ފަޅޮލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފަޅޮލުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އާންމުކޮށް ދޮން ފަޅޯ ބޭނުންކުރެވެނީ މޭވާގެ ގޮތުގައި ކެއުމަށާއި، ފަނިގިރައިގެން ބުއިމަށެވެ. ނަމަވެސް ދޮންނުވާ ނިލިފަޅޯ ބޭނުންކޮށްގެން ޖޭމު، އަސާރަ ފަދަ ތަކެތި ތައްޔާރު ކުރެއެވެ. އަދި ތަފާތު ސެލެޑް ތަކުގައި ވެސް ބޭނުންކުރެއެވެ. ދިވެހިރާއްޖޭގައި ފަޅޯ ހަކުރު ލައިގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ފަޅޮލުން ލިއްބައިދޭ ގިނަގުނަ ފައިދާތަކުގެ ތެރެއިން 10 ފައިދާއެއްގެ މައްޗަށް ކުރުގޮތަކަށް ބަލައިލާނަމެވެ. މިއީ ޞިއްޙީގޮތުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމުގެ ހެކި ލިބިފައިވާ 10 ފައިދާ އެވެ.

1- ބަރުދަން ލުއިކޮށްދިނުން

ފަޅޮލަކީ ބަރުދަން ލުއިކުރުމަށް ވިސްނުންގެންގުޅޭ މީހުން ކެއުމަށް ވަރަށް އެކަށީގެންވާ މޭވާއެކެވެ. ސަބަބަކީ ފަޅޮލަކީ އޭގައި ކެލޮރީސް މަދު، ފައިދާހުރި ކާނާގެ ބައިތައް (ނިއުޓްރިއެންޓްސް) ގިނައިން ހުންނަ، ޑަޔަޓްރީ ފައިބަރ ވެސް އެކަށީގެންވާ ވަރަކަށް ހުންނަ މޭވާ އެކެވެ. މި ޑަޔަޓްރީ ފައިބަރ ގެ ސަބަބުން، ކައިގެން ބަނޑުފުރިފައި ހުންނަ އިޙްސާސް ކޮށްދިނުމާއި ކާހިތްވުން ކޮންޓްރޯލްކޮށްދެ އެވެ.

100 ގްރާމް ފަޅޮލުގައި ހުންނަ ނިއުޓްރިޝަނަލް ވެލިއު:

– 43 ކެލޮރީސް

– 05 ގްރާމް ޕްރޮޓީން

– 11 ގްރާމް ކާރބްސް

– 0.3 ގްރާމް ފެޓްސް

100 ގްރާމް ފަޅޮލުގައި ހުންނަ ނިއުޓްރިޝަނަލް ވެލިއު

2- ހަޖަމުކުރުން ރަނގަޅު ކޮށްދިނުން

ފަޅޮލުގައި ހުންނަ ޕްރޮޓިން ހަޖަމުކޮށްދޭ އެންޒައިމް ‘ޕެޕައިން’ ގެ ސަބަބުން ޕްރޮޓީން ފައިބަރ ކުދުކުދި ކޮށްލައި ހަޖަމުކުރުމުގައި އެހީތެރިވެދެ އެވެ. ޕެޕައިން ގިނައިން ހުންނަނީ ރޯ ފަޅޮލުގައެވެ.

ފަޅޮލުގައި ޕްރޮޓިން ހަޖަމުކޮށްދޭ އެންޒައިމް ޕެޕައިން ހުރޭ

ޕެޕައިން އަކީ ހަޖަމުކުރުން ރަނގަޅުކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބޭސްތަކުގައި ބޭނުންކޮށްފައި ހުންނަ އެއްޗެކެވެ. އަދި އެއްގަމު މަސް މަޑުކުރުމަށް ވެސް ޕެޕައިން ބޭނުންކުރެއެވެ. ދިވެހިން ބޯވާ ކައްކާއިރު އޭގެ ތެރެއަށް ރޯ ފަޅޯ ކޮށާފައި އަޅަނީ މިހެންވެގެންނެވެ. ޕެޕައިން އަކީ ހަޖަމުކުރުމުގެ މައްސަލަ އާއި ބޭރަށް ހިންގުމަށް ފަރުވާދިނުމަށްވެސް ބޭނުންކުރާ އެންޒައިމް އެކެވެ.

3- ކެންސަރާއި ހަނގުރާމަ ކުރުމަށް

ދިރާސާތައް ދައްކާގޮތުން ‘ބީޓާ ކެރޮޓީން’ އިން މުއްސަނދިވެފައިވާ ފަޅޮލަކީ ޕްރޮސްޓްރޭޓް ކެންސަރާއި ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. މީގެ އިތުރުންވެސް ދިރާސާ ތައް ދައްކާގޮތުން ‘ލައިކޯޕީން’ އިން މުއްސަނދި ކާނާ އަކީ ޕްރޮސްޓްރޭޓާއި އަދި އެހެނިހެން ކެންސަރުގެ ބަލިތައް ޖެހުމާއި ދުރުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ..

4- ކޮލެސްޓްރޯލް ދަށްކޮށްދިނުން

ފަޅޮލަކީ ‘ލައިކޯޕީން’ ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. ‘ލައިކޯޕީން’ އަކީ ކޮލެސްޓްރޯލް އޮކްސިޑައިޒް ވުން ހުއްޓުވައިދިނުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓެކެވެ. ލޭހޮޅިތައް ހިމަކޮށްދެނީ އޮކްސިޑައިޒް ވެފައިވާ ކޮލެސްޓްރޯލުންނެވެ. ‘އެލްޑީއެލް ކޮލެސްޓްރޯލް’ ނުވަތަ ހަށިގަނޑަށް ގެއްލުންހުރި ސަރުބީ ލޭގެ ތެރޭގައި ދައުރުވުމަކީ އޮކްސިޑޭޝަން އަށް ފުރުޞަތު ހުށައެޅޭ ކަމެކެވެ.

100 ގްރާމް ގެ ފަޅޮލުގައި ހުންނަނީ ހަމަ އެންމެ 1828 މައިކްރޯގްރާމް ގެ ‘ލައިކޯޕީން’ އެވެ. ހަމަ އެހެންމެ ކައްކާފައިވާ 100 ގްރާމް ޓޮމާޓޯގައި 3041 މައިކްރޯގްރާމް ގެ ‘ލައިކޯޕީން’ ހުރެއެވެ. ނަމަވެސް ޓޯމާޓޯގައި ހުންނަ ‘ލައިކޯޕީން’ އާއި ޚިލާފަށް ފަޅޮލުގައި ހުންނަ ‘ލައިކޯޕީން’ އަކީ މާ ބޮޑަށް ބަޔޯއެވޭލެބަލް (މާ ފަސޭހައިން ހަށިގަނޑުގެ ލޭގެ ތެރެއަށް ނީރިގެންދާ) އެއްޗެއް ނޫނެވެ.

5- އިސްތަށިގަނޑު ވަރުގަދަކޮށްދިނުން

ސައިންސް ގެ އަލީގައި އެއްވެސް ހެއްކެއް ހޯދިފައި ނެތްނަމަވެސް، ފަޅޮލުން މުއްސަނދިވެފައިވާ ކެއުން ކާނަމަ، ބޮލުގެ އިސްތަށިގަނޑު ތުނިވުން ހުއްޓުވުމަށް އެހީވެދެއެވެ.

ފަޅޮލުގެ ތާސީރު ނަގައިގެން ތައްޔާރުކޮށްފައިވާ ބޮލުގައިލާ ތެލާއި، ކިރީމް އަދި ޖެލްތަކީ ގަންނަން ލިބެން ހުންނަ ތަކެއްޗެވެ. އަދި އިންޓަނެޓުން ސަރޗް ކޮށްލަނިކޮށް ބޮލުގެ އިސްތަށިގަނޑުގައި އެޅުމަށް ތައްޔާރުކޮށްލެވިދާނެ ޕޭސްޓްތައް ތައްޔާރުކޮށްލާނެ ގޮތް ފަސޭހައިން ލިބެން ހުންނާނެ އެވެ.

6- ސްޓްރޯކް ޖެހުމާއި ދުރުކޮށްދިނުން

‘ލައިކޯޕީން’ ގެ ތާސީރު ވަރުގަދަ ސީރަމް އަކީ ‘އައިސްކިމިކް’ ސްޓްރޯކާއި އަދި އެހެނިހެން ސްޓްރޯކް ތައް ޖެހުމާއި ދުރުކޮށްދޭ އެއްޗެކެވެ.

ފަޅޮލުގައި ހުންނަ ‘ފައިބްރިން’ ނަމަކަށް ކިޔާ މާއްދާ އަކީ ލޭހިނގުން ރަނގަޅުކޮށްދީ ލޭގަނޑުވުން ދަށްކޮށްދޭ އެއްޗެކެވެ. ބެދިފައިވާ ލޭހޮޅިތަކެއް ހުރުމަކީ ސްޓްރޯކާއި ހާރޓް އެޓޭކް ޖެހުމުގެ ނުރައްކާ ބޮޑުކޮށްދޭ ކަމެކެވެ.

7- ފާރު ހިއްކުމަށް

ފިހިފައިވާ ޒަޚަމާއި ފާރުގަނޑުގައި ޗަސްކޮށްފައިވާ ފަޅޯ އެޅުމުން ފާރުހިކުން އަވަސްވެ ޖަރާސީމު އަށަގަތުމުން ދުރުކޮށްދެއެވެ.

ފަޅޮލުގައި ހުންނަ އެންޓިއޮކްސިޑެންޓް ތަކާއި އަދި ޤުދުރަތީ އެންޒައިމް ތަކުން، ފިހިފައި ހުންނަ ތަންތަނާއި ފާރުގަނޑުތަކުގެ ފާރުހިއްކުން އަވަސްކޮށްދޭ ކަން ރަޝިޔާގެ ސައިންސްވެރިން ވަނީ ހޯދާފައެވެ. ފަޅޮލުގައި ވިޓަމިން ސީ، ވިޓަމިން އީ އަދި ބީޓާ-ކެރޮޓީން އެކުލެވެއެވެ. މި ހުރިހައި އެއްޓިއޮކްސިޑެންޓްސް އަކީ ދުޅަ ލުއިކޮށްދިނުމަށް އެހީވެދޭ މާއްދާތަކެކެވެ.

ފަޅޮލުން އުފައްދާފައިވާ ބޭސް ބޭނުންކޮށްގެން ފަރުވާ ދީފައިވާ މީދާތަކާއި ފަރުވާ ނުދޭ މީދާތަކުގައި ހުރި ފާރުގަނޑުތަކުގެ ތެރެއިން ފަރުވާ ދީފައިވާ މީދާތަކުގެ ފާރުގަނޑު ތަކުގެ ސައިޒު ބައިކުޅަބަޔަށް ކުޑަވެފައިވެއެވެ.

8- ލޮލުގެ ޞިއްޙަތު ރަނގަޅުކޮށްދިނުން

ފަޅޮލުގައި ހުންނަ ފައިޓޯކެމިކަލް ތަކަކީ އުމުރުން ދުވަސްވެފައިވާ މީހުންގެ ލޮލުގެ ފެނުން ރަނގަޅަށް އެއްވަރެއްގައި ބެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ. މިއީ އުމުރާއި ގުޅިގެން މަސްތައް ކަމީނާވުން ދުރުކޮށްދިނުމަށް އެހީވެދޭ ފައިޓޯކެމިކަލް ތަކެކެވެ. ‘ލިއުޓީން’ އާއި ‘ޒީޒެންތިން’ އަކީ ލޮލަށް ވަންނަ ނުރައްކާތެރި އަދި ބާރުގަދަ ނޫކުލައިގެ ‘ވޭވްލެންތު’ ގެ އަލިދޯދިތައް ފުރާނައިދޭ ‘ކެރޮޓިނޮއިޑްސް’ ތަކެކެވެ. މި ‘ކެރޮޓިނޮއިޑްސް’ ތަަކަކީ ސިއްޙަތު ރަނގަޅު ސެލްތައް ރައްކާތެރިކޮށްދީ ދުޅަހެޔޮ ސިއްޙަތެއްގައި ބެހެއްޓުމަށް އެހީވެދޭ އެއްޗެހިތަކެކެވެ.

9- ޕެޕިލޯމާވައިރަސް އިން ދިފާޢުކޮށްދިނުން

ފަޅޮލަކީ ‘ލިއުޓީން’ އާއި ‘ޒީޒެންތިން’ އަދި ބީޓާ-ކްރިޕްޓޯޒެންތިން އާއި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާ އެކެވެ.

ދިރާސާތައް ދައްކާގޮތުން، މި ބައިތައް އެކުލެވޭ ކާނާ ކާ މިންވަރު އިތުރުވީ ވަރަކަށް ސަރވިކަލް ކެންސަރ ވައިރަސް (ރަހިމުގެ ދޮރަށް ކެންސަރު ޖައްސާ ވައިރަސް) ކަމަށްވާ ‘އެޗްޕިީވީ’ ޖެހުމާއި ދުރުކޮށްދެ އެވެ. ހަފުތާއަކު އެންމެ މަދުވެގެން އެއް ފަޅޯ ކައިއުޅޭ އަންހެނުންނަށް ‘އެޗްޕީވީ’ ވައިރަސް ގެ އަސަރު ފޯރުން، ފަޅޯ ނުކާ އަންހެނުންނާއި އަޅައި ބަލާއިރު އެތައް ތަނެއް ކުޑައެވެ.

10- ގޮހޮރުގައި ހުންނަ ޕެރަސައިޓްތައް ނައްތައިލުން

ފަޅޮލާއި ފަޅޯ އޮށަކީ ‘އެންޓި-ޕެރަސެޓިކް އެކްޓިވިޓީ’ ނުވަތަ ޕެރަސައިޓާއި ހަނގުރާމަ ކުރުމުގެ ބާރު ލިބިފައިވާ އެއްޗެއް ކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން ހިއްކާފައިވާ ފަޅޯ އޮށް، ގޮހޮރުގައި ޕެރަސައިޓް ފަނި އަށަގެންފައިވާ ކުދިންނަށް ދެވުނެވެ. ހަތް ދުވަސް ފަހުން ޓެސްޓްތައް ހަދައި ބެލިއިރު ޕެރަސައިޓްގެ އަސަރެއް ނެތެވެ.

ފަޅޮލުގައި ފައިދާހުންނަ ކާނާގެ ބައިތައް

ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން ފަޅޮލަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްތައް ކަމަށްވާ ވިޓަމިން ސީ، ކެރޮޓީންސް އަދި ފްލެވެނޮއިޑްސް ހިމެނޭ މޭވާ އެކެވެ. ކުޑަކުޑަ ފަޅޮލެއްގެ ދެބައިކުޅަ އެއްބައިން ދުވާލަކަށް ބޭނުންވާނެ ވިޓަމިން ސީ ގެ 150 އިންސައްތަ ލިއްބައިދެއެވެ.

މީގެ އިތުރުން ފަޅޮލަކީ ފޯލިކް އެސިޑް، ވިޓަމިން އީ އަދި އޭ، ޕޮޓޭސިއަމް އާއި ޑަޔަޓްރީ ފައިބަރ އިން މުއްސަނދިވެފައިވާ މޭވާއެކެވެ.

ފަޅޮލުގެ ތާރީޚް

ފަޅޮލުގެ އަސްލު އައިސްފައިވަނީ ދެކުނު މެކްސިކޯ އާއި މެދުތެރޭ އެމެރިކާ އިން ނެވެ. ޕޯޗްގީޒާއި ފަރަންސޭސި މުސްތަކްޝިފުން (އެކްސްޕްލޯރަރސް) ވަނީ މެދުތެރޭ އެމެރިކާއިން އެމީހުންގެ ޤައުމަށް ފަޅޯ ގެންގޮސްފަ އެވެ. މީގެ އިތުރުން އެހެނިހެން ބައެއް ޤައުމުތައް ކަމަށްވާ ޕިލިޕިންސް، އިންޑިޔާ އާއި އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކަށްވެސް އެމީހުން ފަޅޯ ގެންދިޔައެވެ.

އެމެރިކާއަށް އަލަށް ފަޅޯ ގެންގޮސްފައިވަނީ ވިހިވަނަ ޤަރުނުގެ ތެރޭގައެވެ. އޭރުންފެށިގެން ހަވާއީ ގައި އަންނަނީ ފަޅޯ ހައްދަމުންނެވެ. މިއަދު ފުޅާ ދާއިރާއެއްގައި ފަޅޯ ހައްދަމުން އަންނަ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، މެކްސިކޯ އަދި ޕްއާޓޯ ރިކޯ ފާހަގަކޮށްލެވެއެވެ.

މަސްދަރު: އަ ހެލްތު ބްލޮގް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.