އުމުރުން ދުވަސްވީ ބައެއް ދިވެހިން ދަންނަގޮތުގައި ގަދަބިންފާޅަ އަކީ ދިވެހިބޭސްވެރިކަމުގައި ބޭނުންކޮށް އުޅޭ ވެޔޮ ގަހެކެވެ. އަދުގެ ޒުވާނުންގެ ތެރެއިން ގަދަބިންފާޅަ އަކީ ކޮންއެއްޗެއްކަން ދަންނަނީ ގޭތެރޭގައި ފިސާރި ރީތިކޮށް، ފަސޭހަކަމާއެކު ހައްދާލެވޭ ގަހެއްގެ ގޮތުގައެވެ. އެހެންކަމުން ގޭގޭގެ ބޮޑުފެންޑާ ތަކާއި ކާގެ ތަކުން އަދި ގޯތިތެރޭގައިވެސް މި ގަސް ހައްދާފައި ހުންނަތަން ފެނެއެވެ. ގަސްވަށީގެ އިތުރުން ފުޅިފުޅިއަށް ފެން އަޅައިގެންވެސް މި ވެޔޮ ހައްދާފައި ހުރެއެވެ.

ގަދަބިންފާޅަ އަކީ ގަސްގަހަށާއި ތަންތަނަށް ހަކިހިއްޕަމުން ހެދެމުންއަރާ ވަރުގަދަ ވެލެކެވެ. މި ވެލުގެ ފަތް ހުންނާނީ ބޮޑަތިކޮށް، އަލަފަތާއި ވައްތަރު ގޮތަކަށެވެ. ގަދަބިންފާޅަ އަށް އިނގިރޭސި ބަހުން ‘މަނީ ޕްލާންޓް’ އަދި ‘ޖޭޑް ޕްލާންޓް’ ގެ ނަން ދީފައިވެއެވެ.

ގަދަބިންފާޅަ އަށް އިނގިރޭސި ބަހުން ‘މަނީ ޕްލާންޓް’ ކިޔަނީ ކީއްވެ؟

ގަދަބިންފާޅަ އަށް އިނގިރޭސި ބަހުން މަނީ ޕްލާންޓް ކިޔަނީ ވަށްކޮށް، ބޯކޮށް އަދި ފަތިކޮށް ހުންނަ މި ފަތަށް ޚިޔާލީ ގޮތުން ފައިސާ ފޮއްޗަކާއި ވައްތަރުކަމަށް ވިސްނާފައި ކަމަށް އިނގިރޭސި ބަސްފޮތްތަކުގައި ބުނެއެވެ. މިއީ ޢާއްމުގޮތެއްގައި ގޭތެރޭގައި ވަރަށް ކުޑަކުޑަ ވެލެއްގެ ގޮތުގައި ހައްދާފައި ހުންނަތަން ފެންނަ ގަހެއް ނަމަވެސް، ގަދަބިންފާޅަ އަކީ ގޭގެ ގޯތިތެރޭގައި ވަރަށް ބިޔަކޮށް ހެއްދޭ ވެލެއްވެސް މެއެވެ. ޚިޔާލީ ގޮތުން މި ގަހާއިމެދު ބޭރު މީހުން ޤަބޫލޫކުރާގޮތުން މި ގަސް ހެދެމުންދާހާ ހިނދަކު، އަތުން ފައިސާ ހުހެއް ނުވާނެ އެވެ. ފަހަރުގައި މި ގަހަށް މަނީ ޕްލާންޓް ކިޔަނީ މިސަބަބާއިހުރެ ކަމަށްވެސް ވެދާނެއެވެ.

މި ގަހަށް އިނގިރޭސި ބަހުން ކިޔައިއުޅޭ ގިނަ ނަންތަކެއް ހުންނަކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ‘ގޯލްޑަން ޕޮތޯސް’، ‘ހަންޓަރސް ރޯބް’، ‘އައިވީ އެރަމް’، ‘މަނީ ޕްލާންޓް’، ‘ސިލްވަރ ވައިން’، ‘ސޮލޮމަން އައިލެންޑްސް އައިވީ’ އަދި ‘ޓެރޯ ވައިން’ ކިޔައި އުޅެއެވެ. މި ވެލަށް ‘ޑެވިލްސް ވައިން’ ނުވަތަ ‘ޑެވިލްސް އައިވީ’ ވެސް ކިޔައެވެ. މި ދެނަން ކިޔަނީ މިއީ މަރާލަން ނުވަތަ ނައްތައިލަން އުނދަގޫ ގަހަކަށް ވެފައި، މި ވެޔޮ އަނދިރީގައި ބެހެއްޓިޔަސް ފަތްތައް ފެހިކުލައިގައި ހުންނާތީ އެވެ.

ފެންގް ޝުއީ އިލްމާއި ގަދަބިންފާޅަ އާއިހުރި ގުޅުން

‘ފެންގް ޝުއީ’ އަކީ ޗައިނާ މީހުން ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާވެފައިވާ ސައިންސް ގެ ޢިލްމެކެވެ. އެގޮތުން މި ޢިލްމު ބުނާގޮތުން ގަދަބިންފާޅަ އަކީ ފަރުނީޗަރާއި ތަންތަން ސާފުކުރުމަށް ބޭނުންކުރާ ދިޔާތަކެތީގައި ހުންނަ މަސްނޫއީ ކީމި (ސީންތެޓިކް ކެމިކަލް) ތަކުން ތަޣައްޔަރު ވެފައިވާ ވައި ސާފުކޮށްދޭ ވެލެކެވެ. މި ސައިންސް ބުނާގޮތުން ގަދަބިންފާޅަ ގަހުގެ ސަބަބުން ގޭތެރޭގައި ހުންނަ ފުރާނަވައި (އޮކްސިޖަން) ފުރާނައިދީ ފުރާނަވައި ދައުރުވުން އިތުރުކޮށްދީ ގޭތެރޭގެ ހަކަތަ އިތުރުކޮށްދެ އެވެ.

ކޮންމޕިއުޓަރު، ޓީވީ އަދި ވައިފައި ރައުޓަރު ކައިރީގައި ގަދަބިންފާޅަ ގަހެއް ބެހެއްޓުމަށް ފެންގް ޝުއީ ސައިންސް ޢިލްމުގެ މާހިރުން ލަފާދެއެވެ. ކޮޓަރިއެއްގެ ކަނެއްގައި ގަދަބިންފާޅަ ބެހެއްޓުމުން ހާސްކަމާއި ކަންބޮޑުވުން ކުޑަކޮށްދެއެވެ. ޒުވާބުކުރުންތައް ދުރުކޮށްދީ ނިދަން އުނދަގޫވުމުގެ ބަލިމަޑުކަމުން ދުރުކޮށްދެއެވެ. ދުޅަހެޔޮ އަދި އުފެއްދުންތެރި ގޮތެއްގައި އޮފީހުގައި ނުވަތަ މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރުމަށް ރަނގަޅު މޫޑަކާއި ޖަޒުބާތަކީ މުހިންމު ރޯލެއް އަދާކުރާ ދެކަންތަކެވެ. މިކަންކަން ރަނގަޅުކުރުމަށްވެސް ގަދަބިންފާޅަ ވެލުގެ ހިއްސާއެއް އޮންނަކަމަށް ވެއެވެ.

ގަދަބިންފާޅަ އަކީ ކޮޓަރިތެރޭގެ ޒީނަތްތެރިކަން އިތުރުކޮށްދިނުމުގެ އިތުރުން ވައި ސާފުކޮށްދޭ ވެލެއް

މިކަމާމެދު ސައިންސް ބުނަނީ ކީކޭ؟

ނާސާ އިން ކޮށްފައިވާ ދިރާސާއެއް ކަމަށްވާ ‘ކްލީން އެއަރ ސްޓަޑީ‘ ބުނާގޮތުން ގޭތެރޭގައި އާއްމުކޮށް ހައްދައިއުޅޭ ގަސްގަހުގެ ސަބަބުން ގޭތެރޭގެ މާހައުލުގައި ހުންނަ ވިހަ މާއްދާތައް ކަމަށްވާ ބެންޒީން، ފޯރމަލްޑިހައިޑް އަދި ޓްރައިކްލޮރޯއީތައިލީން ނައްތައިލުމަށް އެހީތެރިވެދެއެވެ. ނާސާގެ މި ދިރާސާގައި ގަދަބިންފާޅަ ވެސް ބޭނުންކޮށްފައި ވެއެވެ. އެގޮތުން މި ދިރާސާއަށް ބަލާއިރު ގަދަބިންފާޅަ ވެލުގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިކޮށްދޭ މާއްދާތަކެއް ކަމަށްވާ ބެންޒީން، ފޯރމަލްޑީހައިޑް އަދި ޒައިލީން އާއި ޓޮލިއުން ނައްތައިލައެވެ.

ނާސާ އިން ކޮށްފައިވާ  ‘ކްލީން އެއަރ ސްޓަޑީ’ ދިރާސާގައި ގަދަބިންފާޅަ ބޭނުންކޮށްފައިވޭ

ގަދަބިންފާޅަ ހެއްދުން

ގަދަބިންފާޅަ ހެއްދުމަށް މާބޮޑު މަސައްކަތްތަކެއް ކުރާކަށް ނުޖެހެއެވެ. 15 ޑިގްރީއާއި 30 ޑިގްރީއާއި ދެމެދުގެ ފިނިހޫނުމިނެއް ހުންނަ މާހައުލަކީ އެންމެ އެކަށޭނަ މާހައުލެވެ. ވަރަށް ގިނައިން ފެން ބޭނުންވާނެ އެވެ. އެހެންކަމުން މިއީ ފެނުގައި ހެއްދުމަށް ވަރަށް އެކަށޭނަ ވެލެކެވެ. ގަސްމުށީގައި ހައްދާނަމަ ގަސްކާނާ ބޭނުންވާނެ އެވެ. އެގޮތުން ޔޫރިޔާ އާއި ފޮސްފަރަސް އަދި ޕޮޓޭޝް ގިނައިން އެޅުން މުހިންމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.