އާ ދުވަހަކަށް އިރުއެރީ އަނެއްކާވެސް ޔޫޝައުގެ ހަޔާތަށް އުފާވެރި ޚަބަރަކައިގެންނެވެ. އެތައް ދުވަހެއް ވާންދެން ކުރި އުއްމީދުތަކުގައި ކުލަޖެހުނީއެވެ. ﷲގެ ޙަޟްރަތަށް ކުރިހާ ދުޢާތައް އިޖާބަކުރެއްވީއެވެ. ލަމްހާ އޭނާގެ ދަރިއަކަށް ބަލިވެ އިނީއެވެ. މުޅި ގޭތެރެއަށް ހީވަނީ ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. އެންމެން އެކަމާ އުފާ ފާޅުކުރަމުން ދާއިރު ބޯމަތިވަމުން އަންނަ ތޫފާނުގެ ހިލަމެއްވެސް އެމީހުންނަކަށް ނުވެއެވެ. ތޫފާނުގެ ވައިގަދަވާނީ ކިހާވަރަކަށް ކަމެއް އަންދާޒާކޮށްލަންވެސް ނޭނގެއެވެ. އެ ތޫފާނުގެ ވައިގައި އެމީހުންގެ ދިރިއުޅުމަށް ކުރާނީ ކިހާވަރެއްގެ އަސަރެއްބާއެވެ.
“އައިކާ! ހިނގާބަލަ މިއަދު ބިރިޔާނީ ކައްކަމާ..”
“އާނ ދޯ.. މިހާރު ދުވަސްކޮޅެއް ވެއްޖެ ދޯ ބިރިޔާނީ ނުކެއްކޭތާ..” އައިކާވެސް ލަމްހާއާ އެއްބައިވެލިއެވެ.
“އާނ.. އޭރު ހުރީ އަބަދު ބިރިޔާނީ ކައިކައި ފޫހިވެފަ.. ޔޫޝައުއަށް މާ މީރު އެއްޗެއްވިއްޔަ.. ކޮންމެ ހުކުރެއްގަ ކަހަލަ ގޮތަކަށް ޖެހޭނެ ބިރިޔާނީ ހަދަން..” ލަމްހާ އެހެން ބުނެލުމުން އައިކާވެސް ހީލިއެވެ.
“މިހާރު ކީކޭ ކިޔާފަ ތި ހެނީ؟ ހަމަ އެއްވަރެއްގެ ދެމީހުން މީ.. ކަމަކަށް ނުވާ ކަމެއްގަ ތިބެދާނެ ހީނހީނ..” ހާޖަރާ ބަދިގެއަށް ވަތްއިރު އައިކާއާއި ލަމްހާ ހޭން ތިބުމުން ބުނެލިއެވެ.
“އެއީ ސްކޫލްގަ އުޅުނުއިރު ދިމާވި މަޖާ ކަންކަމުގެ މަތިން ހަނދާންވީ.. އެވާހަކަ މިދެއްކެނީ..” ލަމްހާ ހާޖަރާއަށް ބަލާލަމުން ހީލިއެވެ.
އައިކާގެ ބަނޑަށް ހަތްމަސް ފުރިއްޖެއެވެ. އައިކާ ދިޔައީ ރީތިވާން ބޭނުންކުރާ ބައެއް ސާމާނު ހުސްވެފައި ހުރުމުން އެ ގަނެލަން ފިހާރައަކަށެވެ. އައިކާވެސް އަދި ލަމްހާވެސް އެކަނި ބާޒާރުކުރަން ދިއުމަކީ ޔޫޝައު އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ޔޫޝައުއަށް ދެވެން ނެތް ފަހަރަކު ވިއްޔާ ލަމްހާއާއެކު ދިއުމަށް ޔޫޝައު ވަނީ އައިކާއަށް އަންގާފައެވެ. އަދި ލަމްހާއަށްވެސް ވަނީ އެގޮތަށް އައިކާ ގޮވައިގެން ދިއުމަށް އަންގާފައެވެ. ނަމަވެސް ލަމްހާ ކުޑަކޮށް ބަލިކޮށް އުޅޭތީއާވެސް އެކުގައި ގޭ ކައިރީ ފިހާރައަކަށް ދާތީ އައިކާ ދިޔައީ އެކަންޏެވެ. އޭނާ ފިހާރައަށް ވަދެ ބޭނުންވާ ސާމާނު ގަނެގެން ގޮސް ގެއަށް ވަދެވަދެ ހުއްޓާ ފޯނަށް މެސެޖެއް އައެވެ.
“އައިމް ބެކް!!” ނުދަންނަ ނަންބަރަކުން އައިސްފައިވާ އެ މެސެޖް ފެނުމުން އޭނާގެ ހިތް ތެޅިގަތެވެ. އަނެއްކާ އެމީހަކީ ކާކުބާއެވެ.
“ކޮންގްރޭޓްސް!! ޕްރެގްވީމަ މިހާރު އަދި މާ ލޯބި.. މިހާރު ކިތައް މަސްތަ؟ ވިހާނެ ދުވަހެއްގެ އިންތިޒާރުގަ އަހަރެން މި ހުންނަނީ.. ލައްކަ ދުވަސް ވެއްޖެ ދުރުގަ ހުންނަތާ.. ދާނަން އިނގޭ މީޓްކޮށްލަން.. އެޑްރެސް ދީބަލަ.. ހަނދާން ނައްތާލެވޭތޯ ވަރަށް މަސައްކަތްކޮށްފިން.. އެކަމް އެކަމެއް ނުވި..” ފުލުފުލުގައި މެސެޖުތަކެއް ލިބެމުން ދިޔައެވެ.
“ކާކު ތީ؟” ވަރަށް ނުރުހިފައި އައިކާ މެސެޖެއް ފޮނުވާލިއެވެ. ނުދަންނަ ނަންބަރުތަކުން ފޮނުވާ މެސެޖުތަކާއި ފޯނުކޯލްތަކަށް ޖަވާބުދިނުމަކީ އޭނާ ކޮށްއުޅޭ ކަމަކަށް ނުވިނަމަވެސް އެމީހަކީ އޭނާ ވަރަށް ރަނގަޅަށް ދަންނަ މީހެއްކަން މެސެޖުތަކުން އެނގޭތީ، އެއީ ކާކުކަން އެނގެން އޭނާ ބޭނުންވިއެވެ.
“ކަލާގެ ލޯތްބަށް ފެންބޮވައިގެންފައިވާ އާވާރާއެއް..” ޖަވާބު ލިބުނެވެ. އައިކާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ޖަވާބުން އޭނާއަށް އެއީ މާޒްގެ ކަމެއްކަމުގައި ޤަބޫލުކުރެވުނެވެ. މިފިރިހެނާ އަދިވެސް އަހަރެންގެ ދިރިއުޅުމުން ދުރަށް ދާކަށް ނުވޭހެއްޔެވެ؟ އޭނާ އެހެރީ ހަމަ ރަނގަޅަށްވެސް ދުނިޔޭން މޮޔަވެފައެވެ. އޭނާއަށް އަހަރެން މިހުރި ހާލެއް ނުފެނޭ ހެއްޔެވެ؟ މިވަރުން އޭނާއަށް އަހަރެން ނުލިބޭނެކަން އެނގެން ވެއްޖެއެއް ނޫން ހެއްޔެވެ؟ އައިކާ ހިތާހިތުން މާޒްއާ ދިމާއަށް އެއްޗެހި ކިޔަމުން ގޭތެރެއަށް ވަނެވެ.
**********
“ހޭއި ލަމް..” ލަމްހާ އެކަނިމާއެކަނި ފިހާރައަކަށް ވަންނަނިކޮށް ދަންނަ އަޑަކުން ގޮވާލިހެން ހީވެގެން އޭނާ ބަލާލިއެވެ.
“އައްޒާމް!؟” ޔަޤީން ނުވެފައި ލަމްހާ އަހާލިއެވެ. އައްޒާމް ބޯޖަހާލީ ޔަޤީންކަން ދިނުމުގެ ގޮތުންނެވެ.
“ނުވެސް އެނގުނު ދޯ؟”
“ކިހިނެއް އެނގޭނީ؟ މުޅި މީހާ ތިހުރީ ބަދަލުވެފައެއްނު.. އޭރުގަ ކުދިން ކިޔާ އުޅުނު ކަޅު ބަ..”
“ބަބުރުކަމެއްވެސް ނެތެއްނު..” ލަމްހާ ބުނަންފެށި ޖުމްލަ އައްޒާމް ފުރިހަމަކޮށްލިއެވެ. އައްޒާމް އެހަނދާން އޮތުމުން ލަމްހާއަށް ހެވުނެވެ.
“ކޮބާ ކިހިނެއްތަ ހާލު؟” އައްޒާމް އަހާލިއެވެ.
“ރަނގަޅޭ.. އައްޒާމް ކިހިނެއް؟” ލަމްހާވެސް އަހާލިއެވެ.
“ރަނގަޅު.. ހާދަ ގިނަ ދުވަހެއް ފަހުންނޭ ދޯ މި ދިމާވީ..”
“އާނ.. ދިމައެއް ނުވާނެއެއްނު.. މާލެއިން ކިޔެވުން ނިންމާލިގޮތަށް ބޭރަށް ދިޔަގޮތަށް މިހާރުވިއްޔަ ތި ފެނިލީ.. ފަސްއަހަރު ފަހުން.. މިހާރު ކިޔެވުން އެއްކޮށް ނިންމާލީތަ؟” ލަމްހާ އަހާލިއެވެ.
“އާނ.. މިހާރު ދެން މި އެއްކޮށް ނިންމާލީ.. ލަމް ކީއްކުރަނީ؟” އައްޒާމް އަހާލިއެވެ. ސްކޫލް ދައުރުގެ ދެ ރައްޓެހިން ދިމާވުމުން ދެމީހުންވެސް ތިބީ ނުހަނު އުފާވެފައެވެ.
“އަހަރެންނަށް ބަލާލީމަވެސް އެނގެއެއްނު ކީއްކަން ކުރަނީ..” ލަމްހާ ކުޑަކޮށް އެނގެން ފަށާފައިވާ އޭނާގެ ބަނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.
“މެރީކުރީ ދޯ؟ ޕްރެގް ދޯ؟ ކިތައް މަސް؟” އައްޒާމް އެހެން އަހާލުމުން ލަމްހާ ބޯޖަހާލާފައި މިހާރު މިއޮތީ ހަތަރު މަހަށޭ ބުނެލިއެވެ.
“ކޮބާ ފިރިމީހާ؟ އެކަނިތަ ބާޒާރަށް ނުކުމެ ތިއުޅެނީ؟”
“ފިރިމީހާ ވީ އޮފީހުގަ.. މީ އަނެއްހެން ބާޒާރުކުރާކަށް ނޫނޭ މި ނުކުތީ.. މީ ކޫސަނި ކާއެއްޗެއް ގަނެލަންވެގެން..” ހީނގަންނަމުން ލަމްހާ ބުނެލިއެވެ.
“އެހެންދޯ ވީ.. ހޫމް.. ދެން ކޮންއިރަކުން ފިރިމީހާ ތަޢާރަފްކޮށްދޭނީ؟” އައްޒާމް އަހާލިއެވެ.
“މިރޭ އަންނަންވީނު އަހަރެމެން ގެއަށް.. އޭރުން އަހަރެންގެ ފިރިމީހާ ތަޢާރަފްކޮށްދޭނަން..” ލަމްހާ އެހެން ބުނެލުމުން އައްޒާމް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
ލަމްހާ ގެއަށް އައިއިރު ދޮރުމަތީގައި ޔޫޝައުގެ ބޫޓު ހުރުމުން ޔޫޝައު ގެއަށް އައިކަން އޭނާއަށް އެނގުނެވެ. އޭރު އަދި ޔޫޝައުގެ އޮފީސް ނިމޭ ގަޑި ޖެހެން ކައިރިވެސް ނުވެއެވެ. އެހެންކަމުން ޔޫޝައު ގެއަށް އަންނާނީ ކޮންމެވެސް ބޮޑުކަމެއް ވެގެންކަން އޭނާއަށް އެނގުނެވެ.
“ޔޫ!” ކޮޓަރިއަށް ވަތްއިރު އެއްޗެހި ބަދަލުކޮށްލައިގެން އެނދުގައި އޮށޯވެ ލޯމަރާލައިގެން އޮތް ޔޫޝައު ފެނުމުން ލަމްހާ ގޮވާލިއެވެ. އެއާއެކު ވަރުބަލިކަމާއެކު ޔޫޝައު ދެލޯ ހުޅުވާލިއެވެ.
“ކިހިނެއްވީ؟” ޔޫޝައުގެ ރަތްވެފައިވާ ދެލޯ ފެނުމުން ކަންބޮޑުވެފައި ލަމްހާ އަހާލިއެވެ.
“ހުން އައީ..” ޔޫޝައުއަށް އެހެން ބުނެވުނުތަނާ އޯކާ ދެމިގަތެވެ. އޭނާއަށް އެނދުން ރަނގަޅަށް ނުތެދުވެވެނީސް ހޮޑުލެވިއްޖެއެވެ. ޔޫޝައުއަކީ ހުން އައިސްފިނަމަ ވަރަށް ބޮޑުވަރުވާ މީހެއްކަން އެނގޭތީ ލަމްހާ ވަރަށް ކަންބޮޑުވިއެވެ. ހަށިގަނޑަށް ލިބުނު ލޮޑުކަމާއެކު ޔޫޝައުއަށް ބޮލުގައި ހިފަހައްޓާލެވުނީ ބޮލަށް އެނބުރުން އަރާހެން ހީވާތީއެވެ. އޭނާއަށް އެނދުގައި އިށީނދެވުނުތަނާ އޭނާ އެނދުމައްޗަށް ދެމުނެވެ. ލަމްހާ އަވަސްއަވަހަށް މުށިތަކުމަތީ ހުރި ހޮޑުތައް ސާފުކޮށްލިއެވެ. އަދި ޔޫޝައު ހޭއަރާތޯ ގޮވަން ފެށިއެވެ.
“ޔޫ! ޔޫ!” ޔޫޝައުގެ މޫނުގައި ފެން އުނގުޅަމުން ލަމްހާ ގޮވަމުން ދިޔައެވެ. އިރުކޮޅަކު އެގޮތަށް ފެން އުނގުޅާ ހަދަން ފެށުމުން ޔޫޝައު ލޯ ހުޅުވާލިއެވެ. އޭނާ ލަމްހާއަށް ބަލާލަމުން ހިނިތުންވެލެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން އެކަންވީ ނާކާމިޔާބެވެ.
“އަހަރެން އެބަ އަންނަން ސޫޕް ހަދައިގެން.. އޭރުންނެއްނު ގައިގަ ވަރުޖެހޭނީ.. ހިނގާ ހޮސްޕިޓަލަށް ދާން..” ލަމްހާ ވަރަށް ލޯތްބާއެކު ބުނެލިއެވެ.
“މީ.. އެވަރު ކަމެއް.. ނޫނޭ.. ބޭސް ކައިގެން.. ނިދާލަނިކޮށް.. ރަނގަޅުވެދާނެ..” ޔޫޝައު ލަސްލަހުން އެހެން ބުނެލުމުން ލަމްހާ ބޯ ހޫރާލިއެވެ.
“އުހުނ.. ދާންވާނެ..”
“މާދަމާއަށް.. ރަނގަޅު ނުވެއްޖެއްޔާ.. ދާނީ.. އޯކޭ އެއްނު..” ޔޫޝައު އެހެން ބުނެލުމުން ލަމްހާ އެންމެ ރަނގަޅޭ ބުނެ ބޯޖަހާލިއެވެ. އަދި ދާން ހިނގައިގަތުމުން ޔޫޝައު އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
“ކޮންތާކަށް ތިދަނީ؟”
“ސޫޕް ހަދަން.. އެހާ ގިނައިން ހޮޑު ލެވުނީމަ ތިއޮތީ މާބޮޑަށް ވަރުބަލިވެފަ.. އެއްޗެއް ކައިލައި ބޮއިލައިގެން ބޭސް ކައިގެން ނިދާލާނީ އިނގޭ.. އެބަ އަންނަން..” ލަމްހާ ދާން ހިނގައިގަތުމުން އަނެއްކާވެސް ޔޫޝައު އޭނާ ހިފެހެއްޓިއެވެ.
“މަޑުކޮށްބަލަ.. އިކާ ގާތު.. ބުނެބަލަ ސޫޕް ހަދާލަން..” ޔޫޝައު ބޭނުންވީ ލަމްހާ އޭނާ ގާތުގައި ބައިންދާށެވެ.
“އޯކޭ.. މި އަންނަނީ އިނގޭ ބުނެފަ..” ލަމްހާ އެހެން ބުނެފައި ދިޔައީ އައިކާ ގާތުގައި ބުނާށެވެ.
“އައިކާ! ވަރަށް އަވަހަށް ނޫޑްލްސް ސޫޕެއް ހަދާލަބަލަ.. މިއުޅެނީ ޔޫޝައު ހުން އައިސްގެން..” ލަމްހާގެ އަޑު އިވިފައި އައިކާ ހައިރާންވިއެވެ.
“ކޮންއިރަކު؟ ޔޫޝް ނުވެސް ބުނޭ އަހަރެން ކައިރިއަކު ތިކަހަލަ ވާހަކައެއް.. އަހަރެން ގާތު ބުނީ މާ ވަރުބަލިވީމަ ގެއަށް އައީއޭ..” އައިކާ އެހެން ބުނެލުމުން ލަމްހާވެސް ހައިރާންވިއެވެ.
“ވެދާނެ ގެއަށް އައި ފަހުން ހުން އައީކަމަށް.. އަވަހަށް ސޫޕް ހަދާލައްޗޭ.. ޔޫޝައު ހިތްހަމައެއް ނުޖެހުނު އަހަރެން ހަދާ ސޫޕް ބޯކަށް.. އައިކާގެ އަތުގަ ތިހުރީ ކޮންކަހަލަ ޖާދޫއެއްބާއޭ އަހަރެންގެ ހިތަށްއަރަނީ.. މިއޮއްވަރަށް ކައްކާއިރުވެސް އަހަރެންނަކަށް އައިކާ ކާއެއްޗެހީގަ ތި ލައްވާ މީރު ރަހައެއް ނުލެއްވުނު..” ލަމްހާ އައިކާއަށް ތަޢުރީފްކޮށްލުމުން އައިކާ ރަކިވިއެވެ.
“ކެއްކުމަކީވެސް ހުނަރެއް.. ލަމްހާ ކައްކާ އެއްޗެހިވެސް ވަރަށް މީރު.. އެކި މީހުންގެ ހުންނާނީ އެކި ހުނަރު އެކި ވަރަށް.. އެގޮތަށް އައިކާ ލަމްހާއަށްވުރެ ކައްކަން މޮޅީ.. ހަމަ އެގޮތަށް އައިކާއަށްވުރެ މޮޅަށް ލަމްހާއަށް ކުރެވޭ ކަންކަންވެސް ހުންނާނެ..” ހާޖަރާއަށް އެމީހުން ދެއްކި ވާހަކަ އަޑުއިވުމުން އެއްޗެކޭ ނުބުނެއެއް ނީނދެވުނެވެ. ލަމްހާ ހިނިއައިސްފައި ހުރެ ބޯ ހޫރާލަމުން ކޮޓަރިއަށް ވަނީ ހާޖަރާގެ އަނަގަގަދަކަމޭ ހިތަށް އެރުމުންނެވެ.
އެރޭގެ ވަގުތެވެ. އައްޒާމް ލަމްހާމެންގެއަށް ދިޔައީ ރޭގަޑު ނުވައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. ގޭގެ ބެލް އަޅާލި އަޑަށް ޓީވީއަށް ގެއްލިފައި އިން އައިކާއަށް ސިހިފައި ދޮރަށް ބަލާލެވުނެވެ.
“އައިކާ! ދޮރު ހުޅުވަބަލަ.. އަހަރެން މިދަނީ..” ލަމްހާ އެހެން ބުނެލުމުން އައިކާ ބުރުގާ އަޅާލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ސިހުމެއް ލިބުނީ ކުރިމަތީގައި ހުރި އައްޒާމް ފެނުމުންނެވެ. އައްޒާމްއަށްވެސްވީ ހަމަ އައިކާއަށް ވީފަދަ ގޮތެކެވެ. އެދެމީހުން ބަހެއްވެސް ނުބުނެ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ ލަމްހާ ކޮޓަރިން ނުކުމެއްޖެއެވެ.
“އައްޒާމް! ތި އައީ ދޯ؟ އާދޭ އެތެރެއަށް..” ލަމްހާ އައްޒާމް އެތެރެއަށް ވަންނަން ހުއްދަދިނެވެ. އައިކާ ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލަމުން އައްޒާމްއަށް ތަން ދެއްކިއެވެ. ލަމްހާ އައްޒާމްއާ ވާހަކަ ދެއްކިގޮތުން އެދެމީހުންނަކީ ވަރަށް ގާތް ދެމީހުންކަން އައިކާއަށް އެނގުނެވެ. އެދެމީހުންގެ އޮންނަނީ ކޮންކަހަލަ ގުޅުމެއްބާއެވެ. އަނެއްކާ އައްޒާމްއަކީ ލަމްހާގެ ތިމާގެ މީހެއްބާއެވެ. ނޫނެކެވެ. އެހެންނަމަ ޔޫޝައުއަށް އައްޒާމް އެނގުނީހެވެ. އެދެމީހުން ރަހުމަތްތެރިވީ ކިހާ ހިސާބަކުންބާއެވެ. އައިކާ ވިސްނުމެއްގައި ހުރެ ގޮސް ކޮޓަރިއަށް ވަނެވެ.
“ކޮބާ ފިރިމީހާ؟”
“ކޮޓަރީގަ ވީ.. ކުޑަކޮށް ބަލިކޮށް އުޅެނީ.. މިއަދު އޮފީހުން އައިއިރު މާ ގަދައަކަށް ހުން އައިސްގެން..” ލަމްހާ ބުނެލިއެވެ.
“އެހެންތަ؟ އެހެންވީމަ އެހެން ރެޔަކުން ދޯ؟” އައްޒާމް އެހެން ބުނެލުމުން ލަމްހާ އިހަށް މަޑުކޮށްލާށޭ ބުނެލިއެވެ.
“އައިކާ ކީއްކުރަނީ މިގޭގަ؟”
“އައްޒާމް އައިކާ ދަންނަންތަ؟” ލަމްހާ ހައިރާންވެފައި އަހާލިއެވެ. އައްޒާމް ބޯޖަހާލިއެވެ.
“އެ ކިހިނެއް؟”
“އައިކާ ކިޔަވަން ހުރީ އަހަރެމެން ގޭގަ.. އެހެންވީމަ އެނގޭނެއެއްނު.. އެކަމް އަހަރެންނަށް އޭނައާ ދިމާވީތާ ހަފްތާއެއްވަރު ވީތަނާ އޭނަ ޔޫޝައުއާ އިނދެފި..” އައްޒާމް ހިނިއައިސްފައި އިނދެ ބުނެލިއެވެ.
“ޔޫޝައުވެސް ދަންނަންތަ؟” ލަމްހާ އެހެން އަހާލުމުން އައްޒާމް ބޯޖަހާލާފައި އެއީ އައިކާގެ ފިރިމީހާއޭ ބުނެލިއެވެ.
“އެހެންވިއްޔާ ދެން ވަކި އަހަރެންގެ ފިރިމީހާ ތަޢާރަފްކޮށްދޭކަށް ނުޖެހޭނެތާ.. ޔޫޝައު އެއީ އަހަރެންގެވެސް ފިރިމީހާ..” ލަމްހާ ހިނިތުންވެލަމުން ބުނެލިއެވެ.
“ވަޓް؟ މާނައަކީ ލަމް އޭނައާ އިނީ ދެއަނތްބަށޭ؟” ހައިރާންވެފައި އައްޒާމްއަށް އަހާލެވުނެވެ. ލަމްހާ ބޯ ހޫރާލަމުން ނޫނެކޭ ބުނެލިއެވެ.
“ދެން؟ އައިކާ؟” އައްޒާމް ޔަޤީން ނުވެފައި އަހާލުމުން ލަމްހާ ބޯޖަހާލިއެވެ. އައިކާ ކަހަލަ ކުއްޖަކު ހަމަ ދެއަނތްބަށް އިންނަން އެއްބަސްވެދާނެ ހެއްޔެވެ؟ އައިކާގެ ބަނޑަށް މިހާރު ހަތްމަސް ވެދާނެއެވެ. ޔަޤީނެވެ. އެވާނީ ކޮންމެވެސް ނުބައި ޢަމަލެއްގެ ނަތީޖާއަށެވެ. އޭނާ ޔޫޝައުއާ އިންނާނީ ދުނިޔޭގެ ލަދުން ސަލާމަތްވާށެވެ. ނޫންނަމަ އޭނާއަށްވުރެ ހަތްވަރަކަށް އަހަރު ދޮށީ ފިރިހެނަކާ އޭނާ ކައިވެންޏެއް ނުކުރީހެވެ. އެހެން އަންހެނުން ދައްކާލާ ދަޅައަށް ވަރަށް ގިނަ ފިރިހެނުން ހެއްލޭނެއެވެ. ޔަޤީނެވެ. ޔޫޝައުއަށްވެސްވީ އެހެންނެވެ. އައްޒާމްގެ ހިތަށް އަރަމުންދިޔައެވެ.
“އެހެންވީމަ ނޭނގި ނަމަވެސް މިއޮތީ ލަމްގެ ފިރިމީހާ އެނގިފަތާ ދޯ؟ ފިރިމީހާއަށް ސަލާމް ބުނެލައްޗޭ.. ދެން އަހަރެން މިވަގުތު ގޮސްލާނަމޭ.. އެހެން ފަހަރަކުން އަންނާނަން އިނގޭ..” އައްޒާމް އެހެން ބުނެލުމުން ލަމްހާ ހީލަމުން ބޯޖަހާލިއެވެ. އައްޒާމް ގޮސް ގެއިން ނުކުތުމުން ލަމްހާ ގޮސް ދޮރު ތަޅުލާފައި ދިޔައީ ބަދިގެއަށެވެ.
އައްޒާމް ބޭރަށް ނުކުތްއިރު އޭނާގެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. އޭނާ އެގެއަށް އައީ އެއީ އައިކާ އުޅޭ ގެ ކަމަށް އެއްވެސް ވަރަކަށް ހީކޮށްފައެއް ނޫނެވެ. ނަމަވެސް މިފަދަ އިއްތިފާޤެއް މަދުން ނޫނީ ދިމައެއް ނުވާނެއެވެ. މިހާރު އަނެއްކާވެސް އޭނާއަށް ގިނަގިނައިން އައިކާއާ ދިމާވެވިދާނެއެވެ. ގިނަގިނައިން ލަމްހާގެ އެކުވެރިއެއްގެ ނަމުގައި އެގެއަށް ދާނީއެވެ. އެފަދަ ޚިޔާލުތަކެއްގައި ހުއްޓާ ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށުމުން ސިހުނެވެ. ފޯނުގެ ސްކްރީންއަށް ބަލާލުމާއެކު އޭނާގެ ތުންފަތަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. އޭނާ އަވަސްއަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
**********
މާޒްގެ އާއިލާ އެނބުރި ރާއްޖެ އައިއިރު މާޒް ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އޭނާގެ ހަށިގަނޑަށެވެ. ކުރިއަށްވުރެ ހަށިގަނޑުގެ މަސްތައް ވަރުގަދަވެފައި ބިޔައެވެ. ހަންގަނޑުގެ ކުލަވެސް ރަށުގައި އުޅުނުއިރާ ބަލާފައި އެތައް ތަނެއް ދޮނެވެ. އެހެންކަމުން މިހާރު އޭނާ ބޮޑަށް ވައްތަރުވަނީވެސް ބޭރު މީހަކާއެވެ. އަނެއްކޮޅުން މިހާރު މާޒްގެ މިޒާޖުވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރީގައި ހިތްބަލި މާޒްއަކީ މިހާރު ހިތްވަރުގަދަ ކެރޭ ޒުވާނެކެވެ. އޭނާ އުފަންވި މާހައުލާއި ދުވަސްކޮޅަކަށް ދުރުގައި ހުރެލުމުން އެ މާހައުލުން ލިބުނު މާޔޫސްކަމުން ދުރުވެވި ބޮލަށް ލުއިވި ލުއިވުމާއެކު ހިތާމަތަކާއި މަޑުމަޑުން ދުރަށް ދެވި ކެތްކުރަމުގައި އިތުރު ހިތްވަރެއް ލިބުނެވެ.
މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު އައިކާގެ މޫނު ދެކިލުމަށް މާޒްގެ ހިތް އެދެންފެށިއެވެ. ކިތަންމެ ދުވަހަކު ދުރުގައި އުޅުނުނަމަވެސް އެއީ އޭނާގެ ހިތުން ބަދަލުނުވި ކަމެކެވެ. އައިކާ ދެކެ ވާ ލޯތްބަކަށް ކުޑަކޮށްވެސް ބަދަލެއް ނާދެއެވެ. އަބަދުވެސް އައިކާގެ އެކިއެކި ހަނދާންތައް އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. ނަމަވެސް މިހާރު އޭނާ އައިކާ އޭނާގެ ޙަޔާތަށް ނައުމަކުން އެކަމާ ހިތާމަކޮށެއް ނޫޅެއެވެ. އައިކާ ހުންނާނީ އުފަލުން ކަމުގައި އޭނާއަށް ޔަޤީންކުރެވޭތީއެވެ. އައިކާ ދެކިލުމަށް އެދެންފެށި ހިތުގެ ގޮވުމަށް ފުރަގަސްދީ މާޒް އޭނާގެ އާއިލާ ރަށަށް ފުރީ އެންމެ ދުވަހަކުވެސް މާލޭގައި މަޑުކުރަން ބޭނުން ނުވާކަމަށް ބުނެއެވެ. އެންމެ ދުވަހަކު ނަމަވެސް މާލޭގައި މަޑުކޮށްފިނަމަ އޭނާގެ ހިތުގެ ގޮވުމަށް އިޖާބަދީ އައިކާގެ ގާތަށް ދެވިދާނެކަމުގެ ބިރު އޮތީމައެވެ.
ލީންއަށް މާޒް އެނބުރި ރަށަށް އައި ޚަބަރު ލިބުމުން އަވަސްއަވަހަށް އެގެއަށް ދިޔައެވެ. ދިޔައިރު މާޒް ހަމަޖެހިލާފައި ހުރިތަން ފެނުމުން ލީން ހިނިތުންވެލިއެވެ. މާޒްއަށް އައިސްފައިވާ ބަދަލު ފުރަތަމަ ފެނިލުމުންވެސް ލީންއަށް ފާހަގަކުރެވުނެވެ.
“ރަމްތަ ރަށަށް އަންނަ ވާހަކަ ބުނީމަ އަހަރެން ހީކުރީ ދެތިން ދުވަހަކު މާލޭގަ މަޑުކޮށްލާފަކަމަށް ރަށަށް އަންނާނީ..” ލީން ރަމްޒިއްޔާއަށް ނިސްބަތްކޮށް ބުނެލިއެވެ.
“މާލެ އާދެވުނުއިރު ރަށަށް ފުރާ އެއްޗެއް އޮތީމަ އަވަހަށް މިއައީ.. އެހާ ކަނޑުގަދަ ދުވަސްކޮޅެއް މީ.. އެހެންވީމަ މަޑު ދުވަހަކާ ދިމާވީމަ މަޑުކުރަން ވެއްޖެއްޔާ އެކޮޅުގަ ތާށިވެދާނެއެއްނު.. އެހެންވެ.. އެހެންނޫނަސް އަހަރެމެން އެކޮޅުގަ މަޑުކުރަންވީ ބޭނުމެއްވެސް ނެތެއްނު.. އަހަރެމެންގެ އެކަކުވެސް އެތާކު އުޅެނީކީ ނޫން..” މާޒްގެ ޖަވާބުން މާޒް ނުސީދާ ގޮތަކަށް އެބުނީ އައިކާގެ ވާހަކަކަން ލީންއަށް އެނގުނެވެ. ލީންއަށް ބޯ ހޫރާލެވުނީ މާޒް އަދިވެސް އައިކާގެ ހަނދާންތައް ކުރާކަން އެނގުނީމައެވެ. ރަމްޒިއްޔާއާއި މަންސޫރު އެތެރެއަށް ވަނުމުން ލީންއާއި މާޒް ޖައްސާލީ ޖޯލިފަތީގައެވެ.
“އަދިވެސް އެހަނދާންތައް ހިތުން ފޮހެލާކަށް މަސައްކަތެއް ނުކުރަންދޯ؟” މާޒްގެ އަތްމަތީގައި އަތް ބާއްވާލަމުން ލީން ބުނެލިއެވެ.
“އާނ.. އަހަރެން ނޫޅެން އެހަނދާންތަކާ ދުރަށް ދާކަށް.. އެކަމް އަހަރެންނަށް މިހާރު ވަރަށް ބޮޑު ބަދަލެއް އައިސްފިކަމަށް އަހަރެން އަމިއްލައަށްވެސް ޤަބޫލުކުރަން.. ކުރީގަ އިކާގެ ވާހަކަ ދެއްކީމަ އަހަރެން ވަނީ ދެރަ.. އެކަމް މިހާރު އިކާގެ ވާހަކަ ދެއްކީމަ އަހަރެން ވަނީ އުފާ.. އެއީ އަހަރެންނަށް އިހުސާސްކުރެވެނީ އިކާ އުޅެނީ ވަރަށް އުފަލުގައޭ.. އޭނަ ދެކިލަންވެސް ބޭނުން ވަރަށް ބޮޑަށް.. ހިތަށްއެރި އޭނަ އުޅޭ ގެ ހޯދައިގެން ދާންވެސް.. އެކަމް އަހަރެން އޭނަގެ އުފާވެރިކަމަށް އެޅޭ ހުރަހަކަށް ނުވާންވެގެން ވަގުތުން ފުރައިގެން ރަށަށް މިއައީވެސް..” މާޒް އެހެން ބުނެލުމުން ލީންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެހާ ލޯބިވާ މީހުންވެސް އުޅޭނީތާއޭ އޭނާގެ ހިތަށްއެރިއެވެ. މާޒް އައިކާދެކެ އެވަނީ ހާދަހާ ލޯތްބެކެވެ. ޒިޔާންއަށް އޭނާދެކެވެސް އެވަރަށް ލޯބިވެވިދާނެކަމަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ.
“މާޒް އުފަލުގަ ހުރިއްޔާ އެންމެ ރަނގަޅު.. އެކަމް ދެން ހަމަ ތިގޮތަށް މުޅި އުމުރު ދުވަހު ހުންނާނީތަ؟” ލީން އެހެން އަހާލުމުން މާޒްއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“ނޭނގެ.. ހިތް އެދެނީ އިކާގެ އިންތިޒާރުގަ ހުންނަން.. އެކަމް އަބަދަކު މިހެނެއްވެސް ނުހުރެވޭނެތާ ދޯ؟ މަންމަމެންވެސް މިހާރު އެތިބީ މުސްކުޅިވެފަ.. އެމީހުންނަށްވެސް އަހަރެންގެ ފަރާތުން ކޮންމެވެސް ކަމެއް ކޮށްދޭންޖެހޭނެއެއްނު.. އަހަރެންނަށް ކޮށްދެވޭނެ ކަމަކީ އެމީހުންނަށް ރަނގަޅު އެމީހުންދެކެ ލޯބިވާނެ ކަހަލަ އަންހެންކުއްޖަކު މިގެއަށް ގެނެސްދެވޭނީ.. އެބަ ހިތަށްއަރާ އެކަން ކުރަންވެސް..” މާޒް އެހެން ބުނެލުމުން ލީންއަށް ހިނިތުންވެލެވުނެވެ.
“މާބޮޑަށް ލަސްވެސްވެއްޖެ.. އަސްލު އިކާ މާޒްގެ ލޯތްބަށް ފުރަގަސްދިން ހިސާބުން މާޒް ތިކަމާ އުޅެންވީ.. އަހަރެން ވަރަށް އުފާވެއްޖެ މާޒްއަށް ވިސްނުނީތީ.. މައިންބަފައިންނާ ދޭތެރޭ ވިސްނާލީތީ.. އަހަރެން ބުނަން އޮތްހާވެސް އެއްޗަކީ އަވަހަށް ރަނގަޅު ކުއްޖަކު ހޯދައިގެން އިންނާށޭ..” ލީން އުފާވެފައި ބުނެލިއެވެ.
“އަހަރެންދެކެ ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި.. އެކަމް މައްސަލައަކީ އަހަރެން އޭނަދެކެ ކުޑަކޮށްވެސް ލޯބިނުވާތީ..” މާޒް ބުނެލިއެވެ.
“ލޯބިވާނުވާ މީހަކާ އެކީގަވިޔަސް އުޅެން ފެށީމަ އޭނަ ރަނގަޅިއްޔާ މާޒްގެ ހިތް އޭނައަށް ލެނބޭނެ.. ކިތަންމެ ލޯބިވާ މީހަކާ އެކުގަ އުޅުނަސް އޭނަ ގޯސްވީމަ ފޫހިވެސްވެއެއްނު ދޯ.. އެހެންވީމަ ކީއްވެ ވަކި ލޯބި ނުވެވެންވީ؟” ލީން އޭނާ ދެކޭގޮތް ހާމަކުރިއެވެ. މާޒްވެސް ބޯޖަހާލީ އޭނާއަށްވެސް ހީވަނީ އެހެންނޭ ބުނާފަދަ ގޮތަކަށެވެ.
**********
އައިކާ ކޮޓަރީގައި އިންދާ ސިހުނީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. އޭނާ ބަލާލިއިރު ސޭވް ނުކުރާ ނަންބަރެކެވެ. ނަމަވެސް ފުލުފުލުގައި ދެ މެސެޖް އައުމުން އޭނާ މެސެޖް ބަލާލީ ފަހަރެއްގައި ދަންނަ މީހެއްގެ ނަންބަރު ބަދަލުވުމުން މެސެޖެއް ކުރީކަމުގައި ބަލާފައެވެ.
“މަރުހަބާ! އަހަރެންނަށް ދެރަ ދީފަ ވަރަށް އުފަލުގަ ދޯ ތިއުޅެނީ؟ އެކަމް ކީއްކުރާނީ އިންނާނެ ރަނގަޅު މީހަކުވެސް ނުވި.. އެންމެފަހުން އިންނަން ތިޖެހުނީ މުސްކުޅިއަކާ.. އަދި ކާން ތި ޖެހުނީވެސް ބަތްތަށީގެ އެއްފަޅިން.. ވަރަށް ކިޔަވާހިތުން ދޯ ހުރީ.. އެކަމް އެފުރުސަތެއްވެސް ނުލިބުނު.. ދެން ޖެހޭނީ ހަމަ ދަރިން ބަލަން ގޭގެ އިންނަން.. ދުވަސްކޮޅަކުން ގެއިން ނެރެ އެއްލާލާނެ.. އޭރުން ޖެހޭނީ އަބަދަށް ރޯން.. ކުރިންވެސް އުޅުނީ އަހަރެންގެ އެހީގަ.. ގެއިން ނެރެ އެއްލާލީމަ ދެންވެސް އަންނަން ޖެހޭނީ ހަމަ އަހަރެން ގާތަށް..” މެސެޖް ކިޔާ ނިމުމާއެކު އައިކާއަށް ދަތްކުނޑި ވިކާލެވުނެވެ.
“ކަލޭއަށް ހަލާކުހުރި.. އަހަރެންގެ ދިރިއުޅުމަށް ފާޑުކިޔަން މާޒްއަކަށް ނުޖެހޭނެ.. އަހަރެންނަކަށް އަހަރެންގެ ފިރިމީހާ މުސްކުޅިއެއް ނޫން.. އެއީ ތިކަހަލަ ރަނޑު އަންހެނެއްވެސް ނޫން.. ނޫންނަމަ ތިހެން ނަންބަރު ބަދަލުކޮށްގެން ފާޑުފާޑުގެ މެސެޖެއް ނުކުރީސް.. ކިޔަން ބޭނުންވާ އެއްޗެއް ކުރިމައްޗަށް އައިސް ކިޔާބަލަ ތިހާ ހިތްވަރެއް ހުރިއްޔާ.. އަދި ބުނަން.. ލޯބިވާ މީހެއްގެ ދިރިއުޅުން އުޖާލާކުރަން ބޭނުންވާ މީހަކު ހަތަރު އަނތްބަށް އިންނަންވެސް ޤަބޫލުވާނެ އެއްވެސް ޝަކުވާއަކާނުލާ.. އަހަރެންގެ ފިރިމީހާ އަހަރެން އެދޭ ގޮތަކަށް ކަން ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެންނަށް އެބައޮތް.. އެކަމާ އެހެން މީހުން ސުވާލު އުފައްދާކަށް ނުޖެހޭނެ.. އަހަރެންނަށް ވީ އެހީތެރިކަމުގެ ބަދަލު ބޭނުމިއްޔާ އެވާހަކަވެސް ކުރިމައްޗަށް އައިސް ބުނޭ.. ތިހެން ފިލާ ހުރެ އެވާހަކަ ގޮވީމަ އެނގެނީ ކަލޭގެ ފިނޑިކަން.. ރަނޑުކަން.. އަހަރެންގެ ފިރިމީހާ ދުވަހަކުވެސް އަހަރެން ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އަހަރެންނަށް އެބައޮތް.. އެހެންމީހުންނަށް ދެރަގޮތް ވާން އެދި ކުރާ ބަދުދުޢާ ތިމާގެ އަމިއްލަ ދިރިއުޅުމަށް ޖެހިދާނެކަންވެސް ވިސްނައިގެން އުޅޭތި.. އިރާދަކުރެއްވިއްޔާ ދުވަހެއްގެ ކޮޅުންވެސް މި އައިކާ ތި މާޒްގެ ފައިބުޑަކަށް ނުވެއްޓޭނަން..” އައިކާ ވަރަށް ރުޅިއައިސްފައި ޖަވާބު ފޮނުވާލިއެވެ.
ފޯނަށް މެސެޖެއް އައި އަޑަށް މާޒް ފޯނު ބަލާލިއެވެ.
“މިއޮތީވާ ކަމެއް.. ދުވާލަކު ދިހަ ބާރަ ފަހަރު މި މެސެޖުތައް ނުފޮނުވިއްޔާ ހަމަ ނޭނގޭނެތަ އެމީހުންގެ ޚިދުމަތްތައް ހުރިވަރެއް.. ހުވާ މިބުނީ.. ބޮލަށް އުނދަގޫވޭ މި މެސެޖުތަކެއް އަންނަވަރަކުން..” މާޒްއަށް ކުދިކިޔާލެވުނީ އާދައިގެ މަތިން އުރީދޫއިން މެސެޖް އައިމައެވެ. މިއަދު އެއައީ ތިންވަނަ މެސެޖެވެ.
**********
ޖެހިގެން އައި ދުވަހެވެ. އައްޒާމް ދިޔައީ ޔޫޝައުގެ ގެއަށެވެ. ލަމްހާއަށް އައްޒާމް ގުޅާލީ އެގޭ ދޮރުމަތީ މަޑުކޮށްލާފައެވެ. އިރުކޮޅެއްގެ ތެރޭގައި ލަމްހާ ދޮރު ހުޅުވާލާފައި އައްޒާމް ވަންނަން ތަން ދެއްކިއެވެ.
“ކޮބާ ޔޫޝައު؟ އަހަރެންނަށް އޭނަ އެނގުނަސް އަދި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބެޔޭ..” އައްޒާމް އެހެން ބުނުމުން ލަމްހާ ހީލާފައި ސޯފާގައި އިށީންނަން ބުންޏެވެ. އަދި މަޑުކޮށްލާށޭ ބުނެފައި ދިޔައީ ކޮޓަރިއަށެވެ.
“ޔޫ! ބޭރަށް ނުކުމެވޭވަރު ވޭތަ މިހާރު؟ ބުނީމެއްނު ބޯއަނބުރާ ވާހަކަ..” ލަމްހާ އެހެން ބުނެލުމުން ޔޫޝައު ބޯޖަހާލިއެވެ.
“ހިނގާބަ އޭރުން ބޭރަށް.. އެބައިން ކްލާސްމޭޓެއް އައިސް.. އޭނަ ބޭނުމޭ ޔޫއާ ބައްދަލުކޮށްލަން..” ލަމްހާ އެހެން ބުނެލުމުން ޔޫޝައު ހައިރާންވިއެވެ. މީގެކުރިން ދުވަހަކުވެސް ލަމްހާ އޭނާގެ އެކުވެރިއެއް ނޫނީ ކްލާސްމޭޓެއް އެގެއަށް ގެނެސްފައި ނުވާތީއެވެ.
“ކާކު؟” ހައިރާންވެފައި ޔޫޝައު އަހާލީ ވަރުބަލިކަން އެކުލެވިގެންވާ އަޑަކުންނެވެ.
“އައްޒާމް ކިޔަނީ.. އޭނައަކީ އަހަރެން ސްކޫލްގަ އުޅުނުއިރު ވަރަށް އެހީވި ކުއްޖެއް އެކި ގޮތްގޮތުން.. އޭނައާ މި ބައްދަލުވީ ހައެއްކަ އަހަރު ފަހުން.. އިއްޔެގަ ފިހާރައަކަށް ދިޔަތަނާ އެތަނުން ދިމާވީ.. އާދެބަލަ..” ލަމްހާ ހިނިތުންވެލާފައި ވާހަކަދެއްކި ގޮތުން ޔޫޝައުއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޓީޝާޓެއް ގަޔަށް މަހާލަމުން ޔޫޝައު ބޭރަށް ނުކުތްއިރު ސޯފާގައި އިށީނދެލައިގެން އައްޒާމް އިނީ ފޯނަށް ގެއްލިފައެވެ.
“އައްޒާމް! މިހުރީ ޔޫޝައު..” ލަމްހާގެ އަޑަށް އައްޒާމް ކުޑަކޮށް ސިހޭގޮތްވެފައި ބަލާލިއެވެ.
“އައްޒާމް..” ސަލާމަށް އަތް ދިއްކޮށްލަމުން އައްޒާމް ތަޢާރަފުވެލިއެވެ.
“ޔޫޝައު..” އައްޒާމް ސަލާމަށް ދިއްކުރި އަތުގައި ހިފަމުން ޔޫޝައު ބުނެލިއެވެ.
“ކޮބާ ބަލިގަނޑު ކިހިނެއް މިހާރު؟ ލަމް ބުންޏޭ ބަލިވެ އުޅޭ ވާހަކަ..” އައްޒާމް އެހެން ބުނެލުމުން ޔޫޝައު ހީލިއެވެ.
“އަދިވެސް ރަނގަޅެއްނުވޭ.. އެކަމް ކުރިއަށްވުރެ ރަނގަޅު..” ޔޫޝައު ބުނެލިއެވެ.
“އަހަރެންނަށް ހީވޭ ކުރިން ކޮންމެވެސް ތާކުން ފެނުނު މީހެއްހެން.. ކޮންތާކުންތަ؟” ޔޫޝައު ވިސްނާލިއެވެ.
“އައިކާ ކިޔަވަން ހުރި ގެއިން.. އެއީ އަހަރެންގެ ގެ..” އައްޒާމް ބުނެލިއެވެ.
“އާނ.. އެގެއިން ދޯ.. ކޮބާ އައިކާއާ ބައްދަލުވިތަ؟” ޔޫޝައު އެހެން އަހާލުމުން އައްޒާމް ބޯޖަހާލިއެވެ. އެވަގުތަކީ އައިކާ ކޮޓަރިން ނުކުތް ވަގުތެވެ. ޔޫޝައުއާ އެހާ ގާތްކޮށް އައްޒާމް ވާހަކަދައްކަން އިންތަން ފެނުމުން އޭނާގެ މެޔަށް ނުބައި ގޮތެއްވެގެން ދިޔައެވެ. ޔޫޝައުމެންނަށް ނުފެންނަނީސް އޭނާ އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. އަދި ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއްލައި ބުރުގާ އަޅާލައިގެން ނުކުތެވެ.
“އިކާ! މިހުރީ އައްޒާމް.. ލަމްގެ ކްލާސްމޭޓެކޯ އައްޒާމްއަކީ.. މީ ވަރަށް އެހެން ކަހަލަ އިއްތިފާޤެއް.. އަހަރެންނަށް މި އިނދެވުނީ އައްޒާމްގެ ވަރަށް ގާތް ދެ ރައްޓެހިންނާ..” ޔޫޝައު ހީލާފައި އެހެން ބުނެލުމުން އައިކާ ގަދަކަމުން ހިނިތުންވެލިއެވެ. އެވަގުތު އައްޒާމް އައިކާއަށް ބަލާލި ގޮތުން އައިކާއަށް ދަތްކުނޑި ވިކާލެވުނެވެ. އަދިވެސް އެ ގޮތްކުޑަ ފިރިހެނާގެ ނިޔަތް ބަދަލެއްނުވެއެވެ. ޔޫޝައު ގާތުގައި އައްޒާމްގެ ހުރިހާ ވާހަކައެއް ބުނެފާނަމޭވެސް އެވަގުތު އޭނާގެ ހިތަށްއެރިއެވެ.
ލަމްހާއަށް އައިކާގެ މޫނަށް އައި ބަދަލުތައް ރަނގަޅަށް ފާހަގަކުރެވުނެވެ. އެދެމީހުންގެ ގުޅުން ރަނގަޅު ނޫންކަން ލަމްހާގެ ތޫނު ސިކުނޑިން ދެނެގަތެވެ. އެދެމީހުންގެ މެދުގައި މައްސަލަ ޖެހެން ޖެހޭނީ ކޮން ސަބަބަކާ ހުރެބާއެވެ. ލަމްހާ އެ ސަބަބެއް ހޯދަން ބޭނުންވިއެވެ. ނަމަވެސް އޭނާ އެ ސަބަބު ހޯދާނީ ކިހިނެއް ހެއްޔެވެ؟ އައްޒާމް ގާތު އަހާލަނިކޮށް ބުނެފާނެބާއެވެ. ނޫނީ އައިކާ ގާތު އަހަންވީބާއެވެ. ލަމްހާ އެފަދަ ޚިޔާލުތަކެއްގައި ހުރެފައި ނިންމީ އައިކާ ގާތު އަހާލާށެވެ.
އިރުކޮޅަކު ޔޫޝައުއާ ވާހަކަދައްކާލަން އިނދެފައި އައްޒާމް ގެއަށް ދިޔައީ އަދިވެސް އެއްފަހަރު އައިކާއަށް ބަލާލާފައެވެ. އައިކާ ވީ ފޫއްސެއްގެ ބޮޑުކަމުން ތުން އަނބުރާލަމުން ދުރަށް އެނބުރިލި ވަގުތު އޭނާއާ ދިމާއަށް ބަލަން އިން ލަމްހާ ފެނުމުން ހާސްވާގޮތްވިއެވެ. ލަމްހާއަށް އޭނާއަށް ވީގޮތް ފާހަގަވެއްޖެނަމަ މުޅިން ސަކަރާތްވީއެވެ. އޭރުން ޔޫޝައުއަށް އެވާހަކަތައް އިވޭކަށް ގިނައިރެއް ނުނަގާނެއެވެ. ލިބުނު ހާސްކަމުގައި އޭނާގެ ނިތްކުރިން ދާތިކިތައް ފާއްދާލިއެވެ. އަވަސްއަވަހަށް ނިތްކުރި ފޮހެލަމުން އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތް ވަގުތު ފައި އެޅުނު ގޮތަކުން ފައި ފުރޮޅާލިއެވެ. އެވަގުތު ހަށިގަނޑު އަރިއަޅާލުމާއެކު ބަނޑާއި ދިމާއަށް ތަދެއް އަރައިގެން ދިއުމާއެކު އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ދެލޯ މަރާލަމުން ސޯފާގައި ލެނގިލި ޔޫޝައުއަށް ސިހިފައި ލޯ ހުޅުވާލެވުނެވެ. އޭނާއަށް އަޑު އައި ދިމާއަށް ބަލާލެވުނުއިރު އައިކާ ވެއްޓެނީއެވެ. ޔޫޝައުއަށް ވީގޮތެއްވެސް ނޭނގުނެވެ. ފުންމައިގެން ތެދުވެ އައިކާއާ ދިމާއަށް ދުއްވައިގަތްއިރު އޭނާގެ ގައިގައި އެއްވެސް ވޭނެއް އަޅާހެނެއް ހިއެއްނުވެއެވެ. އޭނާއަށް އައިކާ ވެއްޓުމުގެ ކުރިން ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އޭރު ލަމްހާވެސް އައިކާއާ އަރާ ހަމަވަނީއެވެ. ޔޫޝައު އައިކާގެ ހަށިގަނޑު ތެދުކޮށްލިއެވެ.
“އިކާ! ކިހިނެއްވީ؟” ހާސްވެފައި ޔޫޝައުއަށް އަހާލެވުނެވެ.
“ފައި ފުރޮޅާލީ..” އައިކާގެ އަޑުން އޭނާ ބިރުގަނެފައިވާވަރު ހާމަވެއެވެ.
“ތަންކޮޅެއް ބަލާލައިގެން އުޅޭ.. ނޫނީ ދެރަކަމެއް ވެދާނެ..” ޔޫޝައު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.
“ބަނޑުގައި ރިއްސަނީތަ؟” ލަމްހާއަށް ކަންބޮޑުވެފައި އަހާލެވުނީ އައިކާ ބަނޑުގައި އަތްއަޅާލައިގެން ހުރިގޮތުންނެވެ.
“އާނ.. ވެއްޓެން އުޅުނު ގަޑީ ވީގޮތަކުން މިދިމާއަށް ތަދުވީ..” އައިކާ ބަނޑުގެ ތިރީކޮޅުގައި އަތް ޖައްސާލަމުން ބުނެލިއެވެ.
“ހިނގާ އިށީނދެލަން.. އަރާމުކޮށްލަނިކޮށް ރަނގަޅުވެދާނެ.. ރަނގަޅު ނުވިއްޔާ ވާނެ ޑޮކްޓަރަށް ދައްކަން..” ލަމްހާ ބުނެލިއެވެ. ޔޫޝައުވެސް އެކަމަށް ތާއީދުކުރިއެވެ.
“ލަމް! ކޮބައިތަ މަންމަ؟ މިއަދަކު އަދި ނުފެނޭ..” ޔޫޝައު އަހާލިއެވެ.
“އަހަރެން މީގެ ކުޑައިރުކޮޅެއް ކުރިން ބަލާލިއިރު މަންމައަށް އޮތީ ނިދިފަ.. އަހަރެންނަށް ހީވަނީ މަންމަ ޑޮކްޓަރަށް ދައްކާލަންވީހެން އަނެއްކާވެސް.. މިހާރަކަށް އައިސް ބޭރަށް ނުނިކުމެ ގިނައިރު އޮށޯވެގެން އޮންނަނީ.. މަންމަ ގާތު ވީ ކިހިނެއްހޭ އަހާލާއިރަށް ބުނާނެ ކަމެއްނުވެޔޭ.. ހަމަ އޮތީއޭ.. އެކަމް މަންމައަކީ ބަލި ނޫނިއްޔާ އެހެން އޮންނާނެ މީހެއް ނޫން..” ލަމްހާ އެހެން ބުނެލުމުން ޔޫޝައުވެސް އެގޮތާ އެއްބަސްވިއެވެ.
“އަދި މިހާރަކަށް އައިސް މަންމަ ވަރަށް އެހެން ކަހަލަ ވާހަކަތަކެއް ދައްކަނީވެސް.. އަބަދުވެސް ކިޔަނީ މަންމަ ދެން މާގިނަ ދުވަހަކު ދުނިޔޭގަ ހުންނާނެހެނެއް ހިއެއްނުވެޔޭ.. މަންމަ ނެތް ދުވަހަކުން ޔޫޝައުއަށް ރަނގަޅަށް އަޅާލާ ރަނގަޅަށް ބަލައްޗޭ.. ލަމްހާއާ ދެމީހުން ރަނގަޅަށް ގުޅިގެން އެކުވެރިކަމާއެކު އުޅެއްޗޭ.. މަންމައަށް ހެޔޮދުޢާ ކުރައްޗޭ.. މިކަހަލަ މިކަހަލަ ވާހަކަތަކެއް ދައްކަނީ..” އައިކާ އެހެން ބުނެލުމުން ޔޫޝައުއަށް ނުބައި ގޮތެއްވެގެން ދިޔައެވެ. މިދުނިޔޭގައި ހުރި އޭނާ އެންމެ ލޯބިވާ މީހާވެސް ނެތިގެން ދާން އުޅޭފަދަ އިހުސާސެއް އޭނާއަށް ކުރެވިއްޖެއެވެ.
“މަންމަ ކައިގެންތަ އެއޮތީ؟” ޔޫޝައު އަހާލިއެވެ.
“އާނ.. މެންދުރު ކައިގެން ކޮޓަރިއަށް ވަތްގޮތަށް އަދި ނުނިކުމޭ.. ނިދިފަ އޮތީ..” ލަމްހާ އެހެން ބުނެލުމުން ޔޫޝައު ގަޑި ބަލާލިއެވެ.
“މިހާރު އެއޮއްގެން ހައެއް ޖަހަނީ.. ލަމް ދޭބަލަ މަންމައަށް ގޮވާލަން.. މިހާރު ހާދަ ގިނައިރެއް ވެއްޖޭ އެހެންވީމަ..” ޔޫޝައު ކަންބޮޑުވެފައި އެހެން ބުނެލުމުން ލަމްހާ ބޯޖަހާލަމުން ހާޖަރާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ލަމްހާ ގޮސް ކޮޓަރިއަށް ވަނުމުން ޔޫޝައު އައިކާއާ ގާތްވެލިއެވެ.
“އަދިވެސް ތަދުވޭތަ؟” އައިކާގެ ބަނޑުގައި ފިރުމާލަމުން ޔޫޝައު އަހާލިއެވެ.
“ކުޑަކޮށް..”
“ދެންވެސް ބަލައިގެން އުޅެއްޗޭ.. އިކާއާ ބޭބީއަށް ކަމެއް ވެއްޖެއްޔާ އަހަރެން ކިހާ ދެރަވާނެ..” ޔޫޝައު ލޯތްބާއެކު އެހެން ބުނެލުމުން އައިކާ ބޯޖަހާލަމުން ޔޫޝައުގެ ކޮނޑުގައި ބޯއަޅާލިއެވެ.
“ޔޫޝް މިހާރު އޯކޭތަ؟ މިހާރު ހުމެއް ނެތް ދޯ؟ އަދިވެސް ބޮލުގަ ރިއްސާ ބޯ އަނބުރާތަ؟” އައިކާ ޔޫޝައުގެ ކަރުދޮށުގައި އަތް ޖައްސާލަމުން އަހާލިއެވެ.
“މިހާރު ބޮލެއް ނާނބުރާ އެހާ ބޮޑަކަށް.. އެކަމް އަދިވެސް ގޮތެއް އެބަހުރި.. ބޮލުގެ ރިހުންވެސް އެއްކޮށް ރަނގަޅެއްނުވޭ.. ހިތަށް މިއަރަނީ މިރޭ ޑޮކްޓަރަށް ދައްކާލަން ދާން.. ދާއިރު މަންމަވެސް ގޮވައިގެން ދާނީ.. އިކާވެސް ދާންވީނު.. މާދަމާއަކީ ސްކޭންކުރަން ދާންޖެހޭ ދުވަހެއްނު.. އެހެންވީމަ މިރޭ ދަމާ.. އޭރުން ފަސޭހަވާނެއެއްނު..” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. އެވަގުތު ލަމްހާ ވަރަށް ބާރަށް ޔޫޝައުއަށް ގޮވާލި އަޑު އިވުނެވެ. ޔޫޝައުއަށް ހާޖަރާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަނެވުނީ ހިތަށްއެރި އެއްޗެއްގެ ސަބަބުންނެވެ. އައިކާވެސް ސޯފާއިން ތެދުވެ ޔޫޝައުގެ ފަހަތުން ދިޔައެވެ.
“ކިހިނެއްވީ؟” ހާސްވެފައި ޔޫޝައު އަހާލިއެވެ. އޭރު ލަމްހާއަށް ރޮވެނީއެވެ. އޭނާ އަތުގެ އިޝާރާތުން ހާޖަރާ ދައްކާލިއެވެ. ޔޫޝައު ހާޖަރާއާ ގާތަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ތެޅުން ބާރުވާކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. އޭނާ ހާޖަރާގެ އެނދުގައި އިށީނދެލިއެވެ. އަދި ވަރަށް ފުންކޮށް އެމޫނަށް ބަލާލިއެވެ. އެމޫނުމަތީގައިވަނީ ރީތި ހިނިތުންވުމެކެވެ. ހީވަނީ ހުރިހާ ހިތްހަމަޖެހުމެއް ލިބިފައިވާ މީހެއްހެންނެވެ. ޔޫޝައު ހާޖަރާގެ އަތުގައި ހިފާލިއެވެ. އެއާއެކު އެއްވެސް ވަރެއްނެތް ހާޖަރާގެ އަތުގެ ފިނިކަން އޭނާއަށް އިހުސާސްކުރެވުނެވެ. ގަނޑުފެންކޮޅެއްހާ ފިނިވެ ހަރުވެފައިވާ ހާޖަރާއަށް ބަލަން ގަބުވެފައި އިންދާ އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ނުރޯން ހިތްވަރުކުރި ނަމަވެސް އޭނާއަކަށް ކެތެއް ނުކުރެވުނެވެ. މަޑުމަޑުން އޭނާގެ އޭނާގެ އަޑު ބޭރުވަމުން ރުއިން ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ. ލަމްހާއާއި އައިކާއަކަށްވެސް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ދެމީހުން އައިސް ޔޫޝައުގެ ދެފަރާތުން އިށީނދެ އޭނާގެ ދެކޮނޑުގައި ބޯއަޅާލިއެވެ. އެމީހުންގެ ކަރުނަތައް ހުއްޓުވަން މަސައްކަތްކުރަމުން ޔޫޝައުއަށް ހިތްވަރުދޭފަދަ ގޮތަކަށް އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެތައްއިރެއް ވީފަހުން ޔޫޝައުގެ ރުއިން ހުއްޓުނެވެ.
**********
“ދަރިފުޅާ! ކޮންމެ މީހަކީވެސް މިދުނިޔޭން ނެތިދާނެ މީހެއް.. އެދުވަހަކީ އެމީހެއްގެ އާއިލާ މީހުން އިންތިހާއަށް ހިތާމަކޮށް ރޮއި ހަދާ ދުވަހެއް.. އެކަމަކު ދަރިފުޅު މަންމައަށް ވަޢުދެއް ވެދީ..” ހާޖަރާ ވަރަށް ބަލިވެ އުޅުނު ދުވަސްވަރެއްގައި އެއްދުވަހަކު ޔޫޝައު ގާތު ބުންޏެވެ. އޭރު ޔޫޝައުގެ އުމުރުން ފަނަރަ އަހަރެވެ.
“މަންމަ މިރޭ ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް.. ތިކަހަލަ ވާހަކަ ނުދައްކާ.. މަންމަ އަރާމުކޮށްލާ..”
“ނޫން ދަރިފުޅާ! މަންމަ މިދައްކަނީ ހަމަ ރަނގަޅު ވާހަކައެއް.. މަންމަ ދަރިފުޅު ގާތު ވަރަށް ގިނަ ވާހަކަދައްކަންވެފަ އެބަހުރި.. ފަހަރުގަ މީ މަންމަގެ ފަހު ރެއަށްވެސް ވެދާނެ.. އޭރުން، ފަހުން ބުނަން މަޑުކޮށްގެން މަންމަ ދަރިފުޅު ގާތު ބުނަން ބޭނުންވާ ވާހަކަތައް މަންމައަށް ނުބުނެވިދާނެ.. މަންމަގެ ނަސޭހަތް އަޑުއަހާ.. ދަރިފުޅަކީ ވަރަށް ބޮޑު އެކަނިވެރިއެއް.. މި މަންމަ ނެތް ދުވަހަކުން ދަރިފުޅު ވަރަށް އެކަނިވާނެ.. އެކަމަކު ދަރިފުޅަކީ ވަރަށް ހިތްވަރުގަދަ ވަރަށް ވިސްނޭ ކުއްޖެއްނު.. ދަރިފުޅު ދީނުގެ ކަންތައްތަކަށް ސަމާލުކަންދީ ދީންވެރި ކުއްޖަކަށް ވައްޗޭ.. ދަރިފުޅު ދުވަހަކުވެސް ނުބައި މަގަކުން ނުދައްޗޭ.. މަންމަ ދަރިފުޅަށް ދިން ތަރުބިއްޔަތާ ލޯބީގެ ބަދަލެއްގެ ގޮތުން ނަމަވެސް މަންމަ ދެރަވެ ލަދުގަންނަން ޖެހޭވަރުގެ އެއްވެސް ކަމެއް ނުކުރައްޗޭ.. ދަރިފުޅު ރަނގަޅަށް ކިޔަވާ މޮޅު މީހަކަށް ވައްޗޭ.. އަދި ޤައުމަށް ޚިދުމަތްކުރާ، ޙައްޤަށް މަސައްކަތްކުރާ ކުއްޖަކަށް ވައްޗޭ.. އެއްވެސް މީހަކަށް އަނިޔާވެރި ނުވައްޗޭ.. އެއްވެސް ކަމެއްގެ ހަޤީޤަތް ނުބަލާ ގޮތެއް ނުނިންމައްޗޭ..” ޔޫޝައުގެ އަތުގައި ހިފާލައިގެން އިނދެ ހާޖަރާ ބަލި އަޑަކުން ލަސްލަހުން ވާހަކަދެއްކިއެވެ. ހާޖަރާގެ ވާހަކަތަކަށް ޔޫޝައު ބޯޖަހަމުން ދިޔައެވެ.
“އަދި މަންމައަށް ވަޢުދެއް ވެދީ..”
“މަންމާ!” ހާޖަރާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ވަރަށް ލޯބިން ފޮހެލައިދެމުން ޔޫޝައު ގޮވާލިއެވެ. ނަމަވެސް އެ ކަރުނަތަކަކީ ހުސްވުމެއްނެތް އެއްޗެއްފަދައެވެ. އެދެލޮލުން ފެންނަނީ ހަށިގަނޑުގައި އަޅަމުންދާ ވޭނާއިއެކު، އެއްވެސް ޔާރެއް އިޔާރެއް ނެތް ތާކަށް އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ދޫކޮށްލާފައި ދާންޖެހިދާނެކަމުގެ ބިރަށް ކުރަމުންދާ ފުން ހިތާމައެވެ.
“ވައުދުވޭ..”
“ކޮންކަމަކަށްތަ މަންމާ؟” ޔޫޝައުގެ ލޮލުން ކަރުނަ ހިލުނެވެ.
“މަންމަ މިދުނިޔޭން ވަކިވާ ވަގުތު ދަރިފުޅު ހިތްވަރުގަދަކޮށް، ރޮއި ހިތާމަ ނުކުރާނެކަމަށް ވަޢުދުވޭ..”
“މަންމާ! އަހަރެން ވަޢުދުވަން..” ޔޫޝައު ވަރަށް ލޯބިން ހާޖަރާ ގައިގައި ބައްދާލިއެވެ. އޭރު އޭނާގެ ލޮލުންވެސް ހޫނު ކަރުނަތައް ފައިބަމުން ދިޔައީ މަންމައާ ވަކިވާންޖެހޭ ވަގުތު ގާތްވެއްޖެހެން ހީވާވަރުންނެވެ.
**********
ދިހަ އަހަރު ކުރީގެ ހަނދާންތަކެއް އާވުމުން ޔޫޝައުގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލުނެވެ. އޭނާގެ އުމުރުން ފަނަރަ އަހަރުގައި އޭނާގެ މަންމަ އޭނާ ލައްވާ ކުރުވީ ބޮޑު ވަޢުދެކެވެ. އެރޭ އޭނާގެ މަންމަ ދެއްކި ކޮންމެ ވާހަކައެއް އަބަދުވެސް އޭނާގެ ހަނދާނުގައި ހުރެއެވެ. ނަމަވެސް އެ ވަޢުދަށް ކަމޭހިތަންވީ ވަގުތު، އެ ވަޢުދުގެ މަތިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހަނދާންނެތުނީތީ އޭނާ ދެރަވިއެވެ. އެފަހަރު ހާޖަރާގެ ފަހު ވަގުތުކޮޅޭ ހީވާވަރަށް ބަލި ހާލު ގޯސްވި ނަމަވެސް ހަފްތާއެއްވީތަނާ މަޑުމަޑުން ހާޖަރާގެ ބަލި ހާލު ރަނގަޅުވަމުން ގޮސް އާންމު ހާލަތަށް ރުޖޫޢަވިއެވެ. މާތް ﷲއަށް ޙަމްދު ހުއްޓެވެ. ޔޫޝައު އަވަސްއަވަހަށް އޭނާގެ ދެލޯ ފޮހެލިއެވެ. އޭނާ ދެން ނުރޯނެއެވެ. އޭނާއަކީ އޭނާގެ މަންމަ އެދޭފަދަ ހިތްވަރުގަދަ މީހަކަށް ވާނެއެވެ. އޭނާ ކަށިން ހިތްވަރު ނެރެ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ޢަޒުމުކަނޑައެޅިއެވެ.
**********
މާޒްއާއި ޒިޔާން ތިބީ ރަށުގެ އެންމެ މަޝްހޫރު “ސްވީޓް ކޯނަރ” ކެފޭގައި ކޮފީއަކަށް ގޮހެވެ. މާޒްގެ މޫނުމަތިން އެހެންޏާ ނުފެންނަ ހިތްހަމަޖެހުމެއް ޒިޔާންއަށް ފާހަގަވިއެވެ.
“މާޒް! ކޮބާ ކިހިނެއް ކަންތައްތައް؟” ޒިޔާން އަހާލިއެވެ.
“ރަނގަޅޭ ހަމަ.. ކިހިނެއްވީ؟” ޝައްކެއްވެގެން މާޒް އަހާލިއެވެ.
“މިއަދު މާ މޫޑް ރަނގަޅުކޮށް ފެންނާތީ.. ހީވަނީ ކަންތައްގަނޑެއް ހިންގާލަނީހެން..” ޒިޔާން ދިމާކޮށްލިއެވެ.
“ހީވެއްޖޭ އެއްޗެކޭ ކިޔަންހެން ތިއުޅެނީ.. އަދި ތިކަހަލަ ކަމެއް ނެތް..” މާޒް ޔަޤީންކަން ދިނެވެ.
“ދޮގު ދޯ؟ އޮޅުވާލަން ތިއުޅެނީ..”
“ނޫނެކޭ.. ކީއްވެ ދޮގު ހަދަންވީ؟ ޔަޤީނޭ އެ ލީން ކޮންމެވެސް އަނގައެއް ތަޅައިގެންކަން ތިއުޅެނީ..” މާޒް އެހެން ބުނެލުމުން ޒިޔާން ހީލިއެވެ.
“ކޮބާ؟ ރަނގަޅަކަށްނު މިބުނީ ދޯ؟” ޒިޔާން އެހެން ބުނެލުމުން މާޒް ބޯޖަހާލިއެވެ.
“ނޫނޭ.. ސީރިއަސްކޮށް.. އަދި ތިކަހަލަ ކަމެއްނެތް.. އެކަމަކު އެބަ އެކަމާ ވިސްނަން..” މާޒް އެހެން ބުނެލުމުން ޒިޔާން ބޯޖަހާލިއެވެ.
“ހޫމް.. މާ ލަސްވެސްވެއްޖޭ އަސްލު.. އަވަހަށް ތިކަން ކުރަން އުޅޭ.. ދެން ގޮނޑުން ކުނިގަނޑެއް ނޫން ހޯދާނީކީ.. ރަނގަޅު ކުއްޖެއް.. ނޫނީ މާޒްގެ ނަން ހަޑިވުމުގެ އިތުރަށް ދިރިއުޅުންވެސް ހަލާކުވާނީ..” ޒިޔާން ނަސޭހަތެއް ދިނެވެ.
“ގައިމުތާ.. ކަމެއްވެގެން ދޯ އަހަރެން އެ ނާޒްއާ ނުގުޅުނީ.. އަހަރެންނަށް އެނގޭ ވިއްޔަ އޭނަގެ ވައްތަރު.. އެކަމް އެންމެންވެސް ހީކުރީ އަހަރެން އައިކާއާ ހެދި މޮޔަވެގެންނޭ އޭނައާ ނުގުޅުނީ.. އަސްލު ތެދެއް ބުނަން..” މާޒް އެހެން ބުނެލުމުން ޒިޔާން ބޯޖަހާލިއެވެ.
“މީ އަދި އަހަރެން އެއްވެސް މީހެއް ގާތު ނުބުނާ ވާހަކައެއް.. އަސްލު އައިކާއަކީ އަހަރެންގެ ފަސްޓް ޗޮއިސްއެއް ނޫން..” މާޒް އެހެން ބުނެލުމުން ޒިޔާން އެއްބުމަ އަރުވާލިއެވެ.
“ތިބުނީ؟”
“ހޫމް.. އަސްލު ފުރަތަމަ އަހަރެންނަށް ލޯބިވެވުނީ ނާޒްދެކެ.. އެކަމް އޭނަ ގާތު އެވާހަކަ ބުނަން ދިޔަ ރޭ އަހަރެންނަށް ފެނުނީ ދުވަހަކުވެސް ނާޒްގެ ފަރާތުން ފެނިދާނެކަމަށް އުއްމީދުކުރި ކަހަލަ މަންޒަރެއް ނޫން.. އޭރުވެސް އަހަރެންގެ ހިތް ބަދަލެއްނުވޭ.. އެކަމް ފަހުން އަހަރެންނަށް ފެނުނީ އޭނަ އެހެން ދެތިން މީހަކާ އެކީ އެހެން އުޅެނިކޮށް.. އެހިސާބުން މުޅިން ފޫހިވީ.. ދެން އަހަރެންނަށް އެންމެ ކަމުދާ ކުއްޖަކަށް ފެނުނީ އައިކާ.. އައިކާދެކެ ލޯބިވެވުނު ހިސާބުން އަހަރެންނަށް އެނގުނީ ނާޒްދެކެ ވެވުނީ ހަޤީޤީ ލޯބި ނޫންކަން.. އަހަރެން އައިކާއަށް އެތައް ފަހަރަކު އެކި ގޮތްގޮތަށް ލޯބިހުށަހަޅައި ހެދީމަވެސް އޭނަ އެއްބަހެއްނުވި.. އެކަމްވެސް އަހަރެން އުއްމީދު ނަގައެއްނުލަން.. ޔޫޝައުއާ އިން ހިސާބުންވެސް އަހަރެންގެ ހިތް އެހެން ކުއްޖަކަށް ލެނބޭ ގޮތެއްނުވި.. އަދިވެސް އައިކާގެ ހަނދާންތަކަކާ ދުރަކަށް ނުދެވޭ.. އަސްލު ދުރަށް ދާކަށް މަސައްކަތެއްވެސް ނުކުރަން.. އޭނަ އުފަލުގަ ހުރިއްޔާ އަހަރެންނަށް އެ ނިމުނީ..” މާޒްގެ ވާހަކަ އަޑުއަހާފައި ޒިޔާން އިނީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
“އޭތް.. ކިހިނެއްވެފަ ތިއިނީ ބަހެއްވެސް ނުބުނެ؟”
“ތިބުނި ވާހަކައަކުން އެތެރެއަށްލީ ނޭވާ ބޭރަށްލާންވެސް ހަނދާންނެތިފަ މިއިނީ.. އެހެންތާ ވާނީ.. ހިތަށްވެސް ނާރާ ކަހަލަ ވާހަކައެއް ވިއްޔަ ތިބުނީ..” ޒިޔާން އިނީ ހަމަ ރަނގަޅަށްވެސް ހައިރާންވެފައެވެ.
“ނާޒްގެ ވާހަކަ؟” މާޒް އެހެން ބުނެލުމުން ޒިޔާން ބޯޖަހާލިއެވެ.
“އޯހ ކަމޯން.. އެއީ ކޮން ޒަމާނެއްގަ.. އޭރަކު އަހަރެންނަކަށް އެއްވެސް ވަރަކަށް ނޭނގެ އޭނައަކީ އެކަހަލަ މީހެއްކަމެއް.. އެނގުނު ހިސާބުން މުޅިން ކަޓް.. އެހިސާބުން އެއީ އަހަރެންގެ ނަޒަރުގަ ފައިފުއްސަކަށްވެސް ކަމުނުދާ މީހެއް.. އެހެންނޫނަސް ބުނެއެއްނު ލޯތްބަކީ ކަނު އެއްޗެކޭ.. އަހަރެންނަށްވެސްވީ އެހެން ކަންނޭނގެ..” މާޒް އެހެން ބުނެލުމުން ޒިޔާންވެސް ބޯޖަހާލިއެވެ.
“ދެން ސީރިއަސްކޮށް ކަމެއް ކުރަންވީނު..” ޒިޔާން ބުނެލިއެވެ. މާޒް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.
“އަހަރެން ސެޓުކޮށްދެންތަ ވަރަށް ރަނގަޅު ކުއްޖެއް؟ އަހަރެންނަށް ހަމަ ޔަޤީން މާޒްއަށް އޭނަ ވަރަށް ކަމުދާނެކަން.. އަދި މާޒްއާ އޭނައާ ހުރިހާ ގޮތަކުންވެސް އެކަށީގެންވޭ.. ދީންވެރި، ގެވެހި، މުރާލި، ކިޔަމަންތެރި.. ސާދާ ދިރިއުޅުމަކަށް ލޯބިކުރާ ކުއްޖެއް.. ރީތީގެ ގޮތުން އައިކާއަކަށް ވަކި ދުލެއް ނުކުރާނެ.. އަދި އެހާ ސެކްސީވާނެ..” ޒިޔާން އެންމެ ފަހު ޖުމްލަ ބުނެލީ ލާނެއް ފާޑަކަށް ހީލާފައެވެ.
“ސެކްސީ ކުދިން ކަމަކު ނުދާނެ.. އޭރުން ވާނީ ހަމަ ނާޒް ކަހަލަ ކުއްޖަކަށް..” މާޒްވެސް ޒިޔާންގެ އެ ސަމާސާގައި ބައިވެރިވިއެވެ.
“ސީރިއަސްކޮށް މިބުނީ.. އޭނަ ސެޓުކޮށްދެންތަ؟ އޭނައަކީ މާޒްއާ ހަމަ އެންމެ ގުޅޭ ކުއްޖާ..” ޒިޔާން އެހެން ބުނެލުމުން މާޒް ވިސްނާލިއެވެ. ޒިޔާން އެ ކިޔައިދިން ސިފަތައް އެކުއްޖާގެ ގައިގައި ހުރިނަމަ ހަމަ ގައިމުވެސް އެއީ ވަރަށް ރަނގަޅު ހޮވުމަކަށް ވާނެއެވެ.
“އޭނަ.. އެކުއްޖާ.. މިކުއްޖާ.. ނަމެއްވެސް އޮންނާނެއެއްނު އޭނައަށް ކިޔާ.. ނަން ބުނެބަލަ..” މާޒް ޝައުޤުވެރިވިއެވެ.
“އަހަރެން ބުނާ ނަމަކުން ރުޅި ނާންނައްޗޭ..” ޒިޔާން ބޭނުންވީ ޔަޤީންކަން ހޯދާށެވެ. މާޒް ބޯޖަހާލިއެވެ.
“އެއީ ދޮނަޅޭމެންގޭ ނަޝްވާ..” ޒިޔާން ބުނެލި ނަމުން މާޒް ސިހުނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”