އަވަށްޓެރި ޕާކިސްތާނުގެ އަޙްމަދުއާބާދްގެ ގުޖްރާތަށް އުފަން ނަސީމް އަޚްތަރަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ މީހުންނަށް ލާމަސީލު ނަމޫނާއެއް ދައްކާފައިވާ ފިސާރި ކަނބަލެކެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ތިނޯހު މަސައްކަތުން އެއްކޮށް ލިޔެ ނިންމާލައި ކީރިތި ޤުރުއާނުގެ މުސްޙަފެއް ނަސީމް އަޚްތަރް ތައްޔާރުކޮށްފައިމިވަނީ 32 އަހަރު ދުވަހުގެ ބުރަ މަސައްކަތުންނެވެ. 

 

އުމުރުން 62 އަހަރުގެ ވަސީމް އަޚްތަރު މި މަސައްކަތް ފެށީ 1987 ވަނަ އަހަރު އެވެ. 10 ވޮލިއުމެއްގެ މައްޗަށް ބަހާލައިގެން ކޮންމެ ވޮލިއުމެއްގައި 3 ފޮތް ހިމެނޭގޮތަށް، ތިނޯހާއި ފަށުވި (ބަރަނި) ބޭނުންކޮށްގެން ހުދު ފޮތީގައި ލިޔެ ތައްޔާރުކޮށްފައިވާ މި މުސްޙަފުގެ ބަރުދަނުގައި 55 ކިލޯ، ދިގުމިނުގައި 22 އިންޗި އަދި ފުޅާމިނުގައި 15 އިންޗި ހުންނައިރު، 724 ޞަފްޙާ ހިމެނެއެވެ. މި މަސައްކަތަކަށްޓަކައި ވަސީމް އަޚްތަރު މިވަނީ އޭނާގެ އުމުރުގެ ބޮޑުބައެއްގެ އިތުރުން، އެކަމަށް ދިން ޝައުޤުވެރިކަން، ހޭދަކުރި ފައިސާ އާއި ދިރިއުޅުމުގައި އާއްމުން ކޮށްއުޅޭ އެތައް ކަމެއް ޤުރުބާންކޮށްފައެވެ. ޒުވާން އުމުރުގައި ވަސީމް އަޚްތަރް ފެށި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައި މިވަނީ މުސްކުޅިވިފަހުން، މި ހިނގާ 2018 ވަނަ އަހަރު އެވެ.

 

“އަހަރެން ކައިވެނި ކުރުމުގެ ކުރިންވެސް މި ކަމަށް ޝައުޤުވެރިކަން ހުރި. ނަމަވެސް ބައެއް ސަބަބުތަކާހުރެ މިކަމާ އުޅެވޭގޮތެއް ނުވި. އެކަމަކު 1987 ގަ އަހަރެން ޢަޒުމް ކަނޑައަޅައި ނިންމިން މިކަން ކުރުމަށް.” ޓީވީއަށް ދިން ބަސްދީގަތުމެއްގައި ވަސީމް އަޚްތަރް މި ބުރަ އަދި މާތް މަސައްކަތް ފެށުނުގޮތް ކިޔައިދެމުން ބުންޏެވެ.

މި މުސްޙަފު ލިޔުމަށް ޕާކިސްތާނުގެ ފައިސަލްއާބާދުން 300 ޔާޑް ފޮއްޗާއި 84 ފޮށީގެ ކަޅު އަދި ފިޔާތޮށި ބަރަނި ގެނެސްގެން ބޭނުންކޮށްފައި ވެއެވެ. މީގެ އިތުރުން މުސްޙަފުގެ ބަނޑޭރިގަނޑު ތައްޔާރުކުރުމަށް 25 ޔާޑްގެ ކަރުދާސް ބޭނުންކޮށްފައި ވެއެވެ. ވަސީމް އަޚްތަރަކީ މިގޮތަށް ކީރިތި ޤުރުއާން އެއްކޮށް ލިޔެ ތައްޔާރުކުރި ފުރަތަމަ ގެވެހި ކަނބަލެވެ. 

 

ތިނޯހު މަސައްކަތުން ވަސީމް ނަކަލުކޮށްފައިވާ މުސްޙަފް

މިއަދު ވަސީމް އަޚްތަރުގެ އުއްމީދަކީ އޭނާގެ މި ތާރީޚީ މަސައްކަތް، އަލްމަދީނަތުލް މުނަވައްވަރާގައި ހުންނަ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މިސްކިތްކޮޅު، އަލް މަސްޖިދުއް ނަބަވީގެ ކުތުބްޚާނާގައި ބޭއްވޭނެ އިންތިޒާމެއް ހަމަޖެހި، ޕާކިސްތާނަށް ރީތި ނަމާއި ޝަރަފު ލިބިގެންދާނެ ފުރުޞަތެއް މިންވަރު ކުރެއްވުމެވެ.

 

މާތްﷲ، ވަސީމް އަޚްތަރް ގެ މި ބަރަކާތްތެރި މަސައްކަތުގައި ބަރަކާތްލައްވަވާ، އެ ކަމަނާއަށް ހެޔޮ ދަރުމައާއި ޘަވާބު މިންވަރުކުރައްވާށި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.