އޮރި އަކީ ގަދަ ނުބައި ވަހެއް ހުންނަ މަސްމީރު ކުޑަވަރެއްގެ ފަޅުމަހެކެވެ. މީގައި ވަރަށް ވިހަގަދަކަށްޓެއް ހުރެއެވެ. އޮރީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ އާދައިގެއޮރި ނުވަތަ ކާޅުއޮރި އާއި ގަލުއޮރި އެވެ. އޮރި އަކީ ވަރަށް ފަސޭހައިން ލ. ގަން-ފޮނަދޫ ސަރަޙައްދުގައި އޮންނަ ކޯސްވޭ (ދިގު ފާލަން) ސަރަޙައްދުން ވަރަށް ފަސޭހައިން ހިފޭ މަހެކެވެ. އާއްމުގޮތެއްގައި ގަމާއި ފޮނަދޫ މީހުން އަދި މަދުން ނަމަވެސް އަތޮޅުގެ ބައެއް ކައިރި ރަށްރަށުން މީހުން ގޮސް އޮރި ހިފުމަކީ ހަމަ ކޮންމެ ދުވަހަކުހެން ކުރަމުން އަންނަ ކަމެކެވެ.

އޮރިޔަކީ ގަރުދިޔަ ކައްކައިގެން ނުވަތަ ލޮނުމިރުސް އަޅައިގެން ފިހެގެން ކެއުމަށް ވަރަށް މީރު މަހެކެވެ. މީގެ އިތުރުން އަނގުރު އަލިފާނަށް ލައިގެން ފިހެގެންވެސް ކައިލަން ނިކަން މީރު މަހެކެވެ.

އޮރި މަހުން ތައްޔާރުކޮށްލާ ‘ތޮމް ޔަމް’ ސޫޕަކީވެސް ނިކަން މީރު އެއްޗެކެވެ. އޮރިމަހުގެ ތޮމް ޔަމް ސޫޕް ކައްކައިގެން މި ސޫޕްގެ އަޖުމަ އަޅުގަނޑު ބަލައިފީމެވެ. އަމިއްލައަށް ސޫޕް ކެއްކިޔަސް، އިންޓަނެޓުން ބައެއް ރެސިޕީތައް ބަލައިގެން މަޢުލޫމާތު ހޯދީމެވެ. ސޫޕް ކެއްކުމުގައި ކޮންމެވެސް ވަރަކަށް އަމިއްލަ ގޮތްތައް ބޭނުންކޮށްލީމެވެ.

‘އޮރި ތޮމް ޔަމް ސޫޕް’ ގެ ރަހައާއިމެދު ބުނެވޭނީ ރާއްޖޭގެ ރެސްޓޯރަންޓަކުން މިއަށްވުރެން ވަކިން މީރު ‘ތޮމް ޔަމް’ ސޫޕެއް ހަމަ ނުލިބޭނެ ކަމެވެ.

އެހެންކަމުން މި ގެނެސްދެނީ އޮރި މަހުން ތޮމް ޔަމް ސޫޕް ތައްޔާރުކޮށްލާނެ ގޮތެވެ. ތޮމް ޔަމް ސޫޕްގެ ވައްތަރުތަކަކީ ދިވެހިން ގަޔާވާ، އެއަށް އެހާ ބީރައްޓެހި ނޫން ރަހަތަކެވެ. ތޮމް ޔަމް އަކީ ތައިލޭންޑާއި ޖަޕާނު ފަދަ ޤައުމުތަކުގައި އެންމެ މައްޝޫރު އެއް ސޫޕެވެ. މިއީ ކައްކަން އެހައި އުނދަގޫ ސޫޕެއްވެސް ނޫނެވެ. ކުޑަކުޑަ މަސައްކަތެއް ކޮށްލައިގެން އޮރި މަހުގެ ތޮމް ޔަމް ސޫޕް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެވެ.

ފޮނަދޫ-ކައްދޫ ދިގުފާލަން ކައިރިން ހިފައިފައިވާ އޮރި އާއި ފަރުމަސް ތަކެއް ފޮޓޯ: ނިލާމް

‘އޮރި ތޮމް ޔަމް ސޫޕް’ ރަހަފަތް

ބޭނުންވާ ތަކެތި

03 – ލޮނުމެދު (ބޭނުން ނަމަ) ދެފަޅިކޮށްލާފައި

01 – ފިޔާ، ބޮޑެތިކޮށް އޮށްއޮށަށް ކޮށާފައި

ކާސިންޖީ ވިނަ (ލެމަން ގްރާސް)، މޫތައް ނުލައި ބުޑުތައް އިންޗިއެއް ވަރަށް ކޮށާފައި

03 – ވިލާތު ބަށި (ޓޮމާޓޯ)، ބޮޑެތިކޮށް އޮށްއޮށަށް ކޮށާފައި

06 – ތޮޅި މިރުސް، ދެފަޅިކޮށްލާފައި

ކޮތަނބިރި ފަތް (ކޮރިއަންޑާ ލީވްސް)

06 – އޮރި މަސް (ހުނބުޅު ފިލުވައި ހަންނޮޅައި ކަށި ނައްޓާފައި)

06 – އޮރި މަހުގެ ކަށި ފައްޗާއި ބޯ (ބްރޮތު ނުވަތަ ގަރުދިޔަ ތައްޔާރުކުރުމަށް)

ލޮނު

03 – ގޮށް ރޯ ފޮތިހުވަނދު (ގަލަންގަލް)، ބޮޑެތިކޮށް ކޮށާފައި

02 – ލުނބޯގެ ހުތް

06 – ކަފިރް ލުނބޯ ފަތް (އާދައިގެ ލުނބޯ ފަތް ވިޔަސް ރަނގަޅުވާނެ)

ފިޝް ސޯސް (ބަދަލުގައި އޮއިސްޓަރ ސޯސް)

ހަކުރު

ތައްޔާރު ކުރާ ގޮތް

ތެއްޔަކަށް ފެން އެޅުމަށް ފަހު އޭގެ ތެރެއަށް އޮރި މަހުގެ ކަށިފައްޗާއި ބޮލާއި ލައި ގަރުދިޔަ ނުވަތަ ބްރޮތު ކައްކަން ޖައްސާށެވެ. ލޮނު ހެޔޮވަރުވާވަރަށް ކުޑަ ލޮނުކޮޅެއްލައި ގަރުދިޔަ ފޮދު ކެކުމުން ވަކިން ތަށްޓަކަށް ހަމައެކަނި ގަރުދިޔަ ފޮދު ނަގާފައި ބަހައްޓާށެވެ.

ތެއްޔަށް 10 ވަރަކަށް ޖޯޑު ފެން އަޅާފައި އުދާށެވެ. އެއަށް ފަހު ފިޔައެއް ކޮށާލާފައި ތެލީ ތެރެއަށް އަޅާލާނީ އެވެ. އަދި ތޮށި ނުމަށާ ތިން ފޮތިހުވަނދު ފޮތިފޮއްޗައް ކޮށާލާފައި ތެއްޔަށް އަޅާލާނީ އެވެ. ދެން ތިން މިރުސް މެދުން ފަޅިކޮށްލާފައި ތެއްޔަށް ވައްޓާލާށެވެ. ދެން ތެލީ ތެރެއަށް އަޅާނީ ދެ ޓޮމާޓޯ އާއި ފަސް ކާފިރް ލުނބޯ  ފަތެވެ. އެއަށް ފަހު ދެ އިންޗި ދިގު ތިން ކާސިންޖީ ވިނައިގެ ބުޑާއި ކޮތަނބިރި ފަތް ކޮށާލާފައި އަޅާލާނީ އެވެ. 

ވަކިވަރަކަށް ދެންމެ އެޅި ތަކެތި ކެކުމުން، ތެލީގެ ތެރެއަށް އޮރި މަސްފޮތިތައް އަޅާށެވެ. މަޑު ގިނީގައި ރަނގަޅަށް ކައްކާށެވެ. ހެޔޮވަރުވާ ވަރަށް ލޮނު ލާން ހަނދާން ކުރާށެވެ. އެކެއް ނުވަތަ ދެ ސަމުސާ ހަކުރު އަޅާށެވެ. ތެލީގައި ހުރި އެއްޗެހި ތެރެއަށް ލުނބޮއެއްގެ ފިތާލާނީ އެވެ. އަދި ދޭއް ނުވަތަ ހަތަރު މޭޒުމަތީ ސަމުސާ ފިޝް ސޯސް އެޅުމަށް ފަހު ރަނގަޅަށް ކައްކާލާނީ އެވެ. މިތަކެތި އަޅާލާފައި އަނެއްކާ ވެސް 10 މިނެޓު ވަންދެއް ކައްކާލާނީ އެވެ.

ރަނގަޅަށް ކެކުމުން، ފޮތިހުވަނދާއި ކާސިންޖީ ބުޑުތައް ނަގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.