މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) އަލަށް  ޑައިރެކްޝަން ހަދާފައިވާ ފިލްމު “ތިޔަ ލޯތްބާ ދުރަށް” މިރޭ އޮލިމްޕަހުގައި އަޅުވާ ޕްރިމިއަރ އެވެ. 

ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ ފިލްމުގައި ލީޑް ރޯލުން ފެންނާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) އެވެ. މީގެ އިތުރުން އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން އަދި ބަތަލާ މަރިޔަމް ޝަހްޒާ ވެސް ފެނިގެން ދާނެ އެވެ. އަދި އަދި ލަންކާ ފިލްމީތަރި އުދޭނީ ވެސް މި ފިލްމުގައި ބައެއް ކުޅެ އެވެ.

ފިލްމު ކެމެރާކޮށްފައިވަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް “ތިޔަ ލޯތްބާ ދުރަށް” އަކީ މަރީ އާއި އޭނާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސް ޓެކްނޯ މީޑިއާ އިން އުފައްދާ ފިލްމެކެވެ.

މި ފިލްމާއި މެދު މަރީ ބުނީ މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ވާހަކައަކަށް ހަދާފައިވާ ފިލްމެއް ކަމަށެވެ.

“މީގެ ކުރިން އަހަރެންގެ ވާހަކަތަކަށް ހެދި އެއްޗެހިތައް ވެސް ވަރަށް ކާމިޔާބު. ބެލުންތެރިންނަށް ވަރަށް ކަމުދިޔަ، އެހެންވީމަ މި ފިލްމު ވެސް ހަމަ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަނީ.” އޭނާ ބުންޏެވެ.

މި ފިލްމުގައި ޖުމްލަ ހަތަރު ލަވަ ހިމެނޭ އިރު އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ކުރިން ކިޔައިފައިވާ ދެ ލަވައެއް ވެސް ހިމެނެ އެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވާ މަރިޔަމް މޫސާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް މަޝްހޫރު ލިޔުންތެރިއެކެވެ.

މިިރޭ ރިލީޒްކުރާ ފިލްމު “ތިޔަ ލޯތްބާ ދުރަށް” މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.