އާދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔާލީ ގަދަ ވަޔާއި ވިއްސާރަޔާ އވެސް އެކުގައެވެ. ނިދިފައި އޮތް ޒާޔާ އަށް ހޭލެވުނީވެސް ވަރަށް ބާރު ގުގުރިއެއްގެ އަޑަށެވެ.
ދޮރު ހުޅުވާލާފައި ރާއިދުވަނީ ތެމިފޯވެގެންނެވެ. ކޮނޑުގައި އޮތް ދަބަސް ޓައިލްސް މަތީގައި ބެހެއްޓުމަށްފަހު ފުރަތަމަވެސް ރާއިދުގެ ލޮލުގައި އަޅައިގަތީ ނިދިފައި އޮތް ޒާޔާއެވެ.
ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރި ކުރުވައިގެން ރާއިދު މަޑުމަޑުން ހިނގާފައި ގޮސް އެނދު ކައިރީގައި ހުއްޓިލިއެވެ. އެވަގުތު ރާއިދު ލޮލުގައި އަޅައިގަތީ ޒާޔާގެ ފޯނުގެ ސްކްރީނަށް އައިސްފައިވާ މިސްޑްކޯލް ތަކާއި މެސެޖްތަކެވެ. ދެބުމަ ގޮށް ޖަހާލަމުން ރާއިދު ޒާޔާގެ ކައިރީގައި ބާއްވާފައި އޮތް ފޯނު ނެގިއެވެ.

އެވަގުތު ޒިޔަލް ހޭލައިގެން ރޮއެގަތެވެ. ނިދިފައި އޮތް ޒާޔާއަށް ހޭލެވުނީ ވެސް އެވަގުތުއެވެ. އަދި ޒާޔާއަށް ނިދުނުތާ މާގިނަ އިރުތަކެއްނުވެއެވެ. އެހެންވެ ޒާޔާގެ ބޮލަށް ހުރީ ފާޑަކަށް އެނބުރުން އަރާފައެވެ. ކައިރީގައި ހުރި ބުއްފުޅި ނަގާ ޒިޔަލްގެ ތުބުގައި ޖެއްސީ ރާއިދުއެވެ.

ޒާޔާއަށް ކަމެއް ވާނީ ޒާޔާގެ ދެލޯ ހުޅުވިގެން ނޫން ހެއްޔެވެ؟ ރާއިދު ކޮޓަރި ތެރޭގައި ހުރި ކަމެއްވެސް ޒާޔާއަށް ރޭކާނުލައެވެ. އަނެއްކާވެސް އަރާމު ނިދީގެ ތެރެއަށް ޒާޔާ ގެބިގެން ދިޔައީއެވެ.

ސިގެރެޓަކަށްފަހު ސިގެރެޓެއް ހުލިވަމުން ދިޔައެވެ. އަތުގައި އޮތް ޒާޔާގެ ފޯނަށް ނަޒަރު ހުއްޓާލައިގެން ރާއިދު އިނީ ގޭގެ ފެންޑާގައެވެ.
އެ ދަންވަރު ޒާޔާއަށް އެތައް ފަހަރަކު ޝާރިފް ގުޅާފައި އެވަނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ ޒާޔާ މަށަށް ކެހި ދިނީ ހެއްޔެވެ؟ ކުރިންވެސް ޝާރިފްއާއި ޒާޔާ އާ ބެހޭގޮތުންވަނީ ތަފާތު އަޑުތަކެއް އަރާފައެވެ.
އަތުގައި އޮތް ސިގެރެޓް ބުރި ހޫރާލަމުން ރާއިދު ނިތްކުރީގައި އަތް ހާކާލިއެވެ. ހިތަށް ލިބުނު ނުތަނަވަސްކަން ހައްތާާހާވީ އިތުރެވެ. ޒާޔާ އަތުން ބީވުމަކީ ރާއިދުއަށް ކެތް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

“ދަރިފުޅާ ރާއިދު. އައީތަ؟ މަންމަ އުޅެފިން ޔަމަން އާ ދެކުދިންނަށް ގުޅާލަންވެސް. ތި މީހުން ވީ ހިސާބެއް ބަލާލަން. މިހާ ގަދަ ވިއްސާރައިގައި ކަނޑު މައްޗަށް ނިކުތުން އެހާ ރަނގަޅެއް ނުވާނެ.” ބަދިގެ ފަރާތަށް ނިކުމެ ނިކުމެ ހުރި ފާއިޒާ ހިތަށް ހަމަޖެހުމެއް ލިބުނީ ރާއިދު މެންނަށް އެއްވެސް ނުރައްކަލެއް ނެތްކަން ޔަޤީންވީމައެވެ.
“ގަދަކަމުން ހިފުނު އެން ކޮޅުވެސް މަރުވީ. އެހެންވެ އައީ ދޯ ރާއިދު.” ފާއިޒާގެ ސުވާލަށް ޖަވާބު ދިނީ ތެތް އިސްތަށިގަނޑުން ފެން ހިއްކަމުން ނިކުތް ޔަމަންއެވެ.
“ސައިހަދަންތަ ދެކުދިންނަށް؟” ފާއިޒާ ހިނިތުންވެލަމުން އަހާލިއެވެ.
“ކޮފީ ބޮއެފިން މަންމާ. ނިދާލާފައި ތެދުވެ ކާނީ.” ރާއިދު ގޮސްވަނީ ކޮޓަރިއަށެވެ.
ޔަމަންވެސް އެގަޑީގައި ކާކަށް ބޭނުމެއްނުވިއެވެ. އޭނާވެސް ބޭނުންވީ އަރާމުކޮށްލާށެވެ.

ނިދިފައި އޮތް ޒާޔާގެ މޫނަށް ފޫހިކަމެއްނެތި ރާއިދު ބަލަހައްޓައިގެން އޮތެވެ. މާޒީގެ ފޮނި ހަނދާންތައް ލޯމައްޗަށް ސިފަވާ ކޮންމެ ފަހަރަކު ރާއިދުއަށް ހިނިތުންވެލެވެއެވެ.
ނަމަވެސް ހަމަ ދެވަނަ ސިކުންތުގައި އެ ހުރިހާ އުފާވެރިކަމެއް ވިއްސިވިހާލި ވެގެންދެއެވެ. ރާއިދުގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލުތަކަށް ޖަވާބު ނުލިބެނިސް ދެން ރާއިދު އަކަށް ހަމައެއް ނުޖެހޭވެނެއެވެ. ރާއިދުގެ ހިތަށް ކެތްވަނީކީވެސް ނޫނެވެ. ޒާޔާއަށް ގޮވާ ހޭލައްވަން ކިތަންމެ ފަހަރަކު ރާއިދުގެ ހިތަށް އެރިއެވެ. ނަމަވެސް ޒާޔާއަށް ގޮވާކަށް ރާއިދުގެ ޒަމީރު އެއްބަސްނުވީއެވެ. އެހާވެސް ޒާޔާދެކެ ރާއިދު ލޯބިވެއެވެ.

“ޑެޑީ.” ކުޑަކުޑަ ޒިޔަލް ހޭލައިގެން ތެދުވެ ރާއިދުގެ ގައިގައި އޮޅުލައިގަތެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޒިޔަލް ހޭލާއިރު ރާއިދު ނުހުންނަތާ އެތައް ދުވަހެކެވެ.
“ދަރިފުޅު ހަންގްރީވީ ދޯ. ހިނގާ މާމަ ކައިރިއަށް ސައިބޯލަން. މަންމި އަދި ނުހޭލައޭ.” ރާއިދު ޒިޔަލްގެ ކޮލުގައި ތުންފަތް ޖައްސާ ބާރުކޮށްލިއެވެ.
ލިބުނު އުފަލުގައި ޒިޔަލް ރާއިދުގެ އަތު ތެރޭގައި ބޮޑިވެގަތެވެ.

 

ފާއިޒާ އާއި ޒިޔަލް ހަވާލު ކުރުމަށްފަހު ރާއިދު އެނބުރި ކޮޓަރިއަށް ވަން އިރު ޒާޔާ އެނދުން ތެދުވަނީއެވެ.
ރާއިދު ފެނިފައި ޒާޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހިނިތުންވެލަންވެސް ޒާޔާއަކަަށް ނޭނގުނެވެ.
“ޝާރިފް ގުޅިތަ؟” ރާއިދު ޒާޔާގެ ކުރި މައްޗަށް އައިސް ހުއްޓުނެވެ. ރާއިދުގެ ސުވާލުން ޒާޔާގެ ނޭވާ ހާސްކޮށްލި ކަހަލައެވެ.
“ކީއްވީ؟ ކުއްލިއަކަށް ތިހެން ތިއެހީ؟” ޒާޔާއަށް ވާހަކަދެއްކުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި ރާއިދު ޖީބުން ނެގީ ޒާޔާގެ ފޯނެވެ. ޒާޔާއަށް ތެޅިގަނެވުނެވެ. ރާއިދުއަށް އެމަންޒަރު ރީއްޗަށްވެސް ފެނުނެވެ.
“ޒާޔާ ކޮންކަމަކާތަ ތިހާ ހާސްވަނީ؟” ޒާޔާގެ އަމަލުތައް ހުރިގޮތުން ރާއިދުގެ ޝައްކު ޔަޤީނަށް ބަދަލުވަނީ ކަހަލައެވެ.
“ތި ފޯނު ކިހިނެއްވީތަ؟” އެ ފިނި ފިނި ދުވަހުވެސް ޒާޔާ ހުރީ ދާހިއްލާ ފޯވެފައެވެ. ރާއިދު ފޯނުގައި ހުރި ޝާރިފްގެ މިސް ކޯލަތައް ޒާޔާއަށް ދައްކާލިއެވެ.
ޒާޔާގެ އަނގަ ބަންދުވި ކަހަލައެވެ. ނަސީބެކެވެ. ވާހަކަ ދައްކާފައި ހުރި ކޯލް ހިސްޓްރީ ޒާޔާއަށް ފޮހެލެވުނު ކަމެވެ.
“ތިކަމާ ތަ ރާއިދު ހިތް ހަމަ ނުޖެހިފައި ތިހުރީ؟ ތީގަ ނެތެއްނު އަހަރެންގެ މައްސަލައެއް. އެއްފަހަރުވެސް ޖަވާބު ދީ ވާހަކަ ނުދައްކަމެއްނު.” ޒާޔާ އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ މަސައްކަތް ފެށިއެވެ.
“ގައިމު ގުޅަން ޖެހޭ ސަބަބެއްވެސް އޮންނާނެތާ؟ ގުޅަން ކެރޭނީވެސް ޒާޔާ ވާހަކަ ދައްކާތީއެއްނު.” ރާއިދު އަދިވެސް ހަޤީޤަތް އޮޅުން ފިލުވަން މަސައްކުރަނީއެވެ. ޒާޔާ ދައްކާ އެއްވެސް ވާހަކައެއްގައި ބުރަދަނެއް ނެތް ކަން ރާއިދުއަށް އިޙްސާސްވާތީއެވެ.
“މަށެއް ޝާރިފްއަކާއި ވާހަކައެއް ނުދައްކަން. އެކަމަކު ދިލާ އައި މިގެޔަށް ރޭގައި.” ޒާޔާ ޝާރިފްގެ ގުޅުން ސިއްރުކުރަން ޒާޔާއަށް ކުރަން ޖެހުނު ކޮންމެ ކަމެއް ޒާޔާ ކުރާނެއެވެ. ރާއިދުގެ ކުރިމަތީގައި އޭނާ އެހާވަރަށް ދޮގު އެހަދަނީވެސް އެހެންވެއެވެ.
“ކޮން ދިލާއެއްތަ؟” ރާއިދު ވިސްނަން ހުރެފައި އަހާލިއެވެ.
“ދިލާ ނޭނގެދޯ އަދި ރާއިދުއަކަށް. އެއީ ޝާރިފްގެ ވައިފް. އަހަރެން އެމީހުންނޭ ކިޔާފައި ދޮގު ވާހަކަ ފަތުރަނީއޭ ކިޔާފައި މިގެޔަށް އައިސް ވަރަށް އެއްޗެހި ކިޔާފައި ދިޔައީ. އެހެންވީމަ ޝާރިފްގެ ފޯނުން ދިލާވެސް ގުޅާފާނެއެއްނު. ޝާރިފް އަކީ މަށަކަށް ގުޅާ މީހެއްނޫން.” ޒާޔާ މޮޅު ގޮތަކަށް ވާހަކަ އަނބުރާލިއެވެ. ރާއިދުއަށް ފަސޭހައިން ޤަބޫލު ކުރެވޭފަދަ ގޮތަކަށެވެ. ކަންތައް ވީވެސް އެހެންނެވެ.
ޒާޔާގެ ވާހަކަތައް ރާއިދުއަށް ޤަބޫލުކުރެވުނެވެ.
“ނަމްބަރު ބްލޮކް ކޮށްލާ. އޭރުން ނުގުޅޭނެއެއްނު.” ފޯނުން ޝާރިފްގެ ނަމްބަރު ރާއިދު ބްލޮކް ކޮށްލިއެވެ. ޒާޔާގެ ކުރިމަތީގައެވެ. ޒާޔާގެ ހިތް ފުނޑު ފުނޑުވެގެންދިޔަ ކަހަލައެވެ. ޝާރިފްއާއި ވާހަކަ ނުދައްކާ ހުރުމަކީ ޒާޔާއަކަށް ކުޅަދާނަ ވާވަރުގެ ކަމެއްނޫނެވެ.
ނަމަވެސް ކުރާނީ ވަކި ކީއް ހެއްޔެވެ؟ ރާއިދު ދެން ޝާރިފްގެ ނަމްބަރު ބްލޮކް ލިސްޓްގަ އިނދޭތޯވެސް ބަލާނެއެވެ.
ފެންކަޅިވެގެން ގޮސް ރޮވެން ކައިިރިވުމާއެކު ޒާޔާ ރާއިދު މޭތެރޭގައި މޫނު ފޮރުވާލިއެވެ.
“ބޭބީ. ދެރަވީތަ؟ ސޮރީ. އަހަންނަށް މާބޮޑަށް ނެގެޓިވް ވެވުނީ ދޯ.” ޒާޔާގެ ފަން އިސްތަށިކޮޅުގައި ރާއިދު ފިރުމަމުން ދިޔައެވެ.
ޒާޔާ ދެލޯ މަރާލިއެވެ. ހިތުގައިވާ އުދާސްތައް ރާއިދުގެ ކުރިމަތީގައި ބޭރު ކުރެވެންނެތީމައެވެ. ޔަޤީނެވެ. ޒާޔާގެ ހިތުގައިވާ މާޔޫސްކަމަކީ ކޮބައިކަން އެނގިއްޖެއްޔާ ރާއިދު އެގޮތަކަށް ޒާޔާގެ ގައިގައި ނުފިރުމާނެއެވެ. އެންމެ ފަޅި ސިކުންތަކުވެސް ރާއިދު ޒާޔާގެ ކައިރިޔަކު ނުހުންނާނެއެވެ.

 

ދެ ދުވަސް ފާއިތުވެއްޖެއެވެ. ގަދަ ވަޔާއި ވިއްސާރައާއި އެކުގައެވެ. މޫސުން ތަން ނުދޭތީ ރާއިދުމެންނަށްވެސް ނުފުރުނެވެ. ހުއްޓާނުލާ ވާރޭ ވެހޭތީ ބޭރަކަަށްވެސް ނުދެވެއެވެ.
ޝާރިފް ނުފެނި އުޅެން ޒާޔާ އަށް ކިހާ އުނދަގޫވާކަން ޒާޔާ އަށް އެދުވަހު އިޙްސާސް ކުރެވުނެވެ. ޝާރިފް މިހާރު ހުންނާނީ ވަރަށް ރުޅި އައިސްފައި ކަންވެސް ޒާޔާއަށް އެނގެއެވެ. އެކަމަކު ޝާރިފްއަށް ގުޅޭނެ އެއްވެސް ގޮތެއްނެތެވެ. ރާއިދު ހުއްޓާ ޝާރިފްގެ ނަމްބަރަށް ގުޅާކަށްވެސް ޒާޔާއަކަށް ނުކެރޭނެއެވެ.
“ހާދަ ފުން ވިސްނުމެއްގައި؟” ރާއިދުގެ އަޑަށް ޒާޔާ ސިހުނެވެ.
“ނޫން.” ޒާޔާ އަވަސް އަވަހަށް ދެފަރާތަކަށް ބޯ ހޫރާލިއެވެ.
“ހިނގާބަލަ ބޭރަށް ނިކުމެލަން. ފިހާރައަކަށްވެސް ދާން ޖެހޭ އެބަ. މިވަގުތު ވާރޭވެސް ހުއްޓާލާފަ އެއޮތީ.” ޝާރިފް ޒާޔާގެ އަތުގައި ހިފާލިއެވެ.
ބޯ ޖަހާލަމުން ޒާޔާ ތެދުވީ ރާއިދުގެ އަތް ދުރުކޮށްލަމުންނެވެ.

ރާއިދުގެ ސައިކަލް ފަހަތުގައި އިން އިރުވެސް ޒާޔާއަށް ވަށައިގެން ހޯދެނީއެވެ. މަގެއްގެ މަތިންވެސް ޝާރިފްގެ ހިޔަނި ނަމަވެސް ފެނޭތޯއެވެ.

ފިހާރަ ބަންދުކޮށްފައި ހުރުމުން ހުޅުވަންދެން ރާއިދު ސައިކަލް މަޑުކޮށްލީ އަތިރިމަތީގައި ހަދާފައި ހުރި ހަޓެއްގެ ކައިރިއަށެވެ. އަވަސް އަވަހަށް ޒާޔާ ސައިކަލުން ފައިބައިގެން ގޮސް އެ ހަޓް ތެެރެއަށް ވަނެވެ.
“އިރުކޮޅަކުން ހުޅުވާނެ ދޯ؟” ރާއިދުވެސް ޒާޔާގެ ފަސްފަހަތުން އައިސް ހަޓް ތެރެއަށް ވަނެވެ. ނަމަވެސް ޒާޔާގެ ޖަވާބެއް ނުލިބުނެވެ.
ރާއިދު ޒާޔާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭރު ޒާޔާ އެއްދިމާއަކަށް ބަލަން ހުރިތަން ފެނިފައި ރާއިދުވެސް އެނބުރި ބަލާލިއެވެ.
އެވަގުތު ތަންކޮޅެއް ދުރުގައި ސައިކަލްމަތީގައި އިށީނދެލައިގެން އިން ޝާރިފް ރާއިދުއަށް ފެނުނެވެ. އަނެއްކާވެސް ރާއިދުގެ ހިތުގައި ސުވާލު އުފެދުނެވެ. ޒާޔާ އެހާ ޝައުޤުވެރިކަމާއެކު ޝާރިފްއަށް ބަލަންވީ ސަބަބެވެ.
“ހިނގާ ދަމާ.” ރާއިދު ޒާޔާގެ އަތުގައި ހިފިއެވެ.
“ހިނގާ.” އިސް އޮބާލަމުން ޒާޔާ ބުނެލީ ހިތާއި ދެކޮޅަށެވެ.

“ރާއިދު. ހިނގާބަލަ ދޯންޏަށް އަރާލާފައި އަންނަން.” ރާއިދުމެން ގޭގެ ދޮރު މައްޗަށް ސައިކަލްގައި އައިސް މަޑުކޮށްލިއިރު ޔަމަން ނިކުމެ ހުއްޓެވެ.
ޒާޔާ އަވަސް އަވަހަށް ސައިކަލުން ފޭބުމާއެކު ރާއިދުގެ ފަހަތަށް ޔަމަން އެރިއެވެ. ރާއިދު ސައިކަލް ދުއްވާލުމާއެކު ޒާޔާ ދުވެ ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
ލިބުނު ފުރުސަތު ނަގާލާކަށް ޒާޔާ ބޭނުމެއް ނުވިއެވެ.
އަވަސް އަވަހަށް ޝާރިފްގެ ނަމްބަރަށް ގުޅާލިއެވެ.
“ވާ ވަރުވީތަ މަށަށް ތިގުޅީ؟” ފުރަތަމަވެސް ޒާޔާއަށް ކުރިމަތިލާން ޖެހުނީ ޝާރިފްގެ ރުޅިގަނޑާއެވެ. ނަމަވެސް ޒާޔާ ޝާރިފްއަށް ވީގޮތް ކިޔާދިނެވެ.
“އެހެން ވިޔަސް ހެޔޮ. ގުޅެން ޖެހޭނެ ޒާޔާއަށް މަށަށް.” ޝާރިފްގެ ރުޅި މައިތިރި ވާގޮތެއް ނުވިއެވެ.
“އަހަރެންވީމަ ޖެހޭނެ ގުޅެން. ޝާރިފް ދިލާ ކައިރީ އޮންނައިރު މަށަށް ގުޅައިގެންތަ އިންނަނީ.” ޝާރިފްގެ ވާހަކަތައް ހުރިގޮތުން ޒާޔާގެ ގާތަށްވެސް ރުޅިއައެވެ.
“ދެން ނުގުޅީމަ ވީނު. މީގެ ފަހުން މަށަށް ގުޅައިގެން ނުވާނެ.” ޝާރިފް ޒާޔާގެ މޫނު މައްޗަށް ފޯނު ކަނޑާލިއެވެ.
ޒާޔާ ހަމަ އެސިކުންތުގައި ޝާރިފްއަށް ގުޅިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޝާރިފްގެ ނަމްބަރު ބިޒީ ވަނީއެވެ. ޝާރިފް ޒާޔާގެ ނަމްބަރު ބްލޮކް ކޮށްލިއެވެ.
ޒާޔާއަށް ހުރެވުނީ ހަދާނެ އިތުރުގޮތެއް ނޭނގިފައެވެ. ވީ ދެރައިން ޒާޔާގެ ލޮލުން ކަރުނަ ހިލުނެވެ. ޝާރިފްއަށް އެހެން ބުނެލަން ކިހާ ފަސޭހަ ހެއްޔެވެ؟ ޒާޔާ ދެރަކޮށް ހިތުގައި ޖައްސަން ޝާރިފް ފަސްނުޖެހުނެވެ. ޒާޔާ އެނދުމައްޗަށް ވެއްޓިގަނެ ރޯން ފެށިއެވެ.

އިރާކޮޅު އަނެއްކާވެސް ވާރޭ އޮއްސާލިއެވެ. ޒިޔަލްގެ ބޮލުގައި ފިރުމާލަ ފިރުމާލަ ޒާޔާ އޮތެވެ. ޒިޔަލް ނިންދަވާށެވެ. އަދިވެސް ޒާޔާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ޝާރިފްގެ ރުޅިވެރި ބަސްތަކެވެ.
“ޒާޔާ. ޒިޔަލް އެ ނިދީނު. އަދިވެސް ފިރުމަނީތަ؟” ޒާޔާގެ ކައިރީގައި ރާއިދު އައިސް އޮށޯވެލިއެވެ.
“ވާހަކައެއް ބުނަންތަ؟” ބުރު ނޭނގޭ ވަރަށް އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮވެ ރާއިދު އަހާލިއެވެ.
“ހޫމް.” ޒާޔާގެ ޖަވާބު ކުރެވެ. އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަހަލައެވެ.
“މިއައީ ބައްޕައަށް ގުޅާލާފައި. ހަފްތާއެއް ފަހުން އަހަރެމެން އެއްކޮށް މާލެއަަށް ބަދަލުވަނީ.” ރާއިދު ބުނެލީ ޒާޔާ އަޑުއަހަން ބޭނުންވާ ކަހަލަ ލަފްޒުތަކެއްނޫނެވެ. ނަމަވެސް ނުރުހުން ވެވޭކަށްވެސް ޒާޔާއަކަށް ނެތެވެ.
“އޯކޭ.” މިފަހަރުވެސް ޒާޔާ ދިނީ ކުރު ޖަވާބެކެވެ. ނަމަވެސް ޒާޔާގެ ހިތެއް މާލެ ބަދަލުވާކަށް ނޭދެއެވެ.
ޒާޔާގެ މަޑުމައިތިރިކަން ރާއިދުއަށް ސިފަވީ ޒާޔާ އަދިވެސް ކުރީ ދުވަހު ވީ ކަންތައްތަކާއި ހިތްހަމަނުޖެހިފައި ހުރި ކަމަށެވެ.
އިރުކޮޅަކު ޒާޔާއަށް ބަލަން އޮވެފައި ރާއިދު ޒާޔާގެ ހަށިގަނޑު ގާތަށް ދަމާލިއެވެ.
ނަމަވެސް ޒާޔާގެ މާބޮޑު ޝައުޤެއްނެތެވެ. ރާއިދު ދެރަވިއެވެ. ނަމަވެސް ރާއިދު އެހާ ފަސޭހައިން ދުލެއް ދޭކަށް ބޭނުމެއްނުވިއެވެ.
ރާއިދުގެ ބީހުންތަކުން ޒާޔާގެ ހިއްސުތައް ހޭލައްވަމުން ދިޔައެވެ. އިސާހިތަކު ރާއިދުގެ އަތު ތެރޭގައި ޒާޔާ ހައްޔަރުވެއްޖެއެވެ.

ހެނދުނުގެ ނާސްތާ ގަޑީގައި މާލެ ބަދަލުވާ ވާހަކަ ރާއިދު ޒާޔާގެ އާއިލާއާއި ހިއްސާކޮށްލިއެވެ. ފާއިޒާމެން ދެރަވި ނަމަވެސް އަބަދު ރާއިދުމެންނަށް ރަށުގައި ނޫޅެވޭނެކަން ޤަބޫލުވެސް ކުރެއެވެ.
“އަދި ޗުއްޓީއެއްގައި އަންނާނަންދޯ. އެސޮރު ނެތީމަ މިގެ ވަރަށް ފަޅުވާނެ.” ފާއިޒާ އެންމެ ދެރަވަނީ ޒިޔަލް ނުފެންނާނެތީއެވެ.
ޒާޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަދިވެސް ޒާޔާ އެވިސްނަނީ ޝާރިފްއާއި ދޭތެރޭގައެވެ. ޝާރިފްއާއި ރުޅި ހަދާފައި ހުންނާކަށް ޒާޔާއަކަށް ފަސޭހައެއް ނޫނެވެ. އެއްވެސް ހިތްހަމަޖެހުމެއްވެސް ޒާޔާއަށް ނުލިބޭ ކަހަލައެވެ.

 

ހަވީރު ރާއިދު މަހަށް ފުރުމުން ޒާޔާ ޝާރިފްގެ ފޯނަށް ގުޅަން ފެށިއެވެ. ނަމަވެސް ލިބުނީ ހަމަ އެއްޖަވާބެކެވެ. ނަމްބަރު ބިޒީ ކަމަށެވެ. އެތައް ފަހަރަކު ގުޅި އިރުވެސް ޝާރިފްގެ ފަރާތުން އެއްވެސް ކޯލެއް ޒާޔާއަކަށް ނުލިބުނެވެ.
އެންމެފަހުން ޒާޔާ ވަރުބަލިވެގެން ހުއްޓާލީއެވެ.

އެކަމަކު މަގެއްގެ މަތިންވެސް ޝާރިފް ފެނިދާނެކަމަށް ޒާޔާ ދެން ނިކުތީ ބޭރަށެވެ. ޒިޔަލްގެ އަތުގައި ހިފައިގެން ހިނގާލުމުގެ ނަމުގައެވެ.
ގޭގެ ދޮރުމައްޗަށް ނިކުތް ތަނާ ޒާޔާ އަށް ޝާރިފް ފެނުނެވެ. ވަރަށް ބާރަށް ސައިކަލްގައި އަންނަނިކޮށެވެ. ޒާޔާއަށް ކަޅިވެސް ޖަހާނުލާ ހުރެވުނީ ބަލާށެވެ. ޝާރިފް އަޅާވެސް ނުލިއެވެ. ޒާޔާގެ ހިތަށް ތަދު ކޮށްލުމަށްފަހު ޝާރިފް ޖެހިގެން އޮތް ގޯޅި އަޅައި ޒާޔާއަށް ގެއްލުނެވެ.
ހަޤީޤަތުގައިވެސް ވަރަށް ބޮޑަށް ޒާޔާގެ ހިތުގައި ޖެހިއްޖެއެވެ.
“މަންމާ. ދޭބަލަ ޒިޔަލް ގޮވައިގެން ހިނގާލަން.” އެވަގުތު ދޮރާށި ހުޅުވާލާފައި ނިކުތް ފާއިޒާ ފެނިފައި ޒާޔާ ބުނެލިއެވެ. ޒާޔާގެ ވާހަކަ ރަނގަޅަށް ނުނިމެނިސް ކުޑަކުޑަ ޒިޔަލް ދުވެފައި ގޮސް ފާއިޒާގެ އަތުގައި ހިފިއެވެ.
ޒާޔާ އެނބުރި ގޮސް ގޭތެރެއަށްވަނެވެ. ޝާރިފްގެ ކުރިމައްޗަށް އަރާކަށް އިތުރަކަށް ޒާޔާގެ ހިތްވަރެއްނެތެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަން ގޮތަށް ޒާޔާ އެނދުމައްޗަށް ވެއްޓިގަތެވެ. ޝާރިފްގެ ރަޙްމުކުޑަ އަމަލުތަކުން ޒާޔާގެ ހިތަށް ލިބެމުންދަނީ ބަޔާން ނުކުރެވޭހާ ހިތްދަތި ވޭންތަކެކެވެ. ނަމަވެސް ޝާރިފްއަށް ވަރިހަމަތާއެވެ.
ޒާޔާ ސިހުނީ ފޯނުގެ ރިންގްގެ އަޑަށެވެ. ބާލީސް ދަށުގައި އޮތް ފޯނު ނަގާ ބަލާލި ވަގުތު ޒާޔާއަށް ފުންމައިގެން ތެދުވެވުނެވެ.
“ޝާރިފް.” ޒާޔާއަށް އުފަލުން ރޮވުނު ކަހަލައެވެ.
“ވާހަކައެއް އޮޅުންފިލުވަދޭން މިގުޅީ.” ޝާރިފްގެ އަޑުގައިވާ ސީރިއަސްކަމުން ޒާޔާގެ ހިތް ތެޅިލިއެވެ. މޫނުމަތީގައިވާ އުފާވެރިކަން ވަގުތުން ގެއްލުނެވެ. އަނެއްކާ ޝާރިފް އެއުޅެނީ ކޮން ވާހަކައެއް ދައްކަންބާއޭ ޒާޔާއަށް ހިތާ ހިތާ ސުވާލުކޮށްލެވުނެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް