ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތިކުރުމަކީ ދުނިޔޭގެ ކޮންމެ ފަރުދަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަންތަކެވެ. މިފަދަ ދިރިއުޅުމެއް ހޯދުމަށްޓަކައި ސުލްޙަވެރި މުޖުތަމައެއް އޮތުމަކީ ލާޒިމު ކަމެކެވެ. މުޖުތަމަޢެއްގެ ސިލްމާ ސަލާމަތަކީ އެ މުޖުތަމަޢެއްގެ ދުޅަހެޔޮކަން ރަމްޒުކޮށްދޭ އެންމެ މުހިންމު ދެ އުންސުރެވެ. އެހެންކަމުން އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް މަސައްކަތްކުރުމަކީ އެ މުޖުތަމަޢެއްގައި ދިރިއުޅޭ ބަޔަކަށް ކޮންމެހެން ލާޒިމު ކަމެކެވެ. އެހެނީ މުޖުތަމަޢެއް ކުރިއަރައި ތަރައްޤީވާނީ ވެސް އެތަނެއްގައި އަމާންކަން އޮވެގެންނެވެ.

އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ކުރެވިދާނެ އެތަކެއް ބައިވަރު ކަމެއް ލިސްޓްކޮށްލެވިދާނެ އެވެ. ނަމަވެސް އެ ހުރިހައި ކަމެއްގެ އެންމެ ކުރީގައި ލިޔެލަން ޖެހެނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ވާހަކައެވެ. އެހެނީ އިސްލާމްދީނަކީ އަމާންކަމާއި ސުލްޙަވެރިކަމުގެ ދީނެވެ. އެހެންކަމުން އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި އިސްލާމް ދީނުގެ ހައްދު ތަކާއި އުޞޫލުތަކަށް ފުރިހަމައަށް ތަބާވާން ޖެހެއެވެ. އޭރުން މުޖުތަމަޢެއްގެ ހަމަޖެހުން ގެއްލިގެންދާ ނުރައްކާތެރި ކަންކަމުން މުޖުތަމަޢު އޮންނާނީ ސަލާމަތްކުރެވިފަ އެވެ. ކޮރަޕްޝަނާއި ފަސާދަ، އޮޅުވައިލުމާއި މަކަރުހެދުން، ލޫޓުވުމާއި ވައްކަން ކުރުން، މާރާމާރީ އާއި މީހުންމެރުންފަދަ ކަންކަމުން ޖަމާޢަތް ދުރުހެލިކޮށްދެނީ ކުރިން މިދެންނެވި އުޞޫލުތަކެވެ. އޭރުން އޮންނާނީ އަމާން މުޖުތަމަޢަކަށް ބޭނުންވާނެ އެންމެ މުހިންމު ކަންކަން ޙާޞިލްކުރެވިފައެވެ.

އުނގަންނައިދޭ ފަރާތްތަކުގެ ރޯލަކީވެސް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ހަމަ އެހާމެ ބޭނުންތެރި ރޯލެކެވެ. އެކުވެރި ދައުލަތްތަކުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެފައިވާ ބަސްކޮޅަކުން މިކަމަށް އަލިކަމެއް ގެނެސްދެއެވެ. “ދަރިވަރުންނަށް ލިޔަން ކިޔަން ދަސްކޮށްދީ ވާހަކަދައްކަން ދަސްކޮށްދިނުމަކުންނެއް އަދި ނުފުދެއެވެ. އެކުދިންގެ އަމިއްލަ ނަފުސަށާއި، އަނެކުންނަށް އަދި އެކުދިން ދިރިއުޅޭ ދުނިޔެއަށް (މުޖުތަމަޢު އަށް) ހުރުމަތްތެރިކޮށް ހިތުމަށް، އަހަރެމެން ދަސްކޮށްދޭން ޖެހެއެވެ.” ބަންކީ މޫން ވިދާޅުވިގޮތަށް އަނެކުންނަށް އިހްތިރާމު ކުރުމަކީ އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފުސަށް އަމާންކަމާއި ހަމަޖެހުން ލިބިގެން މެނުވީ މުޖުތަމަޢަކަށް އެފަދަ އަމާންކަމަކާއި ހަމަޖެހުމެއް ނުލިބޭނެ އެވެ.

އިޖްތިމާޢީ ޙަރަކާތްތައް އިތުރުކޮށް ވީހާވެސް ގިނަބައެއް އެ ޙަރަކާތްތަކުގައި ބައިވެރިކުރުމަކީވެސް ކުރަންޖެހޭ ކަމެކެވެ. ޖަމާޢަތުގެ އެންމެން ވީހާވެސް ގިނައިން ފެނިދެނިވެ، އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތްކުރެވޭފަދަ ވެށްޓެއް އޮންނާން ޖެހެއެވެ. މަޝްވަރާ ކުރުމުގެ ރިވެތި އުޞޫލަށް ބޯލަނބާން ޖެހެއެވެ. ޖަމާޢަތުގެ  ތެރޭގައި ހިންގާ ކަންކަން ދެފުށް ފެންނާނެހެން ޢާއްމުކުރެވެން ޖެހެއެވެ. މިކަމަށްޓަކައި މިނިވަން މީޑިއާއެއް އޮތުމަކީ ލާޒިމު ކަމެކެވެ.

މިނިވަން މުއައްސަސާތައް އުފެދި އެ މުއައްސަސާ ތަކަކީ ޙަޤީޤީ މިނިވަންކަމާއި ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާ ތަކަކަށް ވާންޖެހެއެވެ. މި ހުރިހައި މުއްސަސާ ތަކުގެ ތެރެއިން މިނިވަން ފަނޑިޔާރުގެއެއް އޮވެ، އެކިކަހަލަ ނުފޫޒުތަކުން އެއްކިބާވެފައިވާ އަދި ޙައްޤު ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުންތަކެއް ތިބެން ޖެހެއެވެ. ކުރުކޮށް ބުނާނަމަ މުޖުތަމަޢުގައި ޢަދުލު އިންސާފު ޤާއިމުކުރާން ޖެހެއެވެ. ސިޔާސީ ވާހަކަތަކެއް ގެ ހުޅުފަޅުވައި މަޢުޟޫއިން ބޭރުވާން ބޭނުން ނޫނަސް، އިންސާފުވެރި ފަނޑިޔާރުގޭގެ ވާހަކައާއި އަދުގެ ދިވެހި މުޖުތަމަޢު ވެއްޓިފައިވާ އަޑިގަނޑުގެ ވާހަކައަށް އެއްޗެއް ބުނެލުން މުހިންމު ކަމަށް ދެކެމެވެ. މިއަދު ދިވެހިރާއްޖޭގެ މި ކުޑަކުޑަ މުޖުތަމަޢުގެ ހަމަޖެހުން ގެއްލިފައިވަނީ ކީއްވެގެންތޯ ވިސްނާލާއިރު ފަނޑިޔާރުގެތަކުން ކުރެވޭ ޙުކުމްތަކުން ލިބެމުންދާ ގެއްލުމާއި ލޮޚްސާންތައް މަދެއް ނޫނެވެ. ދެކުލައަކަށް ރާއްޖޭގެ ފިކުރު ބެހިފައިވާއިރު، ފަނޑިޔާރުގެ ތަކުގައި މިއިން ހަމަ އެއްވެސް ކުލައެއް ޖެހުނަސް ނުވާނެ ހައެތި ވެފައިވާތަން ދިވެހިން މިއަދު މިދަނީ ދެކެމުންނެވެ.

މިއަދު ދުނިޔޭގެ މުޖުތަމަޢުތަކުގައި އެންމެ ފުރިހަމަ އަމާންކަމެއް އެބައޮތްބާއޭ މިއީ ސުވާލުމާކެއްގެ ތެރެއަށްވެސް ފައްތައިލެވިދާނެ ޖުމްލައެކެވެ. ހަމަނުޖެހުންތަކާއި ތަޅާފޮޅުންތަކާއި ހަނގުރާމަ، ސިޔާސީ އަދި ގެވެށި އަނިޔާއާއި މިހެންގޮސް އެތައް ކަމެއްގެ ނަތީޖާއިން، ވިލާގަނޑެއްގެ ބަނަކަމުން ދުނިޔެ މިވަނީ އަނދިރިވެފައެވެ. އެހެންކަމުން އެބުނާ އަމާންކަން އޮންނަންޖެހޭ ޙަޤީޤީ މާނައިގައި ނެތްކަމަށް ދެންނެވިދާނެއެވެ. އެހެން ނަމަވެސް ފުރިހަމަ އިންސާނުންނަކީ ގޮތް ހުސްވެ ދެއަތް އުރާލައިގެން ތިބޭނެ ބައެއް ނޫނެވެ. އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް އޮތް ހުރިހައި ހުރަސްތަކާއި ގޮންޖެހުންތަކަށް ކުރިމަތިލާން މިއަދު މިވަނީ ޖެހިފައެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަވެސް ކުރާންވީ ކަމަކީ ހަމަހަމަކަން ޤާއިމުކުރުމެވެ. ގޭތެރެއިން ފެށިގެންގޮސް ކުދި މުޖުތަމަޢު ތަކާއި ބޮޑެތި މުޖުތަމަޢުތައް ވެސް ޝާމިލު ކޮށްގެންނެވެ. ހަމަހަމަ ކަމާއެކުގައި އެންމެން ގުޅިގެން ދިރިއުޅެން ދަސްވިހާ އަވަހަކަށް މުޖުތަމަޢަށް އަމާންކަން ލިބިގެންދާނެ އެވެ.

އެހީތެރިކަމާއި އޯގާތެރިކަމަކީ ވެސް މުހިންމު ކަމެކެވެ. ހާލުގައި ޖެހިފައިވާ މީހުންގެ ބިކަ ޙާލަތު ނުފެންނަކަމަށް ހަދައި ލޯކަނުކަމަށް ހެދި ބީރުކަންފަތެއް ދީގެން ނުވާނެ އެވެ. ތަފާތުކުރުންތައް އޮންނަ ނަމަ އެވާހަކަތައް މަސްލަޙަތު ނުގެއްލޭނެ ފަދަ ގޮތެއްގައި ދައްކާށެވެ. ޙައްޤަށް އަޑު އުފުލާށެވެ. ތިމާ އުފަލާއި އަރާމުގައި ދިރިއުޅޭއިރު ޖެހިގެން އޮންނަ ގޭގެ މީހުންގެ ޙާލުވެސް ދެކެން ޖެހެއެވެ.

ކުރިންވެސް ފާހަގަކުރެވުނު ފަދައިން ޖަމާޢަތުގެ މަސައްކަތްތައް އިތުރުކޮށް، މުޖުތަމަޢަށް ބޭނުންވާ ބިނާތަކާއި އިދާރާތައް ޤާއިމުކުރުމަށް އެންމެން އެކައްޗެއް ކިޔައިގެން އުޅެންޖެހެއެވެ. އިންސާނީ ވަޞީލަތްތައް ތަރައްޤީކުރާއިރު ތައްޔާރުކުރެވެނީ އިންސާނިއްޔަތުކަން ހުރި އިންސާނުން ކަމުގައި ވާންޖެހެއެވެ.

ނޭދެވޭ އެންމެހައި އާދަތަކާއި ޙަރަކާތްތައް ހުއްޓުވުމަށް ނުވަތަ އެފަދަ ކަންކަމަށް ނޫނެކޭ ބުނުމަށް އެންމެން އެކައްޗެއް ކިޔުން ބުއްދިވެރި އެވެ. ރާއްޖޭގެ 3000 ވަރަކަށް މީހުން ހިމެނޭ އާބާދީ އެއް މިސާލެއްގެ ގޮތުން އަޅުގަނޑު ނަގާނަމެވެ. ކޮން ރަށެއްކަން ނުދެންނެވިޔަސް، އެ ރަށަކީ ރާއްޖޭގެ ނިސްބަތުން ކުށްމަދު ރަށެކެވެ. މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް ނުވެސް ނެތްކަމަށް އަޅުގަނޑު ނުދެންނެވިޔަސް، އެ ރަށަށް ޒިޔާރަތްކުރާ މެހެމާނުން އެކަން ފާހަގަކުރެއެވެ. މި ދެންނެވި ރަށުގެ މުޖުތަމަޢު އަމާން ވީ އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އެ ރަށުގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެން ވަރުގަދަޔަށް އޮތަތީ އެވެ. މި ޒަމާނުގެ ބަހުރުވައިން ބުނާހެން ‘ޕާޓޭން ނަށް’ އެ ރަށުގައި ޖާގައެއް ނެތެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށްވެސް ޖާގައެއް ނެތެވެ. އޭގެ ސަބަބަކީ ތޯއެވެ. ނޭދެވޭ އާދަތައް އެ މުޖުތަމަޢުން ބަލައެއް ނުގަނެއެވެ. ޕާޓޭ ހެދިގެން އުޅެން ދިމާކުރާ ޒުވާނާ އަށްވެސް މަޖުބޫރުވަނީ ރަށުގެ އެހެން މީހުންފަދައިން އުޅުން ބަދަލު ކުރުމަށެވެ. އެހެންމީހުން ފެތިގެންއުޅޭ ރިވެތިކަމުގެ ތައްގަނޑަށް ފެތިގެން އުޅުމަށެވެ.

އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް ކުރެވިދާނެ ކަންކަން ލިސްޓުކޮށް ކޮޅުން ނުލާނެކަމަށް ކުރިންވެސް އަޅުގަނޑު ފާހަގަކުރީމެވެ. ހަމަ އެހެންމެ އަމާން މުޖުތަމަޢަކަށް އެންމެ މުހިންމު ކަމަކީ އިސްލާމް ދީނުގެ ފުރިހަމަ އުޞޫލުތަކުގައި ސާބިތުކަމާއެކު ހިފެހެއްޓުން ކަމަށްވެސް ފާހަގަ ކުރީމެވެ. ހަމަ ޙަޤީޤަތުގައިވެސް އިސްލާމް ދީނަށް ފުރިހަމައަށް އުޅުމަކީ މިކަމުގެ ހައްލުކަން އިސްވެދިޔަ ހުރިހައި ނުކުތާތަކެއްގައި ފެންނަން އޮންނާނެ އެވެ. މަހާތުމާ ގާންދީގެ ސަތިޔަގްރަހާ ގައި ބުނާހެން ‘ނޮން ވަޔަލެންސް އެންޑް ނޮން ކޯޕަރޭޝަން’ (ހަމަނުޖެހުން ނުއުފެއްދުމާއި އެއްބާރުލުން ނުދިނުން) އަކީވެސް މުޖުތަމަޢެއްގައި އަމާންކަން ޤާއިމުކުރުމަށް ބޭނުންކުރެވިދާނެ މުހިންމު މޮޓޯއެކެވެ. ހަމަނުޖެހުން އުފެދޭ އެންމެހައި ކަމަކުން ދުރުހެލިވާންވީ އެވެ. އެއްބާރުލުން ނުދޭންވީ ގޯސް ކަންކަމަށެވެ. ބޭއިންސާފަށެވެ. އެއްބާރުލުން ނުދޭންވީ މުޖުތަމަޢުގެ ހަމަޖެހުން ނަގައިލުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ. އޭރުން އޮންނާނީ ހަމަޖެހޭ މުޖުތަމަޢެއް ޤާއިމުވުމަށް މަގުފަހިވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.