ދުނިޔޭގެ އެންމެ އަގުބޮޑު ކުކުޅުގެ އަގު ލަފާކޮށްލަން އެނގޭހެއްޔެވެ؟ އާދައިގެ ކުކުޅެއްގެ އަގު އުޅެނީ  65 ރުފިޔާ އާއި 75 ރުފިޔާ އާއި ދެމުގައެވެ. އެހެންކަމުން ދުނިޔޭގައިވާ އެންމެ އަގުބޮޑު ކުކުޅުގެ އަގު އަންދާޒާ ކޮށްލަން ފަސޭހަވާނެދޯ އެވެ؟

ހައިރާން ވާނެ ކަމެއް ނެތެވެ. ދުނިޔޭގައިވާ އެންމެ އަގުބޮޑު ކުކުޅެއްގެ އަގަކީ ހަމަ އެންމެ 2500 އެމެރިކާ ޑޮލަރު (38550 ދިވެހި ރުފިޔާ) އެވެ. ހެޔޮވަރުގެ ފަލަ އަގެއްދޯ އެވެ.

އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ ޕޯލް ބްރެޑްޝޯ 2500 ޑޮލަރަށް ކުކުޅު ވިއްކަން ފެށީ 2013 ވަނަ އަހަރުއެވެ.

‘ޖެޓް-ބްލެކް އަޔަމް ސެމާނީ’ ކުކުޅަކީ އޭގެ ދެވަނައެއްނެތް ފަދަ ގޮތަކަށް މޮއްވާފައިވާ ކުކުޅެކެވެ. މީގެ ކުކުޅުގެ އަސްލު އައިސްފައިވަނީ އިންޑޮނޭޝިޔާގެ ޖާވާ އިންނެވެ.

ކުކުޅުގެ މަހާއި ކަށްޓާއި އަދި އެތެރެހަށީގެ ގުނަންތައްވެސް ހުންނަނީ ކަޅުކުލައިގައި

މުޅިން އެއްކޮށް ކަޅުކޮށް ހުންނަ މި ކުކުޅަށް ވަނަމަކަށް ދީފައިވާ ނަމަކީ ‘ލެމްބޮގީނީ އޮފް ޕޯލްޓްރީ’ އެވެ. މި ކުކުޅަށް ‘ޖެޓް-ބްލެކް އަޔަމް ސެމާނީ’ ދީފައިވަނީ މެދުތެރޭ ޖާވާގައި އޮންނަ ސެމާނީ އަވަށުގެ ނަމަށް ނިސްބަތްކޮށެވެ.

މި ކުކުޅުގެ ތުން، ދޫ، ކޭފޮއްޗާއި އަދި އެންމެ ކުޑަމިނުން މީގެ މަހާއި، ކަށްޓާއި އަދި އެތެރެހަށީގައި ހުންނަ ގުނަވަންތައްވެސް ހުންނަނީ ކަޅުކުލައިގައެވެ. އެހެން ނަމަވެސް ‘އަޔަމް ސެމާނީ’ ގެ ލޭ ހުންނަނީ ޢާއްމުކޮށް ލޭ ހުންނަ ކުލައިގައެވެ. މި ކުކުޅަށް މިފަދަ ކަޅުކަމެއް ލިބިފައިވަނީ އޭގެ ޓިޝޫ ތަކަށް މާގިނަ ޢަދަދަކަށް ޕިގްމެންޓޭޝަން (ކުލަ) ލިބިފައި ވުމުންނެވެ. މިކަން މިހެން ވެފައިވަނީ ‘ފައިބްރޯމެލަނޮސިސް’ ކިޔާ ޖެނެޓިކް ޙާލަތެއް މެދުވެރިވުމުގެ ސަބަބުންނެވެ. މިއީ ޗައިނާގައި ވަރަށް ބޮޑުއަގުގައި ވިއްކައިއުޅޭ ކަޅުކުލައިގެ ކުކުޅެއް ކަމަށްވާ ‘ޗައިނީސް ސިލްކީސް’ އަށްވެސް ލިބިފައިވާފަދަ ޚާއްޞަ ސިފައެކެވެ.

އަޔާމް ސެމާނީ ކުކުޅަކީ ރީތި ކަޅު އޮފުކަމެއް ހުންނަ ކުކުޅެއް

މިފަދަ ކުކުޅު ގެންގުޅޭ މީހުން މިސޮރުމެން ގެންގުޅެނީ އެއަށް ލިބިފައިވާ އާދަޔާޚިލާފު ރީތިކަމާއި އެފަދަ ކުކުޅު ލިބުން އެހާ ފަސޭހަ ކަމަކަށް ނުވާތީ އެވެ. މިފަދަ ކުކުޅުގެ ހާލެއްގެ ބަރުދަނުގައި 2 ނުވަތަ 2.5 ކިލޯ ހުންނައިރު ކުކުޅެއްގެ ބަރުދަނުގައި 1.5 ނުވަތަ 2 ކިލޯ ހުރެއެވެ. މި ކުކުޅު އަޅާ ބިސް ހުންނަނީ ކިރީމް ކުލައި މަޑު ފިޔާތޮށި އޮފެއް ހިމެނޭ ގޮތަށެވެ.

މި ވައްތަރުގެ ކުކުޅެއްގެ އަގު ތަންކޮޅެއް ކުރިން އެމެރިކާގައި އުޅެނީ 2500 އެމެރިކާ ޑޮލަރަށެވެ. މި ކުކުޅު މިހާ އަގުބޮޑުވުމުގެ ސަބަބުން މީގެ ކުކުޅު މަހުން ތައްޔާރުކުރާ ކާނާ ވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކެއުން ތަކުގެ ތެރެއިން ކެއުމަކަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.