“މިއުޅެނީ ފައިގައި އެސްވަޅެއް ޖަހައިގެން. ހާދަ ވަރަކަށޭ މި ތަދުވަނީ. މިގޭ މީހުންގެ ފައިގައި ވަރަށް ގިނައިން އެބަނަގާ. ބައެއް މީހުން ބުނޭ މިއީ ހަމުގެ ބައްޔެކޭ، ގައިން ގަޔަށް ވެސް އަރައޭ.” މިއީ އަހަރެންގެ ރައްޓެއްސެއްގެ ގެއަށް ދިޔައިރު އަހަރެންގެ ރަޙްމަތްތެރިޔާ ފައިތިލައިގައި ވަޅިއަކުން ކޮށްޓަން އިންދައި ތިޔަ ކުރަނީ ކީއްހޭ އަހައިލުމުން ދިން ޖަވާބެކެވެ.
އެސްވަޅުޖެހުމަކީ ވަރަށް ގިނަމީހުންނަށް ދިމާވާ މައްސަލައެކެވެ. މި ކަމަށް ފަރުވާ ހޯދުމަށް އެސްވަޅު ކޮށްޓައި ހަދައެވެ. ލައްފިލުވާ ޖަހައި ހަދައެވެ. ނުވަތަ ކަރަންފުލާއި ގޮށްރީނދުލާއި ހިކިއިނގުރު ފަދަ އެއްޗެހި ހޫނުކޮށްގެން ޖައްސައި ހަދައެވެ. ނަމަވެސް މި ކަންކަމަކީ އެސްވަޅު ނެގުމުން ސަލާމަތްވުމަށް، ކުރުން ރަނގަޅު ކަންތައް ތަކެއް ނޫނެވެ. ނުވަތަ އެސްވަޅަށް ދިނުމަށް އެކަށީގެންވާ ފަރުވާއެއް ނޫނެވެ. ގިނަ ބަޔަކަށް ހީކުރެވިފައި އޮންނަފަދައިން އެސްވަޅު ނެގުމަކީ ގައިންގަޔަށް އަރާ ހަމުގެ ބައްޔެއް ވެސް ނޫނެވެ.
އެސްވަޅަކީ ކޮން އެއްޗެއް ހެއްޔެވެ؟
ދިވެހިބަހުގެ ރަދީފު ބުނާގޮތުން އެސްވަޅަކީ ހުދުހަމުގައި އުފެދޭ ބައްޔެކެވެ. މިބަލި ހުންނާނީ ވައްކޮށް، ހަރުކޮށް، އެތެރެއަށް ގޮނޑިލާގޮތަށެވެ.
އެސްވަޅު ނެގުމަކީ ނުވަތަ ޖެހުމަކީ ޤުދުރަތީގޮތުން ފައިތިލައިގެ ރައްކަލަކަށް ނަގާއެއްޗެކެވެ. އުދަލި ނުވަތަ ފަކީރާ ފަދަ އެއްޗަކުން ބުރަ މަސައްކަތެއް ކޮށްލުމުން އަތުން ފޮޅުނަގާ ބީދައިން ފައިތިލައަށް އެންމެ ބާރު ބޮޑުވާ ހިސާބުތަކުން ނަގާ އެއްޗެކެވެ. މިހެން މިދިމާވަނީ ފައިތިލަ ހޭކޭ ހިސާބެއްގެ ގޮތުން ނުވަތަ ފަޔާ ނުގުޅޭ ނުވަތަ އަރައިގެން އުޅެން އުނދަގޫ ފައިވާން ފަދަ އެއްޗަކަށް އަރައިގެން އުޅުމުންނެވެ. ޙަޤީޤަތުގައި މިވާގޮތަކީ ނުވަތަ އެސްވަޅު އުފެދޭ ގޮތަކީ މިދެންނެވިފަދަ ހިސާބެއްގެ ހަންގަނޑު ބޯވެ އެހިސާބުން އިތުރަށް ހަންގަނޑު އުފެދެމުން ދިއުމެވެ. މިގޮތަށް ފައިގެ ކުޑަ ތަންކޮޅެއްގައި މަރުވެފައި ހުންނަ ހަމުގެ ސެލްތައް ޖަމާވެ ހަންގަނޑު ބޯވާން ފެށުމުން އެސްވަޅު އުފެދެއެވެ. މަރުވެފައި ހުންނަ ހަންގަނޑު ފައިގެ ހަންގަނޑާއި މަސްގަނޑުތެރެއަށް ދޯރިއެއް (ކޯންއެއް) ގެ ސިފައިގައި ތޮރުފެމުން ވަންނަން ފަށައެއެވެ. މިހެންވާންފެށުމުން ފައިގެ އެހިސާބުގަނޑަށް ވާންވެ ތަދުވާން ފަށައެވެ.
އެސްވަޅަކީ މަރުވެފައި ހުންނަ ހަމުން އުފެދޭ އެއްޗަކަށްވާއިރު އެސްވަޅަށް ތަދުވަނީ ކީއްވެގެން ހެއްޔެވެ؟
ކުރިންވެސް އިޝާރާތްކުރި ފަދައިން އެސްވަޅަކީ މަރުވެފައި ހުންނަ ހަން އެއްތަނެއްގައި ޖަމާވެ ދޯރިއެއްގެ ސިފައިގައި ފައިގެ ތެރެއަށް ތޮރުފެމުންދާ އެއްޗެކެވެ. އެސްވަޅުގައި ރިއްސަނީ މިހެންވެގެންނެވެ.
އެސްވަޅާމެދު އަޅައިނުލައި ހުރުމުން ވާނީ ކިހިނެއްހެއްޔެވެ؟
އެސްވަޅުޖެހުމުން އެތަނާމެދު އަޅައިނުލައި ހުރުމަކުން އެތަން ރަނގަޅުވެގެނެއް ނުދާނެ އެވެ. އޭރުން އެސްވަޅު ބޮޑަށް ގޯސްވަމުންދާނެއެވެ. އެސްވަޅާމެދު އަޅައިނުލައި ހުރުމުން އެސްވަޅު ހިމެނޭ ސަރަހައްދުގައި މަރުވެފައި ހުންނަ ހަން އިތުރަށް އުފެދި ދޯރިއެއްގެ ސިފައިގައި މި ހަރު ހަންގަނޑު ފައިގެތެރެއަށް ބޮޑަށް ތޮރުފެމުން ދާނެއެވެ. އިތުރު ވޭންތަކެއް އިޙްސާސްކުރަން ޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން އެސްވަޅު ރަނގަޅުވާން ގިނަ ދުވަސް ނަގާނެއެވެ.
އެސްވަޅު ޖެހުމުން ރައްކާތެރިވުމަށްޓަކައި ކުރެވެން އޮތް އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ކަމަކީ އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓާއި މެދު ބޮޑަށް ސަމާލުވުމެވެ. އަރަމުންދާ ފައިވާނެއްގެ ސަބަބުން ނުވަތަ ބޫޓެއްގެ ސަބަބުން ފައިގެ ދަށްފުށުގައި ކުރަލާގޮތް ވާނަމަ އެ ބޫޓު ނުވަތަ ފައިވާނަކީ އަރަން އެންމެ ކަމުދާ އެއްޗެއް ކަމުގައި ބެލުން ބުއްދިވެރިއެއް ނޫނެވެ. އެހެންކަމުން އަރަން ބޭނުންކުރާ ބޫޓާއި ފައިވާނަކީ ފެންވަރު ރަނގަޅު، ފަޔަށް ފަސޭހަ އެއްޗަކަށް ވުން މުހިންމެވެ. އަގުހެޔޮ ބޫޓާއި ފައިވާން ހޯދަން ފަސޭހަވެފައި ޖީބަށް ލުއިވި ނަމަވެސް އެއިން ފަޔަށް ލިބެންވާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެއެވެ. އެސްވަޅު ޖަހަން މެދުވެރިވާ މައިގަނޑު ސަބަބަކީ މި ދެންނެވި ފަދަ ފައިވާނާއި ބޫޓަށް އެރުން އާދަކުރެވިފައި ވުމެވެ.
އަޅުގަނޑުމެން އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓަކީ އަޅުގަނޑުމެންގެ މުޅި ހަށިގަނޑު ބަރުދަން އެޔަށް ދޭ އެއްޗެކެވެ. މިސާލަކަށް 60 ކިލޯ ހުންނަ މީހެއްގެ ހަށިގަނޑުގެ ބަރުދަނުން 30 ކިލޯ ކޮންމެ ބޫޓު ކިބައަކަށް ނުވަތަ ފައިވާން ކިބައަކަށް އުފުލަން ޖެހެއެވެ. ފަޔާ ނުގުޅޭ، ފަޔަށް ފަސޭހަ ނޫން ފައިވާން ނުވަތަ ބޫޓަކަށް މި ބަރުކަން ދެމުންދާއިރު ފައިގެ މިބަރުދަން ފައިގެ އެކި ހިސާބުތަކަށް އެކިވަރަށް ބެހިގެން ދެއެވެ. ފައިގެ އެކި ހިސާބުތަކަށް އެކިވަރަށް ބާރު ބޮޑުވެެއެވެ. ނަތީޖާއެއްގެ ގޮތުން ފައިތިލައަށް ތަފާތު މައްސަލަތައް ކުރިމަތިވާން ފަށައެވެ. އެންމެ ބޮޑަށް ބާރުކުރާ ހިސާބުތަކުގައި ކުރަލާ ގޮތް ވެއެވެ. މި ގޮތަށް ކުރަލަމުން ދާއިރު ފައިގެ އެއް ހިސާބެއްގައި، އެއް ތަންކޮޅެއް ގައި ކުރަލާން ފެށުމުން އެތަން އެސްވަޅަކަށް ބަދަލުވެދެއެވެ.
އެސްވަޅަށް ދޭނެ ގެވެށިފަރުވާއެއް އޮވޭހެއްޔެވެ؟
އެސްވަޅު ރަނގަޅު ކުރުމަށް ދެވޭނެ އެންމެ ރަނގަޅު ގެވެށިފަރުވާ (ހޯމް ރިމެޑީ) އަކީ ތާފަނާކޮށް ހުންނަ ލޮނުފެނުގެ ތެރެއަށް 10 ވަރަކަށް މިނިޓްވަންދެން ފައިތިލަ ލައިގެންއިނދެ ފޯކޮށްލުމެވެ. އެއަށްފަހު އެސްވަޅު ހުރި ހިސާބު ސައިބޯނި ލައިގެން ހިރިގާކޮޅަކުން ރަނގަޅަށް އުނގުޅުމެވެ. މި ގޮތަށް ދުވަސްކޮޅެއް ވަންދެން ކޮންމެ ރެއަކުވެސް ފަރުވާދެމުން ގެންދެވިދާނެވެ. އިސާހިތަކުން އެސްވަޅު ހުރި ސަރަހައްދުގެ ހަންގަނޑު މަޑުވެ އެސްވަޅު އަރާގޮތް ވެދާނެއެވެ.
ވަޅިއަކުން ނުވަތަ ރޭޒަރު ތިލައަކުންވިޔަސް އެސްވަޅު ކޮއްޓައި ހެދުމަކީ އެކަން ކުރުމަށް ތަރުހީބު ދެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ތާފަނާ ފެނުން ފައިތިލަ ފޯކޮށްލުމަށްފަހު އެސްވަޅު ހުރި ހިސާބުން ހަންގަނޑު ކަފައިގެން ބައެއް ފަހަރަށް އެސްވަޅު ރަނގަޅު ކުރެވެއެވެ. އެހެނަސް މިގޮތަށް ރަނގަޅުވަނީ ތަންކޮޅެއް ތިލަކޮށް ހުންނަ އެސްވަޅެވެ.
އެސްވަޅު ރަނގަޅު ކުރުމަށް ދެވިދާނެ ދެވަނަ ގެވެށިފަރުވާއަކީ ނިދަން އޮށޯތުމުގެ ކުރިން ކުޑަކުޑަ ޕާންކޮޅެއް ރާހުތްފޮދަކަށްލައި ފޯކުރުމަށްފަހު އެސްވަޅުމަތީގައި އަޅައި ބަންދުކޮށްފައި ބެހެއްޓުމެވެ. ބެންޑޭޖް ފޮތިން އައްސައިލައިގެން ބަންދުކޮށްލެވިދާނެ އެވެ. މިހެން ހެދުމުންވެސް އެސްވަޅު މަޑުވެ ރަނގަޅުވާގޮތް ވެއެވެ.
އެސްވަޅު ރަނގަޅުކުރުމަށް އަޅުގަނޑަށް ފެނުނު އެންމެ ރަނގަޅު ފަރުވާ – ‘ޑުއޯފިލްމް’
އެސްވަޅު ރަނގަޅު ކުރުމަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއެއްކަމަށް މިހައިތަނަށް އަޅުގަނޑަށް ތަޖްރިބާ ކުރެވިފައިވަނީ ‘ޑުއޯފިލްމް’ ގެ ނަންދީފައިވާ ޑޮކްޓަރީ ބޭހެކެވެ. މި ބޭސް ބޭނުންކޮށްގެން ފައިގައި ހުރި އެއްވަޅުތައް ނައްތައިލެވުނު ފަހުން މި ހޭދަވި 10 ވަރަކަށް އަހަރުގައި މާތްﷲ ފެ އިރާދަފުޅާއެކު އެސްވަޅުގެ އުނދަގުލެއް ނުވެއެވެ. އެހެނިހެން ޑޮކްޓަރީ ބޭހެކޭ އެއްފަދައިން މި ބޭސްވެސް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ލަފަޔާާއި އިރުޝާދުގެ ދަށުންނެވެ.
ބަސްކޮށާރު:
އެސްވަޅު: – އެސްވަޅަކީ ހުދުހަމުގައި އުފެދޭ ބައްޔެއް. މިބަލި ހުންނާނީ ވަށްކޮށް، ހަރުކޮށް، އެތެރެއަށް ގޮނޑިލާ ގޮތަށް
ގޮނޑިލުން: – ބިއްސާއި، އޮށާޅަ އާއި މުލިހިފަދަ އެއްޗެހީގެ އަޑީގައި އުފެދިފައި ހުންނަ ހަރު ބައި
ކުރަލުން: – ގައިގެ ހަމުގައި ގިނަފަހަރު އެއްޗެއް ކޭއްތިގެން ހަންބޯވުން
ގެވެށިފަރުވާ: – ގޭތެރެއިން ދެވެން ހުންނަ ފަރުވާ – “ހޯމް ރިމެޑީ” އަށްބޭނުންކުރުމަށް ދިވެހިބަހުގެ އެކެޑަމީން ފާސްކޮށްފައިވާ ލަފުޒެއް
ދޯރި: – ތެލާއި ފެނާއި އަދި އެނޫން ވެސް ދިޔާ ތަކެތި، އަނގަ ކުޑަ އެއްޗެއްސަށް އެޅުމަށްޓަކައި މަތިފުޅާކޮށް ތިރި ހިމަކޮށް ހަދާފައި ހުންނަ އެއްޗެއް. (ކޯން މިބަހުގެ ބަދަލުގައި ބޭނުންކޮށްފައި)
ތާފަނާ: – ކިރިޔާ ހޫނުކަން ހުންނަވަރު
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!