ތެރެއިން ކަމަށް ބެލެވޭ ފައިޓް ސީން އެއް ހިމެނޭ ފޮޓޯއެއް އާއްމުކޮށްފައެވެ.

ޑިސެމްބަރުގައި ފިލްމް އަޅުވަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ. ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ “ގޮށްރާޅު” ރިލީޒްކުރުން ފަސްކޮށްލި މައިގަނޑު އެއް ސަބަބީ ރާއްޖޭގެ ސިޔާސީ މާހައުލު ވެސް އޮތް ގޮތުން ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.