“ދައްތައަށް އެނގޭތަ. އެ ދެކުދިންގެ ހިތްވެސް ވަނީ ގުޅިލާމެހިފަ. ދެކުދިންނަކީވެސް މާތްﷲ އެންގެވި މަގުގައި ސާބިތުވެތިބި ޞާލިޙް ދެކުދިން. އަހަރެން ދެކޭގޮތުން އާހިލް މެންގެ ހިތުގައި އެކަކު އަނެކަކާމެދު ކުލުނުވެރިކަން އެކަލާންގެ ލެއްވެވީ އެހެންވެގެން. އެއީ ހަމަ އެއްކަހަލަ ދެކުދިން. ދެކުދިންވެސް އެއްވެސް ގޯހެއް ހަދާފައެއް ނެތް. ހެދި ހަމައެކަނި ގޯހަކީ މި ޒުވާން ލޯތްބަކީ ގޯހެއްކަމަށް ދުށުން. މިއީ އާހިލް މެންގެ ލޯތްބާއި އީމާންތެރިކަމުގެ ޓެސްޓެއް.” ބޮޑު ފަލްސަފާވެރިއެއް ފަދައިން ޒަކީ ވާހަކަދެއްކި އެވެ. ޒަކީގެ ވާހަކަތައް އަޑުއަހަންތިބި އާހިލްގެ މަންމައާއި ބައްޕައަށް ތިބެވުނީ ދެން ކަންކުރާނެ ގޮތަކާމެދު ވިސްނުމުގެ ފުން ކަނޑެއްގައި ފަތަފަތާ އެވެ.

★~~★~~★~~★~~★~~★~~★

އާހިލް އާއި އާއިމާ އަށް ޖެހުނު ހިތުގެ ބައްޔަށް ޝިފާ ލިބުނުތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ. ދެކުދިންނަށް ވެސް ހީވީ ފެންފޮދެއް ނުލިބި އެތަކެއް ދުވަހެއް ވެފައި ތިއްބާ ފެންލިބުނުހެންނެވެ. ދެކުދިންގެ މޫނުންވެސް ފެންނަމުން ދަނީ ތާޒާކަމާ ރޯޝަންކަމެވެ.

އާހިލްގެ ހުން ރަނގަޅުވެ ހަމައަކަށް އެޅިފައިވުމުން އާހިލް އާއި ވާހަކަދައްކާނެ ކޮޅެއް ހޯދުމަށް އާހިލްގެ މަންމަ ޝަޤްފްތާ ވިސްނަމުންދަނީ އެވެ.

“މަންމާ، މިއަދު އަޅުގަނޑަށް ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުން އިނގޭ.” ދަބަސް ނަގައި ކޮނޑުގައި އަޅުވާލައި ގެއިން ބޭރަށް ނިކުމެ ބައިސްކަލަށް އަރަމުން އާހިލް ބުންޏެވެ.

ބައިސްކަލް ދުއްވައިލުމާއެކު އާހިލްގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ސްކޫލާއި ކައިރިއަށް ދެވޭވަރަކަށް އެ ތެޅުން ގަދަވަމުން ދިޔައެވެ. ހަފުތާއެއްފަހުން، އާހިލް އަށް އާހިލްގެ ‘އޭނާގެ’ އަޑު މިއަދު އިވޭނެއެވެ. އެވަރުންވެސް އާހިލް އަށް ފުދޭނެ އެވެ.

“ކޮންކަމަކާތަ މަށަށް މި ވިސްނެނީ؟ ކީއްވެގެންތަ އަނެއްކާވެސް އޭނައާމެދު މަށަށް މި ވިސްނެނީ؟” އާހިލްގެ އަމިއްލަ ހިތާ ސުވާލުކުރަން ފެށިއެވެ. ވިސްނުން އެހެން ދިމާއަކަށް އަނބުރާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. އާއިމާ އާމެދު ނުވިސްނުމަށް އޭނާގެ ހިތަށް ވިސްނައިދެމުންނެވެ. ނަމަވެސް އޭނާގެ ހިތުގެ އެންމެ ފުނުގައި ޖަހާ ވިންދުންވެސް ގޮވަމުންދަނީ އާއިމާގެ ނަމެވެ. ހިތުގެ އެންމެ ހިމަނާރުވެސް އިންތިޒާރު ކުރަމުންދަނީ އާއިމާ އަށެވެ.

 

“ވެލްކަމް، ވެލްކަމް” އާހިލް ކުލާހަށް ވަނުމާއެކު ކުލާސް ކުދިންތައް ރާގު އަޅުވާފައި ދިމާކުރަމުން މަރުޙަބާ ކިޔެވެ.

ހިނިތުންވެ ހުރެ، އާހިލްގެ ގޮނޑީގައި އިށީންދެ ފޮތް ނެގިއެވެ. އެކަމަކު އޭރުވެސް އޭނާގެ ހިތް އިންތިޒާރުކުރަމުން ދިޔައީ އާއިމާގެ ހިތްގައިމު އަޑު އަހައިލުމަށެވެ. ކަންފަތް ތޫނުކޮށްގެން އިނީ އެ އަޑު އިސާހިތަކުން އިވިދާނެ ކަމުގެ ފޮނި އުންމީދުގައެވެ.

“އޭތް އާއިމާއެއް ނާދޭތަ؟” އަންހެން ކުއްޖަކު އެހެން ކުއްޖެއް ކައިރީ އަހައިލި އަޑު އާހިލްގެ ކަންފަތުގައި ޖެހުނެވެ.

“ނޭނގެ މަށަކަށް.” ޖަވާބު ދިނީ ޒީނަތެވެ. ކެތްމަދުވެފައިވާ އާހިލްގެ މޫނަށް ބަލައިލަމުންނެވެ.

“އާއިމާ އޯކޭތަ މިހާރު؟” އެހެން ކުއްޖެއް އަހައިލިއެވެ. އެވަގުތު އާހިލްގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.

 

‘އަނެއްކާ އާއިމާ އަށް ކިހިނެތްވީ ބާ؟’ ހިތާހިތާ އާހިލް ސުވާލުކޮށްލި އެވެ.

ވިސްނުމުގެ ފުންކަނޑަކަށް އާހިލް ގެނބިއްޖެއެވެ. އެވަގުތު މީހެއްގެ ފިޔަވަޅުގެ އަނޑު އިވުނެވެ. އިސްއުފުލައި ބަލައިނުލިޔަސް، އެ ފިޔަވަޅުތަކުގެ އަޑުންވެސް އާއިމާ އައީކަން އާހިލް އަށް ބުނަން އެނގެއެވެ. އާހިލް އާއި ކައިރިއަށް އާއިމާ އަންނަވަރަކަށް އާހިލްގެ ހިތުގެ ވިންދު އަވަސްވަމުންދިޔަ އެވެ.

“ވެލްކަމް، ވެލްކަމް” އާއިމާ ކުލާހަށް ވަނުމާއެކު ކުލާސް ކުދިންތައް ރާގު އަޅުވާފައި އާއިމާ އާވެސް ދިމާކުރަމުން މަރުޙަބާ ކިޔެވެ.

 

“މިހާރު ކިހިނެތްތަ؟” ސީދާ އާހިލް އަށް ބަލައިލަމުން އާއިމާ ސުވާލުކުރިއެވެ. އޭރު އާހިލް އިނީ ފޮތުގެ ގަނޑުތައް އުކާށެވެ. އާއިމާގެ ސުވާލު އަމާޒުކުރީ އާހިލް އަށް ކަން އޭނާއަށް އެނގެއެވެ. ނޭނގޭކަމަށް ހެދިގެން އިނީއެވެ.

“ހެއްލޯ.” ކުޑަވަރެއްގެ ތޫފާނެއްހެން ކުލާހަށް ވަތްގޮތަށް އާހިލްގެ ގައިގައި ޒަކީ ބައްދައިގަތެވެ.

“ކޮބާ ފްރެންޑު މިހާރު ހަމަޔަކަށް އެޅިއްޖެތަ؟” ނޭވައެއްވެސް ނުލާނަމޭ ހިތާ އުޅޭހެން ޒަކީ އުޅުނުގޮތުން ހީވާކަހަލައެވެ.

“އަލްޙަމްދު ލިﷲ، މިހާރު ރަނގަޅޭ.” އާހިލް ޖަވާބުދިނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ހިތްހަމަޖައްސައިލިއެވެ. އާއިމާ އަށް އާހިލް ދޭންބޭނުންވާ ޖަވާބު ނުސީދާކޮށް ނަމަވެސް ދެވުނީމައެވެ.

 

ދުވަހުގެ ބާކީއޮތްބައި އާހިލް އާއި އާއިމާ ވެސް ކިޔެވުމުގައި ހޭދަކުރިއެވެ. އެކަކު އަނެކަކާ އަނގައިން ނުބުންޏަސް ދެމީހުންގެ ވެސް ހިތް އެދި ގޮވަމުން ދިޔައީ ވާހަކަދެއްކުމަށެވެ.

 

ސެޝަން ނިމުމުން، އާހިލް އަވަސް އަވަހަށް ބައިސްކަލަށް އަރައިގެން ގެއަށްދިޔައެވެ. ގެއަށް ވަނުމާއެކު އަވަހަށް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ނަމާދަށް ދިޔައެވެ. ނަމާދުން އައިސް ކޮޓަރިއަށް ވަދެ ޤުރުއާން ކިޔަވަން ފެށިއެވެ.

ދޮރުގައި ޓަކިދިން އަޑަށް އެނބުރި ބަލައިލިއިރު އާހިލްގެ މަންމަ އައިސް ކޮޓަރިއަށް ވަންނަނީއެވެ. ޚަތިމު ލައްޕާލައި މޭޒުމަތީގައި ބާއްވަމުން މަންމައަށް އުފާވެރި ހިނިތުންވުމެއް ދެމުން ކޮޅަށް ތެދުވިއެވެ.

“މަންމަގެ ދަރިފުޅުގެ ހާލު މިހާރު ކިހިނެތްތަ؟” ދެމީހުން އެކުގައި އެނދުގައި އިށީންނަމުން މަންމަ ސުވާލުކުރިއެވެ.

“އަލްޙަމްދު ލިﷲ، މިހާރު ރަނގަޅޭ މަންމާ.” އާހިލް ބުންޏެވެ. ޝަޤްފްތާގެ ދެއަތުން އާހިލް ގެ އަތުގައި ހިފައިލިއެވެ.

“ކޮން ނަމެއްތަ އެ މަންޖެއަށް ކިޔަނީ؟” ޝަޤްފްތާ ކުރަން ބޭނުންވި ސުވާލު ކޮށްލިއެވެ. އާހިލް އަށް ލިބުނު ސިހުމުގައި މުޅި މީހާ ސިކުންތަކަށް ނަމަވެސް ގަނޑުވި ކަހަލައެވެ.

“ކާ…ކާކު؟” މަންމަގެ ދެލޮލުން އާހިލްގެ ނަޒަރު ކަޝިޔާރުކޮށްލަމުން އާހިލް ވެސް ކުރީ ސުވާލެކެވެ.

“ދަރިފުޅުގެ ތި ހިތުގަ ކޮން ކުއްޖެއްގެ ހިތުގެ ވިންދެއްހޭ ޖަހަމުންދަނީ މަންމަ މި އެހީ.” އާހިލް އަށް ޖަވާބުދެމުން އާހިލްގެ ކޮނޑުގައި ހިފައި ޝަޤްފްތާ އާއި ދިމާއަށް އަނބުރައިލަމުން ބުންޏެވެ.

“ދަރިފުޅާ ނިކަން މަންމަ ގާތު ވެސް ބުނެބަލަ.” އަނެއްކާވެސް ޝަޤްފްތާ ގެ ސުވާލު ތަކުރާރުކޮށްލިއެވެ. މަންމަގެ ލޮލަށް ބަލައިލަންވެސް ނުކުރެވިފައި އާހިލް އަށް އިނދެވުނީ އެވެ.

“މަންމާ.. އަޅުގަނޑު… އަޅުގަނޑުގެ ސަބަބުން މަންމަގެ ނަސޭހަތްތައް ފެއިލްވެއްޖެ. އަޅުގަނޑަށް މަޢާފް ކުރައްވާ މަންމާ.” ފެންކަޅިވަމުންދިޔަ އާހިލް ބުންޏެވެ.

“އޭތް، ބަލަ ދަރިފުޅު މަޢާފަށް އެދެން ޖެހޭވަރު ކަމެއް ނުކުރަމެއްނު! ދެން ކީއްވެ މަޢާފަށް އެދެންވީ. ނުލާހިކު ރީތި، އަޚްލާޤް ރަނގަޅު ޅީދަރިއެއް މަންމައަށް ހޯދައިދިނީތީ މަންމަ މިހުރީ ވަރަށް އުފަލުން.” ޝަޤްފްތާ އުފާވެރި ހިނިތުންވުމަކާއެކު ބުންޏެވެ. އާހިލް އަށް އަނެއްކާވެސް ލިބުނީ ޝޮކެކެވެ. ހައިރާންވެ ހުރެ އޭނާގެ މަންމައަށް ބަލައިލިއެވެ.

“މަންމަ ވަރަށް ފަޚްރުވެރިވަން ދަރިފުޅާމެދު. މަންމަ ބޭނުންވާފަދަ ހެޔޮލަފާ ދަރިއެއްތިއީ. ތިއީ ކަތިމަގުން ނުހިނގާނެ ދަރިއެއް އިންޝާﷲ، އަދި ތިޔައީ ބެލުންތައް ތިރިކުރާ، މާތްﷲ ދެކެ ބިރުވެތިވާ ދަރިއެއް. އަމިއްލަ އެދުމާއި ހިތުގެ ލޯތްބަށްވުރެން މާތްﷲ ދެކެ ދަރިފުޅުވެސް ލޯބިވާކަން ސާބިތުކޮށްދީފި. އަހަރުމެން އިންސާނުން ހެއްދެވި ޚާލިޤަށް ވުރެން އެހެން ފަރާތްތައް ދެކެ ލޯބިވާ އަދި އެފަރާތްތަކަށް އަހައްމިއްޔަތުކަން ދޭފަދަ ދަރިއެއް ނޫން މަންމަގެ އާހިލް އަކީ. އިންޝާﷲ ދަރިފުޅު އާއިމާގެ ކަންތަކުގަވެސް ތި ސާބިތުކޮށްދިނީ ދަރިފުޅުގެ އީމާންތެރިކަމާއި ހިތުގެ ޢަޤީދާގެ ސާބިތުކަން. އެހެންވީމަ މަންމަ މިއަދު މިހުރީ ވަރަށް ވަރަށް އުފަލުން.” މަންމަ ދައްކަމުންދިޔަ ވާހަކަތައް އާހިލް އަޑުއަހަން ހުރިއިރު ލޮލުގެ އެސްފިޔައެއްވެސް ޖަހައިލަން ހަނދާންނެތް ކަހަލައެވެ.

“އަދި އެހެން ނޫނަސް، ކުއްޖެއްދެކެ ލޯބިވެވުމަކީވެސް ފާފައެއް ނޫން. އެ ލޯތްބަކީ މައުސޫމު ކަމާއި ޚާލިޞްކަމުގައި ދަމަހައްޓަން އެނގިއްޖެނަމަ ވަރަށް ސާފު ޠާހިރު އަދި އެހާމެ އުފާވެރި އިޙްސާސެއް. އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ (أنظر إليها فإنه أحرى أن يؤدم بينكما) މާނަ އަކީ: “ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ”. މި ޙަދީޘް ގެ މުރާދަކީ ކައިވެނީގެ ކުރިން އަންހެނުންނަށް ބެލުން ހުއްދަވާނީ ހަމައެކަނި މޫނާއި ދެއަތްތިލައަށް އެކަނި.

އެހެންވީމަ މަންމައަށް އެބަ އެނގޭ ދަރިފުޅުގެ އަތްބަކަށް އާއިމާ ހަދަން ބޭނުންވާކަން. އަޅެ ނޫންތަ؟” އާހިލް ގެ މަންމަ ޝަޤްފްތާ ސުވާލުކުރިއެވެ. އާހިލް އަށް ބޭއިޚްތިޔާރުގައި ބަލައިލެވުނީ ދުރަށެވެ. އެއީ ލަދުވެތިކަމާއި ކިޔަމަންތެރިކަން ދައްކުވައިދިން ހަރަކާތެކެވެ.

ނުނިމޭ

 

ނޯޓް: މި އެޕިސޯޑުގައި ބޭނުންކޮށްފައިވާ ޙަދީޘް އަދި މާނަ ނެގީ ދިސަލަފިއްޔާގައި ޝާއިޢުކޮށްފައިވާ އަންނަނިވި ލިޔުމުންނެވެ.

(أنظر إليها فإنه أحرى أن يؤدم بينكما ) މާނަ އަކީ: “ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ”.

(ކައިވެނީގެ ކުރިން އަންހެނުންނަށް ބެލުން ހުއްދައީ ހަމައެކަނި މޫނާއި ދެއަތްތިލައަށެވެ.)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.