ސައިންސްވެރިންނަށް އޮޅުމެއްގެ ތެރެއިން ސަންދަރޯސް ކައިއުޅޭ މުތަޙައްވިލާ ކާމަރާއެއް (މިއުޓެންޓް އެންޒައިމް އެއް) އުފެއްދިއްޖެ އެވެ. ޖަޕާނުގެ ކުނިގޮނޑެއްގެ ތެރެއިން ހޯދިފައިވާ މި ހޯދުމުން އުފެއްދިފައިވާ ވާ ސަންދަރޯސް ކައިއުޅޭ ސޫތްޕަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑު ކާރިސާ ކަމަށްވާ ސަންދަރޯހުން މާހައުލު ތަޣަައްޔަރުވުމަށް ލިބުނު ހައްލަކަށް ވެދާނެ ކަމަށް ބެލެވެއެވެ.

ސައިންސްވެރިންނަށް މި އުފެއްދުނު މުތަޙައްވިލާ ކާމަރާ (މިއުޓެންޓް އެންޒައިމް) ސަންދަރޯސް ފުޅި ކައެވެ. އެހެންކަމުން މި އުފެއްދުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ސަންދަރޯސް ފުޅި އެއްކޮށް ނައްތައިލެވޭގޮތް ނުވަތަ އަލުން އެހެން ސިފައެއްގައި ބޭނުންކުރެވޭނެ ގޮތް މިވަނީ ހޯދިފައެވެ.

މި އައު ހޯދުން ހޯދިފައިވަނީ 2016 ވަނަ އަހަރު އެވެ. އެގޮތުން ސަންދަރޯސް ކެއުމުގެ ކުޅަދާނަކަން ލިބިފައިވާ ބެކްޓީރިއާ ޖަރާސީމެއް ފުރަތަ ފަހަރަށް މިވަނީ އުފެއްދިފައެވެ. ޖަޕާނުގެ ކުނިގޮނޑެއްގެ ތެރެއިން ކުރެވުނު މި އައު އީޖާދުގެ ތަފްސީލް މަޢުލޫމާތު މިހާރު މިވަނީ ހާމަކޮށްފައެވެ. 

ބައިނަލްއަޤްވާމީ ޓީމަކުން ކުރިއަށް ގެންދިޔަ ތަހްލީލެއްގައި އުފެއްދުނު ކާމަރާ (އެންޒައިމް) އިތުރަށް ތަރައްޤީކޮށް އެ ކާމަރާ އަށް އަންނަ ބަދަލުތައް ބަލަމުންދިޔައެވެ. އެގޮތުން އެމީހުން އުފައްދާފައިވާ ކާމަރާ މީގާލު (އެންޒައިމް މޮލެކިއުލް) އަށް ގަސްދަކާއި ނުލައި ގެނެވުނު ބަދަލެއްގެ ސަބަބުން ސަންދަރޯހުގެ ވައްތަރެއް ކަމަށްވާ ‘ޕޮލީއީތައިލީން ޓެރެފްތަލޭޓް’ (Polyethylene Terephthalate – PET) ހަލާކުކޮށްލާކަން އެނގުނެވެ. ‘ޕޮލީއީތައިލީން ޓެރެފްތަލޭޓް’ އަކީ ތައްޔާރީ ބުއިންތައް ބަންދުކުރުމަށް ބޭނުންކުރާ ސަންދަރޯސް ފުޅި އުފައްދާ މާއްދާއެވެ.

“އަސްލު މިކަން މިވީ ގޮތަކީ އަހަރުމެންނަށް ކާމަރާ އިތުރަށް ފުރިހަމަކޮށްލެވުނީ، މިއީ ކުޑަވަރެއްގެ ސިހުމެއްވެސް ގެނުވި ކަމެއް.” މި ދިރާސާ ކުރިއަށްގެންދާ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޕޯރޓްސްމައުތު ގެ ޕްރޮފެސަރު ޖޯން މަގީން ބުންޏެވެ. “މި ހޯދުމަކީ ވަރަށް ބޮޑު އަދި ބޭނުންތެރި ހޯދުމެއް.”

ސަންދަރޯސް ހަލާކުކޮށްލުމަށް މި މުތަޙައްވިލާ ކާމަރާ (މިއުޓެންޓް އެންޒައިމް) ބޭނުންވަނީ މަދު ދުވަސްކޮޅެކެވެ. އެހެންކަމުން މިއީ ކަނޑުތަކަށް އުކާލާފައި ހުންނަ ސަންދަރޯސް ނެތި ދިއުމަށް ހޭދަވާ އެތަކެއް ޤަރުނާއި އަޅައި ބަލާއިރު މާބޮޑަށްވެސް އަވަސް މުއްދަތެކެވެ. އަދި މިއަށްވުރެންވެސް ހަލުވި މިނެއްގައި މި މުތަޙައްވިލާ ކާމަރާ (މިއުޓެންޓް އެންޒައިމް) މަސައްކަތްކުރާގޮތް ހެދިދާނެކަމުގެ ޔަޤީންކަން ދިރާސާކުރާ މީހުންނަށް އެބައޮތެވެ. އޭރުން ފުޅާ ދާއިރާއެއްގައި ސަންދަރޯސް ނައްތައިލުމުގެ މަސައްކަތުގައި މި ކާމަރާ (އެންޒައިމް) ބޭނުންކުރެވޭނެ އެވެ.

“އަހަރުމެން މި އުއްމީދުކުރަނީ މި ކާމަރާ (އެންޒައިމް) ބޭނުންކޮށް ސަންދަރޯހުގެ އަސްލަށް އެނބުރި ރުޖޫއަކުރެވޭނެ ގޮތެއް ހެދުން. އޭރުން އަހަރުމެންނަށް ޙަޤީޤީ ސިފައެއްގައި ސަންދަރޯސް އަލުން ބޭނުންކުރެވޭގޮތް ހެދުނީ.” ޖޯން މަގީން ބުންޏެވެ. “އޭގެ މާނައަކީ ސަންދަރޯސް އުފެއްދުމަށް ބިމު އަޑިން ސާފުނުކުރާ ތެޔޮ އިތުރަށް ނަގަން ނުޖެހުން. އުޞޫލެއްގެ ގޮތުން ބަލާއިރު އޭރުން ވެށީގައި ހުރި ސަންދަރޯހުގެ އަދަދު މަދުވެގެން ދާނެ.”

ބަސްކޮށާރު:-

މުތަޙައްވިލާ (ޢަރަބި ލަފުޒް)މިއުޓެންޓް mutant

ކާމަރާ (ޢަރަބި ލަފުޒަށް ބަދަލު ގެނެސްފައި. ޢަރަބި ލަފުޒު: ޚަމީރާ ނުވަތަ ޚާމްރާ) – އެންޒައިމް enzyme

ސަންދަރޯސްޕްލާސްޓިކް plastic

މީގާލު (ރަދީފު ގައި ވާ މިސްގާލު މި ލަފުޒުގައި ސައިންސްޓިފިކް މޮލެކިއުލްގެ މާނަޔާ މުޅިން އެއްގޮތް ނުވާކަމަށް ބަލާފައި މިސްގާލު – މީގާލު އަށް ބަދަލުކޮށްފައި) މޮލެކިއުލް molecule

ނޯޓް: މި ބަސްކޮށާރުގައި ހިމަނާފައިވާ ހަތަރު ލަފުޒުން ދިވެހި ބަސްފޮތު ގައި އަދި ދިވެހި ރަދީފު ގައި ހިމަނާފައިވާ ހަމައެކަނި ލަފުޒަކީ ‘ސަންދަރޯސް’ އެވެ. މުތަޙައްވިލާ، ކާމަރާ އަދި މީގާލު މިއީ ބަސްކޮމެޓީން ފާސްކޮށްފައިވާ ލަފުޒުތަކެއް ނޫނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.